[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 23

  1. ޤަޟާގެ ނިޡާމް:

ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި މުސްލިމުންގެ ޤާޟީއަކީ އެކަލޭގެފާނެވެ. އެކަލޭގެފާނަކީ މީސްތަކުންނަށް ޝަރީޢަތް ފޯރުކޮށްދެއްވި ފަރާތެވެ. ޤާޟީގެ ލަޤަބު ނުދެއްވިކަމުގައި ވިޔަސް، އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ޤަޟާގެ ކަންކަން ހަވާލުކުރެއްވީ ޢުމަރުގެފާނަށެވެ. އަދި އެކަލޭގެފާނުގެ ޚިލާފަތުގައި ބޮޑެތި ރަށްތަކުގައި މިކަންކަން ކުރަމުން ގެންދެވީ އެ ރަށްރަށުގެ ވެރިއަކަށް ހުންނެވި ބޭފުޅެކެވެ.

އިސްލާމީ ދަޢުލަތް ފުޅާވެ މުސްލިމުން އެކި ކަންކޮޅުތަކަށް ފެތުރި، ބައެއް ރަށްތަކުގައި މުސްލިމުން ކާފިރުންނާއެކު އުޅެން ޖެހުމުން، އިސްލާމީ ދަޢުލަތުގެ ދަށުގައިވާ ރަށްތަކަށް ޢުމަރުގެފާނު ޤާޟީން ޢައްޔަނު ކުރެއްވިއެވެ. އެގޮތުން މަދީނާގައި އަބުއްދަރްދާއުގެފާނު، ކޫފާގައި ޝުރައިޙު ބުން އަލްޙާރިޘް، ބަޞްރާގައި އަބޫ މޫސާ އަލްއަޝްޢަރީ އަދި އެނޫން ބޭފުޅުންވެސް ޤާޟީކަމަށް ޢައްޔަނުކުރެއްވިއެވެ. މިގޮތުގެ މަތިން ޤާޟީކަމާއި ވެރިކަން ވަކިކުރެއްވިއެވެ. އަދި ޤާޟީއަކީ ސީދާ ޚަލީފާއަށް ޖަވާބުދާރީވާ ފަރާތެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. [1]

 

  1. ހިޖުރީ ތާރީޚް ޖައްސަވަން ފެއްޓެވުން:

މިއީ އެހެން އުންމަތްތަކާ ޚިލާފަށް އިސްލާމީ އުންމަތުގައި ޚާއްޞަވެގެންވާ އެއް ކަމެވެ.

މިކަން ފެއްޓެވީ ހިޖުރީ ގޮތުން 17 ވަނަ އަހަރުގައެވެ. ނަބިއްޔާ صلى الله عليه وسلم ހިޖުރައިގެ ދަތުރުފުޅުގައި މަދީނާއަށް ވާޞިލުވީ ރަބީޢުލްއައްވަލް މަހުގައެވެ. ނަމަވެސް ޢުމަރުގެފާނު ހިޖުރީ ތާރީޚް ޖެއްސެވުމުގައި އަހަރު ފެއްޓެވީ މުޙައްރަމު މަހުންނެވެ. އެކަމުގެ ތަފާތު ސަބަބުތައް ޢިލްމުވެރިން ޛިކުރުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހިޖުރައިގެ މަސައްކަތްތައް ފެށުނީ އެމަހުގައި ކަމުގައިވުމުން އެގޮތަށް ހަމަޖެއްސެވީ ކަމުގައި ބައެއް ބޭފުޅުން ވިދާޅުވެއެވެ. އަދި ޙައްޖުގެ އަޅުކަންތަކުން ނިމި މީސްތަކުން އެނބުރި ދަނީ އެމަހުގައި ކަމުގައިވުމުން އެގޮތަށް ހަމަޖެއްސެވީ ކަމުގައިވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. [2]

 

  1. ތަންތަނާއި ރަށްތައް ބިނާކުރެއްވުން:

މިކަމުގައި ޢުމަރުގެފާނު އެންމެ ބޮޑަށް އިސްކަންދެއްވީ ރަސޫލާ صلى الله عليه وسلم ގެ މިސްކިތްކޮޅު ބޮޑުކުރެއްވުމަށެވެ. [3] އަދި އެކަލޭގެފާނު ކަޢުބާގެ ވަށަގެން ކުޑަ ފާރެއް ހެއްދެވިއެވެ. އަދި މަޤާމް އިބްރާހީމް ފަހަތަށް ޖެއްސެވިއެވެ. އެއީ އެކަމަށް ޙާޖަތު ޖެހިފައިވުމުންނެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އަދި އަބޫބަކުރުގެފާނުގެ ޚިލާފަތުގައި މަޤާމް އިބްރާހީމް ހުރީ ކަޢުބާއާ ޖެހިގެންނެވެ. [4]

އަދި ހަމަ އެފަދައިން މުސްލިމުން ފަތަޙަކޮށްފައިވާ ރަށްތައް ބިނާކުރެއްވުމަށްވެސް އެކަލޭގެފާނު ނުހަނު ބޮޑު އަހަންމިއްޔަތުކަމެއް ދެއްވިއެވެ. އެގޮތުން ރަށްތައް ބިނާކުރެއްވުމުގައި ޚިލާފަތުގެ މަރުކަޒީ ރަށުން ފަސޭހައިން ވާޞިލުވެވޭނެ ތަންތަން ޚިޔާރުކުރެއްވިއެވެ. އެގޮތުން އެކަލޭގެފާނުގެ ޚިލާފަތުގައި ބިނާކުރެއްވި އެންމެ ފާހަގަކޮށްލެވޭ ރަށްތަކަކީ: ޢިރާޤުގައި ބަޞްރާއާއި ކޫފާއެވެ. އަދި މިޞްރުގައި ފުސްޠާޠެވެ. [5]

 

  1. އެންމެ ފުރަތަމަ އަމީރުލް މުއުމިނީންގެ ލަޤަބުން މުޚާޠަބުކުރެވުނީ ޢުމަރުގެފާނަށެވެ. [6] އެންމެ ފުރަތަމަ ހިޖުރީ ތާރީޚު ޖައްސަވަން ފެއްޓެވީވެސް އެކަލޭގެފާނެވެ. އަދި އެކަލޭގެފާނު، ޖަމާޢަތުގައި ތަރާވީޙު ނަމާދުކުރައްވަން މީސްތަކުން ޖަމާކުރެއްވިއެވެ. [7] އަދި އެންމެ ފުރަތަމަ ދުއްރަ ހިއްޕަވައިގެން މަދީނާގައި ހިންގަވާ އެއިން މީސްތަކުން އަދަބުވެރިކުރުވީވެސް އެކަލޭގެފާނެވެ. އަދި ރާ ބޯ މީހުން 80 އެތި ފަހަރުން ތަޢުޒީރުކުރައްވަން ފެއްޓެވީވެސް އެކަލޭގެފާނެވެ. [8]

 


 

[1]  انظر: ابن شبه، تاريخ المدينة، (2 / 693)، ود. أكرم العمري، عصر الخلافة الراشدة، (ص: 142).

[2]  انظر: ابن حجر العسقلاني، فتح الباري (7 / 15).

[3]  انظر: البخاري، الصحيح، (1 / 194).

[4]  انظر: ابن حجر العسقلاني، فتح الباري (7 / 181).

[5]  انظر: الطبري، تاريخ الأمم والملوك (2 / 482)، وابن كثير، البداية والنهاية، (6 / 102).

[6]  ޢުމަރުގެފާނަށް ފުރަތަމަ އެފަދައިން މުޚާޠަބުކުރެއްވީ ލަބީދު ބުން ރަބީޢާއާއި ޢަދިއްޔު ބުން ޙާތިމުއްޠާއީއެވެ. އެއީ ޢިރާޤާއި އެތަނުގެ އަހުލުވެރިންގެ ކަންކަމުގެ ޚަބަރު ޢުމަރުގެފާނަށް ދެއްވުމަށް އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިއިރެވެ. އެ ދެ ބޭކަލުން ޢަމްރު ބުން އަލްޢާޞްއަށް ދެންނެވިއެވެ. “އަމީރުލް މުއުމިނީންގެ އަރިހަށް ވަނުމަށް ތިމަންމެންނަށް އިޛުނަދެއްވާށެވެ.” ޢަމްރު ބުން އަލްޢާޞް ވިދާޅުވިއެވެ. “ތިޔަ ދެ ބޭކަލުން ހަމަ ރަނގަޅަށްވެސް ތިޔަ ވިދާޅުވީ އެކަލޭގެފާނާ އެކަށީގެންވާ ލަޤަބެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ އަމީރެވެ. އަދި ތިމަންމެންނީ މުއުމިނުންނެވެ.” ފަހެ އެދުވަހުން ފެށިގެން އެގޮތަށް ލިޔެވެން ފެށުނެވެ.

انظر: الحاكم، المستدرك (3 / 81 – 82)، وقال الذهبي: “صحيح”.

[7]  ނަބިއްޔާ صلى الله عليه وسلم މީސްތަކުންނާއެކު ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރެއްވިކަން ޘާބިތުވެއެވެ. ނަމަވެސް އެކަލޭގެފާނު ދާއިމީ ގޮތެއްގައި އެކަން ނުކުރައްވައެވެ. އެއީ މީސްތަކުންގެ މައްޗަށް އެކަން ފަރުޟުވެދާނެ ކަމަށް ބިރުފުޅުގެން ވަޑައިގެންނެވެ. އެހެނީ އެކަލޭގެފާނުގެ ޒަމާނަކީ ވަޙީއާއި ޝަރީޢަތް ބާވައިލެއްވެމުން ދިޔަ ދުވަސްވަރެވެ. އެކަލޭގެފާނު އަވަހާރަވުމާއެކު ޝަރީޢަތް ބާވައިލެއްވެމުން ދިޔުމުގެ ޢިއްލަތް ނެތި ދިޔައީއެވެ. އެހެންކަމުން އެކަން އޭގެ އަޞްލަށް ރުޖޫޢަވީއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އަދި އަބޫބަކުރުގެފާނުގެ ޚިލާފަތުގައި އަދި ޢުމަރުގެފާނުގެ ޚިލާފަތުގެ ކުރީކޮޅު މީސްތަކުން ތަރާވީޙް ނަމާދުކުރަމުން ދިޔައީ ވަކިވަކިންނެވެ. ދެން ޢުމަރުގެފާނު މީސްތަކުން ޖަމާކުރައްވާ އެއް އިމާމެއްގެ ފަހަތުގައި ތަރާވީޙް ނަމާދުކުރައްވަން ފެއްޓެވިއެވެ. މިއީ ދީނުގައި އަލަށް އުފެއްދި ބިދުޢައެއް ނޫނެވެ. އެކަލޭގެފާނު މި ކުރެއްވި ކަމަކީ ޝަރުޢުގައި އޭގެ އަޞްލު އޮތް ކަމެކެވެ.

انظر: د. عبد الله الطيار، الصلاة، (ص: 312).

[8]  انظر: الطبري، تاريخ الأمم والملوك (2 / 569 – 570)، وابن عبد البر، الاستيعاب، (2 / 452).

 

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް