ނޯޓް: މި ވާހަކައިގެ މައިގަނޑު މައްސަލަ ބިނާކޮށްފައި ވަނީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރަށުން ބޭރުގައި އިނުމަށްފަހު އަޔާނާ ރަށަށްދާން ނިންމީ ރަށުގައި ކުރިއަަށްދާ ފުޓްސަލް މުބާރާތާ ދިމާކޮށެެވެ. އާއިލާގެ އެއްވެސް މީހަކަށް ނާންގާ މާލެއިން ފުރައިގެން އަޔާނާގެ ރަށް ކަމަށްވާ ފުވައްމުލަކަށް ދިޔައެވެ.
އަދި ރައްޓެހި ކުއްޖަކަށް ގުޅައިގެން ސައިކަލެއްގައި ގެއަށް އައިއިރު އަޔާނާގެ މަންމަ ހުރީ ބަދިގޭގައި ބުރަ މަސައްކަތެއްގައެވެ.
އަޔާނާ ފެނުމުން އޭނާގެ ހުރި ހަމައެކަނި ކޮއްކޮ އަމްނާ އުފަލުން ހަޅޭލަވައިގަތެވެ.
“މަންމާ. މިހިރީ ދޮންތަ.” އަމްނާ ބާރަކަށް މިހެން ބުނުމުން މަންމައަށް ސިއްސައިގެންދާ ކަހަލަގޮތަކަށް
” އަހަނ. ދަރިފުޅު އައީ ކޮންއިރަކުހޭ” އަހާލެވުނެވެ.
އަޔާނާ އޭނާގެ އަތުގައި އޮތް އެންމެފަހުގެ މޮބައިލްފޯނުން ކުއްޖަކަށް މެސެޖެއް ފޮނުވަމުން ފޯނަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. “ދެންމެ މިއައީ. މިއައީ މަންމަމެންނަށް ސަޕްރައިޒް ދޭން. އެބަ އަންނަން ބޭރަށް ގޮސްލާފައި” މިހެން ބުނެފައި ގެއިން ބޭރަށް ނިކުތެވެ.
އަޔާނާ ހިނގައިގަތުމުން ދަރިފުޅުދަނީ ސައިވެސް ނުބޮއެހޭ އަހާލިއެވެ. ޖަވާބުގައި ފަހުން ބޯނަމޭ ބުނެފައި އަޔާނާ ދިޔައީ މުބާރާތް ކުރިއަށްދާ ސްޓޭޑިއަމަށެވެ. މަންމަ މަސައްކަތް ހުއްޓާލާފައި އަޔާނާއާ ދިމާއަށް ބަލަހައްޓައިގެން ހުރިގޮތަށް، އަޔާނާ ގޯޅިން ނިކުމެގެންގޮސް ނިވައިވަންދެން ބަލަހައްޓައިގެން ހުއްޓެވެ.
އަޔާނާއަކީ ޝަރީފާގެ ތިބި ދެކުދިންގެ ތެރެއިން ދޮށީ ދަރިއެވެ. ޝަރީފާއާ ވަކިން އަޔާނާ މާލޭގައި އުޅުނުކަމުގައި ވިޔަސް އަޔާނާދެކެ ޝަރީފާ އިންތިހާއަށް ލޯބިވެއެވެ. އަޔާނާ ވެސް ޝަރީފާދެކެ ލޯބިވެއެވެ.
މަންމައާއި ކޮއްކޮ ދެކިލުމަށްފަހު އަޔާނާ އަވަހަށް ކުޅިވަރުގެ ކަންތަކާ މަޝްޣޫލުވެގަތެވެ. ކުޅިވަރު މުބާރާތްތައް އިންތިޒާމުކުރުމާއި ޚިޔާލު ދިނުމާއި މުބާރާތް ބެލުމަކީ އަޔާނާ ވަރަށް ކުރާހިތްވާކަމެކެވެ. އަޔާނާއަބަދުވެސް އެކަމަށް ވަރަށް ޝައުުގު ހުރެއެވެ. ދުރުގައި ހުއްޓަސް އަވަށުގެ ކުދިންގެ ވައިބާގްރޫޕްގައި ކުޅިވަރާބެހޭ ޚިޔާލާއި މަޝްވަރާދެއެވެ.
ކުޅިވަރު މުބާރާތާ ދިމާކޮށް އަޔާނާ ރަށަށް އަންނަން ނިންމީ ޢާއިލާމީހުންގެ އިތުރުން އަވަށު ކުދިންނަށްވެސް
“ސަޕްރައިޒު” ދިނުމުގެ ނިޔަތުގައެވެ. އަދި ރަށުގެ ހުރިހާ އަވަށަކުން ބައިވެރިވި މި މުބާރާތުގެ ފޯރިވެސް ގަދަކަމުންނެވެ.
އަޔާނާ ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ދަނީ ކުޅިވަރުކުޅޭ މައިދާނަށެވެ. ގެއިން ނިކުމެގެންދާ ވަގުތު މަންމަ ފެނިއްޖެނަމަ ރައްޓެހިކުދިންގެ މަޖާ ފޮޓޯތައް ބަލަމުން، ދަމުން ދަމުން، މަންމާއޭ ކިޔާ ގޮވާލައެވެ.
އަޔާނާ ކެއިން ބުއިމުގެ ކަންތައްވެސް ހަމަޖައްސަނީ ރައްޓެހިކުދިންނާއެކު ބޭރުންނެވެ.
ބޭރަށްދާ ވަގުތު މަންމާއޭ ކިޔާ ގޮވާލާ ކޮންމެ ފަހަރަކު މަންމަ ބުނެއެވެ. “ދަރިފުޅާ! ކުޅިވަރު ކުޅުނަސް އަދި ކުޅޭތަން ބަލަން ދިޔަޔަސް ނަމާދުކުރަންވާނެ. ކުޅިވަރު ކުޅެންވާނީ ނަމާދުކޮށްލައިގެން. އަދި ރަނގަޅަށް ކާންވެސްވާނެ.”
މަންމަ ދައްކާ މިބާވަތުގެ ކޮންމެ ވާހަކައަކަށް މަޑުމައިތިރިކަމާއެކު ފަހުން ކުރާނަމޭ ބުނެއެވެ. އަދި އެބައަންނަމޭ ބުނެފައި ބޭރަށް ދާއިރު މަންމަ، އަޔާނާ އާއި ދިމާއަށް އެސްފިޔަވެސް ޖަހާނުލާ ބަލަހައްޓައިގެން ހުންނަކަމެއް އޭނާ އަކަށް ނޭނގެއެވެ. އަޔާނާ އުޅެނީ އެއަށްވުރެ އަވަދިނެތިއެވެ.
އަޔާނާ ގިނައިން އުޅެނީ ގެއިން ބޭރުގައެވެ. ބޭރުތެރޭގައި އުޅޭއިރު ކުށްތަކަށް އަރައިނުގަތަސް ގެއަށް އާދެެވެނީ ވަރަށް ލަހުންނެވެ. ރޭގަނޑު ގެއަށް އައިސް ފެންވަރައިގެން ޖައްސާލުމުން، ވެފައިވާ ވަރުބަލިކަމުގެ ސަބަބުން ވަރަށް އަވަހަށް ނިދެއެވެ.
މިގޮތުގައި ތިން ދުވަސް ދިޔައީ ކިހިނެއްކަމެއް ޚުދު އަޔާނާއަކަށްވެސް ނޭނގެއެވެ.
ރަށަށް އައިތާ ހަތަރުވަނަ ދުވަހުގެ ރޭ އިޝާނަމާދުކޮށް ނިމިގެން އަޔާނާގެ މަންމަ ކޮޓަރިން ނިކުތުމުން އަޔާނާގެ ކޮއްކޮ ބުންޏެވެ.
“މަންމާ! ދޮންތަ ފުރައިގެން ހިނގައްޖެ.” ބާރައަހަރުގެ އަމްނާ މިހެން ބުނިއިރު ހުރީ ފެންކަޅިވެފައެވެ.
ތެދެކެވެ. އަޔާނާ ފުރީއެވެ. އަޔާނާގެ ދަތުރުގެ މައިގަނޑު ބޭނުމަކީ ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމެވެ. މުބާރާތުގެ ފޯރީގައި ބައިވެރިވެލުމެވެ. އަދި މަންމަވެސް ދެކިލުމެވެ. ކޮއްކޮއާވެސް ބައްދަލުކޮށްލުމެވެ. ޗުއްޓީއަށް އައީ ތިން ހަތަރު ދުވަހަށްކަމުން ޗުއްޓީ ހަމަވުުމުން އަޔާނާ ފުރައިގެން ދިޔައީއެވެ. އަޔާނާ ހިތުން އޭނާ ފުރައިގެން ދިޔައީ މިހުރިހާކަމެއް ފުރިހަމަކޮށްފައެވެ.
އަޔާނާއަށް މާލެ ދެވުނު އިރު ރޭގަނޑު ބާރަޖެހީއެވެ. ގެއަށް އާދެވުމާއެކު، ފެންވަރައިގެން އެނދުގައި ޖައްސާލިތަނާ ފޯނަށް އައީ މެސެޖެކެވެ. މާލޭގައި ހުރި އަޔާނާގެ ބޮޑުބެ ފޮނުވި އެ މެސެޖުގައި އޮތީ ސުވާލެކެވެ. “ރަށަށް ގޮސްފައި އައި އިރު މަންމަގެ މޫނުގައި ހުރި ލަކުނު ދުށިން ހެއްޔެވެ؟”
އާޔާނާއަށް ވިސްނާ ލެވުނެވެ. މިއީ ކޮންކަހަލަ ސުވާލެއް ބާވައެވެ. ބޭއިޚުތިޔާރުގައި އެސުވާލާމެދު ވިސްނާލެވުނެވެ. މަންމަގެ މޫނުގައި ލަކުނެއް ހުރި ބާވައެވެ. ބޮޑުބެ އެ ސުވާލުކުރީ ކީއްވެގެންބާވައެވެ. ހަމަ އަސްލުވެސް ލަކުނެއް ހުރި ބާވައެވެ. މަންމަގެ މޫނުގައި ލަކުނެއް ހުރިނަމަ އަޔާނާއަށް ފާހަގަ ނުކުރެވުނީ ކީއްވެގެން ބާވައެވެ.
މި ޚިޔާލުތަކުގައި އޮއްވާ ދެވަނަ މެސެޖު ލިބުނެވެ. އަޔާނާގެ މަންމަ ހިތުގައި ޖައްސަން ރަށަށް ދިޔައީ ކީއްވެގެން ހެއްޔެވެ. އެނގޭހެއްޔެވެ. އަޔާނާގެ ޢަމަލުތައް ހުންނަގޮތުން މަންމަގެ ހިތް ޒަޚަމްވެ އޭގެ ސަބަބުން ފަސޭހަ ނުވާ ލަކުނުތަަކަކުން ހިތްވަނީ …….
ބޮޑުބޭބެގެ މެސެޖުތަކުން އަޔާނާއަށް ވަރަށް ބޮޑަށް އަސަަރުކޮށްފިއެވެ. މަންމައާމެދު ވިސްނަން މަޖުބޫރުވިއެވެ. ޙަޤީޤަތުގައި އަޔާނާއަކީ ގޯސްކުއްޖެއް ނޫނެވެ. އެހެންނަމަވެސް ބައެއްފަހަރު ރައްޓެހިންނާއެކު ކުޅެމަޖާކުރަން ހުންނަ ފޯރިއެއްގެ ބޮޑުކަމުން މަންމައާއި ކޮއްކޮއަށް ސަމާލުކަން ނުދެވެނީއެވެ. އާއިލާއެކުގައި ވަގުތުހޭދަކުރުމުގެ މުހިއްމުކަން ނުވިސްނުނީއެވެ.
ފުރައިގެން އަންނަމުން މަންމަ ގާތު ބުނުމަކީ ކިހާ މުހިއްމުކަމެއްކަންވެސް ނުވިސްނުނީއެވެ. އަދި މަންމައާއި ވާހަކަދައްކާއިރު މަންމައަށް ބަލާލުމަކީ ކިހާ މުހިއްމުކަމެއްކަން ވެސް ނުވިސްނުނީއެވެ. ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމަށްވުރެ މަންމައާއެކު ވަގުތު ހޭދަކުރުމުގެ މުހިއްމުކަން ހިތަށް ނުގެނެވުނީއެވެ. ގަވައިދުން ގުޅަން މަންމަ ބުނާއިރުވެސް އެކަމަށް ސަމާލުކަން ދިނުމަކީ ކިހާ މުހިއްމުކަމެއްކަން ވެސް ނޭނގުނީއެވެ.
އަޔާނާ ވަރަށް ދެރަވެއްޖެއެވެ. އަދި އެއީ ދަންވަރުގެ ވަގުތު ނަމަވެސް، މަންމައަށް ގުޅާނުލާ ނުހުރެވޭވަރަށް ހިތަށް އަސަރުކުރުމުން ފޯނު ނަގާ މަންމައަށް ގުޅާލިިއެވެ. މަންމާއޭ ކިޔާ ގޮވާލުމާއެކު އަޔާނާ އެންމެ ފުރަތަމަ ވެސް މަޢާފަށް އެދުނެވެ. އަޔާނާއަށް ރޮވެން ފެށިއެވެ. މަންމައަށްވެސް މަންމަގެ އަޑުގައިވެސް ވޭނާއި ރިހުން އެކުލެވިގެންވާކަން އިޙުސާސްކުރެވުނެވެ. އަޔާނާ ގުޅާފައި މަޢާފަށް އެދުމުން މައިންވަންތަކަމުގެ ޖަޒުބާތުން ފުރިގެން ބަންޑުންވި ކަހަލައެވެ. މަންމަގެ ރުއިމުގެ އަޑުއަހަން އަޔާނާއަށް ކެތްކުރަން ދަތިވިއެވެ.
މަންމަ ރޮމުން ބުންޏެވެ. “ދަރިފުޅު ނުގުޅައި ހުންނާތީ މަންމަ ވަރަށް ދެރަވޭ. އަދި ރަށަށް އައިސް މަންމައާ ހަތަރުކަޅި ހަމަކުރާނެ ވަގުތެއް ނުލިބި ހުރެ ފުރައިގެން ދިއުމުން ވަކިން ބޮޑަށް ހިތުގައި ޖެހުނު. ދަރިފުޅަށް އެނގޭތަ؟ މަންމަ މަސް ތެލުލަނިކޮށް ތެޔޮއަރައިގެން އައިސް މޫނުގެ ވާތްފަޅީގައި ފޮޅުނެގި ދުވަހުވެސް …. ދަރިފުޅަށް ގުޅިން. އެތަން މިއަދު ރަނގަޅުވެ މޫނުގައި ބޮޑު ލަކުނެއް ހުރިކަން ވެސް ދަރިފުޅަށް ނޭނގުނު. އޭގެ ސަބަބުން މި މަންމަގެ ހިތުގައި ޖެހުނުވަރު… ބުނަންވެސް ނޭނގެ. ހިތަށްކުރި އަސަރެއްގެ ބޮޑުކަމުން ބޮޑުބެ ގާތުވެސް ބުނެވުނީ.
އަސަރާއެކު މަންމަދެއްކި ވާހަކަތައް އަޑުއަހާފައި އަޔާނާ ވަރަށްބޮޑަށް ދެރަ ވެއްޖެއެވެ. އަދި ބުންޏެވެ. “މަންމާ!. މަންމަގެ މި ދަރިފުޅަށް މަޢާފުކުރުން އެދެން. މަންމައާ މެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން ޤަބޫލުކުރެވޭ. އިރާދަކުރެވިއްޔާ.. ދެން .. މަންމަގެ ނާޒުކު ހިތުގައި މި ދަރިފުޅުގެ ސަބަބުން ލަކުނެއް ނުލާނެ. ދެން މަންމަގެ ޙަޔާތުގައި ކުރިއަށް ހުރި ދުވަސްތަކުގައި މަންމަގެ މި ދަރިފުޅުގެ ސަމާލުކަމާއި ލޯތްބާއި އެހީތެރިކަން އިރާދަކުރެއްވިއްޔާ ލިބޭނެ…….މަންމާ!!! މަންމަޔަށް މާތްކޮށް ހިތުމުގެ މުހިއްމުކަން އޭރު ނުވިސްނުނީ.. ދަރިއެއްގެ އިހުމާލުން މަންމައަށް އަސަރުކުރާނެވަރު ވެސް އޭރު ނުވިސްނުނީ.”
“ދަރިފުޅަށް.. ވިސްނުނީތީ މަންމަ ވަރަށް އުފާވެއްޖެ” ރުއިން ހުއްޓާލަން މަސައްކަތް ކުރަމުން އަޔާނާގެ މަންމަ ބުންޏެވެ.
އަޔާނާގެ މަންމަ ޙަޤީޤަތުގައިވެސް ނުހަނު އުފާވެއްޖެއެވެ. އެއީ ޝަރީފާ އެންމެ އިންތިޒާރުކުރަމުން އައި ދުވަހެވެ. އަޔާނާގެ ސަބަބުން ޝަރީފާގެ ހިތުގައި ލަކުނެއް ނުލާނެކަމުގެ ޔަޤީންކަން ލިބުމަކީ ޚުދު އަޔާނާއަށް ވެސް ލިބޭނެ އެންމެ ބޮޑު އުފަލެެވެ.