[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަވެރިޔާގެ އަދަބުތައް (2)

 

  • ރަމަޟާންމަހުގެ ފަރުޟު ރޯދަ ހިފުމަށް ނިޔަތްގަތުން.

ނިޔަތާއިނުލައި އެއްވެސް އަޅުކަމެއް ސައްޙައެއް ނުވާނެއެވެ. ފަޖުރުއްޞާދިގުގެ އަލިކަން ފާޅުވުމުގެ ކުރިން ރޯދަވެރިޔާ ރަމަޟާންމަހުގެ ރޯދަހިފުމަށް ނިޔަތްގަންނަން ޖެހޭނެއެވެ. (ނޯޓް: ނިޔަތަކީ ހިތުގެ ޢަމަލެކެވެ. އަދާކުރަން އުޅޭ އަޅުކަމެއް ހިތްމައްޗަށް ގެނެސްގަތުމުން ނިޔަތްގަނެވުނީއެވެ. ދުލުން ނިޔަތް ގަތުމަކީ ޘާބިތުވާކަމެއް ނޫނެވެ).

  • ހާރުކައިގެން ރޯދަ ހިފުމާއި، ހާރުކެއުން ފަސްކުރުން.

ހާރުގެ ވަގުތުގައި ކާކެއުމަކީ މާތް ﷲ ބަރަކާތްލައްވާނެ ކެއުމެކެވެ. ހާރުކެއުން ވީހާވެސް ބޮޑަކަށް ފަސްކުރުން ސުންނަތްކަން ގަދަވެގެންވެއެވެ.

  • ރޯދަ ވީއްލުން އަވަސްކުރުން.

އިރުއޮއްސިއްޖެކަން އިޢުލާންވުމާއި އެކީ ލަސްނުކޮށް ރޯދަ ޥީއްލުން ހެޔޮކަން ބޮޑުވެގެންވެއެވެ.

  • ރޯދަވީއްލާހިނދު ކިޔުމަށް ވާރިދުވެފައިވާ ދުޢާކިޔުން.

[ذَهَبَ الظَّمَأُ، وابْتَلَّتِ العُرُوقُ، وثَبَتَ الأَجْرُ، إِنْ شَاءَ اللَّه]

  • ކަދުރުކޮޅަކުން ރޯދަ ވީއްލުން.

ސުންނަތްވެގެންވަނީ ރުޠަބު ކަދުރުން ރޯދަ ވީއްލުމެވެ. ރުޠަބު ކަދުރު ނުލިބިއްޖެނަމަ އާދައިގެ ކަދުރުންނެވެ. ކަދުރުކޮޅެއް ނުލިބިއްޖެނަމަ ފެނުންނެވެ.

  • ރޭއަޅުކަންކުރުން.

ރޯދަވެރިޔާ ރަމަޟާންމަހުގައި ރޭއަޅުކަންކުރުމަށް ޚާއްސަ ސަމާލުކަމެއްދޭންވާނެއެވެ. އޭގެ ސަބަބުން އިސްވެގޮސްފައިވާ ފާފަތައް ފޮހެވިގެންދާނެއެވެ.

  • ރޯދަވެރިޔާ ރޯދައަށް ހުންނަހިނދު ދުޢާކުރުން ގިނަކުރުން.

ރޯދަވެރިޔާގެ ދުޢާއަކީ އިޖާބަވުން ގާތްވެގެންވާ ދުޢާއެކެވެ. އަދި ވަކިން ޚާއްސަކޮށް ރޯދަ ވީއްލަން ގާތްވެފައިވާ ވަގުތުކޮޅަކީ ޚާއްސަވަގުތުކޮޅެކެވެ.

  • ރޯދަވެރިޔާއާއި މީހަކު ހަޑިހުތުރު ބަހުން މުޚާތަބުކޮށް ޒުވާބުކުރަން ޤަސްދުކޮށްފިނަމަ އަހުރެން މިހުރީ ރޯދަޔަށޭ ބުނުން.

ޒުވާބުކުރުމާއި ބޭއަދީ ބަސްތައް ބޭނުންކުރުމާއި މާރާމާރީ ހިންގުންފަދަ ކަންކަމަކީ މަތިވެރި އަޅުކަމެއްގެ މަތީގައި ހުންނަ ރޯދަވެރިއެއްގެ ސުލޫކުން ފެނިގެންވާނެކަމެއް ނޫނެވެ.

  • ރޯދަވެރިއެއްގެ ރޯދަވީއްލައިދިނުމަށް މަގުފަހިކޮށްދެވޭތޯބެލުން.

ރޯދަވެރިއަކަށް ރޯދަވީއްލުމަށް އެއްޗެއް ދިނުމަކީ އެރޯދަވެރިޔާއަށް ލިބޭ ޘަވާބުން އުނިވުމެއްނެތި އެމިންވަރުގެ ޘަވާބު އެމީހަކަށް ލިބޭނެ މާތް ކަމެކެވެ.

  • ދީލަތިވުން.

ރަމަޟާންމަހުގައި މާތް ނަބިއްޔާ ﷺ ގެ  ދީލަތިކަން ބާރު ވައިރޯޅިއަކަށްވުރެ އިތުރުވެގެންވާކަމަށް ރިވާވެގެންވެއެވެ.

  • އިސްރާފުކުރުމުން އެއްކިބާވުން.

ރަމަޟާންމަހުގައި ކާބޯތަކެތިން އިސްރާފުކުރުމަކީ ވަރަށް ބޮޑަށް އިތުރުވާކަމެކެވެ. އިސްރާފުކުރުމަކީ ނުބައިކަންބޮޑު ސިފައެކެވެ. އިސްރާފުކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންނުވާނެއެވެ. އަދި އެއީ ޝައިތާނާގެ އަޚުންގެ ސިފައެއްވެސްމެއެވެ.

  • ޢުމްރާކުރުން.

ރަމަޟާންމަހުގައި ޢުމުރާގެ އަޅުކަން އަދާކުރުމަކީ ޙައްޖެއް އަދާކުރުމުގެ ޘަވާބުލިބޭކަމެކެވެ.

  • ފަހުދިހައިގައި ލައިލަތުލް ޤަދުރި ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުން.

އެއްހާސް މައްސަރުގެ އަޅުކަމަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ޤަދުރިވިލޭރޭ ލިބޭތޯ ފަހުދިހައިގައި ރޭތަކުގައި ކަމަރުބަނދެ އަޅުކަމުގައި އިތުރަށް ހީވާގިވާންވާނެއެވެ.

  • އިޢުތިކާފަށް އިނުން.

ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

  • ފިތުރު ޒަކާތް ދެއްކުން.

ޢީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް ރޯދަވެރިޔާ ހުށިޔާރުވާންޖެހޭނެއެވެ.

ނިމުނީ