އިސްލާމީ ތަރުބަވީ މަސައްކަތުގައި ސަމާލުކަންދޭންވީ ޢަޤީދާގެ އަސާސްތައް:
އިސްލާމީ ތަރުބިއްޔަތާއި ޢަޤީދާއާ އެހާ ބޮޑު ގުޅުމެއް ވާއިރުގައި އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރާއިރުގައި ޢަޤީދާގެ އަސާސްތަކަށް ސަމާލުކަންދީގެން ތަރުބިއްޔަތު ކުރަން ޖެހެއެވެ. އެގޮތުން މުޙައްމަދު ނޫރު ސުވައިދު (1988) ވަނީ މީގެ ބައެއް އަސާސްތައް ޒިކުރުކޮށްފައެވެ. އެބޭފުޅާ މިކަމުގައި ޒިކުރުކޮށްފައި އެންމެ މުހިންމު އަސާސްތަކަކީ:
- ކުއްޖާއަށް ތައުޙީދުގެ ބަސް ނުވަތަ ޝަހާދަތުގެ ދެކަލިމަ ލައިދީ، ދަސްކޮށްދީ އޭގެ މާނަ ވިސްނައިދިނުން: ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާކަން އެކުދިންނަށް ބުނެދޭށެވެ. އެކުދިންނަށް ވިސްނޭނޭ ފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާ މަޢުރިފާކުރުމުގެ ޢިލްމު ފަތުރާށެވެ. އަދި އެއިލާހުގެ އެއްކައުވަންތަކަމާއި، މަތިވެރިވެވޮޑިގެންވާކަމާއި، ﷲ ވަނީ ޢަރުޝީގެ މަތީގައިކަމާއި، ބައްލަވާ ވޮޑިގެންވާކަމާއި، އަހަރެމެންގެ ބަސްތައް އައްސަވާވޮޑިގެންވާކަން ބުނެދޭށެވެ. އަދި އެއިލާހަށް ފުރިހަމަވެގެންވާ އިސްމުފުޅުތަކާއި ޞިފަފުޅުތައް ލިބިވޮޑިގެންވާކަން ބުނެދޭށެވެ.
- ރަސޫލާ صلى الله عليه وسلم ދެކެވާ ލޯބި ވަރުގަދަކުރުން: އެގޮތުން އެކުދިންނަށް ސިޔަރަތު ކިޔައިދީ ޞަހާބީ ބޭކަލުންގެ ވާހަކަތައް ކިޔައިދީ އަދި ޞަލަފުއްޞާލިހުންގެ ވާހަކަތައް ކިޔައިދީ އެކަމަށް ހިތްޖެއްސެވުމަކީ ވަރަށް މުހިންމު ކަމެކެވެ.
- ކުއްޖާ އިސްލާމީ ޢަޤީދާގެ މަތީގައި ސާބިތުވުމަށް ތަރުބިއްޔަތުކުރުމާއި އެކަމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ހޭނުވުން: ކުއްޖާގެ އީމާންތެރިކަން ހަރުދަނާކުރުމަށް ކުޑައިރުއްސުރެ ސަމާލުކަން ދިނުމަށް އިރުޝާދު ދިނުން ހުއްޓެވެ. އަދި ޢަޤީދާގައި ފާހަގަކުރެވޭ ކަންތައްތައް އެ ކުއްޖާއަށް ބުނެދީ، އެކަން ދަސްކޮށްދީ، ދެން އޭގެ މާނަ ބޮޑުވަމުން އަންނަ ވަރަކަށް މަޑުމަޑުން އޭނާއަށް ހާމަކޮށްދޭށެވެ.
އަދި ޑރ. އަޙްމަދު ބުން ނާޞިރު (1409) ވަނީ މީގެ އިތުރަށްވެސް ސަމާލުކަންދޭންވީ ބައެއް ކަންތައްތައް ފާހަގަކުރައްވާފައެވެ. އެއީ:
- ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރިކަމާއި މާތްކަން އެކުދިންގެ ހިތުގައި އަށަގެންނެވުން: އެހެނީ އެކަން އެކުދިންގެ ކިބައިގައި އަށަގަނެއްޖެނަމަ ދުނިޔަވީ އެއްވެސް އުނދަގުލަކީ ބޮޑު ކަމެއްކަމުގައި އެކުދިންނަކަށް ނުވާނެއެވެ. އޭގެ މިސާލަކީ: ފިރުޢައުނުގެ ގާތަށް ދިޔަ ސިޙުރުވެރިންގެ ހިތު ތެރެއަށް އީމާންކަމުގެ ނޫރު ވަނުމުން، އެބައިމީހުން ތިބި ބާޠިލު ގޮތް ދޫކޮށްލިއެވެ. އެބައިމީހުން އީމާންވުމުން ދެން، ފިރުޢައުނުގެ އަނިޔާތައް އެއީ އެބައިމީހުންނަށް ބޮޑުކަމެއްކަމުގައި ނުވިއެވެ.
- މާއްދިއްޔަތަށް ވިސްނުމަށް ވުރެ އާޚިރަތް ދުވަސް އިސްކުރުމުގެ ވިސްނުން އެކުދިންގެ ހިތުގައި އަށަގެންނެވުން: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ތިއްބެވި ޞަޙާބީ ބޭކަލުންގެ ކިބައިން އެކަމުގެ ރިވެތި ނަމޫނާތައް ފެނިގެން ދިޔައެވެ. ވަކިން ޚާއްޞަކޮށް ބަދުރުގެ މައިދާނުގައި އެބޭކަލުންވަނީ އެކަމުގެ ރިވެތި މިސާލުތައް ދައްކަވާފައެވެ.
ޢަޤީދާގެ މިފަދަ ވަރުގަދަ އަސާސްތަކެއްގެ މަތީގައި އަޅުގަނޑުމެންގެ މުޖުތަމަޢު ތަރުބިއްޔަތުކުރެވިއްޖެނަމަ އެކަމުގެ ހެޔޮ ބަދަލު އަފްރާދުންނާއި ޢާއިލާތަކާ އަދި މުޅި މުޖުތަމަޢުންވެސް ފެނިގެންދާނެއެވެ. މިކަމުގައި ފަރުވާކުޑަކުރުމުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެތައް ނޭއްގާނީ ކަމެއް މިއަދު މިވަނީ ޢާންމުވެފައެވެ. އަދި ދީން ޤަބޫލު ނުކުރާ މީހުންނާއި ދީނީ އެކި ކަންކަމުގައި ޝައްކު އުފައްދާ މީހުން އަޅުގަނޑުމެންގެ މުޖުތަމަޢުންވެސް މިއަދު ފެނިގެންދެއެވެ.
މުޅި ދުނިޔެއަށް އަޅުގަނޑުމެންގެ ރާއްޖެ ހުޅުވިފައިވާއިރުގައި މިއަދު މިފަދަ ވަރުގަދަ އަސާސްތަކެއްގެ މަތީގައި މުޖުތަމަޢު ތަރުބިއްޔަތުކުރުމުގެ އަހަންމިއްޔަތުކަން މިވަނީ ވަރަށް ބޮޑުވެފައެވެ.
________________
އިސްލާމީ ތަރުބިއްޔަތުގައި ޢަޤީދާގެ މުހިންމުކަން: އެހެން ބައިތައް