[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 11

ޢުމްރާ ޝަރުޢުކުރެވިގެންވުން

ޙަދީޘް ޖިބްރީލުގައި އައިސްފައިވެއެވެ. އިބްނު ޢުމަރު ރިވާކުރައްވާފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

”އިސްލާމްކަމަކީ މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، އަދި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާއި ޙައްޖުވުމާއި އަދި ޢުމްރާވުމާއި ޖުނުބުވެރިކަމުން ހިނައިގަތުމާއި،  އަދި ރަމަޟާން މަހު ރޯދަ ހިފުމެވެ. ވުޟޫފުރިހަމަކުރުމާއި، އަދި ރަމަޟާންމަހު ރޯދަހިފުމެވެ.”

އެއްދުވަހަކު އަބީ ރަޒީނުލް ޢުޤައިލީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.

”އިތުރު ރަސޫލު ﷲ ގެފާނޭވެ. އަލުގަނޑުގެ ބައްޕައަކީ ޢުމުރުންދުވަސްވެފައިވާ މުސްކުޅިއެވެ. ބައްޕަ ޙައްޖުކުރުމަށްވެސް އަދި ޢުމްރާކުރުމަށްވެސް އަދި ދަތުރުކުރުމަށްވެސް ނުކުޅެދިގެންވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުގައި ހަދީޘްކުރެއްވިއެވެ.

”ބައްޕަގެ ބަދަލުގައި ތިބާ ޙައްޖާއި ޢުމްރާކުރާށެވެ.”

ޢުމްރާގެ ޝަރުޠުތައް

 • މުސްލިމަކު ކަމުގައިވުން
 • ބުއްދި ސަލާމަތުން ހުރުން.
 • ބާލިޣުވެފައިވުން.
 • މިނިވަނެއްކަމުގައިވުން.
 • ކުޅަދާނަކަން ލިބިފައިވުން

އަދި އަންހެނުންނަށް 6 ވަނަ ޝަރުޠެއް ވެއެވެ. އެއީ އޭނާއާއެކު ދަތުރުކުރާނެ މަޙްރަމަކު ހުރުމެވެ.

ޢުމްރާގެ ރުކުންތައް

 • އިޙްރާމް ބަނުން
 • ތަވާފްކުރުން
 • ސަޢުޔުކުރުން

ޢުމްރާގެ ވާޖިބުތައް

 • މީޤާތުން އިޙްރާމް ބަނުން
 • އިޙްރާމް ކަނޑާއިރު ބޯބޭލުން ނުވަތަ ކުރުކޮށް ކޮށުން

ޢުމްރާގެ ސުންނަތްތައް

 • ތަވާފުގެ ފުރަތަމަ ތިންބުރުގައި “ރަމުލުކުރުން”. އެބަހީ: ފިޔަވަޅުގާތްކޮށް ހަލުވިކޮށް ހިނގުން.
 • ޙަޖަރުލް އަސްވަދުގައި ބޮސްދިނުން ނުވަތަ އިސްތިލާމްކުރުން (އިސްތިލާމުކުރުމަކީ: އަތުން ބީހުމެވެ.) ނުވަތަ ޙަޖަރުލް އަސްވަދަށް އިޝާރާތްކުރުން.
 • ޙަޖަރުލް އަސްވަދަށް އިޝާރާތްކުރާއިރު ތަކުބީރުކިޔުން
 • ރުކުނުލް ޔަމާނީ ގައި އިސްތިލާމް ކުރުން
 • ތަވާފްކޮށް ނިމުމުން ދެރަކްޢަތް ނަމާދެއްކުރުން
 • ޞަފާއާއި މަރުވާ މަތީގައި ގެފުޅަށް ކުރިމަތިލާ ދުޢާ ކުރުން
 • ފިރިހެނުން ޞަފާ މަރުވާގެ ފެހި ދެއަލި ދެމެދު ދުވުން

އިޙްރާމްބަނދެގެންވާ މީހާއަށް ކުރުން ޙަރާމްކަންތައްތައް

 1. އިސްތަށި އުފުރުން
 2. މީރުވަސްދުވާތަކެތި ލުން
 3. ފިރިހެނުން ބޯނިވާކުރުން
 4. ފިރިހެނުން ފަހާފަހުރި ތަކެތިލުން

ޢުމްރާކުރާއިރު ސަމާލުވާންޖެހޭ ބައެއް ކަންކަން

 1. ޢުމްރާގެކުރިން ހިނައިގަނެ، ނިޔަފަތި ކަނޑާ، ކިހިލިފަތްދަށުންނާއި ކުރިމަތިފަރާތު އިސްތަށިތައް އުފުރުމަކީ މުސްތަޙައްބުކަމެކެވެ. ވާޖިބެއްނޫނެވެ. އެކަންކުރަން ނުކުޅެދިގެންވާނަމަ، ނުވަތަ ދަތި އުނދަގޫތަކެއް އުފުލަން ޖެހޭނަމަ، އެކަންކަން ނުކޮށް ދޫކޮށްލުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި ތިމާގެ ގޭގައިވެސް އެކަންތައްތައް ކުރެވިދާނެއެވެ. ވަކިން ޙާއްސަކޮށް، މީޤާތާއި މާދުރު ނޫން ރަށްރަށުގެ މީހުންނަށް މިގޮތަށް ކަންތައްކުރެވިދާނެއެވެ.

ހަމައެގޮތަށް ތިމާގެ ގެއިންވެސް އިޙްރާމް ބަނދެވިދާނެއެވެ. އެކަމަކު ތަލްބިޔާ ކިޔާ، ޢުމްރާގެ އަޅުކަމުގެ ތެރެއަށް ވަނުމަށް ނިޔަތް ގަންނާނީ މީޤާތާއި ހަމައިންނެވެ.

 1. ޙައިޟުވެރި އަންހެނާއަށް ޢުމްރާއަށް އިޙްރާމް ބަނދެވިދާނެއެވެ. އެކަމަކު އެފަދަ އަންހެނާ ހައިޟުން ތާހިރުވަންދެން އިޙްރާމްގައި ހުންނަންޖެހޭނެއެވެ.
 2. ބޭނުމެއްޖެހިގެން މިސާލަކަށް ފެންވެރުމަށް އިޙްރާމް ބޭލިދާނެއެވެ. އަދި އެހެން އިޙްރާމަކަށް ބަދަލުވެސްކުރެވިދާނެއެވެ.
 3. މައްކާއަށް ވާޞިލުވެވުމާއިއެކު ޢުމްރާކުރުން އަވަސްކުރުން އެދެވިގެންވެއެވެ. އެކަމަކު ސަބަބަކާއިލައިގެން ޢުމްރާކުރުން ފަސްކުރެވިދާނެއެވެ. މިސާލަކަށް ވަރުބަލިކަމުގެ ސަބަބުން ނުވަތަ މީހަކާއި ބައްދަލުކުރަން ޖެހިގެން ޢުމްރާކުރުން ފަސްކުރެވިދާނެއެވެ.
 4. އިޙްރާމްބަނދެގެންވާ ޙާލު ގަޑި، އައިނު، ބެލްޓު، ހެޑްސެޓް، ހިއަރިންގ އެއިޑް އަދި އަނގޮޓި އެޅުން ހުއްދަވެގެންވެއެވެ.
 5. ޢުމްރާގެ ތަވާފްކުރާއިރު، ފިރިހެނާގެ ފޮށައިގެ މެދު ކަނާތު ކޮނޑުމައްޗަށްލައި، ދެކޮޅުނަގައި ވައަތުކޮނޑުމައްޗަށްލުމެވެ.
 6. ރަމަލުކުރުން- އެއީ ފިޔަވަޅު ގާތްކޮށް އަވަސްފިޔަވަޅުން ހިނގާލުމެވެ.
 7. ކުޑަކުދިން
 8. ބަދަލު ޢުމްރާކުރުން- މަރުވުމުގެސަބަބުން ނުވަތަ ހަށިގަނޑުގެ ނުކުޅެދުމެއްގެ ސަބަބުން، އަދި ފަސޭހަނުވާ ބައްޔެއްގެ ސަބަބުން ޢުމުރުން އެއްފަހަރުވެސް ޢުމްރާނުކުރެވޭ މީހާގެ ބަދަލުގައި ޢުމްރާކުރުން

ޞިއްޙަތު ރަނގަޅު ފަޤީރުމީހާގެ ބަދަލުގައި ޢުމްރާއެއްނުކުރެވޭނެއެވެ.

މިގޮތުން އަންހެނެއްގެ ބަދަލުގައި ފިރިހެނަކަށްވެސް ޢުމްރާކުރެވިދާނެއެވެ. އަދި ފިރިހެނެއްގެ ބަދަލުގައި އަންހެނަކަށްވެސް

ޢުމްރާކުރެވިދާނެއެވެ.

 1. ސަޢުޔުކުރުމަކީ ޙައްޖާއި ޢުމްރާގެ ރުކުނެކެވެ.

އަދި އަންނަނިވި ކަންކަމަށް ސަމާލުވުންވެސް ހުއްޓެވެ.

 • ފިރިހެނުން ސަޢުޔުކުރާއިރު ފެހިކުލައިގެ ދެފާހަގައިގެ ދެމެދުގައި ބާރަށް ހިނގުން
 • ތަޙާރަތުގެ މަތީގައި ސަޢުޔުކުރުން މުސްތަޙައްބުވެގެންވެއެވެ. އެކަމަކު އެއީ ވާޖިބެއްނޫނެވެ.
 • ސަޢުޔުކުރެވޭނީ ހަމައެކަނި ޙައްޖާއި ޢުމްރާގައެވެ.
 • ޞަފާ އަދި މަރުވާ ފަރުބަދައަށް އަރާ ކޮންމެފަހަރަކު

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަފާ ފަރުބަދައާ ކައިރިވެވަޑައިގަތުމުން {إِنَّ الصَّفَا وَالْـمَرْوَةَ مِنْ شَعَائِرِ اللهِ}މިފަދައިން ވިދާޅުވިކަމަށް ޘާބިތުވެފައިވެއެވެ. އޭގެފަހުގައި ކަޢުބާ ފެނިއްޖައުމަށް ދަންދެން ފަރުބަދައަށް އަރައިވަޑައިގެން ކަޢުބާއަށް ކުރިމަތިލައްވައި ދެއަތް އުފުއްލަވައި ﷲ އަށް ޙަމްދުކުރައްވާ އެކަލޭގެފާނު ބޭނުންފުޅުވެވަޑައިގަތް ދުޢާއެއް ވިދާޅުވިއެވެ. އަދި މިފަދައިން ވިދާޅުވެއެވެ. (( لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ ، لَهُ الْـمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيءٍ قَدِيْرُ ، لَا إِلَهَ إِلَّا اللهُ وَحْدَهُ ، أَنْجَزَ وَعْدَهُ ، وَنَصَرَ عَبْدَهُ ، وَهَزَمَ الأَحْزَابَ وَحْدَهُ ))އޭގެފަހުގައި ދުޢާކުރެއްވިއެވެ. އަދި މި ގޮތަށް ތިންފަހަރު ވިދާޅުވިއެވެ. އޭގެފަހުގައި ހިންގަވާފައި ފައިބާވަޑައިގެން އެކަލޭގެފާނުގެ ފައިންޕުޅު ވާދީގައި އިސްތިޤްރާރުވެވަޑައިގަތުމުން ދުވެވަޑައިގަތެވެ. (އެއީ މިހާރުގެ ދެފެހި ލައިޓުގެ ދެމެދެވެ.) އެ ސަރަޙައްދު ފަހަނަޅައި ދިޔުމުން ހިންގަވާފައި މަރުވާ ފަރުބަދައާ ދިމާއަށް ވަޑައިގަންނަވައެވެ. އަދި ޞަފާ ފަރުބަދައިގައި ކަންތައްކުރެއްވި ގޮތަށް މަރުވާ ފަރުބަދައިގައިވެސް ކަންތައްކުރެއްވިއެވެ.ޤިބުލައަށް ކުރިމަތިލައިގެންހުރެ ތިންފަހަރު ކިޔުމަށްފަހު ދެން އެއަށްފަހު ހެޔޮ ދުޢާތައްކުރާނީއެވެ.

އިސްވެދެންނެވުނު ޒިކުރާއި ދުޢާތައް ކުރާނީ ދެއަތް އުފުލައިގެން ހުރެއެވެ. ބައެއް ޢާއްމުން ކަންތައްކުރާގޮތަށް ދެއަތުން ކަޢުބާއަށް އިޝާރާތްކޮށްގެނެއްނޫނެވެ.

( إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّـهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّـهَ شَاكِرٌ عَلِيمٌ )

މިއާޔަތް ސަޢުޔުކުރަން ފަށަމުން ޞަފާ ފަރުބަދައަށް އެރުމަށްފަހު ކިޔުމަށްފަހު އޭގެފަހަށް އަންނަ ބުރުތަކުގައި ކިޔުމެއްނުވެއެވެ.

 • ޢުމްރާގައި ފިރިހެނުންނަށް އެންމެ ރަނގަޅުގޮތަކީ ބޯބޭލުމެވެ.

 އެއް ދަތުރެއްގައި އެއް ޢުމްރާޢަށްވުރެ ގިނަ ޢުމްރާކުރުމަކީ ސުންނަތާއި ޚިލާފުގޮތެކެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއް ދަތުރެއްގައި އެއް ޢުމްރާޢަށްވުރެ ގިނާ ޢުމްރާނުކުރައްވާތީއެވެ.

 • ޢުމްރާގެ އަޅުކަމަށްވަނީއްސުރެ ތަވާފްކުރަން ފަށަންދެން ގިނަގިނައިން ތަލްބިޔާ ކިޔުން

= ނުނިމޭ =

އެހެނިހެން ބައިތައް

_____________________

މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين  والبيت العتيق  ގެ ދިވެހި ތަރުޖަމާއެވެ.