[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 9

5.      ފަރިއްކުޅުއްވުމަކަށް އެބޭކަލުންނަކަށް ބޭނުންފުޅެއް ނުޖެހެއެވެ.

މިކަމަށް ދަލީލުކުރަނީ އިބްރާހީމް عليه السلامގެ އަރިހަށް މަލާއިކަތުންގެ ޖަމާޢަތެއް ވަޑައިގެންނެވި ހިނދު ކަންތައް ހިނގައިދިޔަ ގޮތެވެ. ﴿هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ ‎﴿٢٤﴾‏ إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا ۖ قَالَ سَلَامٌ قَوْمٌ مُّنكَرُونَ ‎﴿٢٥﴾‏ فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ ‎﴿٢٦﴾‏ فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ‎﴿٢٧﴾‏ فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا لَا تَخَفْ ۖ وَبَشَّرُوهُ بِغُلَامٍ عَلِيمٍ ‎﴿٢٨﴾‏﴾ الذاريات: ٢٤ – ٢٨

މާނައަކީ [އިބްރާހީމްގެފާނުގެ މާތްވެގެންވާ މެހެމާނުންގެ ވާހަކަ ކަލޭގެފާނާއި ހަމައަށް އައިސްފައިވޭތޯއެވެ؟ އެ މެހެމާނުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވި ހިނދު، ސަލާމް ވިދާޅުވެ ސަލާމްކުރެއްވިއެވެ. ދެން އެކަލޭގެފާނު ސަލާމް ވިދާޅުވެ ސަލާމްގެ ޖަވާބު ދެއްވިއެވެ. (އަދި ހިތްޕުޅަށް އަރާވަޑައިގަތެވެ. މިއީ ތިމަންކަލޭގެފާނު) ނުދަންނަ ބަޔެކެވެ. ފަހެ އެކަލޭގެފާނު، އެކަލޭގެފާނުގެ އަހުލުވެރިންގެ ގާތަށް ސިއްރިއްޔާތުގައި ވަޑައިގަތެވެ. އަދި ރޫފަ ރަނގަޅު ޅަ ގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ. ދެން (އެ މެހެމާނުން ފަރިއްނުކުޅުއްވާތީ) އެ މެހެމާނުންނާއި، އޭތި ކައިރިކޮށްލައްވާ ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނަމު ހެއްޔެވެ؟ ފަހެ އެކަލޭގެފާނުގެ ހިތްޕުޅަށް އެއުރެންނާއި މެދު ބިރުވެރިކަމެއް ވަދެއްޖެއެވެ. އެ މެހެމާނުން ދެންނެވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! (ތިމަންބޭކަލުންނީ، ކަލޭގެފާނުގެ ވެރި އިލާހު ފޮނުއްވެވި މަލާއިކަތުންނެވެ.) އަދި އެ މެހެމާނުން އެކަލޭގެފާނަށް ޢިލްމުވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ.]

﴿فَلَمَّا رَأَىٰ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا لَا تَخَفْ إِنَّا أُرْسِلْنَا إِلَىٰ قَوْمِ لُوطٍ﴾ هود: ٧٠ މާނައަކީ [ފަހެ، އެބޭކަލުންގެ އަތްޕުޅުތައް، އެ ފަރީއްކޮޅާއި ހަމައަށް ނުދާތީ ދެކެވަޑައިގެން، އެބޭކަލުންނާއި މެދު އިންކާރުކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅުގައި ބިރުވެރިކަމެއް އުފެދުނެވެ. އެބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންބޭކަލުން ފޮނުއްވުނީ ލޫޠުގެފާނުގެ ޤައުމަށެވެ.]

މަލާއިކަތް ބޭކަލުންނަކީ ފަރިއްކުޅުއްވުމަށް ބޭނުންޖެހޭ ބޭކަލުންތަކެއް ނޫންކަމަށް، ބައެއް ޢިލްމުވެރިންވަނީ އިޖުމާޢު ނަޤުލުކުރައްވާފައެވެ. [1]

 

6.      ވަރުބަލިވުމެއް ނުވަތަ އެނޫންވެސް އެފަދަ ނިކަމެތިކަމެއް ނުވެއެވެ.

މަލާއިތުންނަކީ އަމުރުކުރައްވާ ކަންކަން ކުރެއްވުމުގައި ޤާއިމުވެ ތިއްބަވާ ބޭކަލުންތަކެކެވެ. އަދި އަޅުކަންކުރެއްވުން ނުހަނު ގިނަ ބޭކަލުންތަކެކެވެ. ﷲ ތަޢާލާ އެބޭކަލުން ޚަލްޤުކުރައްވާފައިވަނީ ފޫހިވުމާއި، ވަރުބަލިވުމާއި މިފަދަ އެންމެހާ ނިކަމެތި ޞިފަތަކުން ބަރީޢަވެގެންވާ ބޭކަލުންތަކެއްގެ ގޮތުގައެވެ. އަންނަނިވި އާޔަތްތަކުން މިކަމަށް ދަލީލު ލިބެއެވެ.

﴿يُسَبِّحُونَ اللَّيْلَ وَالنَّهَارَ لَا يَفْتُرُونَ﴾ الأنبياء: ٢٠ މާނައަކީ [އެ މަލާއިކަތުން ރެއާއި ދުވާލު ފޫހިވުމެއް ނެތި (ﷲގެ ޙަޟްރަތަށް) ތަސްބީޙަ ދަންނަވައެވެ.]

﴿فَإِنِ اسْتَكْبَرُوا فَالَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُ بِاللَّيْلِ وَالنَّهَارِ وَهُمْ لَا يَسْأَمُونَ﴾ فصلت: ٣٨ މާނައަކީ [ފަހެ އެއުރެން (އެބަހީ: މުޝްރިކުން، ﷲއަށް ސަޖިދަކުރުމަށް) ބޮޑާވެގެންފިނަމަ، ފަހެ، ކަލޭގެފާނުގެ ވެރި އިލާހުގެ ޙަޟްރަތުގައިވާ މަލާއިކަތުން އެއިލާހަށް ރެއާއި ދުވާލު ތަސްބީޙަ ދަންނަވައެވެ. އަދި އެބޭކަލުން އެކަމަށް ފޫހިފުޅެއް ނުވެއެވެ.]


[1] އަލްޙަބާއިކު ފީ އަޚްބާރިލް މަލާއިކް

 

މިލިޔުމުގެ އެހެން ބައިތައް