(21) ކީރިތި ޤުރްއާނާމެދު ތަދައްބުރުނުކުރާމީހުންނަށް ﷲ ތަޢާލާ ވަނީ ވަޢީދުއިއްވާފައެވެ. ފަހެ، ހުސްޠާހިރުވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ. ﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا﴾ (محمد: 24) މާނައީ: “ފަހެ، ޤުރްއާނާމެދު އެބައިމީހުން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެބައިމީހުންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟”
އައްޢައްލާމާ މުޙައްމަދު އަލްއަމީން އައްޝަންޤީޠީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެނގިގެންވާގޮތުގައި، މަތިވެރި ކީރިތި ޤުރްއާނުގެ އާޔަތްތަކާމެދު ތަދައްބުރު (އެބަހީ: އެ އާޔަތްތައް ކިޔަވައި، ރަނގަޅަށް ދެނެގަނެ، އެ އާޔަތްތަކުގެ މާނަތައް ދެނެގަނެ، އެ އާޔަތްތަކާ އެއްގޮތަށް ޢަމަލު) ނުކުރާ ކޮންމެ މީހަކީ އެ އާޔަތްތަކަށް ދެކޮޅުހަދައި، އެ އާޔަތްތަކާމެދު ވިސްނައި ފިކުރުނުކުރާމީހެކެވެ. ފަހެ، މި އާޔަތުގައި އެވާ އިންކާރުކުރެއްވުމާއި، ވަޢީދުކުރެއްވުން އެފަދަ މީހެއްގެ މައްޗަށް ޙައްޤުވެގެންވެއެވެ. މާތް ﷲ އެމީހަކަށް އެ އާޔަތްތަކާމެދު ވިސްނައި ފިކުރުކުރުމުގެ ކުޅަދާނަކަން ދެއްވާފައިވާއިރުވެސްމެއެވެ. ބަޔާންވެ މިދިޔަ އާޔަތުން ދަލީލުކުރާގޮތުގައި ޤުރްއާނާމެދު ވިސްނައި ފިކުރުކުރުމާއި، އެ ފޮތް ރަނގަޅަށް ދެނެގަނެ، އެ ފޮތުގެ ޢިލްމު އުނގެނި، އެ ފޮތާއެއްގޮތަށް ޢަމަލުކުރުމަކީ މުސްލިމުން ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ.”([1])
(22) ކީރިތި ޤުރްއާނާމެދު ވިސްނައި ފިކުރުކުރުން ދޫކޮށްލުމާއި، އެ ފޮތް ދެނެގަތުމުން ދުރުވެ، އެ ފޮތުގައިވާ އާޔަތްތަކުގެ މުރާދަކީ ކޮބައިކަން ދެނެގަތުމުން އެއްކިބާވުމަކީ؛ ޤުރްއާނަށް ސަމާލުކަންނުދީ އެ ފޮތް އެއްކިބާކޮށްލުމުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެކެވެ. ﷲ ތަޢާލާގެ މި ވަޙީބަސްފުޅުގެ ތެރެއަށް އެމީހަކު ވަންނަހުއްޓެވެ. ﴿وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَـٰذَا الْقُرْآنَ مَهْجُورًا﴾ (الفرقان: 30) މާނައީ: “ރަސޫލާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ ޤައުމުގެމީހުން، މި ޤުރްއާނަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފިއެވެ.”
(23) ކީރިތި ޤުރްއާނާމެދު ވިސްނައި ފިކުރުކުރުމަކީ ﷲ ތަޢާލާގެ ފޮތަށް ދެވޭ ނަޞޭހަތެކެވެ. ފަހެ، ޙަދީޘްގައިވެއެވެ. ((الدِّينُ النَّصِيحَةُ)) قُلْنَا: لِمَنْ؟ قَالَ: ((لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ))([2]) މާނައީ: “ދީނަކީ ނަޞޭޙަތެކެވެ.” ތިމަންމެން ދެންނެވީމެވެ. “ކާކަށްތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “ﷲއަށާއި އެކަލާނގެ ފޮތަށާއި، އެކަލާނގެ ރަސޫލާއަށާއި، މުސްލިމުންގެ ވެރިންނަށާއި، މުސްލިމުންގެ ޢާއްމުންނަށެވެ.”
ﷲ ތަޢާލާގެ ފޮތަށް ނަޞޭޙަތް ދިނުމުގެ ތެރޭގައި: އެ ފޮތްދެކެ އިންތިހާއަށް ލޯބިވުމާއި، ޚާލިޤުވަންތަ ފަރާތުގެ ބަސްފުޅަށްވީތީވެ، އެ ފޮތަށް މަތިވެރިންވެގެންވާ ޤަދަރެއްކުރުމެވެ. ކިޔެވުން ޙައްޤުގޮތުގައި އެ ފޮތް ކިޔެވުމެވެ. އެ ފޮތް ރަނގަޅަށް ދެނެގަތުމަށް އިންތިހާއަށް ޝައުޤުވެރިވުމެވެ. އެ ފޮތާމެދު ވިސްނައި ފިކުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. އެ ފޮތް ކިޔަވަމުންދާއިރު، އެ ފޮތުގެ ސާހިބުވަންތަ ފަރާތުން، އަޅުގަނޑުމެން އެ ފޮތުން ދެނެގަތުމަށް އެދިވޮޑިގެންވާ މާނަތައް ދެނެގަތުމަށްޓަކައި ހުއްޓުމެވެ. އެ ފޮތުގައިވާ ވަޢުޒުތަކަށް ފަރުވާތެރިވުމާއި، އެ ފޮތުގައިވާ ޙުކުމްފުޅުތައް ދެނެގަތުމަށްޓަކައި ހުއްޓުމެވެ. އަދި އެ ފޮތުގައިވާ އަމުރުފުޅުތަކަށް ޢަމަލުކުރުމާއި، ދުރުވުމަށް އަންގަވާފައިވާ ކަންކަމުން ދުރުހެލިވުމެވެ.”([3])
(24) ޤުރްއާނާމެދު ވިސްނައި ފިކުރުކުރުމެއްނެތި ގިނައިން ކިޔަވާ ކިޔެވުމަށްވުރެ، ވިސްނައި ފިކުރުކުރުމާއެކު ކިޔަވާ މަދު ކިޔެވުމެއްގެ މަތިވެރިކަން ބޮޑުވެގެންވެއެވެ.
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާއަށް މީހަކު ދެންނެވިއެވެ. “ހަމަކަށަވަރުން ތިމަންނައަކީ އަވަހަށް ކިޔަން އެނގޭމީހަކީމެވެ. ތިމަންނަ ތިން ދުވަހުން ޤުރްއާން އެއްކޮށް ކިޔަވަމެވެ.” އެހިނދު އެމީހާއަށް ވިދާޅުވިއެވެ. “ރޭގަނޑެއްގައި ބަޤަރާ ސޫރަތް ކިޔަވައި، އެ ސޫރަތާމެދު ވިސްނައި ފިކުރުކޮށް، ތަރުތީލުކޮށް ކިޔެވުން، ތިބާ ތިޔަ ބުނި ގޮތަށް ކިޔެވުމަށްވުރެ، ތިމަންގެ ގާތުގައި ލޮބުވެތިވެގެންވެއެވެ.”([4])
އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. “ޤުރްއާނުގެ އާޔަތެއް ފިކުރުކުރުމާއެކު، ރަނގަޅަށް އެނގިގެން ކިޔެވުން، ވިސްނައި ފިކުރުކުރުމާއި ދެނެގަތުމަކާނުލައި މުޅި ޤުރްއާން ޚަތިމްކުރުމަށްވުރެ ހެޔޮވެގެންވެއެވެ. ވިސްނައި ފިކުރުކުރުމާއެކު، ރަނގަޅަށް ދެނެގަނެގެން ކިޔެވުމަކީ ހިތަށް އެންމެ މަންފާކުރާނެގޮތެވެ. އަދި އީމާންކަން ޙާޞިލުވާނެ އެންމެ މޮޅުގޮތެވެ. އަދި ޤުރްއާން ކިޔެވުމުގެ ފޮނިކަން އެމީހަކަށް އިޙްސާސްކުރެވޭނެ ގޮތެވެ. މިގޮތަށް ކިޔެވުމަކީ ސަލަފުންގެބޭކަލުންގެ އާދަފުޅެވެ. އެބޭފުޅުން އެންމެ އާޔަތެއް ފަޖުރުލައިފުމަށްދާންދެން ތަކުރާރުކޮށްލައްވައި ތަކުރާރުކޮށްލައްވައި ތިއްބަވައެވެ.”([5])
އަދިވެސް (އިބްނުލް ޤައްޔިމް ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. “އެންމެ ސޫރަތެއް ވިސްނައި ފިކުރުކޮށް، އެ ސޫރަތް އުނގެނި، އެ ސޫރަތް ރަނގަޅަށް ދެނެގަނެ، އެ ސޫރަތުގެ މައްޗަށް ހިތް ޙާޒިރުކޮށްގެން ކިޔެވުން، ހަމައެކަނި ޤުރްއާން ޚަތިމުކޮށްލާ ޚަތިމުކޮށްލުމަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އެއީ ޚަތިމުކޮށްލުމުން ލިބޭ ޘަވާބު ގިނަވިކަމުގައިވީނަމަވެސްމެއެވެ. އަދި ހަމަމިގޮތަށް؛ އަޅާ އޭނާގެ ހިތާއި ގުނަންތަކުން ﷲ ތަޢާލާއަށް ކުރިމަތިލައިގެން، އޭނާގެ ހިތް އެއްކޮށް އެ ދެ ރަކުޢަތަށް ހުސްކޮށްގެން ކުރާ ދެ ރަކުޢަތް، މީގެންކަމެއް ނެތި އޭނާ ކުރާ ދުއިސައްތަ ރަކުޢަތަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އެއީ ޢަދަދުގެ ގޮތުން ބަލާއިރު ގިނަ ރަކުޢަތްތަކެއް ކުރުމުން ލިބޭ ޘަވާބު ގިނަވިކަމުގައިވީނަމަވެސްމެއެވެ.”([6])
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ފިކުރުކުރުމާއެކު ކިޔަވާ މަދުކިޔެވުމެއް، ފިކުރުކުރުމަކާނުލައި ކިޔަވާ ގިނަ ކިޔެވުމަކަށްވުރެ މަތިވެރިވެގެންވެއެވެ. މިއީ ޞަޙާބީންގެ ކިބައިން ޞަރީޙަކޮށް އައިސްފައިވާ ގޮތެވެ.”([7])
މި ސަބަބާހުރެ އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. “ތިޔަބައިމީހުން ޤުރްއާން ކިޔަވާށެވެ! އަދި އެއާއެކު ހިތްތައްވެސް ޙަރަކާތްތެރިކުރުވާށެވެ! އެންމެފަހު ސޫރަތަށް ވާޞިލުވުން އެއީ ތިޔަބައިމީހުންގެ ލަނޑުދަނޑިއެއްކަމުގައި ނަހަދާށެވެ!”([8])
(25) އަލްއިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޤުރްއާން ވިސްނައި ފިކުރުކޮށްގެންކިޔެވުމަށްވުރެ ހިތަށް މަންފާކުރަނިވި އިތުރުކަމެއް ނުވެއެވެ. ފަހެ، މިގޮތަށް ކިޔެވުމަކީ އެންމެހާ ބޭކަލުންގެ ދަރަޖައެވެ. ހެޔޮކޮށް ޢަމަލުކުރެއްވި ބޭކަލުންގެ ޙާލަތެވެ. ކަންކަން ރަނގަޅަށް ދެނެވަޑައިގެންނެވި ބޭކަލުންގެ މަޤާމެވެ. މި ގޮތަށް ކިޔެވުމަކީ ލޯތްބާއި، ޝައުޤުވެރިކަމާއި، ބިރުވެތިކަމާއި، އުއްމީދާއި، ފާފަތަކުން ދުރުވެ ކިޔަމަންގަތުމާއި، ވަކީލުކުރުމާއި، ރުހުމާއި، އެންމެހާ ކަމެއްގައި ﷲއަށް ބަރޯސާވުމާއި، ޝުކުރުވެރިވުމާއި، ކެތްތެރިކަންފަދަ ހިތްތަކަށް ދިރުންގެނުވާ އެންމެހާ ޙާލަތެއް ހިތްތަކަށް ގެނުވައިދީ، ހިތުގެ ޙާލަތު ފުރިހަމަކޮށްދޭނެ ގޮތެވެ. އަދި ހިތް ފަސާދަކޮށް، ހަލާކުކުރަނިވި އެންމެހާ ޞިފަތަކުންނާއި ޢަމަލުތަކަކުން ދުރުކޮށްދޭނެ ގޮތެވެ.
ކީރިތި ޤުރްއާނާމެދު ވިސްނައި ފިކުރުކޮށްގެން ކިޔެވުމުން ލިބޭ މަތިވެރިކަން މީސްތަކުންނަށް އެނގޭކަމުގައިވާނަމަ، އެންމެހާ ކަމަކުން ދުރުވެ، އެ ފޮތް ވިސްނައި ފިކުރުކޮށްގެން ކިޔެވުމަށް ހުސްވެގަތީހެވެ.
ފަހެ، މީހަކު ފިކުރުކުރުމާއެކު ޤުރްއާން ކިޔަވަމުން ދަނިކޮށް ކިޔެވޭ އާޔަތެއް، އެ އާޔަތަކީ އެމީހާގެ ހިތުގެ ބަލިތަކަށްވާ ޝިފާއެއްކަމުގައިވެ، އެ އާޔަތަށް ބޭނުންޖެހިއްޖެނަމަ؛ އެ އާޔަތް ތަކުރާރުކޮށް، އެއީ ސަތޭކަ ފަހަރު ކަމުގައިވީނަމަވެސް، ނުވަތަ މުޅި ރޭގަނޑު އެ އާޔަތް ކިޔެވިކަމުގައިވީނަމަވެސްމެއެވެ. ފަހެ، ޤުރްއާނުގެ އާޔަތެއް ފިކުރުކުރުމާއެކު، ރަނގަޅަށް އެނގިގެން ކިޔެވުން، ވިސްނައި ފިކުރުކުރުމާއި ދެނެގަތުމަކާނުލައި މުޅި ޤުރްއާން ޚަތިމްކުރުމަށްވުރެ ހެޔޮވެގެންވެއެވެ.”([9])
فَتَدَبَّرِ الْقُرْآنَ إنْ رُمْتَ الهُدَى فَالعِلْمُ تَحْتَ تَدَبُّرِ الْقُرْآنِ
ޅެންބައިތުގެ މާނައީ: ތިބާ ހިދާޔަތަށް އެދޭނަމަ، ފަހެ، ޤުރްއާނާމެދު ވިސްނައި ފިކުރުކުރާށެވެ! ފަހެ، ޢިލްމު ވަނީ ޤުރްއާނާމެދު ވިސްނައި ފިކުރުކުރުމުގައެވެ.
(26) ކީރިތި ޤުރްއާނާމެދު ވިސްނައި ފިކުރުކުރުމަށް އެހީތެރިވެދޭ ސަބަބުތަކުގެ ތެރޭގައި: ކީރިތި ޤުރްއާނުގެ މަތިވެރިކަމުގެ އިޙްސާސްކުރުންވެއެވެ. އެ ފޮތަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. ޚަލްޤުތަކަށް ބާވާލައްވާފައިވާ އެކަލާނގެ ސިޓީފުޅުތަކެވެ.
އަލްޙަސަން ބުން ޢަލީ ރަޟިޔަﷲ ޢަންހުމާގެ ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން ތިޔަބައިމިހުންގެ ކުރީގެ ބޭކަލުން ޤުރްއާނާމެދު ދެކެވަޑައިގަތީ އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވާލެއްވިފައިވާ ސިޓީފުޅުތަކެއް ފަދައިންނެވެ. ފަހެ، އެބޭކަލުން ރޭގަނޑުގައި އެ ސިޓީފުޅުތަކާމެދު ވިސްނައި ފިކުރުކުރައްވައެވެ. އަދި ދުވާލުގައި އެ ސިޓީފުޅުތަކުގެ ޢިލްމު ހޯއްދަވައެވެ.”([10])
ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ އަންހު ވިދާޅުވިއެވެ. “ﷲ ތަޢާލާ ވަޙީބަސްފުޅު ﴿يَا أَيُّهَا الَّذِينَ آمَنُوا﴾ (މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ!) މި ޢިބާރާތް ތިބާ އަޑުއަހައިފިކަމުގައިވާނަމަ، ފަހެ، ތިބާގެ އަޑުއެހުން އެ އާޔަތަށް ސަމާލުކުރުވާށެވެ! ފަހެ، ހަމަކަށަވަރުން (މި ޢިބާރާތުގެ ފަހުން އަންނާނީ) އަމުރުވެގެންވާ ހެޔޮކަމެކެވެ. ނުވަތަ ނަހީކުރެވިގެންވާ ނުބައިކަމެކެވެ.”([11])
(27) ކީރިތި ޤުރްއާނާމެދު ވިސްނައި ފިކުރުކުރުމަށް އެހީތެރިވެދޭ ސަބަބުތަކުގެ ތެރޭގައި: ކިޔަވާއިރު މަޑުމައިތިރިވުމާއި، ލަސްލަހުން ކިޔެވުންވެއެވެ.
ފަހެ، އެ ގޮތަކީ ރަނގަޅަށް ދެނެގަނެ، ވިސްނައި ފިކުރުކުރުމަށް އެހީތެރިވެދޭނެ ގޮތެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَىٰ مُكْثٍ﴾ (الإسراء: 106) މާނައީ: “އަދި ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭނެހެން) ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށްޓަކައި، ވަކިވަކިކޮށް ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީމެވެ.” އެބަހީ؛ ލަސްލަހުން، މަޑުމައިތިރިކަމާއެކުގައެވެ. އެއީ އެ ފޮތުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި އެ ފޮތުގައިވާ ޢިލްމުތައް ހާމަވުމަށެވެ.([12])
ޙުޛައިފާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާއެކު ތިމަން ނަމާދުކުރީމެވެ. ފަހެ، އެކަލޭގެފާނު ބަޤަރާ ސޫރަތުން ފެއްޓެވިއެވެ. ފަހެ، ސަތޭކަ އާޔަތް ކިޔަވާވިދާޅުވުމަށްފަހު ރުކޫޢުކުރައްވާނެއޭ ހިތާހިތާ ތިމަން ބުނީމެވެ. ދެން، ސަތޭކަ އާޔަތް ފަހަނައަޅައިފިއެވެ. ފަހެ، އެ ސޫރަތް އެއްކޮށް އެރަކުޢަތުގައި ނިންމަވާނެއޭ ހިތާހިތާ ތިމަން ބުނީމެވެ. ފަހެ، އެ ސޫރަތް ނިންމަވާލެއްވިއެވެ. އެކަލޭގެފާނު ރުކޫޢުކުރައްވާނޭ ތިމަން ހިތާހިތާ ބުނީމެވެ. ދެން އެކަލޭގެފާނު ނިސާ ސޫރަތް ފެއްޓެވުމަށްފަހު، އެ ސޫރަތް އެއްކޮށް ކިޔަވާވިދާޅުވިއެވެ. ދެން އޭގެފަހުގައި އާލްޢިމްރާން ސޫރަތް ފެއްޓެވުމަށްފަހު، އެ ސޫރަތްވެސް އެއްކޮށް ކިޔަވާވިދާޅުވިއެވެ. އެކަލޭގެފާނު ކިޔަވާވިދާޅުވީ މަޑުމައިތިރިކަމާއެކުގައެވެ. ތަސްބީޙަ ހިމެނޭ އާޔަތެއް ކިޔަވާވިދާޅުވެއްޖެނަމަ ތަސްބީޙަ ކިޔުއްވައެވެ. ކަމަކަށް އެދި ދެންނެވުމުގެ އާޔަތެއް ކިޔަވާވިދާޅުވެއްޖެނަމަ ދުޢާކޮށް ދަންނަވައެވެ. ކަމަކުން ރައްކާތެރިކަމަކަށް އެދުމުގެ އާޔަތެއް ކިޔަވާވިދާޅުވެއްޖެނަމަ ރައްކާތެރިކަމަށް އެދިވަޑައިގަންނަވައެވެ.”([13])
އަދި މީހަކު އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާއަށް ދެންނެވިއެވެ. “ހަމަކަށަވަރުން ރޭގަނޑެއްގައި މުޅި ޤުރްއާން އެއްފަހަރު ނުވަތަ ދެފަހަރު ތިމަން ކިޔަވަމެވެ.” އެހިނދު ވިދާޅުވިއެވެ. “ތިޔަގޮތަށް ކަންތައްކުރުމަށްވުރެ އެންމެ ސޫރަތެއް ކިޔެވުން ތިމަންގެ ގާތުގައި ލޮބުވެތިވެގެންވެއެވެ. އެއަށްވުރެ އިތުރަށް ކިޔަވާކަމުގައިވާނަމަ؛ ތިބާގެ ކަންފަތަށް އަޑުއިވޭވަރަށް، އަދި ތިބާގެ ހިތަށް ނަގައިގަނެވޭވަރަށް ކިޔަވާށެވެ!”([14])
(28) ކީރިތި ޤުރްއާނާމެދު ވިސްނައި ފިކުރުކުރުމަށް އެހީތެރިވެދޭ އެންމެ މުހިއްމު ސަބަބުތަކުގެ ތެރޭގައި: ޤުރްއާނުގެ ތަފްސީރު ފޮތްތަކަށް ބެލުމާއި، އެ ފޮތްތައް އުނގެނުމުގައި މަޑުމަޑުން ކުރިއަށް ދިޔުމާއި، ކުރު ޚުލާޞާ ތަފްސީރެއް ލިޔެފައިވާ މުޞްޙަފަކުން ކިޔެވުން ހިމެނެއެވެ.
(29) ކީރިތި ޤުރްއާނާމެދު ވިސްނައި ފިކުރުކުރުމަށް އެހީތެރިވެދޭ ސަބަބުތަކުގެ ތެރޭގައި: ކިޔަވާއިރު ހިތް ހާޒިރުކޮށްގެން ކިޔެވުންވެއެވެ.
އަލްއިމާމް އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ކީރިތި ޤުރްއާނުން ތިބާއަށް މަންފާވާން އެދޭކަމުގައިވާނަމަ، އެ ފޮތް ކިޔަވާ އަދި އަޑުއަހާއިރު ހިތް ޙާޒިރުކުރާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ فِي ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ﴾ (ق: 37) މާނައީ: “ހަމަކަށަވަރުން، ހިތެއްވާ މީހަކަށް، ނުވަތަ ޙާޒިރުވެހުންނަޙާލު ކަނުލައި އަހާމީހަކަށް، އެކަމުގައި ހަނދުމަކޮށްދިނުމެއްވާކަން ކަށަވަރެވެ.”
މި އާޔަތުގައިމިވާފަދައިން ފުރިހަމަވެގެންވާ އަސަރެއްކުރާނީ؛ އަސަރުކުރުވަނިވި އެއްޗަކާއެކު ސާބިތުވެ ހުރެގެންނެވެ. އަދި އަސަރުކުރުވަނިވި ގުނަން ކުރިމަތިކުރުވައިގެންނެވެ. އަދި އަސަރުކުރުވަނިވި ޝަރުޠާއެކުގައެވެ. އަދި އަސަރުކުރުވުން މަނާކުރުވަނިވި ކަންކަން ދުރުކޮށްގެންނެވެ. އިސްވެދިޔަ އާޔަތުގައި މި ހުރިހާކަމެއް އެވަނީ ބަޔާންކުރައްވާފައެވެ.
މިގޮތުން؛ ﴿إِنَّ فِي ذَٰلِكَ لَذِكْرَىٰ﴾ (މާނައީ: ހަމަކަށަވަރުން އެ ފޮތުގައި ހަނދުމަކޮށްދިނުމެއްވާކަން ކަށަވަރެވެ.) މިއީ އަސަރުކުރުވަނިވި އެތީގެވާހަކައެވެ. ﴿لِمَن كَانَ لَهُ قَلْبٌ﴾ (މާނައީ: ހިތެއްވާ މީހަކަށެވެ.) މިއީ އަސަރުކުރުވަނިވި ގުނަނުގެ ވާހަކައެވެ. ﴿أَوْ أَلْقَى السَّمْعَ﴾ (މާނައީ: ނުވަތަ ކަނުލައި އަހާމީހަކަށެވެ.) އެބަހީ؛ އަޑުއެހުން އެދިމާލަށް ކުރިމަތިކުރުވައި، ކަނުލައި އެހުމެވެ. މިއީ ބުނާބަހަކުން އަސަރުކުރާނެ ޝަރުޠެވެ. ﴿وَهُوَ شَهِيدٌ﴾ (މާނައީ: ޙާޒިރުވެހުންނަ ޙާލުގައެވެ.) އެބަހީ؛ ޣާފިލުވުމެއްނެތި، ހަނދާންނައްތާލުމެއްނެތި ހިތް ޙާޒިރުކޮށްގެން ހުރުމެވެ. މި ޢިބާރާތުން އިޝާރާތްކުރަނީ އަސަރުކުރުން މަނާކުރުވާނެކަމަކުން ދުރުވުމަށެވެ. އެއީ ހިތުން ހަނދާންނައްތާލައިގެން ހުރުމެވެ.”([15])
(30) ކީރިތި ޤުރްއާނާމެދު ވިސްނައި ފިކުރުކުރުމަށް އެހީތެރިވެދޭ ސަބަބުތަކުގެ ތެރޭގައި: ޢިލްމު އުނގެނޭ އެއްވުންތަކުގައި ޤުރްއާން އުނގެނުންވެއެވެ. އަދި އެއްފަހަރަށްވުރެ ގިނަފަހަރު އާޔަތް ތަކުރާރުކުރުން ހިމެނެއެވެ. އަދި އާޔަތްތަކުން އަސަރުކުރުވުން ހިމެނެއެވެ. އެއީ ތަސްބީޙަގެ އާޔަތެއް ކިޔަވައިފިނަމަ ތަސްބީޙަކިޔުމާއި، ރަޙްމަތުގެ އާޔަތްތައް ކިޔަވައިފިނަމަ ރަޙްމަތަށް އެދުމާއި، ޢަޛާބުގެ އާޔަތްތައް ކިޔަވައިފިނަމަ ރައްކާތެރިކަމަށް އެދުމެވެ.
އަދި ރޭގަނޑުގެ ރޭއަޅުކަމުގައި ކީރިތި ޤުރްއާން ކިޔެވުމެވެ. މިއީ ހުރިހާ ގޮތަކުން ހިތަށް އަސަރުކުރުވާނެ ކަމެކެވެ. އަދި ހިތާއި ދޫ ވަރަށްބޮޑަށް ގުޅުވައިދޭނެ ކަމެކެވެ.
(31) ކީރިތި ޤުރްއާނަށް ވިސްނައި ފިކުރުކުރުމަށް ހުރަސްއަޅާކަންކަމުގެ ތެރޭގައި: މާތް ﷲއަށް އުރެދުން ހިމެނެއެވެ. ޚާއްޞަކޮށް ބޮޑާކަމާއި، ހަވާނަފްސުގެ އެދުންތަކަށް ތަބާވުމާއި، ބިދުޢަތަކާ ގައިގޯޅިވުންވެއެވެ. އަދި ހިތް އެހެންކަންކަމަށް މަޝްޣޫލުކުރުވައި، އެ ފޮތާމެދު ޣާފިލުވުންވެއެވެ. އެ ފޮތުގެ އާޔަތްތަކުގެ މާނަތައް ނޭނގުމާއި، ޤުރްއާން ކިޔެވުމުގައި ހައްދުފަހަނައަޅާވަރަށް އަވަސްކުރުން ހިމެނެއެވެ.
طُوْبَى لِمَنْ حَفِظَ الْكِتَابَ بِصَدْرِهِ فَبَدَا وَضِيْئًا كَالنُّجُوْمِ تَأَلَّقَا
ޅެންބައިތުގެ މާނައީ: އެމީހެއްގެ ހިތުން އެ ފޮތް (އެބަހީ؛ ކީރިތި ޤުރްއާން) ހިތުދަސްކޮށްފިމީހަކަށް އުފާވެރިކަން ހުއްޓެވެ. ފަހެ، ވިދާ ބަބުޅާ ތަރިތަކެއްފަދައިން އެމީހަކު ސާފުވެ، ރިވެތިވާން ފަށާނެއެވެ.
اللهُ أَكْبَرُ، يَا لَهَا مِنْ نِعْمَةٍ لَمَّا يُقَالُ “اقْرَأْ”، فَرَتَّلَ وارْتَقَا
ޅެންބައިތުގެ މާނައީ: އެ މީހަކަށް ކިޔަވާށޭ ބުނެވި، ތަރުތީލުކޮށް ކިޔަވަމުން (ސުވަރުގޭގައި) ދަރަޖަތަކަށް އުފުލިގެން ދިޔުމަކީ ކިހާބޮޑު ނިޢުމަތެއް ހެއްޔެވެ. اللهُ أَكْبَرُ!
وَتَمَثَّلَ الْقُرْآنَ فِي أَخْلَاقِهِ وَفِعَالِهِ، فَبِهِ الفُؤَادُ تَعَلَّقَا
ޅެންބައިތުގެ މާނައީ: އަދި ޤުރްއާން ހިތުދަސްމީހަކީ އެމީހެއްގެ އަޚްލާޤާއި ޢަމަލުތަކުގައި ކީރިތި ޤުރްއާނުގެ މިސާލުން މިސާލު ލިބިގެންވާމީހެކެވެ. ފަހެ، އެމީހެއްގެ ހިތް ވަނީ އެ ފޮތާ ގުޅި ލާމެހިފައެވެ.
وَتَلَاهُ فِي جُنْحِ الدُّجَى مُتَدَبِّراً وَالدَّمْعُ مِنْ بَينِ الْجُفُوْفِ تَرَقْرَقَا
ޅެންބައިތުގެ މާނައީ: އަދި ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ވިސްނައި ފިކުރުކުރުމާއެކު އޭނާ ޤުރްއާން ކިޔަވައެވެ. އަދި (ލޮލުގެ) އެތެރޭގައިވާ ކަރުނަތައް އޮހޮރިގެން އާދެއެވެ.
هَذِي صِفَاتُ الْحَافِظِينَ كِتَابَهُ حَقًّا، فَكُنْ بِصِفَاتِهِمْ مُتَخَلِّقَا
ޅެންބައިތުގެ މާނައީ: ބަޔާންވެމިދިޔައީ ﷲގެ ފޮތް ޙައްޤުގޮތުގައި ހިތުދަސްމީހުންގެ ޞިފަތަކެވެ. ފަހެ، އެބައިމީހުންގެ ޞިފަތަކުން ޞިފަ ލިބިގަންނަމީހެއްކަމުގައި ތިބާވާށެވެ!
އަޅަމެން ﷲ ތަޢާލާއަށް އެދި ދަންނަވަނީ ޤުރްއާނުގެ އަހުލުވެރިންގެ ތެރޭގައި ލެއްވުމަށެވެ! އެ ފޮތުގެ ޢިލްމު ލިބިފައިވާ ބައެއްކަމުގައްޔާއި، އެ ފޮތުގައިވާ ޙުކުމްތަކަށް ޢަމަލުކުރާ ބައެއްކަމުގައި ލެއްވުމަށެވެ! އަދި އެ ފޮތާމެދު ވިސްނައި ފިކުރުކުރާ ބައެއްކަމުގައި ލެއްވުމަށާއި، އެ ފޮތުގައިވާ ޙައްދުތަކުގެ ތެރޭގައި ތިބޭބައެއްކަމުގައި ލެއްވުމަށެވެ. آمين!
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ.
______________________________________
([3]) ينظر: شرح النووي على صحيح مسلم (2/38)، وجامع العلوم والحكَم لابن رجب (1/221).
([4]) فضائل القرآن لأبي عُبَيد (ص 157).
([5]) مفتاح دار السعادة (1/535).
([6]) المنار المنيف في الصحيح والضعيف (ص 29).
([8]) شعب الإيمان للبيهقي (3/407).
([9]) مفتاح دار السعادة (1/535).
([10]) التبيان في آداب حملة القرآن للنووي (ص 54).
([11]) تفسير ابن أبي حاتم (3/718).
([12]) ينظر: تفسير الطبري (17/575)، وتفسير ابن كثير (3/85)، وتفسير السعدي (ص 468).