[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަނާއި ރިހީގެ ޒަކާތް ނެރޭނެ ގޮތް

ރަނާއި ރިހީގެ ތެރެއިން ބޭނުންނުކޮށް ފޮރުވާފައި ބަހައްޓާ ރަނާއި ރިހިން ޒަކާތް ވާޖިބުވާނޭ ކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ.
ރަނާއި ރިހީގެ ތެރެއިން ބޭނުން ކުރަމުންދާ (ގައިގައި އަޅާފައި ހުންނަ) ރަނާއި ރިހިން ޒަކާތް ވާޖިބުވާނެތޯ ނުވަތަ ނޫންތޯ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ. ރާޖިޙު ގޮތަކީ (އެންމެ ޞައްޙަ ގޮތަކީ) އަދި ޚިލާފުން ދުރުވެވޭނެ އެންމެ ރައްކާތެރި ގޮތަކީ ބޭނުން ކުރަމުންދާ ރަނާއި ރިހިން ޒަކާތް ނެރުމެވެ.

 

ރަންރިހިން ޒަކާތް ނެރެންޖެހޭ މިންވަރު

ރަންރިހިން ޒަކާތް ނެރެންޖެހެނީ ސާޅީސް ބައިކުޅައެއްބައެވެ. ނުވަތަ %2.5 އެވެ.

 

ރަނާއި ރިހީގެ ނިޞާބު

ޚާލިޞްރަނުގެ (ފެންވަރު 24 ކެރެޓު ރަނުގެ) ނިޞާބަކީ 85 ގްރާމެވެ. މާނައަކީ ރަނުން ޒަކާތް ނެރެން ޖެހޭނީ މީހެއްގެ އަތުގައި 24 ކެރެޓު ރަނުން ނަމަ 85 ގްރާމް ރަން ހަމަވެ އެއަށްވުރެ މަދުނުވެ ހިޖުރީ ގޮތުން އަހަރެއް ހަމަވުމުންނެވެ. އެހާތަނަށް އަމިއްލަ މިލްކިއްޔާތުގައިވާ ހުރިހާ ރަނަކުން ޒަކާތްދިނުން ވާޖިބުވާނެއެވެ. މިސާލަކަށް ޖުމްލަ ހުރީ 100 ގުރާމުގެ ރަންނަމަ ޒަކާތުގައި ގޮތުގައި ނެރޭނީ އޭގެ ސާޅީސްބައިކުޅަ އެއްބައި ކަމުގައިވާ 2.5 ގުރާމުގެ ރަނެވެ. ނުވަތަ ރަނުގެ އަގު ފައިސާއިންނެވެ. ރަނުގެ އަގު ބަލާނީ ޒަކާތް ނެރޭއިރު ބާޒާރުގައި ރަނުގެ އަގު ހުރި ނިސްބަތަށެވެ. ބާޒާރުގައި ރަނުގެ އަގު ހުރިވަރު ބަލާއިރު ބަލާނީ އަތުގައި ހުރި ކޮލެޓީގެ (24 ކެރެޓުގެ)އެ ބަރުދަނުގެ (ބޭނުންކޮށްފައި ހުރި) ރަނުގެ އަގެވެ.

އެހެންވީމާ 24 ކެރެޓު ރަނުގެ ނިޞާބު ހިސާބުކުރާނީ މިފަދައިންނެވެ.
އަތުގައި ހުރި 24 ކެރެޓު ރަނުގެ ބަރުދަން (×ގުނަ) 2.5 އިންސައްތަ
މިސާލަކަށް އަތުގައި ހުރީ 24 ކެރެޓުގެ 80 ގުރާމު ރަން ކަމަށް ވާނަމަ، ނިޞާބު ހަމައެއް ނުވެއެވެ. އެހެންކަމުން ޒަކާތް ދޭކަށް ނުޖެހޭޏެއެވެ.
މިސާލަކަށް އަތުގައި ހުރީ 24 ކެރެޓުގެ 200 ގުރާމު ރަން ކަމަށް ވާނަމަ، ނިޞާބު ހަމަ ވެއެވެ. އެއީ 85 ގުރާމަށްވުރެ އިތުރު ވާތީއެވެ. އޭރުން ޒަކާތުގެ ގޮތުގައި ނެރޭނީ 200 ގުރާމުގެ 2.5 އިންސައްތައެވެ. އެއީ 5 ގުރާމުގެ ރަނެވެ.

24 ކެރެޓުގެ ރަންނޫން އެހެން ފެންވަރެއްގެ ރަނުން ޒަކާތް ނެރޭއިރު ފުރަތަމަ ޖެހޭނީ 24 ކެރެޓުގެ ރަނުގެ ނިޞާބަށް ބަދަލު ކުރާށެވެ. ނިޞާބު ހަމަވޭތޯ ނުވަތަ ނޫން ތޯ ބެލޭނީ އޭރުންނެވެ. މިސާލަކަށް އަތުގައި ހުރީ 21 ކެރެޓުގެ 1000 ގުރާމުގެ ބަރުދަން ހުރި ރަން ކަމަށްވާނަމަ މީގެ ނިޞާބު ބަލާނީ:
ނިޞާބު= އަތުގައި ހުރި ރަނުގެ ބަރުދަން (×ގުނަ) އަތުގައި ހުރި ކޮލެޓީ (ކެރެޓު) ÷ (ގެއްލަން) 24
ނިޞާބު= (1000×21) ÷24= 875 ގުރާމު875 ގުރާމު (އެހެންވީމާ ނިޞާބު ހަމަ ވެއްޖެއެވެ.) އެއީ 85 ގުރާމަށްވުރެ އިތުރު ވީމައެވެ. އެހެންކަމުން ޒަކާތުގެ ގޮތުގައި ނެރޭނީ 875 ގުރާމުގެ 2.5 އިންސައްތައެވެ. އެއީ 21.86 ގުރާމުގެ 24 ކެރެޓު ރަނުގެ އަގަށްވާ ފައިސާއެވެ.
މިގޮތަށް ހަދަންޖެހޭ ސަބަބަކީ ބައެއް ފެންވަރުގެ ރަނުގެ 85 ގުރާމު ހަމަވިޔަސް، އޭގެން ޒަކާތް ނެރެން ނުޖެހޭތީއެވެ. މިސާލަކަށް 21 ކެރެޓު ރަނުގެ 85 ގުރާމު ހަމަވިޔަސް އޭގައި ނިޞާބެއް ހަމައެއް ނުވާނެއެވެ. އެހެނީ މިދެންނެވި ގޮތަށް 24 ކެރެޓުގެ ރަނުގެ ނިޞާބަށް އެ ބަދަލުކުރާ އިރު އަންނަނީ
(85×21) ÷24 = 74.375 ގުރާމެވެ. އެހެންކަމުން ނިޞާބު ހަމައެއް ނުވެއެވެ.
އެހެން ކޮލެޓީއެއްގެ ރަނަށްވެސް ނިޞާބު ހޯދާނީ މި ގޮތަށެވެ.

މިކަމުގައި މިއަށްވުރެ ފަސޭހަ މަގެއްވެސް ވެއެވެ. އެއީ އެކި ކޮލެޓީ ރަންތަނުގެ ނިޞާބު ތިރީގައި މިވަނީއެވެ. މި މިންވަރަށް އެ ކޮލެޓީއަކުން ހަމަވާ ވަރަށް ރަން ހުރެއްޖެނަމަ ނިޞާބު ހަމަވީއެވެ.
22 ކެރެޓު ރަނުގެ ނިޞާބަކީ 92.7 ގުރާމެވެ.
21 ކެރެޓު ރަނުގެ ނިޞާބަކީ 97.1 ގުރާމެވެ.
18 ކެރެޓު ރަނުގެ ނިޞާބަކީ 113.3 ގުރާމެވެ.
16 ކެރެޓު ރަނުގެ ނިޞާބަކީ 127.6 ގުރާމެވެ.
14 ކެރެޓު ރަނުގެ ނިޞާބަކީ 145.7 ގުރާމެވެ.
10 ކެރެޓު ރަނުގެ ނިޞާބަކީ 240 ގުރާމެވެ.
އެކި ކޮލެޓީގެ ރަން ހުރިނަމަ، ޢަމަލު ކުރަންޖެހޭނެ ގޮތަކީ އެކި ކޮލެޓީތަކުގެ ރަން 24 ކެރެޓުގެ ރަނުގެ ނިޞާބަށް ބަދަލުކުރާނީއެވެ. ދެން އަންނަ ނަތީޖާތައް އެއްކޮށްލުމަށްފަހު، ޖުމްލަ ބަރުދަނުގެ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރޭނީއެވެ.

 

ރިހީގެ ނިޞާބު

ރިހީގެ ނިޞާބަކީ 595 ގްރާމެވެ. މާނައަކީ ރިހިން ޒަކާތް ނެރެން ޖެހޭނީ މީހެއްގެ އަތުގައި 595 ގްރާމް ރިހި ހަމަވެ އެއަށްވުރެ މަދުނުވެ ހިޖުރީ ގޮތުން އަހަރެއްވުމުންނެވެ. އެހާތަނަށް އަމިއްލަ މިލްކިއްޔާތުގައިވާ ހުރިހާ ރިއްސަކުން ޒަކާތްދިނުން ވާޖިބުވާނެއެވެ. މިސާލަކަށް ޖުމްލަ ހުރީ 1000 ގުރާމުގެ ރިހިނަމަ ޒަކާތުގައި ގޮތުގައި ނެރޭނީ އޭގެ ސާޅީސްބައިކުޅަ އެއްބައި ކަމުގައިވާ 25 ގުރާމުގެ ރިހީގެ އަގު ފައިސާއިންނެވެ. ރިހީގެ އަގު ބަލާނީ ޒަކާތް ނެރޭއިރު ބާޒާރުގައި ރިހީގެ އަގު ހުރި ނިސްބަތަށެވެ. ބާޒާރުގައި ރިހީގެ އަގު ހުރިވަރު ބަލާއިރު ބަލާނީ އަތުގައި ހުރި ކޮލެޓީގެ އެ ބަރުދަނުގެ (ބޭނުންކޮށްފައި ހުރި) ރިހީގެ އަގެވެ.
އެންމެ ފަސޭހަ ގޮތަކީ 595 ގުރާމަށްވުރެ ގިނަ ރިހި އަތުގައި ހުރި ނަމަ އަތުގައި ހުރި ރިހީގެ ބަރުދަން 40 ން ގެއްލާފައި އަންނަ އެއްޗެއް ނެރުމެވެ. އޭރުން އެ ނެރެވެނީ 40 ބައިކުޅަ އެއްބަޔެވެ.
މި ދެ އެއްޗަކީ ތަފާތު ޖިންސުގެ ދެއެތި ކަމުގައިވާތީ ރަނާއި ރިހިން ޒަކާތް ނެރޭއިރު ދެއެތި މައްސުނިކޮށްގެން ނިޞާބު ހަމަ ނުކުރެވޭނެއެވެ. ރަނުގެ ހުރިހާ ބާވަތެއްވެސް ބެލޭނީ އެއީ ރަންކަމަށެވެ. މިސާލަކަށް ހުދުރަން ބަލާނީ ރަންކަމަށެވެ.

 

ރަނާއި ރިހީގެ ޒަކާތް ނެރޭނީ ކޮން އިރަކު؟
އެތަކެތި މިލްކު ކުރި ދުވަހުން ފެށިގެން ހިޖުރީ ގޮތުން އަހަރެއް ވުމުންނެވެ.

 

މިއަދު ތިބާ ހަށިގަނޑު ޒީނަތްތެރި ކުރުމަށްޓަކާ ހޯދާ ގަހަނާއަކީ މާދަމާ އެހަށިގަނޑަށް ހަޑިވެގެންވާ ޢަޛާބު ލިބުމުގެ ސަބަބަކަށް ނުހަދާށެވެ.

(وَالذِّيْنَ يَكْنِزُوْنَ الذَّهَبَ وَالْفِضَّةَ وَلاَ يُنْفِقُوْنَهَا فِيْ سَبِيْلِ للهِ فَبَشِّرْهُمْ بِعَذَابٍ ألِيْم * يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنُوْبُهُمْ وَظُهُوْرُهُمْ هَذا مَا كَنَزْتُمْ لأنْفُسِكُمْ فَذُوْقُوا مَا كُنْتُمْ تَكْنِزُوْنَ) – التوبة 35-34

މާނައީ: “ޒަކާތުގެ ގޮތުގައި ﷲ ގެ މަގުގައި ހޭދަކުރަންވީ ބައި ހޭދަނުކޮށް، ރަނާއި ރިހީގެ ޚަޒާނާ ޖަމާކޮށް ރައްކާކޮށްފައި ބަހައްޓާމީހުންނަށް ޤިޔާމަތްދުވަހު ވޭންދެނިވި ޢަޛާބު ހުރިކަމުގެ އިންޛާރު ކަލޭގެފާނު ދެއްވާށެވެ. އެބައިމީހުން އެއްކުރި މުދާ، ޤިޔާމަތްދުވަހު ނަރަކައިގެ އަލިފާނުން ދޮންކުރެވި، އެމީހުންގެ ނިތްކުރިތަކުގައްޔާއި އަރިކަށިތަކުގައްޔާއި ބުރަކަށިތަކުގައި ޖައްސައި ފިއްސާލެވޭނެއެވެ. (އަދި އެމީހުންނަށް ބުނެވޭނެއެވެ.) މިއީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި ތިޔަބައިމީހުން ޖަމާކުރި ތަކެއްޗެވެ. މިތަކެތީގެ (ޢަޛާބުގެ) ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ.”

 

 

މަރްޖިޢުތައް
“فقه زكاة الحلي” للصبيحي (ص: 24 – 25).
https://islamqa.info/ar/159371