[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞަދަޤާތްކުރުން 5

ޞަދަޤާތްކުރާމީހާ ޞަދަޤާތްކުރާ ކޮންމެ ފަހަރަކު އޭނާގެ ހިތާއި މޭ އެކަމަށްޓަކައި ތަނަވަސްވެއެވެ. އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

“ޞަދަޤާތްކުރުމުގައި މިނޫން އެހެން ފައިދާއެއް ނުވި ނަމަވެސް، މިކަމަށްޓަކައި އަޅާ މިކަން ގިނަކުރުމާއި މިކަމަށް އަވަސްވެގަތުން ޙައްޤެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ﴾ [سورة الحشر ٩]

މާނައީ: “އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންނީ ހަމަ ދިންނަވާނެ މީހުންނެވެ.”

އިބްނުލް ޤައްޔިމުގެ ބަސްފުޅު ނިމުނީ [1]

ދަހިމީހާވަނީ އިޙްސާންތެރިކަމުން މަޙުރޫމުވެފައެވެ. އަދި ހެޔޮކަމުން މަނާވެފައެވެ. އަދި މޭ ނުތަނަވަސްވެފައެވެ. އަދި ނަފްސު ދަތިވެ، އުފާވެރިކަން ކުޑަވެފައެވެ. އަދި ކަންބޮޑުކަމާއި ހާސްކަމާއި ހިތާމަ ގިނަވެފައެވެ. އޭނާގެ ކަމެއް ދުވަހަކުވެސް ހަމަނުޖެހޭ ކަހަލައެވެ. އަދި އޭނާ ކުރާކަމެއްގައި އެހީތެރިކަމެއްވެސް ނުލިބެއެވެ.

ކޮންމެ ދުވަހެއްގައިވެސް ކިތަންމެ ކުޑަ އެއްޗަކުންވިޔަސް ޞަދަޤާތްކުރާށެވެ. އެންމެ ރަނގަޅު ޞަދަޤާތަކީ ދަތިކަމުގެ ވަޤުތުކުރާ ޞަދަޤާތެވެ. ކޮންމެ ދުވަހެއްގައިމެ ދެމަލާއިކަތުން ފައިބާވަޑައިގަންނަވައެވެ. އަދި އެއްބޭކަލަކު ވިދާޅުވެއެވެ. “އޭﷲ! ހޭދަކުރާމީހާއަށް އޭގެ ބަދަލުދެއްވާނދޭވެ!” އަދި އަނެއްބޭކަލަކު ވިދާޅުވެއެވެ. “އޭﷲ! ހޭދަނުކޮށް ހިފަހައްޓާމީހާގެ މުދާ ހަލާކުކުރައްވާނދޭވެ!”

ޞަދަޤާތްކުރުމުން، ދަރަންޏެއްގެ ގޮތުގައި އޭގެ ބަދަލު ގުނަކުރެވިގެން އަނބުރާ ލިބެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَا نَقَصَتْ صَدَقَةٌ مِنْ مَالٍ» [رواه مسلم]

މާނައީ: “ޞަދަޤާތްކޮށްގެން މުދާ އުންޏެއް ނުވެއެވެ.”

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿مَّن ذَا الَّذِي يُقْرِضُ اللَّـهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً ۚ وَاللَّـهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ﴾ [سورة البقرة ٢٤٥]

މާނައީ: “ހެޔޮވެގެންވާ ދަރަންޏަކުން ﷲ އަށް ދަރަނި ދޭހުށީ (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، ﷲ އެ ދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށް ދެއްވާނެތެވެ. ރިޒްޤު ދަތިކުރައްވަނީ، އަދި ތަނަވަސްކުރައްވަނީވެސް ﷲ އެވެ. އަދި ތިޔަބައިމީހުން އެނބުރި ރުޖޫޢަކުރައްވާހުށީ ހަމަ އެއިލާހުގެ ޙަޟްރަތަށެވެ.”

ފަހެ ދީލަތިކަމާއެކު ފަޤީރުންނަށް ހޭދަކުރާށެވެ. އަދި ﷲ ތަޢާލާ ތިބާގެ ޘަވާބާއި މުދާ އިތުރުކޮށްދެއްވާނެކަމާމެދު ޔަޤީންކުރާށެވެ.

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް

 

 

[1] الوابل الصيب ص: 51