[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އެހީއެއް

ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ޝަރުޢީ ޢިލްމު އުނގެނުމުގެ ފުރަތަމަ ފިޔަވަޅެވެ. ޝަރުޢީ ޢިލްމު އުނގެނޭ ދަރިވަރުންގެ އިތުރުން ޢާންމުންވެސް ކުޅަދާނަވީވަރަކުން ޤުރުއާން ހިތުދަސްކުރުމަށް އިސްލާމްދީނުގައިވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވައިފައެވެ. ޤުރުއާނުން މިންވަރެއް ހިތުދަސްވެފައިނެތް މީހާގެ ހިތަކީ ވީރާނާވެފައިވާ ފަޅުގެއެއްފަދަ އެއްޗެއްކަމަށް ނަބަވީ ހަދީސްތަކުގައި ސިފަކުރައްވާފައިވެއެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދޭނެ މަގު ބަޔާންކޮށްދީފައިވަނީ ކީރިތި ޤުރުއާނުގައެވެ. އެފޮތެއް ކިޔެވުމުން އެންމެ ބޮޑަށް ބަރަކާތުގެ ދޮރުތައް ހުޅުވޭނެ ފޮތަކީ ކީރިތި ޤުރުއާނެވެ. އެފޮތް ކިޔަވާ ޢަމަލުކޮށްފިނަމަ، ޤިޔާމަތްދުވަހުން ތިމާއަށް ޝަފާޢަތްތެރިވެދޭނެ ފޮތަކީ ކީރިތި ޤުރުއާނެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

 ((اقْرَءُوا الْقُرْآنَ ، فَإِنَّهُ يَأتِيْ يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ)) [أخرجه مسلم في صحيحه]

މާނައީ: ”ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހުން ޤުރުއާން އޭގެ އަހުލުވެރިންނަށް (އެ ކިޔަވާ، ދަސްކޮށް އެއަށް ޢަމަލުކުރިމީހުންނަށް) ޝަފާޢަތްތެރިވުމަށް އަންނާނެއެވެ.”

 

 

ކީރިތި ޤުރުއާން ހިތުދަސްކުރުމުން ލިބޭ މަތިވެރި އަޖުރު

ހާފިޒުންނަށް ލިބޭ މަތިވެރި އަޖުރު ޒިކުރުކުރުމުގެ ކުރީގައި، ޤުރުއާން ކިޔެވުމުން ލިބޭ ސަވާބާއި ދަރުމަ  ޒިކުރުކޮށްލާނަމެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

«مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ» [رواه الترمذي وصححه الألباني]

މާނައީ:”ﷲ ގެ ފޮތުން އެންމެ އަކުރެއްވެސް ކިޔަވައިފި މީހަކަށް ހެޔޮ ކަމެއްވެއެވެ. ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ހެޔޮކަންފަދައެވެ. الم އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއް ނުވަމުއެވެ. އެހެންނަމަވެސް ا އަކީ އަކުރެކެވެ. ل އަކީވެސް އަކުރެކެވެ. އަދި م އަކީވެސް އަކުރެކެވެ.”އަދިވެސް ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

((خِيَارُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ)) [أخرجه أحمد: حديث1317 وهو حديث صحيح].

މާނައީ: ”ތިޔބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ޤުރުއާން އުނގެނި، އެހެންމީހުންނަށް އެއުނގަންނައިދޭ މީހާއެވެ.”

އަދި އެކަލޭގެފާނު ހަދީސްކުރައްވާފައިވެއެވެ.

(( يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا )) [أخرجه الترمذي: حديث 3914 وهو حديث صحيح] .

މާނައީ: ”ޤުރުއާނުގެ އަހުލުވެރިޔާއަށް ޤިޔާމަތްދުވަހުން ބުނެވޭނެތެވެ. ތިބާ ކިޔަވާށެވެ. (އަދި ކިޔަވަމުން ސުވަރުގޭގައި) މައްޗަށް އަރާށެވެ. އަދި ތިބާ ދުނިޔެމަތީގައި ތަރްތީލްކޮށް ކިޔެވިފަދައިން ތަރްތީލްކޮށްކިޔަވާށެވެ. ސުވަރުގެއިން ތިބާއަށްލިބޭ މަންޒިލަކީ ކިޔަވަމުން ކިޔަވަމުން މައްޗަށްއަރަމުންގޮސް އެންމެ ފަހުން ތިބާ ކިޔަވާ އާޔަތާއެކު ވާޞިލްވެވޭ ހިސާބެވެ.”

 

 

ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އެހީވެދޭ ބައެއް ސަބަބުތައް

 1. އިޚްލާޞްތެރިކަން

ކުރިންވެސް ދެންނެވިފަދައިން ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ޝަރުޢީ ޢިލްމު އުނގެނުމުގެ ތަޅުދަނޑިއެވެ. އެހެން ޢިލްމުތަކަށްވުރެ ބޮޑަށް، ޝަރުޢީ ޢިލްމު އުނގެނުމުގައި ތިމާގެ ހިތް ނިޔަތް ﷲ އަށް ޚާލިޞްކުރަން ޖެހެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

((مَنْ تَعَلَّمَ عِلْمًا مِمَّا يُبْتَغَى بِهِ وَجْهُ اللَّهِ عَزَّ وَجَلَّ لاَ يَتَعَلَّمُهُ إِلاَّ لِيُصِيبَ بِهِ عَرَضًا مِنَ الدُّنْيَا لَمْ يَجِدْ عَرْفَ الْجَنَّةِ يَوْمَ الْقِيَامَةِ)) [رواه أبو داود وصححه الألباني]

މާނައީ: ”ހަމައެކަނި ﷲ ތަޢާލާގެ ވަޖުޙުފުޅު އެދައިގެން އުނގެނެންޖެހޭ ޢިލްމެއް، ދުނިޔަވީ ފައިދާއެއް ހޯދުމުގެ ނިޔަތުގައި ޙާޞިލްކޮށްފިނަމަ އެމީހަކަށް ޤިޔަމާތްދުވަހު ސުވަރުގޭގެ ވަސްވެސް ނުލިބޭހުއްޓެވެ.”

ޢިލްމު އުނގެނުމުން ލިބޭ އުޚުރަވީ ސަވާބާމެދު ވިސްނާ އެކަން ހަނދާނުގައި ބަހައްޓާނަމަ، ޢިލްމު އުނގެނުމުގައި އިޚްލާޞްތެރިވާން ފަސޭހަވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

((مَنْ سَلَكَ طَرِيقًا يَلْتَمِسُ بِهِ عِلْمًا، سَهَّلَ اللَّهُ بِهِ طَرِيقًا مِنْ طُرُقِ الْجَنَّةِ)) [رواه مسلم]

މާނައީ: “ޢިލްމު ޙާސިލްކުރުމަށްޓަކައި (ޢިލްމު ޙާސިލްކުރެވޭފަދަ) މަގަކުން ހިނގައިފިމީހާއަށް، ސުވަރުގެއަށް ދެވޭ މަގުތަކުންކުރެ މަގެއް ﷲ ތަޢާލާ އޭނައަށް ފަހިކޮށްދެއްވާނެއެވެ.”

 1. ތަޤްވާވެރިކަން އިތުރުކުރުން

ތަޤްވާވެރިކަމަކީ ﷲތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމާއި އަދި ނަޙީތަކުން ދުރުވެގަތުމެވެ.

ތަޤްވާވެރިކަން އިތުރުވާވަރަކަށް، ތިމާގެ ހިތްމަޑުވެ، ހިލަކަން ފިލާ، ހިތްސާފުވާނެއެވެ. ބޭކާރު ޚިޔާލުތަކާއި ވަސްވާސްތަކުން ސަލާމަތްވެވި، ސަމާލުކަން (concentration)  އިތުރުވާނެއެވެ. ތިމާގެ ޢިލްމުވެރިކަމާއި އެއްވަރަށް ތަޤްވާވެރިކަން އިތުރުކުރަން ޖެހެއެވެ. ތަޤްވާވެރިކަމާއި ޢިލްމާއިހުރި ގުޅުން ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުން ހާމަވެގެންދެއެވެ.

﴿وَاتَّقُوا اللَّـهَ ۖ وَيُعَلِّمُكُمُ اللَّـهُ﴾ [2:282]

މާނައީ: “ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ.”

ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.

﴿وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا﴾ [65:4]

މާނައީ: “އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނައެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.”

 1. ފާފަތަކުން ދުރުވުން

ފާފަތަކުގެ ސަބަބުން ހިތުގައި ކަޅުލައްތަކެއްޖެހި، ހިތް ކަޅުވެގެންދެއެވެ.

އެއްދުވަހަކު އިމާމް ޝާފިޢީ އެކަލޭގެފާނުގެ އެދުވަހުގެ ފިލާވަޅު ދަސްކުރަން އުނދަގޫވެގެން އެކަމުގެ ޝަކުވާ އެކަލޭގެފާނުގެ އުސްތާޒު އިމާމް ވަކީޢްއަށް ކުރިއެވެ. އެހިނދު އިމާމް ވަކީޢް އިމާމް ޝާފިޢީގެފާނަށް އިރުޝާދު ދެއްވީ ފާފަތަކުން ދުރުވުމަށެވެ.

شَكَوْتُ إلَى وَكِيعٍ سُوءَ حِفْظِي

فَأرْشَدَنِي إلَى تَرْكِ المعَاصي

وَأخْبَرَنِي بأَنَّ العِلْمَ نُورٌ

ونورُ الله لا يهدى لعاصي

ތިމަންކަލޭގެފާނަށް ފިލާވަޅު ހިތުދަސްކުރަން އުނދަގޫވެ އެކަމުގެ ޝަކުވާ ތިމަންކަލޭގެފާނުގެ އުސްތާޒު ވަކީޢުއަށް ކުރީމެވެ.

އެހިނދު އުސްތާޒު ތިމަންކަލޭގެފާނަށް އިރުޝާދު ދެއްވީ ފާފަތަކުން ދުރުވުމަށެވެ.

އަދި ޢިލްމަކީ ނޫރެއްކަމަށް ވިދާޅުވިއެވެ.

ﷲ އަށް އުރެދޭމީހުންނަށް ﷲ އެނޫރު ނުދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

 1. ގިނައިން މުރާޖަޢާ ކުރުން

ހަނދާންނުނެތޭ ވަރަށް ހިތުދަސްކުރަން ބޭނުންނަމަ އެކަމަށް އޮތް އެންމެ މޮޅު ޙައްލަކީ ތަކުރާރުކޮށް އެއެއްޗެއްކިޔުމާއި، ކޮންމެ ހަފްތާއަކު އެއްފަހަރުހެން އެ އެއްޗެއް ދަސްވެފައިވަނީ ކިހާވަރަކަށްތޯ ބެލުމެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

((إِنَّمَا مَثَلُ صَاحِبِ القُرْآنِ، كَمَثَلِ صَاحِبِ الإِبِلِ المُعَقَّلَةِ، إِنْ عَاهَدَ عَلَيْهَا أَمْسَكَهَا، وَإِنْ أَطْلَقَهَا ذَهَبَتْ)) [رواه مسلم]

މާނައީ: ”ހަމަކަށަވަރުން ޤުރުއާނުގެ އަހުލުވެރިޔާގެ މިސާލަކީ ޖަމަލު ގެންގުޅޭ މީހާގެ މިސާލެވެ. އެ އޭގެ ކަރުގައި އެލުވާފައި އޮންނަ ވާ ރަނގަޅަށް އައްސާފައި ބާއްވާނަމަ، އެ ފިލައިގެން ނުދެއެވެ. އެކަމަކު އެ ވާ މޮހިއްޖެނަމަ އެ ޖަމަލު ސާހިބުމީހާ ދޫކޮށް ފިލައިދެއެވެ.”

 1. ހެނދުނުގެ ވަގުތުތަކުގެ ބޭނުންހިފުން

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ވަނީ މިއުއްމަތުގެ މީހުންގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތްލެއްވުމަށްއެދި ދުޢާކުރައްވާފައެވެ. ޤުރުއާން ހިތުދަސްކުރުމަށް އެންމެ މޮޅު އެއް ވަޤުތަކީ ފަތިސްނަމާދު ފަހުން އޮންނަ ވަގުތުތަކެވެ.

 1. ބޭކާރުކަންކަމުގައި ވަގުތު ހޭދަނުކުރުން

ޤުރުއާން ހިތުދަސްކުރުމަކީ އެކަމަށްޓަކައި އެކަށޭނެ ވަޤުތުބޭނުންވާ ކަމެކެވެ. ޤުރުއާން ހިތުދަސްކުރަން މަސައްކަތްނުކުރެވުމުގެ ސަބަބެއްކަމަށް ގިނަ މީހުން ދައްކަނީ ވަގުތު ނުލިބުމެވެ. އެކަމަކު ރަނގަޅަށް ‘ޓައިމް މެނޭޖު’ކުރާނަމަ މިކަމަށް ބޭނުންވާ ވަގުތު ރަނގަޅަށް ލިބޭނެއެވެ. ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ ފޮތެއް ކަމުގައިވުމުން ޤުރުއާން ކިޔަވަން ތިމާވަގުތު ހޭދަކުރުމަކީ ތިމާގެ އެހެންކަންކަން ފަސޭހައިން ކުރެވެން މަގުފަހިވާނެކަމެކެވެ. ﷲ ތަޢާލާ އެކަމުގެ ސަބަބުން ދުވަހުގެ އެންމެހާ ވަގުތުތަކެއްގަޔާއި ކަމެއްގައި ބަރާކާތް ލައްވަވާނެއެވެ.

﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ﴾ [38:29]

(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ.

 ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

((مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ)) [حديث حسن رواه الترمذي وغيره]

”ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.”

މިހަދީސް ޝަރަޙަކޮށްދެއްވަމުން އަލްޢައްލާމާ ޢަބްދުލްމުޙްސިން އަލްޢައްބާދު ވިދާޅުވެފައިވެއެވެ.

“ތިމާއާއި ނުބެހޭ ކަންކަމުންނާއި ބޭކާރު ކަންކަމުން ދުރުވެގަތުމަކީ ހިތަށް ލިބިދޭ ހިތްހަމަޖެހުމެކެވެ. ޢަބުރަށް ލިބިދޭ ސަލާމަތްތެރިކަމެކެވެ. މި ޙަދީސްގައި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް މުސްލިމުންނަށް ބާރުއަޅުއްވާފައި މިވަނީ ތިމާއާއި ނުބެހޭ ކަންކަމުންނާ އަދި އެކަންކަމުން ތިމާއަށް ދުނިޔޭގައިވެސް ނުވަތަ އާޚިރަތުގައިވެސް ފައިދާއެއްނުކުރާ ކަންކަމުން ދުރުވެގަތުމަށެވެ. އަދި ދުނިޔޭގައި ނުވަތަ އާޚިރަތުގައި ފައިދާކުރާ ކަންކަމުގައި މަޝްޣޫލުވުމަށެވެ.”

((نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ ، الصِّحَّةُ ، وَالْفَرَاغُ)) [رواه البخاري]

މާނައީ: ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކުރެވޭ) ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ.”

 1. ޤުރުއާން ހިތުދަސްކުރާއިރު އެކި ދުވަހު އެކި މުސްހަފުން ކިޔުމުގެ ބަދަލުގައި އަބަދުވެސް އެއް މުސްހަފު ގެންގުޅުން
 2. ޤުރުއާން މުދައްރިސެއްގެ ލަފާގެ މަތިން ތިމާއާއި މުނާސަބު ޤާރީ އެއް އިޚްތިޔާރުކޮށް އެ ޤާރީ ގެ ކިޔެވުން ގިނަގިނައިން އަޑުއެހުން
 3. އަވަސްވެ ނުގަންނާށެވެ. އެއް ސަފްޙާ ރަނގަޅަށް ދަސްނުވަނީސް އަނެއް ސަފްހާ ދަސްނުކުރާށެވެ.
 1. އާޔަތްތަކުގެ ތަފުސީރުކިޔުން

ތަފްސީރު އިބްނި ކަޘީރު ފަދަ ތަފްސީރަކުން އާޔަތްތަކުގެ ތަފްސީރުކިޔުމުން އާޔަތްތައް ބާވައިލެއްވި ސަބަބުތައް އެނގޭނެއެވެ. އަދި އާޔަތްތަކާގުޅޭ ގޮތުން ހިނގާފައިވާ ހާދިސާތައްވެސް އެނގޭނެއެވެ. އޭރުން އެއް އާޔަތް އަނެއް އާޔަތާއި ގުޅޭގޮތްވެސް ފަސޭހައިން ނަގައިގަނެވޭނެއެވެ.

މިސާލަކަށް، ބަޤަރާ ސޫރަތުގެ 142 ވަނަ އާޔަތުން ފެށިގެންގޮސް 150 ވަނަ އާޔަތާއި ހަމައަށް ބަޔާންކުރައްވާފައިވަނީ ޤިބްލަ ބަދަލުކުރެއްވުނު ހާދިސާގެ ވާހަކަތަކެވެ.

 ސޫރަތުލް އާލްޢިމްރާންގެ 121 ވަނަ އާޔަތުން ފެށިގެންގޮސް 129 ވަނަ އާޔަތާއި ހަމައަށް ބަޔާންކުރައްވާފައިވަނީ އުޙުދު ހަނގުރާމައިގެ ވާހަކައެވެ. ހަމައެސޫރަތުގެ 150 ވަނަ އާޔަތުން ފެށިގެންގޮސް 155 ވަނަ އާޔަތާއި ހަމައަށް ބަޔާންކުރައްވާފައިވަނީވެސް އުޙުދު ހަނގުރާމައިގެ ވާހަކައެވެ. ސޫރަތުއްތައުބާގައި ތަބޫކު ހަނގުރާމައާގުޅޭ އާޔަތްތައްވެއެވެ.

          ސޫރަތުއްނޫރުގައި އިފްކުގެ ހާދިސާއާއި ގުޅޭ އާޔަތްތައްވެއެވެ.

 

 

ހިފްޒްކުރުމުގެ ޕްރޮގްރާމް ބައްޓަންކުރެވިދާނެ ގޮތެއް

އެހެންކަންކަމެކޭވެސް އެއްފަދައިން، ޤުރުއާން ހިތުދަސްކުރުމަކީވެސް ރޭވުންތެރިކަމާއެކު ވަކި އިންތިޒާމެއްގެ ދަށުން ގެންދަންޖެހޭނެކަމެކެވެ. ރޭވުންތެރިކަމެއްނެތްނަމަ މިކަމުގައިވެސް ކާމިޔާބުވުން ދުރުވާނެއެވެ.

މިގޮތުން އެންމެ ފުރަތަމަ ކަމަކީ ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ކަނޑައެޅުމެވެ. މިސާލަކަށް ކޮންމެ ދުވަހަކު އެންމެ މަދުވެގެން އެއް ޞަފްޙާ ދަސްކުރަން ޢަޒުމުކަނޑައެޅިދާނެއެވެ. އަދި ކޮންމެ މަހަކު އެންމެ މަދުވެގެން އެއްފޮތް ދަސްކުރަން ކަނޑައެޅިދާނެއެވެ. މަސްނިމުމުން އުއްމީދުކުރި ނަތިޖާ ޙާސިލްކުރެވުނުތޯ ބަލަންޖެހޭނެއެވެ. ހިތުދަސްކުރާބައި ކިޔާދޭނެ ވަކި މީހަކު ބަހައްޓާ، ޤަވާއިދުން އެމީހަކަށް ދަސްކުރާބައި ކިޔައިދެމުންގެންދަން ޖެހޭނެއެވެ. ޤުރުއާން ހިތުދަސްކުރާ އެހެން ރަޙްމަތްތެރިން އުޅޭނަމަ އެމީހުންނާއި ގުޅިގެން މަސައްކަތްކުރުމަކީ ޤުރުއާން ހިތުދަސްކުރުމުގެ ދަތުރަށް އިތުރު ދިރުމާއި ފޯރި ގެނެސްދޭނެ ކަމެކެވެ. ވަކިބަޔަކާއި ނުގުޅި އަމިއްލައަށް ހިތުދަސްކުރުން ގެންދާނަމަ ފޫހިވުމާއި އެކަމަށް ދެވޭ އިސްކަން(ނުވަތަ (commitment ކުޑަވުން ފަދަ ކަންކަން ކުރިމަތިވާނެއެވެ. އެންމެ މޮޅު އަދި އެންމެ ރަނގަޅު ގޮތަކީ ޤުރުއާން ހިތުދަސްކޮށްދޭ ކުލާހެއްގައި ނުވަތަ ޙަލަޤާއެއްގައި ބައިވެރިވުމެވެ.

ޤުރުއާނުން ސޫރަތެއް ހިތުދަސްކުރަންފެށުމުގެ ކުރިން އެސޫރަތެއްގެ މާނައާއި ތަފްސީރުކިޔުމަކީ ހިތުދަސްކުރުން ފަސޭހަވެގެންދާނެކަމެކެވެ. މެދުކަނޑުމެއްނެތި ކޮންމެ ދުވަހަކުވެސް ޤަވާއިދުން މުރާޖަޢާކުރުމަކީ ކޮންމެހެންވެސް ކުރުން ލާޒިމުކަމެކެވެ.  ހިތުދަސްކުރާބައި ގިނަވާވަރަކަށް މުރާޖަޢާވެސް އިތުރުކުރަން ޖެހޭނެއެވެ. މިސާލަކަށް ހިތުދަސްވެފައިވަނީ ތިންފޮތް ކަމުގައިވާނަމަ، ކޮންމެދުވަހަކުވެސް އެއްފޮތް މުރާޖަޢާކުރަން ވާނެއެވެ.  މީގެއިތުރުން މިއަދު ހިތުދަސްކުރިބައި އުސްތާޒަށް ނުވަތަ އެހެންވެސް ގާތްމީހަކަށް ކިޔައިދިނުމުގެ ކުރިން އިއްޔެގެ ފިލާވަޅު މުރާޖަޢާގެ ގޮތުގައި ކިޔައިދިނުމަކީވެސް ވަރަށް މުހިންމުކަމެކެވެ. ހިތުދަސްކުރާބައިބައި ގުޅުވާލަން ފަސޭހަވާނީ އޭރުންނެވެ.  އިސްވެ ބަޔާންކުރެވުނު ވާހަކަތަކުގެ ޚުލާޞާއަކީ ހިތުދަސްކޮށްފައިވާ ބައިތައް މީހަކަށް ކިޔައިދޭއިރު ތިން ބަޔެއް ކިޔައިދޭން ޖެހޭކަމެވެ. އެއީ:

 • القديم (ކުރީގެ ދުވަސްތަކުގައި ދަސްކޮށްފައިވާ ބައިތައް)
 • ما قبل الجديد (މިއަދު ދަސްކުރި ބައިގެ ކުރީގައިވާ ޞަފްޙާތައް)
 • الجديد (މިއަދު ހިތުދަސްކުރި ބައި)

ދިގު ސޫރަތްތައް ހިތުދަސްކުރާއިރު ما قبل الجديد ކިޔައިދިނުމުގެ މުހިންމުކަން އިތުރުވެގެންދެއެވެ.

 

 

ނިންމުން

ޤުރުއާން ހިތުދަސްކުރުމުގެ ދަތުރަކީ ވަރަށް ހީވާގިކަމާއި ކެތްތެރިކަމާއެކު މެނުވީ ނުކުރެވޭނެ ކަމެކެވެ. މިކަމަށް ބޭނުންވަނީ މަތިވެރި ޢަޒުމަކާއި ނުގުޑާފަދަ ސާބިތުކަމެކެވެ. ސާބިތުކަމޭ މިދެންނެވީ ކޮންމެދުވަހަކުވެސް ތިމާ ރާވާފައިވާގޮތަށް އައު ޞަފްޙާތައް ހިތުދަސްކުރުމާ އަދި ކުރިން ދަސްކޮށްފައިވާ ބައިތައް މުރާޖަޢާކުރުމެވެ. އެކަމުން ލިބޭ މަތިވެރި އަޖުރު ހަނދާންކޮށް، ޖޯޝާއިއެކު އެމަސައްކަތުގައި ކުރިޔަށް ދިޔުމެވެ. ފޮނި ނަތީޖާ ލިބުންވަނީ ހިއްމަތާއެކު މިންނެތް މަސައްކަތްކުރާ މީހުންނަށެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

((الْمُؤْمِنُ الْقَوِىُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنَ الْمُؤْمِنِ الضَّعِيفِ وَفِى كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ وَاسْتَعِنْ بِاللَّهِ وَلاَ تَعْجِزْ)) [رواه مسلم]

މާނައީ: “ބަލިކަށި މުއުމިނަކަށްވުރެ، ވަރުގަދަ މުއުމިނެއް، ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑެވެ. އެދެމީހުންގެ ކިބައިގައިވެސް ހެޔޮކަންވެއެވެ. (ދުނިޔެއާއި އާޚިރަތުގައި) ތިމާޔަށް ފައިދާލިބޭ ކަންކަން ހޯދުމަށް ދަހިވެތިކަމާއިއެކު މަސައްކަތްކުރާށެވެ. އަދި ﷲގެ ވާގިފުޅު އެދޭށެވެ. އަދި ނިކަމެތިވެ ނުގަންނާށެވެ..”

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވާފަދައިން ދުނިޔެއާއި އާޚިރަތުގައި ތިމާޔަށް ފައިދާލިބޭ ކަންކަންހޯދުމަށް ޖޯޝާއިއެކު މިންނެތް މަސައްކަތްކުރާށެވެ. އެކަންކަމުގައި

ނިކަމެތި ވެނުގަންނާށެވެ. ޢަރަބި ޝާއިރަކު ވިދާޅުވެފައިވެއެވެ.

إذا أنت لم تزرع وأبصرت حاصداً
ندمت على التفريط في زمن البذر

ޖުމްލަ މާނައީ:”ގޮވާންކުރުމުގެ މޫސުމުގައި، ތިބާ މުޑުވަށްކޮށް ގޮވާން ނުއިންދައިފިއްޔާ، ގޮވާންކެނޑުމުގެ މޫސުން އައުމުން، ރަނގަޅު ގޮވާމެއް ނުލިބުނުކަމަށްޓަކައި ދެރަވެ ހިތާމަ ކުރަންޖެހޭނެއެވެ.”