الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އެންމެހާ އަޅުކަންތައް އަދާކުރަންވީގޮތް ރަސޫލާ صلى الله عليه وسلم ވަނީ ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. މިގޮތުން މާތްކުރައްވާ މަތިވެރިކުރައްވާފައިވާ ތަންތަނުގައާއި އެފަދަ ދުވަސްވަރުގައި ކިޔަންވީ ޛިކުރުތައްވެސް އެކަލޭގެފާނުވަނީ ބަޔާންކުރައްވާފައެވެ.
މައްކާގެ އަލްމަސްޖިދުލް ޙަރާމްއަށް ދެވިއްޖެމީހާ ގިނަގިނައިން ޛިކުރުކޮށް ދުޢާކުރުން އިތުރުކުރުން ހުއްޓެވެ. ނަމަވެސް އެތަނަށް ވަނުމަށްފަހު އެކި ވަގުތުތަކަށް ޚާއްޞަކޮށްގެން ކިޔުމަށްހުރި ޛިކުރުތަކެއް ބައެއް ފޮތްފޮތާއި ލިޔުންތަކުގައި ލިޔެފައި ހުންނަ ތަން ފެނެއެވެ. އެހެންކަމުން މިލިޔުމުގައި އަލިއަޅުވާލާނީ ކަޢުބާ ފެނުމުން ކިޔުމަށް ޚާއްޞަ ޛިކުރެއް ނުވަތަ ދުޢާއެއް އޮވޭތޯއެވެ.
ކަޢުބާއަށް ބެއްލެވުމަށްފަހު ނަބިއްޔާ صلى الله عليه وسلم ކިޔުއްވިކަމަށް، އެކަލޭގެފާނަށް ނިސްބަތްކުރެވިފައިވާ ދުޢާއެއް
(ضعيف) عَنْ حُذَيْفَةَ بْنِ أَسِيدٍ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا نَظَرَ إِلَى الْبَيْتِ قَالَ: «اللهُمَّ زِدْ بَيْتَكَ هَذَا تَشْرِيفًا وَتَعْظِيمًا وتَكْرِيمًا وَبِرًّا وَمَهَابَةً»
[رواه الطبراني في المعجم الكبير (3053)، وضعفه الألباني في سلسلة الضعيفة (4215)]
މާނައީ: ޙުޛައިފާ ބުން އުސައިދު ވިދާޅުވިއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم (ކަޢުބަތުﷲ) ގެފުޅަށް ބައްލަވާއިރު މިފަދައިން ހަދީޘްކުރައްވައެވެ.
«اللهُمَّ زِدْ بَيْتَكَ هَذَا تَشْرِيفًا وَتَعْظِيمًا وتَكْرِيمًا وَبِرًّا وَمَهَابَةً»
“އޭ ﷲ! އިބަ ﷲގެ މި ގެފުޅުގެ ޝަރަފުވެރިކަމާއި މާތްކަމާއި ކަރާމަތާއި ހެޔޮކަމާއި ހައިބަތު އިތުރުކޮށްދެއްވާނދޭވެ.”
މިއީ ޞައްޙަ ޙަދީޘެއް ނޫނެވެ. މިއީ ضعيف (ބަލިކަށި) ޙަދީޘެކެވެ. މިޙަދީޘް ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި عُمَرُ بْنُ يَحْيَى الأَيْلِيْ އާއި عَاصِمُ بْنُ سُلَيْمَانَ الكُوْزِيْ ހިމެނެއެވެ. މިދެ ރާވީންނަކީ ضعيف (ބަލިކަށި) ދެ ރާވީންނެވެ. [1]
މިޙަދީޘްގެ ސަނަދު ޞައްޙަ ނޫންކަމުގައި ވިދާޅުވެފައިވާ ކުރީގެ ޢިލްމުވެރިންގެ ތެރޭގައި އަލްހައިޘަމީ ހިމެނިވަޑައިގަންނައެވެ. [2]
ފަހުގެ ޢިލްމުވެރިންގެ ތެރޭގައި ޝައިޚު އަލްބާނީ [3] އާއި ޢަބްދުލްޤާދިރުއާއި ޝުޢައިބު އަލްއަރްނައޫޠު ހިމެނިވަޑައިގަންނައެވެ. [4]
ކަޢުބާ ފެނުމުން ޢުމަރު رضي الله عنه ކުރެއްވި ދުޢާއެއް
(حسن) عَنْ حُمَيْدِ بْنِ يَعْقُوبَ سَمِعَ سَعِيدَ بْنَ الْمُسَيِّبِ ، يَقُولُ: سَمِعْتُ مِنْ عُمَرَ رَضِيَ اللهُ عَنْهُ كَلِمَةً مَا بَقِيَ أَحَدٌ مِنَ النَّاسِ سَمِعَهَا غَيْرِي سَمِعْتُهُ يَقُولُ إِذَا رَأَى الْبَيْتَ: “اللهُمَّ أَنْتَ السَّلَامُ ، وَمِنْكَ السَّلَامُ ، فَحَيِّنَا رَبَّنَا بِالسَّلَامِ”. [رواه البيهقي في السنن الكبرى (9216)، وحسنه الألباني في مناسك الحج والعمرة (ص: 20)]
މާނައީ: ޙުމައިދު ބުން ޔަޢުޤޫބު އަރިހުން ރިވާވެގެންވެއެވެ. ސަޢީދު ބުން އަލްމުސައްޔަބު ވިދާޅުވަނިކޮށް އެކަލޭގެފާނު އަޑުއެއްސެވިއެވެ. “ޢުމަރު رضي الله عنه ވިދާޅުވި ބަސްފުޅެއް ތިމަން އަޑުއެހީމެވެ. ތިމަން ނޫނީ އެބަސްފުޅު އަޑުއެހި އެކަކުވެސް މިހާރަކު ނުވެއެވެ. އެކަލޭގެފާނަށް ގެފުޅު ފެނިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ:
“اللهُمَّ أَنْتَ السَّلَامُ ، وَمِنْكَ السَّلَامُ ، فَحَيِّنَا رَبَّنَا بِالسَّلَامِ”.
“އޭ ﷲ! އެންމެހާ ޢައިބުތަކުން އިބަ އިލާހު ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ. އަދި އަމާންކަމާއި ސަލާމަތްކަންވަނީ އިބަ އިލާހުގެ ޙަޟްރަތުންނެވެ. ފަހެ އަޅަމެންގެ ރައްބެވެ! ސަލާމަތްކަމުގެ ޛަރިއްޔާއިން އަޅަމެންނަށް ދިރުން ދެއްވާނދޭވެ.” “
މިޙަދީޘްއަކީ ޢަމަލުކުރެވޭ ޙަސަން ދަރަޖައިގެ އަޘަރެއްކަމުގައި ޝައިޚު އަލްބާނީ [5] އާއި ޢަބްދުލްޤާދިރުއާއި ޝުޢައިބު އަލްއަރްނައޫޠު -رحمهم الله- ވިދާޅުވެފައިވެއެވެ. [6]
ޚުލާޞާ
ގެފުޅު ފެނުމުން ނަބިއްޔާ صلى الله عليه وسلم ވަކި ޚާއްޞަ ދުޢާއެއް ކުރެއްވިކަމަށް ޘާބިތުވެފައި ނުވެއެވެ. ނަމަވެސް ގެފުޅު ފެނުމުން “اللهُمَّ أَنْتَ السَّلَامُ ، وَمِنْكَ السَّلَامُ ، فَحَيِّنَا رَبَّنَا بِالسَّلَامِ” މިފަދައިން ޢުމަރުގެފާނު ކިޔުއްވިކަމަށް ޘާބިތުވެފައިވެއެވެ. އެހެންކަމުން މިފަދައިން ކިޔުމަކީ އެންމެ ރަނގަޅު ކަމެކެވެ. [7]
والله تعالى أعلم.
________________________________________________
1 ބައްލަވާ: سلسلة الأحاديث الضعيفة للألباني / مجلد: ٩ / ص: ٤۰٢/ رقم الحديث:٥٤٦٢ / طبعة: مكتبة المعارف
2 ބައްލަވާ: مجمع الزوائد للهيثمي / مجلد: ٣ / ص: ٢٢٧-٢٢٨/ رقم الحديث:٤٢١٥ / طبعة: دار الكتب العلمية
3 ބައްލަވާ: سلسلة الأحاديث الضعيفة للألباني / مجلد: ٩ / ص: ٢٢٧-٢٢٨/ رقم الحديث:٤٢١٥ / طبعة: مكتبة المعارف
4 ބައްލަވާ: زاد المعاد لإبن القيم بتحقيق الأرنؤوط / مجلد: ٢ / ص: ٢۰٧/ / طبعة: مؤسسة الرسالة
5 ބައްލަވާ: مناسك الحج والعمرة للألباني / ص: ٢۰/ طبعة: مكتبة المعارف
6 ބައްލަވާ: زاد المعاد لإبن القيم بتحقيق الأرنؤوط / مجلد: ٢ / ص: ٢۰٧-٢۰٨/ / طبعة: مؤسسة الرسالة
7 ބައްލަވާ: مناسك الحج والعمرة للألباني / ص: ٢۰/ طبعة: مكتبة المعارف