[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (4)

5- ކުދިން އުޅޭ ނޫޅޭ ގޮތް ނުބެލުން

ކުދިންނަކީ ފުށްގަނޑެއް ފަދަ ބައެއް ކަމަށް ބަލާނަމަ، އެފުށްގަނޑު މޮޑޭނެ މީހަކު ނެތި އެފުށްގަނޑު ބަހައްޓައިގެން ނުވާނެއެވެ. އެހެންކަމުން، އެފުށްގަނޑު ހިކުމުގެ ކުރިން އެ ރަނގަޅަށް އެންމެ ފުރިހަމައަށް މޮޑޭނެ މީހަކު ހުންނަން ޖެހޭނެއެވެ. އެނޫންނަމަ، އެފުށްގަނޑު ހިކުމުން ދެން އެބޭނުން ބައްޓަމަކަށް ހެދުމަކީ ވަރަށް އުނދަގޫކަމެކެވެ. އެހެންކަމުން އެކުދިންނަށް ބަލައި ހެދުމަކީ މިއެވެ. މިކަމަކީ އެކުދިންގެ ކިބައިގައި ރިވެތި އާދަތަކާއި، މަތިވެރި އަޚުލާޤު އަށަގެންނެވުމަށް ވަރަށް ފައިދާކުރަނިވި ކަމެކެވެ.

ކުދިން އުޅޭ ނޫޅޭ ގޮތް ރަނގަޅަށް ބެލުމަކީ އެކުދިންގެ ކިބައިގައި ހުންނަ ރަގަޅު ސިފަތައް ހަރުލައްވާ، ގޯސްކަންތައްތަކުން ދުރުހެލިކުރުވުމަށްޓަކައި، ތަރުބިއްޔަތުގެ މައިދާނުގައި ބޭނުންކުރެވޭ އެންމެ މުހިއްމު އެއް އަސާސެވެ. އެހެނީ، ކުޑަކުދިންނަކީ ވަރަށް އަވަހަށް ހަނދާންނެތޭ އަދި އެކުދިންގެ ހަވާނަފްސަށް ތަބާވެވޭ ބައެކެވެ. އަދި ކަންކަން ހޯދާ ބަލައި ހަދަން ބޭނުންވުމުގެ ސަބަބުން މަންމައިން ކިޔައިދީފައި ހުންނަ ރަނގަޅު މަގުން އެއްކިބާވެވި، މަނާކުރެވިފައިވާ ކަންކަން ތަޖުރިބާކުރަން ބޭނުންވާނެއެވެ. އެހެންކަމުން، އެކުދިން އުޅޭ ނޫޅޭ ގޮތް ބަލައި، ގޯސްކަންތައްތައް އިސްލާޙުކުރުވަން އެކަމަށް ހުސްވެ ހުންނަ މަންމަ ކޮބައިހެއްޔެވެ؟ އެއްކުއްޖަކަށްވުރެ ގިނަ ކުދިން ތިބޭ މަންމައެއް ނަމަ، ކޮންމެ ކުއްޖަކަށްވެސް ކަންކަން އިޞްލާޙުކުރަން އެކުއްޖަކަށް ޚާއްސަ އުސްލޫބެއް ބޭނުންކުރަން ޖެހޭނެއެވެ. އަދި އެކިއެކި ކަންކަމުގައި އެކުދިންނަށް ތަރުބިއްޔަތުދީ، އެކަމުގައި ދިގު މުއްދަތު ހޭދަވާނެއެވެ. އަދި މިކަމަކީ ބާލިޣުވުމަށްފަހު ވެސް ކުރަންޖެހޭ ކަމެކެވެ.

މިހުރިހާ ކަމެއްވެސް މިކުރަނީ ވަރަށް އުނދަގޫ ބުރަ ވަޒީފާއެއް އަދާކުރުމަށްޓަކައެވެ. މިކަމުގައި ﷲ އަހަރެމެން މަންމައިންނަށް އެހީތެރިވެވޮޑިގެންނެވުމުގައި ދެމިވޮޑިގެންވެއެވެ.

6- ރަނގަޅު ގޮތްތައް ގިނަވުމާއި، ގޯސްގޮތަކީ ކޮބައިކަން ނޭނގުން

އާދިރާސާތައް ކުރެވި، ނަފްސާނީ ޢިލްމު ކުރިއަރަން ފެށުމުން، ސުލޫކިއްޔާތާބެހޭ މަޒްހަބުތައް ގިނަވެއްޖެއެވެ. މީގެ ސަބަބުން މުރައްބީންނަށް (ތަރުބިއްޔަތުކުރާ މީހުންނަށް) ވަނީ އޮޅުން ބޮޅުން ގިނަވެފައެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި އެމީހުން ކަންތައް ކުރަންވީ ކިހިނެތް ހެއްޔެވެ؟ އަދި ރަނގަޅު މަގުން ހިނގާނީ ކިހިނެތް ހެއްޔެވެ؟ ކޮންމެ ދުވަހަކުވެސް މަންމަ އެކިއެކި ޙާލަތްތަކާ ކުރިމަތިލާންޖެހެއެވެ. އަދި އެކަމެއްގައި ކަންކުރަންޖެހޭ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ސުވާލުކުރެއެވެ. މިގޮތަށް ބައެއް ޙާލަތުގައި ބައްޕަ އެކަން ކުރާނެ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރާ ގޮތާ މަންމަ ޚިޔާލު ތަފާތުވެއެވެ. އޭގެ ސަބަބުން އެދެމީހުންގެ ދެބަސްވުންތަކުގެ މެދުގައި އެކުދިންނަށް ގެއްލުން ލިބެއެވެ.

މިގޮތުން އޮޅުންއަރާ ކަމެއްގެ މިސާލެއް ހިމަނާލާނަމެވެ. އަހަރެންގެ ދަރިފުޅު އޭނާގެ ކޮޓަރީގައި އެކަނި އޮވެ ނިދަން ބިރުގަންނަނަމަ: އަހަރެންގެ ކޮޓަރީގައި އޭނާ ނިންދަވަން ހުއްދަ ދޭންވީ ހެއްޔެވެ؟ ނޫނީ އޭނާގެ ކޮޓަރީގައި އޭނާއާއެކީ އަހަރެން ނިދަންވީ ހެއްޔެވެ؟ ނޫނީ އޭނާ އެގަންނަ ބިރު އެއީ މާބޮޑު ކަމަކަށް ނަހަދައި، އޭނާގެ ކޮޓަރީގައި އޭނާ އެކަނި އޮވެ ނިދަން މަޖުބޫރުކުރަންވީ ހެއްޔެވެ؟ ނޫނީ އޭނާއަށް އޯގާތެރިވެ، އެކަނި ނިދުމަށް އޭނާ ރުއްސަން މަސައްކަތްކުރަންވީ ހެއްޔެވެ؟ ނޫނީ ނިދާއިރު ބޮކި ދިއްލާފައި ބާއްވަންވީ ހެއްޔެވެ؟ ނޫނީ ދަރިފުޅު ބިރުގަންނަވަރު ކުޑަކުރަން މަންމަގެ އަޑު ރިކޯޑް ކޮށްފައި އަޑު އިވޭ ގޮތަށް ބަހައްޓަންވީ ހެއްޔެވެ؟

ދެން މިކަމަށް ކަމާބެހޭ މާހިރުން ހުށަހަޅާ ޙައްލުތަކުގެ ތެރޭގައި ރަނގަޅު ގޮތްތަކާއި، ނުރަނގަޅު ގޮތްތައް ވެއެވެ. ރަނގަޅު ޙައްލުތައް ގިނަކަމުން އަމިއްލަ ނަފްސާ ސުވާލުކުރެވެއެވެ. މިތަނުން އަހަރެން އިޚްތިޔާރުކުރާނީ ކޮން ޙައްލެއް ހެއްޔެވެ؟ މިތަނުން އެންމެ އަހަރެމެންނާ ގުޅޭނެ ޙައްލަކީ ކޮބައި ހެއްޔެވެ؟ މިޙައްލަކީ ހުރިހާ ކުދިންނާ ގުޅޭނެ ޙައްލެއް ހެއްޔެވެ؟ ނުވަތަ މިޙައްލު ގެނެސްދެވިފައިވާ އުސްލޫބަކީ ކުޑަ ދަރިފުޅުގެ ޝަޚުޞިއްޔަތާއި އޭނާގެ ނަފްސާ އެކަށޭނަ ޙައްލެއް ހެއްޔެވެ؟

މިފަދަ ކަންކަމުގައި މައިންނަށް ހެދެނީ ގޯހެއްކަން އެނގިގެންދަނީ އެކަމެއް ކުރެވޭ ފަހުންނެވެ.  ރަނގަޅު ގޮތާއި ނުރަގަޅު ގޮތުގެ ދެމެދުގައިވަނީ ވަރަށް ހަނި ފަރަޤެކެވެ. ދަރިފުޅު ޅަކޮށްގެން ގެންގުޅުމަކީ ވަކި ޙައްދެއްގެ ތެރޭގައި ކުރާ ނަމަ އޭގައި މައްސަލައެއް އޮތްކަމެއް ނޫނެވެ. މާބޮޑަށް ޅަކޮށްގެން ގެންގުޅެފިނަމަ އެދަރިފުޅަށް އޭގެއިން ލިބޭނީ ގެއްލުމެވެ. އެހެންކަމުން މަންމައަށް މިކަމުގައިވާ (ޙައްލުތަކުގެ ތެރެއިން ރަނގަޅާއި ނުބައި ވަކިކުރަން) ފަރަޤު ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟

ތަރުބަވީ މަދަރުސާތައް ގިނަވެ، އެމަދަރުސާތަކަށް ނިސްބަތްވާ މީހުންގެ ޘަޤާފަތާއި ވިސްނުން ތަފާތުވުމުގެ ސަބަބުން، އެމީހުންގެ މަޒްހަބުތައް ވެގެންގޮސްފައިވަނީ އެއް މަޒުހަބާއި އަނެއް މަޒުހަބު ތަޢާރުޟުވާ މަޒުހަބުތަކަކަށެވެ! އެއް ތަރުބަވީ މަދަރުސާއަކުން ބުނެފާނެއެވެ. “ދަރިފުޅު އުފަންވީއްސުރެ އޭނާއަށް ގާތުން ދިނުން އޮންނަން ޖެހޭނީ ތާވަލެއް ގޮތަށް ރާވާލެވިފައެވެ. ދެގަޑިން ދެގަޑިން ކުއްޖާއަށް ގާތުން ދެވޭ ގޮތަށެވެ.” އަނެއް މަދަރުސާއިން ބުނާނެއެވެ. “ދަރިފުޅު ރޯ ކޮންމެ ފަހަރަކު ގާތުން ދޭށެވެ.” މިގޮތަށް ތަރުބިއްޔަތުކުރުމުގެ އެކިއެކި ދިމަދިމާއިން މި މަޒުހަބުތަކުގެ އިޚްތިލާފު އޮވެއެވެ. އެހެންވީމާ މިއިޚްތިލާފާ މެދު ކަންކުރާނީ ކިހިނެތް ހެއްޔެވެ؟

****************************

ދަރިން ތަރުބިއްޔަތުކުރުމުގައި ދިމާވާ ކަމަށް އަހަރެން ކުރިން ބަޔާންކުރި އުނދަގޫތަކަކީ މިއީއެވެ. މިއީ ދަރިން ތަރުބިއްޔަތުކުރުމުގެ މަސައްކަތަށް، އެކަންކަމުގެ އަސަރު ވަރަށްބޮޑަށް ކުރާ ކަންކަމަށްވުމުން އެކަންކަމަށް ފަރުވާކުޑަކޮށްގެން ނުވާނެއެވެ. މިގޮންޖެހުންތަކާއި، ދަތިތަކާއި، އުނދަގޫތަކަކީ މައިންނާއި ބަފައިން ކުރީ ޒަމާނުގައިވެސް އެކަންކަމާ ކުރިމަތިލާފައިވާ ކަންކަމެވެ. މި ޒަމާނުގައި މިވަނީ މިކަންކަން އިތުރަށް ވަރުގަދަވެ، އަދި އޭރު ކުރިމަތިވި ކަންކަމުގެ އިތުރަށް އާ އުނދަގޫތަކާއި ގޮންޖެހުންތައް އިތުރުވެފައެވެ.

ދަރިން ތަރުބިއްޔަތުކުރާއިރު އަހަރެމެންގެ އަމިއްލަ ބާރާނުލައި ކުރިމަތިވާ ކަންކަން ކުރިމަތިވުމުން، އޭގެއިން ތަރުބިއްޔަތަށް ވަރަށް އުނދަގޫ އަސަރުކުރެއެވެ. މިއިން ކޮންމެ ކަމަކީ އެކަމަކުން މަންމަގެ ރުޅި އިސްވާ، އަދި އޭނާގެ މިޒާޖަށް އަސަރުކުރާ، އޭނާގެ އަމިއްލަ މަޞްލަޙަތު އިސްކުރެވޭކަހަލަ ކަންކަމެވެ. އަދި އޭނާގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅޭ ކަންކަމެވެ. އެހެންކަމުން މުޅި މުޖުތަމަޢު އޭނާއާ ދެކޮޅަށް ތިބޭނަމަ އޭނާގެ ޙާލަކީ ކޮބައިހެއްޔެވެ؟!

އެހެންކަމުން، މިއީ ތަރުބިއްޔަތުކުރުމުގައި ޙަޤީޤީ އުނދަގޫތައް އުފަންވެގެން އަންނަ ހިސާބެވެ. އެހެނަސް:

އެންމެ ފުރަތަމަ އިންސާނުން އުފެއްދެވީއްސުރެ، މައިންބަފައިން އަންނަނީ ދަރިން ތަރުބިއްޔަތުކުރަމުންނެވެ. އަދި ޖީލަކަށްފަހު ޖީލެއް މިދަނީ އުފަންވަމުންނެވެ. އެހެންވިއްޔާ ކުއްލިއަކަށް، މިކުރިމަތިވީ ކޮންކަމެއް ހެއްޔެވެ؟ ދަރިންނާބެހޭ ޝަކުވާތައް ގިނަވެ، މުޞީބާތްތައް ގިނަ މިވީ ކީއްވެ ހެއްޔެވެ؟ މި ޖީލުގެ ކުދިންގެ މައްޗަށް މައިންބަފައިންގެ ބާރު ނެތުނީ ކީއްވެ ހެއްޔެވެ؟ ކުރީ ޖީލުތަކާއި މިޖީލާ ތަފާތުވަނީ ކޮން ކަމެއްގައި ހެއްޔެވެ؟

      މިސުވާލުތަކުގެ ޖަވާބުތައް ކުރިއަށް ހުރި ޞަފްޙާތަކުން ލިބިގެން ދާނެއެވެ.

****************************

____________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!