[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުކުރުނަމާދާއި މެންދުރު ނަމާދުގެ ފަރަޤުތައް

 • ޖަމާޢަތެއް ނެތި ހުކުރު ނަމާދެއް ނުކުރެވޭނެއެވެ. ހުކުރު ޖަމާޢަތުގެ ޢަދަދާމެދު ޢިލްމުވެރިންގެ މެދުގައިވަނީ ޚިލާފު ވެފައެވެ.

– މެންދުރު ނަމާދަކީ އެކަނިވެސް އަދި ޖަމާޢަތުގައިވެސް އަދާކުރެވިދާނެ ނަމާދެކެވެ.

 • – ހުކުރު ނަމާދު ޤާއިމު ކުރެވޭނީ ރަށްރަށުގަޔާއި “ސިޓީ” (city) ތަކުގައެވެ.

– މެންދުރު ނަމާދަކީ ކޮންމެ ތަނެއްގައިވެސް އަދާކުރެވޭ ނަމާދެކެވެ.

 • – ދަތުރު މަތީގައި ހުކުރު ނަމާދު ޤާއިމު ނުކުރެވޭނެއެވެ. ދަތުރުވަރެއްގައި އުޅޭ ބަޔަކު ރަށަކުން ހުރަސްކުރާއިރު އެރަށުގެ އަހުލުވެރިން ހުކުރުކޮށްފައިވާނަމަ އެ ޖަމާޢަތުގެ އަހުލުވެރިންނަށް ދެން ހުކުރެއް ނުކުރެވޭނެއެވެ.

– މެންދުރު ނަމާދަކީ ދަތުރުވެރިއަކަށްވެސް އަދި ރަށުގައި ޤާއިމުވެގެން ހުރި މީހަކަށްވެސް ޤާއިމުކުރަން ޖެހޭ ނަމާދެކެވެ.

 • – ޙާޖަތެއް ނެތި ރަށެއްގައި ހުކުރު ނަމާދު އެއް މިސްކިތަށް ވުރެ ގިނަ މިސްކިތުގައި ޤާއިމު ނުކުރެވޭނެއެވެ.

– މެންދުރު ނަމާދަކީ ކޮންމެ މިސްކިތެއްގައިވެސް ޤާއިމުކުރެވޭނެ ނަމާދެކެވެ.

 • – ވަގުތު ފާއިތުވުމުން ހުކުރު ނަމާދު ޤަޟާ ނުކުރެވޭނެއެވެ. އެހެނަސް އޭގެ ބަދަލުގައި ކުރާނީ މެންދުރު ނަމާދެވެ.

– ޢުޛުރެއް އޮވެގެން މެންދުރު ނަމާދު ފާއިތުވާ މީހާއަށް ޤަޟާ ކުރެވޭނެއެވެ.

 • – ހުކުރު ނަމާދަކީ އަންހެން ކަނބަލުންނަށް ލާޒިމު ނަމާދެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ފިރިހެނުންނަށް ޚާއްޞަ (ގޮތެއްގައި ލާޒިމުވެގެންވާ) ނަމާދެކެވެ.

– މެންދުރު ނަމާދަކީ ފިރިހެނުންނަށްވެސް އަދި އަންހެން ކަނބަލުންނަށްވެސް (އަދާކުރުން) ލާޒިމު ނަމާދެކެވެ.

 • – ހުކުރު ނަމާދަކީ އަޅުންގެ މައްޗަށް ލާޒިމު ނަމާދެއް ނޫނެވެ. އެކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ. އަދި ބައެއް ތަފްޞީލުތައްވެސް ވެއެވެ.

– މެންދުރު ނަމާދަކީ މިނިވަނުންނާއި އަޅުންގެ މައްޗަށްވެސް ލާޒިމުކުރައްވާފައިވާ ނަމާދެކެވެ.

 • – ހުކުރުނަމާދުގެ ކުރިން އަދާ ކުރާ ޝިޢާރުތަކެއް ވެއެވެ. އޭގެ ތެރޭގައި ހިނައިގަތުމާއި މީރުވަސް ދުވާފަދަ އެއްޗެއް ލުމާއި (އެމީހެއްގެ އަތުގައި އޮތް) އެންމެ ރީތި ހެދުން ލުންފަދަ ކަންތައްތައް ހިމެނެއެވެ.

– މެންދުރު ނަމާދުގެ ކުރިން އަދާކުރަން ޖެހޭ އެފަދަ ކަންތައްތަކެއް ނުވެއެވެ.

 • – ހުކުރުނަމާދު ފާއިތުވާ މީހާއަށް، ދެން (އެދުވަހު) ހުކުރު ނަމާދެއް ނުކުރެވޭނެއެވެ. އޭނާ ކުރާނީ މެންދުރު ނަމާދެވެ.

– މެންދުރުނަމާދު (ޖަމާޢަތުގައި) ނުކުރެވުނު މީހާ ދެން މެންދުރު ނަމާދު ކުރާނީ ހަމަ އިމާމުމީހާ ކުރި ފަދައިންނެވެ. ޤަޞްރުކޮށް ނަމާދުކުރަން ޖެހޭ (ދަތުރުވެރިން) ފިޔަވައެވެ.

 • – ހުކުރު ނަމާދުގައި ސުންނަތް ގޮތަކީ އަޑު ހަރުކޮށް ކިޔެވުމެވެ.

– މެންދުރު ނަމާދުގައި ސުންނަތް ގޮތަކީ ސިއްރުން ކިޔެވުމެވެ.

 • – ހުކުރު ނަމާދުގެ ކުރިން ޚުޠުބާ ކިޔަން ޖެހެއެވެ.

– މެންދުރު ނަމާދުގެ ކުރިން ޚުޠުބާއެއް ނޯވެއެވެ.

 • – ހުކުރުނަމާދު ފާއިތުވެއްޖެނަމަ މިސްކިތުގައިވެސް އަދި އެހެން ތަނެއްގައިވެސް އެ އިޢާދައެއް ނުކުރެވޭނެއެވެ.

– މެންދުރު ނަމާދުގެ ޖަމާޢަތް ފާއިތުވެއްޖެނަމަ މިސްކިތުގައި ނުވަތަ އެހެންތަނެއްގައި ވިޔަސް އެ އިޢާދަ ކުރެވޭނެއެވެ.

 • – ހުކުރުނަމާދަށް އަވަސްވެ ގަތުމަކީ އެކަމަށް ޙާއްޞަ ޘަވާބުތަކެއް ކަނޑައަޅުއްވާފައިވާ ކަމެކެވެ. އަދި އެކަމުގައި އެމީހަކު ކުރިއަރާދާ މިންވަރަށް ޚާއްޞަ ޘަވާބުތަކެއްވެސް ވެއެވެ. އަދި ހުކުރު ނަމާދަށް ކުރިން ދާ މީހުން ލިޔުއްވުމަށް މަލާއިކަތް ބޭކަލުން މިސްކިތުގެ ދޮރުތައް ކައިރީގައި ތިއްބަވައެވެ.

– މެންދުރު ނަމާދާ ބެހޭގޮތުން އެފަދައިން ވާރިދުވެފައި ނުވެއެވެ.

އަދި މިނޫން ބައެއް ފަރަޤުތައްވެސް ޢިލްމުވެރިން މިކަމުގައި ބަޔާންކުރައްވައެވެ.

______________________________

ބައްލަވާ: مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (15/378).