[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورة الكهف

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

 1. ފިތުނަތަކުން ރައްކާތެރިވުން
 1. ކަހަފު ސޫރަތުގައި އައިސްފައިވާ ހަތަރު ވާހަކަ

 – ކަހަފުގެ (ހޮހަޅައިގެ) އަހުލުވެރިންގެ ވާހަކަ

 – ދެ ބަގީޗާގެ ސާހިބުމީހާގެ ވާހަކަ

–  ޚަޟިރުގެފާނާއި މޫސާގެފާނުގެ ވާހަކަ

–  ޛުލްޤަރްނައިނިގެ ވާހަކަ

 1. ހަތަރު ވާހަކައާ ގުޅިފައިވާ ހަތަރު ފިތުނަ (އިމްތިހާން)

–  ދީނުގެ ފިތުނަ

 – މުދަލުގެ ފިތުނަ

–  ޢިލްމުގެ ފިތުނަ

 – ބާރާއި ވެރިކަމުގެ ފިތުނަ

 

 

މި ސޫރަތުގެ މުހިންމު ނުކުތާތައް

 1. ދީނުގެ ފިތުނަ

އެބައިމީހުންގެ ރަށުގައި ތިބި އަނިޔާވެރިންގެ ނުބައިކަމާއި ހެދި ދީނަށް އުޅެވެން ނެތުމުން، ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމުގެ ގޮތުން ޒުވާނުންތަކެއް ކުރި މަސައްކަތް މިސޫރަތުގެ 9 ވަނަ އާޔަތުން ފެށިގެން 24 ވަނަ އާޔަތަށް ބަޔާންވެފައިވެއެވެ.

 މި އިމްތިޙާނުގައި އެ ޒުވާނުން ﷲ އަށްޓަކައި ހިޖުރަކުރީ އެވެ. ބޭނުމަކީ މިނިވަންކަމާ އެކު ﷲ އަށް އަޅުވެތިވުން މަތީ ދެމިތިބުމެވެ. އެބައި މީހުން ވަނީ ފަރުބަދައެއްގެ ހޮހަޅައަށެވެ. އެއާ އެކު ﷲ ތަޢާލާ ވަނީ އެމީހުން ތިން ސަތޭކަ އެތައް އަހަރެއް ވާންދެން ނިންދުވާފައެވެ. އެ ޒުވާނުން ދެއްކި ހިތްވަރާއި ކެތްތެރިކަމުގެ ނަތީޖާއަކީ މުޅި ރަށް ތައުޙީދުގެ ނޫރުން އުޖާލާކުރުމުގެ މެދުވެރިންނަށް އެ ޒުވާނުން ވެގެންދިއުމެވެ.

 1. އުޅޭ މާހައުލުގެ ސަބަބުން މީހާގެ އުޅުމާއި ސުލޫކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ރަހުމަތްތެރިންނާއި ލިބޭ ތަޢުލީމުގެ ބާވަތާއި އަދިވެސް މިފަދަ އެހެން ސަބަބުތަކާހެދިވެސް މީހާގެ ދީންވެރިކަމަށް ބަދަލު އާދެއެވެ. އެކި ސަބަބުތަކާހުރެ މީހާގެ ދީންވެރިކަމަށް އަރާ ގުޑުންތައް ކުޑަކުރެވޭނެ ގޮތްތައް މިސޫރަތުގެ 27، 28 އަދި 29 ވަނަ އާޔަތުގައި އައިސްފައިވެއެވެ.

އެގޮތްތަކަކީ:

 • ހެޔޮލަފާ ޞާލިހު އެކުވެރިންނާއެކު ވަގުތު ހޭދަކުރުން
 • އާޚިރަތްދުވަސް މަތިން ގިނަގިނައިން ހަނދާން ކުރުން
 • އާޔަތްތަކުގެ މާނަ އާއިމެދު ވިސްނައިފިކުރުކުރަމުން ޤުރްއާން ކިޔެވުން
 1. މުދަލާއި ތަނަވަސްކަމުގެ މައްޗަށް އަލިއަޅުވާލާފައިވަނީ ދެބަގީޗާގެ ވެރިންގެ ވާހަކައިގެ ތެރެއިން ލާފައެވެ. މިސޫރަތުގެ 32 ވަނަ އާޔަތުން ފެށިގެން 44 ވަނަ އާޔަތާއި ހަމައަށް އައިސްފައިވަނީ 2 ބަގީޗާގެ ވެރިންގެ ވާހަކައެވެ.
 1. މުދަލާއި ތަނަވަސްކަމުގެ ފިތުނައިން ސަލާމަތްވާނެ މަގު މިސޫރަތުގެ 45 ވަނަ އާޔަތާއި 46 ވަނަ އާޔަތުގައި ބަޔާންވެފައި ވެއެވެ. ފިތުނައިން ސަލާމަތްވާނެ ގޮތަކީ މިދުނިޔެވީ ޙަޔާތުގެ ހަގީގަތް ދަތުމާއި، އުޚުރަވީ ހަޔާތް ބާއްޖަވެރިކުރުވާ ފަދަ ޢަމަލުތަކުގައި މަޝްޣޫލުވުމެވެ.
 1. ޢިލްމުގެ ފިތުނައިގެ މައްޗަށް އަލި އަޅުވާލާފައިވަނީ މޫސާގެފާނާއި ޚަޟިރުގެފާނުގެ ވާހަކައިގެތެރެއިން ލާފައެވެ. މިސޫރަތުގެ 60 ވަނަ އާޔަތުން ފެށިގެން 82 ވަނަ އާޔަތައި ހަމައަށް އައިސްފައިވަނީ މޫސާގެފާނާއި ޚަޟިރުގެފާނުގެ ވާހަކައެވެ.
 1. ޢިލްމު ހޯދާއިރު ކުރިމަތިާ ފިތުނައިން ސަލާމަތްވާނެ ގޮތް މިސޫރަތުގެ 69 ވަނަ އާޔަތުގައި ބަޔާންވެފައި ވެއެވެ. އެއީ ތަވާޟުޢުވެރި ވުމާއިއަދި ތިމާގެ ޢިލްމުގެ ސަބަބުން ބޮޑާވެ ހެއްލިގެން ދިއުމުން ދުރުވެގަތުމެވެ.
 1. ވެރިކަމާއި އާރާއިބާރުގެ މައްޗަށް އަލި އަޅުވާލާފައިވަނީ ޛުލްޤަރްނައިނިގެ ވާހަކައިންނެވެ. މިސޫރަތުގެ 83 ވަނަ އާޔަތުން ފެށިގެން 89 ވަނަ އާޔަތަށް އައިސްފައިވަނީ ޛުލްޤަރްނައިނިގެ ވާހަކައެވެ.
 1. ވެރިކަމާއި އާރާއިބާރުގެ ފިތުނައިން ސަލާމަތްވާނެ ގޮތް މިސޫރަތުގެ 103 ވަނަ އާޔަތާއި 104 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ. އެއީ މާތް ﷲ އަށް އިޙްލާޞްތެރިވުމާއި އާޚިރަތްމަތިން ގިނަގިނައިން ހަނދާންކުރުމެވެ.

 

 

މިސޫރަތުން ލިބިދޭ ބައެއް ޢިބްރަތްތައް

 1. އިންސާނުންގެ މެދުގައި ތަފާތު ބާވަތް ބާވަތްތަކުގެ ހުޅު ރޯކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ އިބްލީސްކަން މި ސޫރަތުގެ 50 ވަނަ އާޔަތުން އެންގެއެވެ. އިބްލީހާއި އިންސާނުންނާއި ދެމެދުގައިވާ ގަދީމީ ދެކޮޅުވެރިކަމުގެ ސަބަބުން އިންސާނުން ތަފާތު ފިތުނަތަކުގައި ޖެއްސުމަށް އިބްލީސް ކެނޑިނޭޅި މަސައްކަތްކުރަމުންދެއެވެ.
 1. ﷲ ތަޢާލާ ގެ މަގަށް ރުޖޫޢަވުމަށް ނަސޭހަތްތެރިވުމުގެ މުހިންމުކަން މިސޫރަތުގައި އައިސްފައިވާ ވާހަކަތަކުން އެނގެއެވެ. މީގެ އިތުރުން ދީނަށް ދެވޭ ދަޢުވަތުގައި މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މީސްތަކުން ބައިވެރިކުރަން ޖެހޭކަން މިވާހަކަތަކުން އެނގެއެވެ.
 • ކަޙްފުގެ އަހުލުވެރިންގެ ވާހަކައިގައި ޒުވާނުންތަކެއް އެބައިމީހުންގެ ރަށުގެ ރަސްގެފަނާށް އިސްލާމްދީނަށް ދަޢުވަތު ދެއެވެ.
 • ދެބަގީޗާގެ އަހުލުވެރިންގެ ވާހަކައިގައި އައިސްފައިވަނީ ދެރަހުމަތްތެރިއެއްގެ މުޢާމަލާތްތަކެވެ. އޭގެން އެކަކު ހެޔޮމަގުން ކަސިޔާރުވެފައިވާ އޭނާގެ އެކުވެރިޔާއަށް ޙައްޤުމަގު ބަޔާން ކޮށްދެއެވެ. އަދި އާޚިރަތުގެ މަތިން ހަނދާން ކޮށްދެއެވެ.
 • މޫސާގެފާނާއި ޙިޟްރުގެފާނު ވާހަކައިގައި މުދައްރިސެއް ދަރިވަރުންނަށް ނަސޭހަތް ދޭނެގޮތުގެ ބަޔާނެއް އައިސްފައިވެއެވެ.
 • ޛުލްޤަރްނައިނި ވާހަކައިގައި ރަސްގެފާނު ރައްޔިތުންނަށް ހެޔޮ ނަސޭހަތް ދޭނެ ގޮތުގެ ބަޔާނެއް އައިސްފައިވެއެވެ.
 1. ކަހްފުގެ އަހުލުވެރިންގެ ނަންތަކެއް މިސޫރަތުގައި ބަޔާންވެފައެއް ނުވެއެވެ. އެކަމަކު އެބައިމީހުން ކުޅަ ޢަމަލުތަކުގެ ޒިކުރާ އަބަދުގެ އަބަދަށް ދަންމަވާފައި ވެއެވެ. އިންސާނާގެ އަގު ބިނާ ވެފައިވަނީ އޭނާގެ ޢަމަލު ތަކުގެ މައްޗަށެވެ. މީހާގެ ނަމާއި، އޭނާގެ ބުރުސޫރައިގެ ރީތިކަމާއި، އޭނާގެ ހަސަބާއި ނަސަބަކީ އޭނާގެ އަގާއި ގުޅުންހުރި އެއްޗިއްސެއް ނޫނެވެ.
 1. މިސޫރަތުގައި އައިސްފައިވެއެވެ.

﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ۗ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِنْ دُونِي وَهُمْ لَكُمْ عَدُوٌّ ۚ بِئْسَ لِلظَّالِمِينَ بَدَلا﴾

މާނައީ: “ތިމަންއިލާހުގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން آدم ގެފާނަށް سجدة ކުރާށެވެ! ދެން إبليس މެނުވީ، އެ އެންމެ ބޭކަލުން سجدة ކުރެއްވިއެވެ. އެ إبليس ވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރައްބުގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ. ފަހެ، އެ إبليس އާއި، އޭނާގެ ދަރިފަސްކޮޅު، ތިމަންއިލާހު ފިޔަވައި އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދަނީ ހެއްޔެވެ؟ އެއުރެންނަކީ، ތިޔަބައިމީހުންނަށްހުރި عدوّ ންނެވެ. އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައިކަމާއެވެ!”

މި އާޔަތާއި މެދު އަލްއިމާމް އިބްނު ޤައްޔިމް ވިދާޅުވެފައިވެއެވެ.

“ތިމަން ﷲ އިބްލީހާއި ޢަދާވާތްތެރިވީ، އިންސާނުންގެ ބައްޕަ، އާދަމުގެފާނަށް ސަޖިދަކުރުމަށް އެންގެވުމުން ސަޖިދަ ނުކުރުމުންނެވެ. ކަން މިހެންހުރިއިރު، ބައެއް އިންސީން، އިބްލީހާއި ގުޅުން ބަދަހި ކުރަން ކުރާ މަސައްކަތާއިމެދު ހައިރާންވާން ޖެހެއެވެ.”

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انْفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا﴾ [سورة الكهف 96]

މާނައީ: “ތިމަންނާއަށް ދަގަނޑުގެ އެތިއެތިގަނޑު ގެނެސްދޭށެވެ! ދެން އެ ދެފަރުބަދަ ދޭތެރޭގައި އޮތް ތަން އެއްވަރުވީހިނދު، އޭނާ ވިދާޅުވިއެވެ. އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށްދާނދެން ތިޔަބައިމީހުން ފުމޭށެވެ! އޭނާ ވިދާޅުވިއެވެ. ވިރުވާފައިވާ ރަންވަންލޮއި އޭގެމައްޗަށް އޮއްސައިލުމަށް ތިމަންނަޔަށް ގެނެސްދޭށެވެ.”

﴿فَمَا اسْطَاعُوا أَنْ يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا﴾ [سورة الكهف 97]

މާނައީ: “ފަހެ، އެ ހުރަހުގެ މަތިން އެއުރެންނަށް އެރުމަކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެ ހުރަސް ފޫއަޅުވައިލުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނައެއް ނުވިއެވެ.”

القىرطبي ވިދާޅުވެފައިވެއެވެ. “މި ދެ އާޔަތުން ލިބޭ އެއް ފައިދާއަކީ މުޖުތަމަޢު ފަސާދަކުރާމީހުން ޖަލުތަކުގައި ބަންދުކުރުމަކީ ޖާއިޒުވެގެންވާކަމެއްކަމެވެ.”

މީސްތަކުން ވަޅުލާފައިވާ ތަންތަނުގެ މަތީގައި މިސްކިތާއި ޢިމާރާތްތައް އެޅުމާއި އެފަދަ ތަންތަނުގައ ނަމާދުކުރުމަކީ ހުއްދަކަމެއްނޫނެވެ.

މަރުވެފައިވާ މީހުން މިސްކިތުގައި ވަޅުލުމަކީ ނަބިއްޔާ صلى الله عليه وسلم ނަހީކުރައްވާފައިވާ ކަމެކެވެ. އަދި ޤަބުރުމަތީގައި މިސްކިތްތައް އެޅުންވެސް އެކަލޭގެފާނުވަނީ ނަހީކުރައްވާފައެވެ. އަދި އެކަންކުރާ މީހުންނަށް އެކަލޭގެފާނުވަނީ ލަޢުނަތް ލައްވާފައެވެ. އެކަމުން ރައްކާތެރިވުމަށާއި އަދި އެއީ ޔަހޫދީންނާއި ނަޞާރާއިންގެ ޢަމަލެއްކަމަށް އެކަލޭގެފާނުވަނީ އަވަހާރަވުމުގެ އާލާސްކަންފުޅުގައިވެސް އަންގަވާފައެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ޔަހޫދިންނާއި، ނަޞާރާއިންގެ މައްޗައް ﷲ ގެ ލަޢުނަތް ހުއްޓެވެ. އެބައިމީހުން އެބައިމީހުންގެ ނަބީންގެ މަހާނަފުޅުތައް މިސްކިތްތަކަކަށް ހެދިއެވެ.” (ޢާއިޝަތުގެފާނު ވިދާޅުވިއެވެ.) މިބަސްފުޅުން އެކަލޭގެފާނުގެ މަޤްޞަދަކީ އެ ޔަހޫދީންނާއި، ނަޞާރާއިން އެކުރި ނުބައިކަންތަކުން، އެކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ބިރުވެތިކުރެއްވުމެވެ. އެކަލޭގެފާނުގެ މަހާނަފުޅު މީސްތަކުން މިސްކިތަކަށް ހަދައިފާނެ ކަމުގެ ބިރުނުވާނަމަ އެކަލޭގެފާނުގެ މަހާނަފުޅުވެސް ފާޅުކުރެއްވުނީހެވެ. [رواه مسلم]

އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެބައިމީހުންގެ ތެރެއިން ހެޔޮލަފާ މީހަކު މަރުވުމުން އެމީހާގެ މަހާނައިގެ މަތީގައި އެބައިމީހުން މިސްކިތެއް ބިނާކުރެތެވެ. އަދި އެތާނގައި އެބައިމީހުން އެފޮޓޯތައް ކުރަހަތެވެ. އެބައިމީހުންނަކީ ﷲގެ ޙަޞްރަތުގައި އެންމެ ނުބައިވެގެންވާ މަޙްލޫޤުންނެވެ.” [البخاري و مسلم]

 

 

ކަހަފް ސޫރަތުގެ މާތްކަން

ޞައްޙަ މަގުން ރިވާވެގެންވާ ހަދީސްތަކުން އެނގޭ ގޮތުގައި އެ ސޫރަތް ކިޔަވާ މީހަކަށް އަލިކަމެއް ލިބިގެންވެ އެވެ. އެއް ހުކުރުން އަނެއް ހުކުރަށް ފާފަތައް ފުހެވިގެންދެ އެވެ. ދައްޖާލުގެ ފިތުނަތަކުން ސަލާމަތްވެވެއެވެ.

عن أبي الدرداء أن النبي صلى الله عليه وسلم قال : ((مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ)) [ رواه مسلم ]

އަބުއްދަރުދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހަފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ދަސްކޮށްފި މީހާކު ދައްޖާލުގެ ކިބައިން ރައްކާތެރިވެގެންވެއެވެ.”

وقال صلى الله عليه وسلم : ((مَنْ قَرَأَ سُورَةَ “الْكَهْفِ” فِي يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ)) [رواه النسائي وصححه الألباني في صحيح الترغيب والترهيب / 736 ]

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “ހުކުރު ދުވަހުގެ ކަހަފް ސޫރަތް ކިޔަވައިފިމީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.”

____________________________________________________
މަޞްދަރު: أول مرة أتدبر القرآن

ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް