ﷲ ތަޢާލާގެ ނިޢުމަތްތައް ލިއްބައިދޭ އަދި އެއިލާހުގެ ޢުޤޫބާތް އެއްކިބާކޮށްދޭ އެންމެ ބޮޑެތި ސަބަބުތަކަކީ އެއިލާހަށް ކިޔަމަން ގަތުމާއި ކުއްތަންވުމާ އަދި އަޅުތަކުންނަށް އިޙްސާންތެރިވުމެވެ. ޝިރުކުން އެއްކިބާވެފައިވާ މިދީން އައިސްފައިވަނީ، ޢިލްމާއި ޢަމަލާއިގެންނެވެ. އަދި ﷲ އެއްކައުވަންތަކޮށް އެއިލާހަށް އަޅުކަންކުރުމާއެކު، މީސްތަކުންނާ ރިވެތި ގޮތުގައި މުޢާމަލާތްކުރުމަށްވެސް މިދީނުގައި އަމުރުކުރައްވާފައިވެއެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ.
“ﷲ އަށް އަޅުކަންކޮށްފައި މީސްތަކުންނަށް އިޙްސާންތެރިވާ މީހާ ދަންނައެވެ. އޭނާ އެވަނީ ﷲ ގެ ޙައްޤުތައް އަދާކޮށް، ﷲގެ އަޅުތަކުންގެ ޙައްޤުތައްވެސް އަދާކޮށްފައެވެ. އެއީ އެއިލާހަށް ޢަމަލުތައް އިޚްލާޞްތެރިކުރުމުގެ ތެރެއިންވާ ކަމެކެވެ.”[1]
މީސްތަކުންނަށް ޚިދުމަތްކުރުމަކީ ވަޤުތުގާއި ޢަމަލުގައި ބަރަކާތްލައްވާ ކަމެކެވެ. އަދި ދަތިކަންތައްތައް ފަސޭހަވެގެންދާ ކަމެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
((وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللَّهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ)) [رواه مسلم]
މާނައީ: “އަދި އަތްމަތި ދަތިވެފައިވާމީހަކަށް ފަސޭހަކޮށްދީފިމީހާ ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް، ﷲ އެމީހަކަށް ފަސޭހަކޮށްދެއްވާނެއެވެ.”
އިސްލާމީ ޝަރީޢަތުގައިވަނީ މީސްތަކުންނަށް އެހީތެރިވުމަށާއި މީސްތަކުންގެ ބޭނުންތައް ފުއްދައިދިނުމަށާ އަދި އުނދަގޫތައް އެއްކިބާކޮށްދިނުމަށް ބާރުއަޅުއްވާފައެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
((مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ)) [رواه مسلم]
މާނައީ: “މުއުމިނެއްގެ ކިބައިން ދުނިޔަވީ ދަތިކަމުގެ ތެރެއިން ދަތިކަމެއް، ފިލުވައިދީފިމީހާ ދަންނައެވެ. ޤިޔާމަތް ދުވަހުގެ ދަތިކަމުގެ ތެރެއިން ދަތިކަމެއް، ﷲ، އެމީހެއްގެ ކިބައިން ފިއްލަވައި ދެއްވާނެއެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] الفتاوى 1/53