ރިވެތި އަޚުލާޤުގައިވަނީ ހުރިހާ ހެޔޮކަމެއް ޖަމާކުރެވިގެންނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«البِرُّ: حُسْنُ الْخُلُقِ» [رواه مسلم]
މާނައީ: “ހެޔޮކަމަކީ ޚުލުޤު ރިވެތިވުމެވެ.”
ނަބިއްޔާ ﷺ ގެ ޚުލުޤު ހުންނެވި ގޮތް ބަޔާންކޮށްދެއްވަމުން އަނަސް ބުން މާލިކު ވިދާޅުވިއެވެ.
« كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحْسَنَ النَّاسِ خُلُقًا » [متفق عليه]
މާނައީ: “މީސްތަކުންކުރެ އެންމެ އެންމެ ޚުލުޤު ރިވެތި ބޭކަލަކީ ނަބިއްޔާ ﷺ އެވެ.”
އެކަލޭގެފާނުގެ މޫނުފުޅުން އުފާވެރިކަމާއި ހިނިތުންވުމާއި އުންމީދު އާވާފަދަ ކުލަވަރުތައް ފެނިގެންދެއެވެ. އަދި ހިތްޕުޅާ ނުވާކަމާއި ފޫހިކަން މޫނުމަތިން ނުދައްކަވައެވެ.
ޖަރީރު ބުން ޢަބްދުﷲ رضي الله عنه ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނު ފެނިވަޑައިގެންނެވި ކޮންމެ ފަހަރަކު، ﷲ ގެ ރަސޫލާ ﷺ ތިމަންކަލޭގެފާނަށް ހިނިފުޅުވެޑުވިއެވެ.”
އަދި އެކަލޭގެފާނު ސިފަކުރައްވަމުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ﴾ [سورة القلم ٤]
މާނައީ: ” އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.”
އަދި އާޚިރަތްދުވަހުން ނަބިއްޔާ ﷺ ގެ މަޖުލީހާ، އެންމެ އަރިހުގައި ވާހުށީ އީމާންކަމާއި ރިވެތި އަޚްލާޤުގެ އަހުލުވެރިންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
« إِنَّ مِنْ أَحَبِّكُمْ إِلَيَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ القِيَامَةِ أَحَاسِنَكُمْ أَخْلَاقًا » [سنن الترمذي وصححه الألباني]
މާނައީ: “ހަމަކަށަވަރުން ޤިޔާމަތް ދުވަހު، ތިމަންކަލޭގެފާނުގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެން ވާހުށީ އަދި ތިމަންކަލޭގެފާނާ އެންމެ އަރިސްވެގެން ވާހުށީ، ތިޔަބައިމީހުންކުރެ އެންމެ ޚުލުޤު ހެޔޮ މީހުންނެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.