[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

حيض ގެ ބައެއް ޙުކުމްތައް

الحمد لله والصلاة والسلام على من لا نبي بعده وعلى آله وأصحابه الأبرار. أما بعد :

حيض ގެ މައްސަލަ ތަކަކީ ވަރަށް ގިނަ އަންހެނުންނަށް ނޭނގޭ މައްސަލަ ތަކެކެވެ. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އޭގެ އެންމެ ބޮޑު އެއް ސަބަބީ حيضއާ ބެހޭ ގޮތުން ލިޔެވިފައިވާ ފޮތް ތަކުގެ މަދުކަމެވެ. މިސަބަބަށްޓަކައި އަޅުގަނޑު ކުރުގޮތަކަށް حيضއާ ބެހޭ ބައެއް މުހިއްމު މައްސަލަ ތައް އުޚުތުންނަށް ހުށަހަޅަމެވެ. ޚާއްޞަކޮށް ނަމާދާއި ގުޅުން ހުރި ބައިތަކާ ބެހޭ ގޮތުންނެވެ.

ދުޢާ އަކީ މާތްﷲ އަޅުގަނޑުގެ މި ކުޑަ މަސައްކަތުގައި ބަރަކާތް ލައްވައި އުޚްތުންނަށް ފައިދާ ވަނިވި މަޢުލޫމާތު ތަކެއް ހިމެނޭ ލިޔުމެއް ކަމުގައި ލެއްވުމެވެ. آمين.

ނަމާދު :

 • حيض ވެރިޔާ ނަމާދު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. حيض ގެ ދުވަސްވަރު ގެއްލޭ ނަމާދު ތައް ޤަޟާ ކުރާކަށް ނުޖެހޭނެއެވެ.

ޢާއިޝާ رضي الله عنهما ވިދާޅުވިއެވެ. ” حيض ގެ ދުވަސްވަރުގައި ގެއްލޭ ނަމާދު ތައް އަހަރެމެންނަށް ޤަޟާކުރުމަށް އަމުރު ވެވިގެން ނުވެއެވެ.”[1]

 • ނަމާދު ވަގުތު ވަނުމަށް ފަހު އެއް ރަކުޢަތް ކުރެވޭހާ ވުގުތު ހުއްޓައި حيض ވެއްޖެ ކަމުގައި ވާނަމަ އެ ނަމާދު ޠާހިރު ވުމުން ޤަޟާ ކުރަންޖެހޭނެއެވެ.[2]

މިސާލު: މަޣްރިބު ނަމާދު ވަގުތު ވަނުމަށް ފަހު ރަކުޢަތެއް ކުރެވޭ ވަގުތު ހުއްޓައި حيض ވުން. މި އަންހެނާ ޠާހިރު ވުމުން މަޣްރިބު ނަމާދު ޤަޟާ ކުރަން ޖެހޭނެއެވެ.

 • ހަމައެފަދައިން ނަމާދު ވަގުތު ނިކުތުމުގެ ކުރިން ރަކުޢަތެއް ކުރެވޭހައި މިންވަރު ހުއްޓައި ޠާހިރު ވެއްޖެނަމަ އެ ނަމާދެއް ކުރަން ޖެހޭނެއެވެ.

މިސާލު: އިރުއޮށްސެން އުޅެނިކޮށް ރަކުޢަތެއް ކުރެވޭހައި ވަގުތު ވަނިކޮށް حيض ވެރިޔާ ޠާހިރުވެއްޖެ ނަމަ އޭނާ ޢަޞުރު ނަމާދު ކުރަން ޖެހޭނެއެވެ.

 • ރަކުޢަތެއް ކުރެވޭހާ ވަގުތުކޮޅެއް ނެތް ނަމަ ނަމާދު ޤަޟާކުރާކަށް ނުޖެހޭނެއެވެ.

މިސާލު: މަޣްރިބު ނަމާދު ވަގުތު ވަނުމަށް ފަހު ކުޑަ ހިނދު ކޮޅެއް ފަހުން حيض ވުން. މި ޙާލަތުގައި މަޣްރިބު ނަމާދު ޤަޟާކުރާކަށް ނުޖެހޭނެއެވެ.

 • އަދި ހަމައެހެންމެ ރަކުޢަތެއް ކުރެވޭހާ ވަގުތުކޮޅެއް ނެތް ނަމަ ނަމާދު ކުރާކަށްވެސް ނުޖެހޭނެއެވެ.

މިސާލު: އިރުއޮށްސެން ކުޑަ ހިނދުކޮޅަކަށް ވެފައި ވަނިކޮށް حيض ވެރިޔާ ޠާހިރުވުން. މިޙާލަތުގައި ޢަޞުރު ނަމާދު ކުރާކަށް ނުޖެހޭނެއެވެ.

އިސްވެ ބަޔާންވެ ދިޔަ ތަފްޞީލުގެ ދަލީލު : މާތް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅެވެ.

(من أدرك ركعة من الصلاة فقد أدرك الصلاة)

(ނަމާދު ވަގުތު ފާއިތުވުމުގެ ކުރިން) ނަމާދުން ރަކުޢަތެއްގެ މިންވަރު ލިބިއްޖެ މީހާ ދަންނާށެވެ. ފަހެ ހަމަކަށަވަރުން އޭނާއަށް ނަމާދު ލިބިއްޖެއެވެ.

މި ޙަދީޘްގެ މަފްހޫމަކީ : ނަމާދު ވަގުތު ފާއިތުވުމުގެ ކުރިން ނަމާދުން ރަކުޢަތަކަށް ވުރެ ކުޑަ މިންވަރެއް ކޮށްފި މީހަކަށް ނަމާދު ނުލިބޭނޭ ކަމެވެ.[3]

ޢަޞުރު ނަމާދުގެ ރަކުޢަތެއްގެ މިންވަރު ލިބޭ އަންހެނާ މެންދުރު ނަމާދު ކުރަން ޖެހޭނެ ހެއްޔެވެ؟ އަދި ޢިޝާ ނަމާދުގެ އެންމެ ފަހު ގަޑީގައި ރަކުޢަތެއްގެ މިންވަރު ލިބޭ އަންހެނާ މަޣްރިބު ނަމާދު ކުރަން ޖެހޭނެ ހެއްޔެވެ؟ (ޖަމްޢު ކުރެވޭ ނަމާދުތައް ޖަމްޢު ކުރަން ޖެހޭނެ ހެއްޔެވެ؟)

މިއީ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މައްސަލައެކެވެ. الشيخ محمد بن صالح العثيمين رحمه الله ދެކެ ލައްވާ ގޮތުގައި ޖަމްޢު ކުރާކަށް ނުޖެހޭނެއެވެ. އެމީހަކު ކުރަން ޖެހޭނީ ހަމައެކަނި ރަކުޢަތެއްގެ މިންވަރު ލިބިފައިވާ ނަމާދެވެ.

شيخ رحمه الله ބަޔާންކޮށްފައިވާ ދަލީލު :

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(من أدرك ركعة من العصر قبل أن تغرب الشمس فقد أدرك العصر)

މާނައީ: “އިރު އޮއްސުމުގެ ކުރިން ޢަޞުރު ނަމާދުގެ ރަކުޢަތެއް ލިބިއްޖެ މީހާއަށް ހަމަކަށަވަރުން ޢަޞުރު ނަމާދު ލިބިއްޖެއެވެ.”

މި ޙަދީޘްގައި ނަބިއްޔާ صلى الله عليه وسلم އެމީހަކަށް މެންދުރު ނަމާދާއި ޢަޞުރު ނަމާދު ލިބިއްޖެ ވާހަކަ ބަޔާން ނުކުރައްވައެވެ. އަދި މެންދުރު ނަމާދު އޭނާގެ މައްޗަށް ވާޖިބުވެގެންވާ ވާހަކަވެސް ބަޔާން ނުކުރައްވައެވެ. އަދި އަޞްލަކީ ތަކުލީފު އުފުލަން ނުޖެހުމެވެ.[4]

شيخ الإسلام ابن باز رحمه الله އާއި الشيخ صالح الفوزان[5] حفظه الله  ދެކެލައްވާ ގޮތުގައި އިރު އޮއްސުމުގެ ކުރިން حيض ން ޠާހިރު ވެއްޖެ ނަމަ މެންދުރު ނަމާދާއި ޢަޞުރު ނަމާދު ކުރަން ޖެހޭނެއެވެ. އަދި ހަމައެހެންމެ ، ފަތިސްވުމުގެ ކުރިން حيض ން ޠާހިރުވެއްޖެ ނަމަ މަޣްރިބު ނަމާދާއި ޢިޝާ ނަމާދު ކުރަން ޖެހޭނެއެވެ. މިއީ ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. عبد الله بن عباس އާ عبد الرحمن بن عوف رضي الله عنهما ގެ ކިބައިން މިފަދައިން ރިވާވެގެން ވެއެވެ.[6]

މިފަދައިން ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ :

ބަލި މީހާ އާއި ދަތުރުވެރިޔާ ފަދައިން ޢުޒުރު ވެރިޔާގެ ޙައްޤުގައި މިނަމާދުތަކުގެ ވަގުތަކީ އެއް ވަގުތެކެވެ. އަންހެނާ ޠާހިރުވުން ލަސްވުމުގެ ސަބަބުން ޢުޒުރުވެރިންގެ ތެރެއިން ހިމެނިގެން ދެއެވެ.[7]

ރައްކާތެރި ގޮތަކީ ޖަމްޢު ކުރެވޭ ނަމާދުތައް ޖަމްޢު ކުރުމެވެ. والله أعلم

މިސާލު: ޢިޝާ ނަމާދަށް ފަހު އަންހެނާ ޠާހިރުވުން. މިޙާލަތުގައި މަޣްރިބު ނަމާދާއި ޢިޝާ ނަމާދު ކުރަން ޖެހޭނެއެވެ.

ސަމާލު ވެލަން ޖެހޭ ކަމެއް : ނަމާދު ޤަޟާ ކުރާ އިރު ނަމާދު ކުރަން ޖެހޭނީ ނަމާދުގެ ތަރުތީބުންނެވެ. ޢަޞުރު ފަހުން ޠާހިރު ވާ އަންހެނާ އެންމެ ފުރަތަމަ ކުރަން ޖެހޭނީ މެންދުރު ނަމާދެވެ. ދެން އެއަށް ފަހު ޢަޞުރު ނަމާދު ކުރާނީއެވެ.

 • حيض ވެރިޔާ ذكر ކުރުމާއި ދުޢާ ކުރުމާއި އަދި ޤުރުއާން އަޑު އެހުމަކީ މައްސަލައެއް ނޫނެވެ.

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله عنهما ، حيض ގައި އިންނަވަނިކޮށް ޤުރުއާން ކިޔަވާ ވިދާޅުވާކަމުގައި ވެއެވެ.

 • حيض ވެރިޔާ މުޞްޙަފުގައި އަތް ނުލާ ޤުރުއާން ކިޔުމަކީ ވެސް މައްސަލައެއް ނޫނެވެ.
 • ހުރަހަކާއި ލައިގެން މުޞްޙަފުގައި ހިފަހައްޓައިގެން ޤުރުއާން ކިޔެވުމަކީ ވެސް މައްސަލައެއް ނޫނެވެ.[8]

ރޯދަ :

 • حيض ވެރިޔާ ފަރުޟު ރޯދަ އާއި ސުއްނަތް ރޯދަ ހިފުމަކީ ޙަރާމް ކަމެކެވެ.
 • ގެއްލިފައިވާ ފަރުޟު ރޯދަ ޤަޟާކުރަން ޖެހޭނެއެވެ.

ޢާއިޝާ رضي الله عنهما ވިދާޅުވިއެވެ. “އަހަރެމެންނަށް ފަރުޟު ރޯދަ ޤަޟާކުރުމަށް އަމުރު ވެވިގެން ވެއެވެ.”[9]

 • ރޯދައަށް ހުއްޓައި حيض ވެއްޖެ ކަމުގައި ވާނަމަ ، ރޯދަ ގެއްލޭނެއެވެ. އެއީ އިރު އޮއްސެން ކުޑަ ހިނދުކޮޅަކަށް ވެފައި ވަނިކޮށް ވިޔަސްމެއެވެ. ފަރުޟު ރޯދައެއް ކަމުގައި ވާނަމަ އެ ރޯދަ ޤަޟާ ކުރަންވެސް ޖެހޭނެއެވެ.
 • حيض ވާން އުޅޭ ކަމުގެ އިޙުސާސް ކުރެވުނަސް ، ނުވަތަ حيض ގެ ތަދު ވިކަމުގައި ވިޔަސް ، حيض ގެ ލޭ ނުފެންނަ ހާ ހިނދަކު ރޯދައެއް ނުގެއްލޭނެއެވެ.
 • އިރު އޮއްސުމަށް ފަހު حيض ވެއްޖެ ކަމުގައި ވާނަމަ ، ރޯދަ ޞައްޙާ ވާނެއެވެ. ބައެއް އަންހެނުން ޤަބޫލު ކުރާ ގޮތުގައި ޢިޝާ ނަމާދު ކުރުމުގެ ކުރިން حيض ވެއްޖެނަމަ ރޯދަ ޞައްޙައެއް ނުވާނެއެވެ. މިކަމަށް އެއްވެސް ދަލީލެއް ނުވެއެވެ. އިރު އޮއްސުމަށް ފަހު ކުޑަ ހިނދުކޮޅަކުން حيض ވި ކަމުގައި ވިޔަސް އެމީހެއްގެ ރޯދަ ޞައްޙާ ވާނެއެވެ.
 • ފަތިސް ވުމަށް ފަހު ކުޑަ ހިނދުކޮޅަކުން ޠާހިރުވި ކަމުގައި ވިޔަސް ރޯދައަށް ހުރެގެން ނުވާނެއެވެ. ރޯދަ ހިފަން ޖެހޭނީ ފަތިސް ގަޑީގައި ޠާހިރު ވެފައިވާނަމަ އެވެ.
 • ފަތިސް ވުމުގެ ކުޑަ ހިނދުކޮޅެއް ކުރިން ޠާހިރު ވެއްޖެނަމަ ރޯދަ ހިފަން ޖެހޭނެއެވެ.
 • حيض ގެ ހިނައިގަތުން ފަތިސް ފަހަށް ލަސްކޮށްލިޔަސް އެއީ މައްސަލައެއް ނޫނެވެ. ރޯދަ ޞައްޙަ ވާނެއެވެ.

ޖިމާޢުވުން :

 • އަނބިމީހާ حيض ވެފައިވަނިކޮށް ފިރިމީހާ ޖިމާޢުވުމަކީ ޙަރާމް ކަމެކެވެ.
 • އަނބިމީހާ حيض ވެފައި ވަނިކޮށް ފިރިމީހާއަށް ޖިމާޢުވުމަށް ފުރުޞަތު ދިނުމަކީ ޙަރާމްކަމެކެވެ.
 • حيض ވެފައިވާ އަންހެނާއާ އެކު ޖިމާޢުވުމަކީ ބޮޑު ފާފައެކެވެ.
 • ޖިމާޢުވުން ފިޔަވައި އަރާމު ހޯދުމުގެ ގޮތުން ކުރެވޭ ހުރިހާ ކަމެއް އަނބިމީހާއާ އެކު ކުރެވޭނެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(اصنعوا كل شيء إلا النكاح) “(حيض ގެ ދުވަސްވަރު) ޖިމާޢުވުން ފިޔަވައި ކޮންމެ ކަމެއް ތިޔަބައިމީހުންގެ އަނބިންނާއި އެކު ކުރާށެވެ”[10]

 • އަރާމު ހޯދުމުގެ ގޮތުން ކަންތައް ކުރާ އިރު ރައްކާތެރި ގޮތަކީ ފޫޅާއި ކަކުލާ ދެމެދު ފޮރުވުމެވެ. އެއީ ޖިމާޢު ވެވިދާނެ ކަމަށްޓަކައެވެ.
 • އަނބިމީހާ حيض ގައި ވަނިކޮށް ޖިމާޢު ވެއްޖެނަމަ كفارة ދޭން ޖެހޭނެއެވެ. އެއީ ދީނާރެއް ނުވަތަ ދީނާރެއްގެ ދެބައި ކުޅަ އެއްބައި ޞަދަޤާތެއްގެ ގޮތުގައި ފަޤީރަކަށް ދިނުމެވެ.[11] (ދީނާރެއްގެ މިންވަރަކީ ގާތްގަނޑަކަށް 4.25 ގުރާމް ރަނެވެ.)[12]

كفارة ވާޖިބުވެގެން ވަނީ 3 ޝަރުޠަކާއި ލައިގެންނެވެ :

 1. ޙަރާމް ވެގެންވާ ކަމެއް ކަން އެނގުން. (ޙަރާމް ކަމެއް ކަން ނޭނގޭ ކަމުގައި ވާނަމަ كفارة ދޭކަށް ނުޖެހޭނެއެވެ.)
 2. ހަނދާން ހުރުން. (حيض ވެފައިވާކަން ހަނދާން ނެތި ޖިމާޢު ވެއްޖެ ނަމަ كفارة ދޭކަށް ނުޖެހޭނެއެވެ.)
 3. ފުރިހަމަ އިޚްތިޔާރު ގައި ޖިމާޢު ވުން. (އަނބިމީހާއަށް މަޖުބޫރު ކުރުވައިގެން ޖިމާޢު ވެއްޖެނަމަ ، އަނބިމީހާ كفارة ދޭކަށް ނުޖެހޭނެއެވެ. އަދި ފާފަވެރި އެއްވެސް ނުވާނެއެވެ.)[13]

_________________________________

[1]  ބުޚާރީގެ ޙަދީޘް ނަންބަރު 321 ބައްލަވާ ލައްވާ އަދި މުސްލިމްގެ 335 ބައްލަވާ ލައްވާ.

[2]   مجموع فتاوى عثيمين ، 11 ވަނަ މުޖައްލަދުގެ 276 ވަނަ ޞަފުޙާ ބައްލަވާ ލައްވާ.

[3]  ބަޔާން ކޮށްފައިވާ ތަފުޞީލަކީ الشيخ عثيمين رحمه الله ދެކެލައްވާ ގޮތެވެ. (مجموع فتاوى عثيمين ، 11 ވަނަ މުޖައްލަދުގެ 309 ވަނަ ޞަފުޙާ ބައްލަވާ ލައްވާ.)

إمام أبو حنيفة ، إمام مالك އަދި شيخ الإسلام ابن تيمية رحمهم الله جميعا ދެކެލައްވާ ގޮތުގައި ނަމާދު ވަގުތު ވަނުމަށް ފަހު حيض ވެރިވާ އަންހެނާ އެ ނަމާދު ޤަޟާ ކުރާކަށް ނުޖެހޭނެއެވެ. (الملخص الفقهي ، 1 ވަނަ މުޖައްލަދުގެ 66 ވަނަ ޞަފުޙާ ބައްލަވާ ލައްވާ.)

الشيخ عثيمين رحمه الله ދެކެލައްވާ ގޮތް މާ ރައްކާތެރިކަން ބޮޑު ކަމަށް އަޅުގަނޑަށް ފެނެއެވެ. والله أعلم

[4]  مجموع فتاوى عثيمين ، 11 ވަނަ މުޖައްލަދުގެ 310 ވަނަ ޞަފުޙާ ބައްލަވާ ލައްވާ.

[5]  الملخص الفقهي ، 1 ވަނަ މުޖައްލަދުގެ 65 ވަނަ ޞަފުޙާ ބައްލަވާ ލައްވާ.

[6]  مجموع فتاوى ، ابن باز ، 10 ވަނަ މުޖައްލަދުގެ 216 ވަނަ ޞަފުޙާ ބައްލަވާ ލައްވާ.

[7]  مجموع فتاوى ، ابن باز ، 10 ވަނަ މުޖައްލަދުގެ 217 ވަނަ ޞަފުޙާ ބައްލަވާ ލައްވާ.

[8]  مجموع فتاوى ، ابن باز ، 10 ވަނަ މުޖައްލަދުގެ 208،209 ވަނަ ޞަފުޙާ ބައްލަވާ ލައްވާ.

[9]  ބުޚާރީގެ ޙަދީޘް ނަންބަރު 321 ބައްލަވާ ލައްވާ އަދި މުސްލިމްގެ 335 ބައްލަވާ ލައްވާ.

[10]  މުސްލިމްގެ ޙަދީޘް ނަންބަރު 302 ބައްލާ ލައްވާ.

[11]  الشرح الممتع 1 ވަނަ މުޖައްލަދުގެ 479 ވަނަ ޞަފުޙާ ބައްލަވާ ލައްވާ.

[12]  https://islamqa.info/ar/105642 ބައްލަވާ ލައްވާ.

[13]  الشرح الممتع 1 ވަނަ މުޖަލަދުގެ 480 ވަނަ ޞަފުޙާ ބައްލަވާ ލައްވާ.