[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންނަށް ރުޤްޔާ ކުރުމުގައި އެންމެ ޞައްޙަ ގޮތަކީކޮބާ؟އަޅުގަނޑުގެ އެއް އަހަރަށް ވުރެ ބޮޑު އަންހެން ދަރިޔަކު ހުރެއެވެ. އަޅުގަނޑު ހެނދުނާ ހަވީރުގެ ޛިކްރުތައް ކިޔުމަށް ފަހު ދަރިފުޅަށް ފުމެލަމެވެ. މިއީ ހުއްދަ ކަމެއްތޯ؟ އަދި ކުޑަ ދަރިފުޅަށް ރުޤްޔާ ކުރުމަށް އޮންނަ އެންމެ ޞައްޙަ ގޮތަކީ މިއީތޯ؟

الحمد لله

ކުޑަ ދަރިފުޅު ރައްކާތެރި ކުރުމުގެ ގޮތުން ރުޤްޔާ ކުރުމުގައި އޮތް އެންމެ ސައްޙަ ގޮތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ކާފަ ދަރިކަލުންކަމަށްވާ ހަސަން ގެފާނާއި ޙުސެއިން ގެފާނަށް ކުރެއްވި ރުޤްޔާއެވެ.

އިމާމު ބުޚާރީ (3371) އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަސަންގެފާނާއި ޙުސައިންގެފާނަށް ﷲގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދިވަޑައިގަންނަވައެވެ. އަދި ވިދާޅުވެއެވެ. “ހަމަކަށަވަރުން ތިދެކުދިންގެ ބައްޕާފުޅު (އިބްރާޙިމްގެފާނު) އިސްމާޢީލްގެފާނަށާއި އިސްޙާޤުގެފާނުގެ ރައްކާތެރިކަމަށް އެދިވަޑައިގެން މިބަސްފުޅުތައް ވިދާޅުވެއެވެ.”

“أُعِيذُكُمَا بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لاَمَّةٍ”

މާނައީ: “ކޮންމެ ޝައިޠާނެއްގެ ކިބައިންނާއި، ވިހަލާ ޖަނަވާރުގެ ކިބައިންނާއި އަދި ކޮންމެ އެސްފީނައަކުން މިދެކުދިން ރައްކާތެރި ކޮށްދެއްވުންއެދި ﷲ ތަޢާލާގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން އެދެމެވެ.”

(މިދުޢާ ފިރިހެން ކުދިން ތެރެއިން އެކަކަށް ނިސްބަތްކޮށް ކިޔާކަމުގައި ވާނަމަ މިފަދައިން ކިޔާށެވެ.

“أُعِيذُكَ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لاَمَّةٍ” އަދި މިދުޢާ އަންހެން ކުދިން ތެރެއިން އެކަކަށް ނިސްބަތްކޮށް ކިޔާކަމުގައި ވާނަމަ މިފަދައިން ކިޔާށެވެ. “أُعِيذُكِ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لاَمَّةٍ”)

އިބުނު ޙަޖަރު ފަތުޙުލް ބާރީގައި (6/410) ވިދާޅުވެފައިވެއެވެ.

“(އެދުޢާގައިއެވާ) “هَامَّةٍ” އަކީ ވިހަލާ ތަކެއްޗެވެ.”

އަލް ޚައްޠާބު ވިދާޅުވިއެވެ.

“(މިދުޢާގައި މިވާ އެސްފީނައިގެ މުރާދަކީ) ކޮންމެ ބައްޔަކާއި އަދި އިންސާނާގެ ބުއްދި ފިލުވާލާ އަދި މޮޔަކޮށްލާ ކޮންމެ އެއްޗެކެވެ.” –އެކަލޭގެފާނުގެ ބަސްފުޅު ނިމުނީ-

އަދި ހަމަ އެއާ އެކު ދަރިންނަށް ރުޤްޔާކުރާއިރު المعوذتين  (سورة الفلق އަދި سورة الناس) ދެސޫރަތް އެކުދިންގެ މައްޗަށް ކިޔެވުންވެސް އަދި ކިޔަވަމުން އެކުދިންގެ ގައިގައި އަތް ފިރުމުންވެސް މުސްތަޙައްބު ވެގެން ވެއެވެ. ނޫން ނަމަ މިސޫރަތްތައް އަތުގެތެރެއަށް ކިޔެވުމަށް ފަހު ކުޑަ މިންވަރަކަށް ކުޅު އަންނަ ފަދައިން ފުމެ ލާނީއެވެ. ދެން ދަރިފުޅުގެ މުޅި ހަށިގަނޑުގައި އަތް ޖެހޭ މިންވަރަކަށް އަތް ފިރުމާލާނީއެވެ. ނުވަތަ މިސޫރަތްތައް ފެނުގެ ތެރެއަށް ކިޔެވުމަށް ފަހު އެ ފެނުން ދަރިފުޅުގެ ގައިގައި ފުހޭނީއެވެ. ނުވަތަ އެ ފެނުން ދަރިފުޅު ފެންވަރުވާނީ އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަމިއްލަ ނަފްސު ފުޅަށާއި އެހެން ބޭކަލުންނަށް މި އާޔަތްތަކުގެ ޛަރިއްޔާއިން ރައްކާތެރި ކަމަށް އެދިވަޑައި ގަންނަވައެވެ.

އަބޫ ސަޢީދު އަލް ޚުދްރީ ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

” المعوذتين  (سورة الفلق އަދި سورة الناس) ދެސޫރަތް ބާވައިލެއްވެއްޖެއުމަށް ދާނދެން ރަސޫލުﷲ ޞައްލައްﷲ އަލައިހި ވަސައްލަމަ ޖިންނީންނާއި އެސްފީނައިން ރައްކާތެރިވުމަށް (ﷲގެ ހަޟްރަތަށް އެކި ދުޢާތައްކުރައްވާ) އެދިވަޑައިގެންނަވާ ކަމުގައި ވެއެވެ. ދެންފަހެ އެދެސޫރަތް ބާވައިލެއްވުމުން އެ ދެސޫރަތުގައި ހިއްޕަވައި އެހެނިހެން ތަކެތި ކިޔެވުން ދުކޮށްލެއްވިއެވެ.”

رواه الترمذي ( 2058 ) ، وصححه الألباني في صحيح الترمذي .

المعوذتين  (سورة الفلق އަދި سورة الناس) ކިޔެވުމަށް ފަހު ކުޑަ ކުޅުކޮޅަކާ އެކު ފުމެލުން ނެގިފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ކުރައްވާ ޢަމަލުފުޅުތަކުންނެވެ. ފަހެ އެކަލޭގެފާނު އެދެސޫރަތް އަތްޕުޅަށް ކިޔުއްވާކަމުގައިވެއެވެ. އަދި އަތްޕުޅަށް ފުމެލައްވައެވެ. ދެން އެއަށްފަހު އެކަލޭގެފާނުގެ ގައިކޮޅުގައި އަތްޕުޅު ބީއްސަވައެވެ. އެކަލޭގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައި ގަތުމުން އާޢިޝަތުގެފާނު އެކަލޭގެފާނަށް އެކަން ކޮށްދެއްވާކަމުގައި ވެއެވެ. މިކަމުންވެސް ދަލީލު ކުރަނީ ކުޑަކުދިންނަށް އެކުދިންގެ މަންމަ المعوذتين  ގެދެ ސޫރަތް ކިޔެވުމަށް ފަހު މަންމަގެ އަތަށް ފުމެލައި ދަރިފުޅުގެ ގައިގައި ފިރުމާލެވޭނެ ކަމެވެ.

އާޢިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

“ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޭގަނޑު އެކަލޭގެފާނު ތަންމައްޗަށް އަރާވަޑައިގަންނަވާ ހިނދު  ” قُلْ هُوَ اللَّهُ أَحَدٌ “މިސޫރަތާއި المعوذتين  (سورة الفلق އަދި سورة الناس) ކިޔަވައި ދެއަތްތިލައަށް ފުމެލައްވައެވެ. ދެން އެއަށްފަހު ބޮލުގައާއި އެކަލޭގެފާނަށް ކުޅަދާނަވީވަރަކަށް ހަށިގަނޑުގައި އަތްޕުޅު ބީއްސަވައެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ދެން އެކަލޭގެފާނު ބަލިވުމުން އެފަދައިން އަމަލުކޮށްދެއްވުމަށް ތިމަންކަމަނާގެ އަރިހުން އެދިލައްވައެވެ.”

رواه البخاري (5748) .

ފަހެ ހެނދުނާ ހަވީރުގެ ޛިކުރުތަކާ މެދު ދަންނައެވެ. އެހެން މީހެއްގެ މައްޗަށް ރުޤްޔާގެ ގޮތުގައި މި ޛިކުރުތައް ކިޔުމަށް ދަލީލު ކުރާ އެއްވެސް ހަދީޘެއް ސާބިތުވެގެން އައިސްފައިވާ ކަމަށް އަހަރެމެންނަށް އެނގިފައެއް ނުވެއެވެ. އެހެންކަމުން އެގޮތަށް ޢަމަލުކުރުމުގައި ދެމިތިބުމަކަށް ނަސޭހަތްތެރިއެއް ނުވަމުއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުން ސާބިތުވެފައިވާ މިންވަރަށް އެކަން ކުރާށެވެ. އެވަރުން ފުދޭނެއެވެ. އެންމެ ހެޔޮވެގެންވާ ހިދާޔަތަކީ ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި ހިދާޔަތެވެ.

والله أعلم

މަޞްދަރު: އިނގިރޭސި ބަހުން، ޢަރަބި ބަހުން