ނަމާދު ވަޤުތުން ލަސްކުރުން ހުއްދަ ނުވުން
ނަމާދު ވަޤުތުން ލަސްކުރުމަކީ ހުއްދަވެގެންވާނެ ކަމެއްނޫނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ.
((إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا (( سورة النساء ﴿١٠٣﴾
މާނަ : (( ހަމަކަށަވަރުން ނަމާދަކީ މުއުމިނުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައި ވެއެވެ. ))
އަދި ނަމާދުގެ ވަގުތުތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ވަރަށް ސާފްކޮށް އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅުތަކުގައި ބަޔާންކޮށްދެއްވާފައެވެ.
އެހެންކަމުން ކީރިތި ޤުރުއާނުގެ އާޔަތްތަކުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތަކުން އަދި އެދެމަޞްދަރުގެ އަލީގައި ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކުން އޮޅުމެއްނެތި ޘާބިތުވެ އެނގިގެންދަނީ ނަމާދު އޭގެ ވަޤުތުގައި ބަރާބަރަށް އަދާކުރުމަކީ ވާޖިބެއްކަމެވެ. އަދި ނަމާދު ވަޤުތުން ލަސްކުރުމަކީ ޙަރާމްކަމެއް ކަމެވެ.
ނަމާދުތަކާއިމެދު ފަރުވާކުޑަކޮށް ނަމާދު އަޅައި ޝަހުވަތްތަކަށް ތަބާވަމުންދާމީހުންނަށް ވަޢީދުގެ ބަސްފުޅު ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
((فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا )) – سورة مريم ﴿٥٩﴾
މާނަ : (( އަދި، އެ ބޭކަލުންނަށްފަހު، އެހެންބަޔަކު އައެވެ. އެމީހުން ނަމާދުތައް އަޅައި އެމީހުންގެ ޝަހުވަތްތަކައް ތަބާވިއެވެ. ފަހެ، ނިކަންހުރެ އެމީހުން ނަރަކައިގެ ޣައްޔު އޭ ކިޔުނު ވާދީއަށް ވަންނާނެތެވެ. ))
ވުޟޫކުރާނެ ފެން ނުލިބުނު މީހާ ނުވަތަ އައުރަ ނިވާކުރާނެ އެއްޗެއް ނުލިބުނުމީހާ ނަމާދުގެ ވަޤުތު ފާއިތުވަންދެން އެއިން ކަމެއް ޙާޞިލްވެދާނެކަމަށް އިންތިޒާރުކުރުން ހުއްދައެއް ނުވާނެއެވެ. ނަމާދު ވަޤުތު ފާއިތުވެދާނެކަމުގެ ބިރު ހީވާނަމަ ތަޔައްމަމް ކޮށްގެން އަދި އައުރަ ނިވާކުރާނެ އެއްޗެއް ނުލިބުނުމީހާ އެހުރި ގޮތަކަށް ހުރެގެން ނަމާދުގެ ވަޤުތުގައި އަދާކުރަން ޖެހޭނެއެވެ.
ނަމާދު ޖަމްޢުކުރުން ހުއްދަ ޙާލަތެއްގައި މެންދުރު ނަމާދާއި އަސުރު ނަމާދު ލަސްކޮށް ޖަމްޢުކުރާނަމަ އެ ދެނަމާދުގެ ވަޤުތަކީ އަސުރު ނަމާދުގެ ވަޤުތެވެ. އަދި މަޣްރިބު ނަމާދާއި ޢިޝާ ނަމާދު ލަސްކޮށް ޖަމްޢުކުރާނަމަ އެދެނަމާދުގެ ވަޤުތަކީ ޢިޝާނަމާދުގެ ވަޤުތެވެ. މިއީ ނަމާދު ވަޤުތުން ލަކުރުން ކަހަލަގޮތަކަށް ފެނުނުކަމުގައި ވިޔަސް، ހަޤީޤަތުގައި މިއީ ނަމާދު ވަޤުތުން ލަސްކުރުމެއް ނޫނެވެ.
ޝަރުޢުގައި ކަނޑައެޅިފައިވާ ނިދުމާއި ހަނދާންނެތުން ފަދަ ޢުޒުރުވެރި ޙާލަތެއްގައި މެނުވީ ނަމާދު ވަޤުތުން ލަސްނުކުރެވޭނެއެވެ. ހަޤީޤަތުގައި މިއީވެސް ނަމާދުވަޤުތުން ލަސްވުން ކަހަލަގޮތަކަށް ފެނުނުކަމުގައިވިޔަސް މި ޙާލަތުގައިވެސް ނަމާދު އެ އަދާކުރެވެނީ އޭގެ ވަޤުތުގައެވެ. އެހެނީ ނިދިފައިވާ މީހާއާއި ހަނދާންނެތިފައިވާމީހާއަށް ނަމާދުގެ ވަޤުތަކީ ނިދިން ހޭލެވުމެވެ. ނުވަތަ ހަނދާންވުމެވެ.
ނަމާދު ވަޤުތުގައި ލިބުންކަމުގައިވާނީ ނަމާދުން ކިހާމިންވަރެއް ލިބުމުން؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ޙަދީޘުން ޘާބިތުވާގޮތުގައި ނަމާދުގެ ވަޤުތުގައި އެ ނަމާދުގެ އެއްމެ ރަކްޢަތެއް ލިބިއްޖެ މީހާއަށްވެސް ނަމާދުގެ ވަޤުތުގައި ނަމާދު އަދާކުރެވުނީއެވެ.
ނަމާދުގެ ވާޖިބުކަމަށް އިންކާރުކުރާމީހާގެ ޙުކުމަކީ ކޮބާ؟
ފަރުޟު ފަސްނަމާދާއި ހުކުރުނަމާދަކީ އިސްލާމްދީނުގައި ފަރުޟެއްކަމާއި، ޝަރުޢުގައި އަމުރުކުރައްވާފައިވާގޮތަށް ކޮންމެހެންވެސް އަދާކުރަންޖެހޭ ވާޖިބެއްކަމަށް އިންކާރުކޮށްފި މީހާއީ ނުވަތަ އެކަމާ ދެކޮޅުހަދައިފިމީހާއީ ކާފިރެކެވެ. އެހެނީ އެފަދަ މީހާ އެ ދޮގުކުރަނީ ﷲ އާއި އެއިލާހުގެ ރަސޫލާއާއި އިސްލާމީ އުއްމަތުގެ އިޖްމާޢުއެވެ. ނަމާދުގެ ވާޖިބުކަމަށް އިންކާރު ކުރަނީ، ނަމާދު އަދާކުރާ މީހެއްކަމުގައިވިޔަސް، އެމީހަކުވެސް ކާފިރުވާނެއެވެ.
މި ޙުކުމުން ޢިލްމުވެރިން އިސްތިސްނާކުރައްވަނީ، އިސްލާމްދީނަށް އަލަށްވަންނަ މީހާއެވެ. އަލަށް އިސްލާމްވާމީހާއަށް ނަމާދުގެ ވާޖިބުކަން ނޭންގިއޮތުން އެއީ ޢުޒުރެއްކަމުގައިބަލާ، އެފަދަމީހާ ނަމާދުގެ ވާޖިބުކަމާއިމެދު އިންކާރުކުރިޔަސް، ހައްޤު އެމީހާއާ ހަމައަށް ފޯރައްޖައުމަށް ދާންދެން އެމީހާ ކާފަރު ނުވާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް، އެމީހާއަށް ހައްޤުގޮތް ބަޔާންކޮށްދޭންޖެހޭގޮތަށް ސާފްކޮށް ބަޔާންކޮށް ދިނުމަށްފަހު ދެން އިންކާރުކޮށްފިނަމަ، އެމީހާވެސް ކާފިރެއްގެ ޙުކުމުގެ ތެރެއަށް ވަންނާނެއެވެ.
– ނުނިމޭ –
މަސްދަރު: މި ލިޔުމަށް މައިގަނޑުގޮތެއްގައި މަޢުލޫމާތު ނަގާފައިވާނީ ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ الشرح الممتع على زاد المستقنع އިން.