[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الناس ގެ ތަފްސީރު

سورة الناس

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

قُلْ أَعُوذُ بِرَ‌بِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ‌ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ‌ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦

މާނައީ: “ރަޙްމާންވަންތަ ރަޙީމްވަންތަ ﷲގެ އިސްމުފުޅުން ފަށައިގަންނަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ރައްބުވަންތަ ކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ. (އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ކަލާނގެއެވެ. (އެކަލާނގެއީ) މީސްތަކުންގެ އިލާހުވަންތަ ކަލާނގެއެވެ. ފިލައިހުރެ ވަސްވާސްދޭ ޝއިޠާނާގެ ނުބައިކަމުންނެވެ. (އެބަހީ: ޝައިޠާނާގެނުބައިކަމުން އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) އެ (ޝައިޠާނާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާއެވެ. ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންނެވެ.”

((قُلْ أَعُوذُ بِرَ‌بِّ النَّاسِ)) “ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ރައްބުވަންތަ ކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.”

މީސްތަކުންގެ ވެރިރަސްކަލާނގެއީ ޢިއްޒަތްވަންތަ މަތިވެރިވަންތަ ﷲއެވެ. އެކަލާނގެއީ މީސްތަކުންނާއި އެނޫން ފަރާތްތަކާއި ތަކެތީގެ ރައްބުވަންތަ ފަރާތެވެ. އެކަލާނގެއީ މީސްތަކުންނާއި، މަލާއިކަތުންނާއި، ޖިންނީންނާއި، އުޑުތަކާއި، ބިންތަކާއި، އިރާއި، ހަނދާއި، އެނޫންވެސް އެންމެހާ ފަރާތްތަކާއި ތަކެއްޗެއްގެ ރައްބުވަންތަ ކަލާނގެއެވެ. އެހެންނަމަވެސް، މި އާޔަތުގައި މީސްތަކުންގެ ރައްބުވަންތަ ކަލާނގެކަމުގައި ހަމައެކަނި ޚާއްޞަކުރައްވާފައި އެވަނީ، ބަޔާންވެގެން އަންނަ ވާހަކަތަކާ މުނާސަބުކުރެއްވުމުގެ ގޮތުންނެވެ.

((مَلِكِ النَّاسِ )) “(އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ކަލާނގެއެވެ.”

އެބަހީ؛ އެކަލާނގެއީ މީސްތަކުންގެ މައްޗަށް އެންމެހާ ކަމެއްގައި ބާރުލިބިވޮޑިގެންވާ، އެންމެ ފުރިހަމައަށް އެންމެހާ އެއްޗަކާއި ކަމެއް މިލްކުވެވޮޑިގެންވާ ކަލާނގެއެވެ. އެ ކަލާނގެއީ ޢިއްޒަތްވަންތަ މަތިވެރިވަންތަ ﷲއެވެ.

((إِلَـٰهِ النَّاسِ)) “(އެކަލާނގެއީ) މީސްތަކުންގެ އިލާހުވަންތަ ކަލާނގެއެވެ.”

އެބަހީ؛ އެކަލާނގެއީ މީސްތަކުން (ޙައްޤުގޮތުގައި) އަޅުކަންވެވޭ، އަދި އަޅުވެތިވެވޭ ކަލާނގެއެވެ. ޙައްޤުގޮތުގައި އަޅުވެތިވެވޭ ކަލާނގެއަކީ، އެކަލާނގެއަށް ހިތްތައް އަޅުވެތިވެ، އެކަލާނގެދެކެ ލޯބިވެ، އެކަލާނގެ މަތިވެރިކުރާ ކަލާނގެއެވެ. އެ ކަލާނގެއީ ޢިއްޒަތްވަންތަ މަތިވެރިވަންތަ ﷲއެވެ.

((مِن شَرِّ‌ الْوَسْوَاسِ الْخَنَّاسِ *الَّذِي يُوَسْوِسُ فِي صُدُورِ‌ النَّاسِ *مِنَ الْجِنَّةِ وَالنَّاسِ)) “ފިލައިހުރެ ވަސްވާސްދޭ ޝއިޠާނާގެ ނުބައިކަމުންނެވެ. (އެބަހީ: ޝައިޠާނާގެނުބައިކަމުން އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ). އެ (ޝައިޠާނާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާއެވެ. ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންނެވެ.”

ވަސްވާސް ދަންނައެވެ. ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ވަސްވާސްއަކީ މަޞްދަރެކެވެ. ((الوَسْوَسَةُ))އަކީ ހިތަށް އަރުވާ ޙައްޤީޤަތެއްނެތް ފިކުރުތަކާއި، ވަހުމުތަކާއި، ހީކުރުންތަކެވެ. ((الْخَنَّاسُ)) އަކީ ފިލައިއުޅޭ، ނިކަމެތިވެގެންވާ، ކުރިމަތިލައި، ފުރަގަސްދީ އުޅޭ މީހާއަށް ކިޔާނަމެކެވެ. މިތަނުގައި ((الْخَنَّاسُ))އަކީ ޝައިޠާނާއެވެ. އެހެނީ ޝައިޠާނާއަކީ މިފަދައިން އުޅޭ އެއްޗެކެވެ. މިގޮތުން ނަމާދަށް ބަންގިދީފިނަމަ، ބަންގީގެ އަޑުނޭހުމަށްޓަކައި ފުރަގަސްފަރާތުން ވައިބޭރުކުރަމުން ފުރަގަސްދީ ފިލަންދެއެވެ. ބަންގި ނިމުމާއެކު އަނެއްކާ އެނބުރި އާދެއެވެ. އަދި ޤަމަތްދޭން ފެށުމުން ފުރަގަސްދީ ފިލަންދުވެއެވެ. ޤަމަތް ނިމުމުން އަނެއްކާ އެނބުރިއައިސް ނަމާދުކުރާމީހާއާއި އެމީހާގެ ނަފްސާދެމެދަށްވަދެ އުދަނގޫކުރަންފަށްޓައެވެ. އެ ޝައިޠާނާ އައިސްބުނާނެއެވެ. އެވެނިކަމެއް ހަނދާންކުރާށެވެ. އެވެނިކަމެއް ހަނދާންކުރާށެވެ. މިގޮތުގެ މަތިން ކަންކަން ހަނދާންކޮށްދެމުންގޮސް، މީހާއަށް ކުރެވުނީ ކިތައް ރަކުޢަތްކަން ނޭނގޭވަރަށް ޚިޔާލުތަކުގެ ތެރެއަށް ވައްދައެވެ.(1) ހަމަމިގޮތުން އަޘަރުގައި އައިސްފައިވެއެވެ. ((إِذَا تَغَوَّلَتْ الْغِيلَانُ فَبَادِرُوا بِالْأَذَانِ))މާނައީ: “މަގުއޮޅުވާ ޝައިޠާނާ މަގުއޮޅުވައިލައިފިނަމަ، ފަހެ ތިޔަބައިމީހުން ބަންގިދިނުމަށް އަވަސްވެގަންނާށެވެ.”(2)((الْغِيلَانُ)) އަކީ ދަތުރުމަތީގައި ދަތުރުވެރިޔާއަށް ކަންކަން ހީކުރުވައި، ބިރުވެރި އުނދަގޫ ކަންކަމާއި، ޢަދުއްވުންފަދަ ބިރުވެރި ކަންކަމާއި އެއްޗެހި ފެންނަކަމަށް ހީކުރުވާ ޝައިޠާނުންނެވެ. ފަހެ، އިންސާނާ ތަކްބީރު ގޮވަންފަށައިފިނަމަ އެ ޝައިޠާނުން ފިލައިދެއެވެ.

((مِنَ الْجِنَّةِ وَالنَّاسِ)) “ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންނެވެ.”

އެބަހީ؛ ޖިންނީންގެ ފަރާތުންނާއި އާދަމުގެދަރިންގެ ފަރާތުން ވަސްވާސް އާދެއެވެ. އެގޮތުން ޖިންނީންގެ ފަރާތުން އަންނަ ވަސްވާހަކީ އަހަރެމެންނަށް އެނގި ފާޅުވެގެންވާ ކަމެކެވެ. އެހެނީ، އާދަމުގެ ދަރިޔާގެ ހަށިގަނޑުގައި ލޭ ދައުރުކުރާފަދައިން ޖިންނި ދައުރުކުރެއެވެ. އާދަމުގެދަރިންގެ ފަރާތުން އަންނަ ވަސްވާސް ދަންނައެވެ. އާދަމުގެދަރިންގެ ތެރެއިން ވަސްވާސްދޭމީހުން އިންސާނާގެ ކައިރިއަށްއައިސް ނުބައިކަންކަމަށް ހިތްވަރުދީ، އެފަދަ ކަންކަމަށް ލެންބުމަށްޓަކައި ވާހަކަތައް ދައްކައެވެ. އަދި އެ ލެންބުމަށް ބޭނުންވާކަމެއްގެ ވާހަކަތައް ދައްކައިގެން، އެ އިންސާނާގެ ހިތުގައި އެކަމެއް ޒީނަތްތެރިކުރުވައެވެ. އެ ވަސްވާސްދޭމީހާ އެދޭގޮތަށް އެމީހާއާއެކު އަތުވެއްޖެއުމަށްދާންދެން މިގޮތުގެ މަތިން ވަސްވާސްދެއެވެ.

އަލްއިޚްލާޞް، އަލްފަލަޤު، އަދި އަންނާސް މިތިން ސޫރަތަކީ؛ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަފުޅުލެއްޕެވުމަށް އެނދުކޮޅަށް ވަޑައިގެންފިނަމަ، ދެއަތްޕުޅު އެއްކުރައްވައި ކިޔަވާވިދާޅުވެ ފުމެލެއްވުމަށްފަހު އެކަލޭގެފާނުގެ މޫނުކޮޅާއި، ހަށިގަނޑުން އަތްކޮޅުބީހުމަށް ކުޅަދާނަވީ ހިސާބެއްގައި އަތްކޮޅު ބީއްސަވާ ތިން ސޫރަތެވެ.(3)އަދި ފަރުޟު ފަސްނަމާދުގެ ފަހުގައި މި ސޫރަތްތައް އެކަލޭގެފާނު ކިޔަވާ ވިދާޅުވެއެވެ.(4)ފަހެ، އިންސާނާގެ މައްޗަށް ވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މި ސޫރަތްތައް ކިޔަވާވިދާޅުވި ޙާލަތްތަކުގައި ކިޔަވައިގެން ސުންނަތުގައި ހިފެހެއްޓުމެވެ.

والله أعلم، وصلّى الله وسلّم على نبيّنا محمد وعلى آله وصحبه أجمعين.

__________________

(1) أخرجه البخاري، كتاب الأذان، باب فضل التأذين (608). ومسلم، كتاب الصلاة، باب فضل الأذان وهروب الشيطان عند سماعه (389) (83).

(2) أخرجه الإمام أحمد في المسند  14277  بإسناد ضعيف ، لانقطاعه بين الحسن وجابر

(3) أخرجه البخاري، كتاب فضائل القرآن، باب فضل المعوذات (5017).

(4) أخرجه أبو داود، كتاب الوتر، باب في الاستغفار (1523). والنسائي، كتاب السهو، باب الأمر بقراءة المعوذات بعد التسليم من الصلاة (1337). والحاكم (1/253) وصححه على شرط مسلم.

__________________

މަރުޖިޢު:

* تفسير القرآن الكريم جزء عمّ لمحمد بن صالح العثيمين.