الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ސިޙުރުހެދުމަކީ އެކަމަށް ޢިލްމުބޭނުންވާކަމެކެވެ. ސިޙުރާބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
(وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولا إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ وَمَا هُمْ بِضَارِّينَ بِهِ مِنْ أَحَدٍ إِلاَّ بِإِذْنِ اللَّهِ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلا يَنفَعُهُمْ وَلَقَدْ عَلِمُوا لَمَنْ اشْتَرَاهُ مَا لَهُ فِي الآخِرَةِ مِنْ خَلاقٍ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ لَوْ كَانُوا يَعْلَمُونَ) البقرة: ١٠٢
މާނައީ: “އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެބައިމީހު ތަބާވިއެވެ. ސުލައިމާނުގެފާނު ކާފަރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފަރުވިއެވެ. އެބައިމީހުން މީސްތަކުންނަށް ސިޙުރު އުނގަންނައި ދިނުމުންނެވެ. އަދި ބާބިލްގައިވާ ހާރުތާއި، މާރޫތާ ދެބޭކަލުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށްވެސް (އެބައިމީހުން ތަބާވިއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ ވިދާޅުވެ (ނަސޭޙަތްދެއްވުމަށްފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ބޭކަލުން އުނގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެބައިމީހުން އުނގެނި އުޅެތެވެ. ﷲގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެބައިމީހުން ނުވެތެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީހުންނަށް ގެއްލުންދޭ، އަދި އެބައިމީހުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ހޯދައިގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެބައިމީހުންގެ ނަފްސުތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެބައިމީހުން އެކަން ދަންނަ ކަމުގައި ވިނަމައެވެ.”
މިއާޔަތުން ދަލީލުލިބޭގޮތުގައި، ސިޙުރަކީ ޙަޤީޤަތެއް އެކުލެވިގެންވާ، އެއިގެ ސަބަބުން މީސްތަކުންގެ ހިތްތަކަށާއި، ހަށިގަނޑަށް އަސަރުކުރުވާކަމެކެވެ. އަދި ސިޙުރުޖެހޭ ހުށީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިޒުނަފުޅައިލައިގެންކަން އެނގެއެވެ. އަދި ސިޙުރަކީ އެކަމުގައި ޢިލްމެއް އެކުލެވިފައިވާ ކަމެއްކަންވެސް އެނގެއެވެ. ސިޙުރުހެދުމުގައި ކާމިޔާބުވުމަށްޓަކައި އެޢިލްމަކީ ވަރަށްބޮޑު ދައުރެއް އަދާކުރާކަމެކެވެ. އެޢިލްމުގައި ސިޙުރުވެރިޔާ ފުންނާބުއުސްވިވަރަކަށް އެކަމުގައި އޭނާއަށް ކާމިޔާބު އިތުރުވާނެއެވެ. ދީނީ އަދި ދުނިޔެވީ ޢިލްމުތައް ފަދައިންނެވެ.
ސިޙުރުގެ މިޢިލްމަކީ ސިޙުރުވެރިންގެ ފަރާތުން އެކަކު އަނެކަކަށް ވާރުތަވަމުން އަންނަ ޢިލްމެކެވެ. ސިޙުރުވެރިން ވަނީ އެޢިލްމުގައި ފޮތްތައް ލިޔެ، މީހުންނަށް އުނގަންނައިދީ ހަދާފައެވެ. ސިޙުރުގެ ބައެއް ވައްތަރުތަކަކީ ޝައިޠާނާގެ ބޭނުންތައް ފުއްދައިދިނުމުން، ޝައިޠާނާ ސިޙުރުވެރިޔާގެ ބޭނުންތައް ފުއްދައިދޭ ވައްތަރުތަކެކެވެ. މިބައިމީހުންގެ އެންމެހާކަމެއް ބިނާވެފައިވަނީ ﷲއަށް ކުފުރުވެރިވުމާއި، އުރެދުމާއި، ފާފަވެރިވުމާއި، އަނިޔާވެރިވުމުގެ މައްޗަށެވެ. އަނެއްބައި ވައްތަރުގެ ސިޙުރަކީ ގޮށްގޮށަށްފުމެގެންނާއި ކިޔެވެލިތަކެއްގެ އެހީގައި ކުރާ ވައްތަރުގެ ސިޙުރެވެ. މިޢިލްމު ބިނާވެފައިވަނީ މިކަންކަމުގެ މައްޗަށެވެ. އެޢިލްމުގައިވާ ގޮވެލިފަތިތަކަކީ ޝައިޠާނާ ރުހޭ ގޮވެލިފަތިތަކެކެވެ. އެކަމުގައިވާ ޢަމަލުތަކަކީ ﷲއަށް ޝަރީކުކުރުމުގެ މައްޗަށް ބިނާވެފައިވާ ޢަމަލުތަކެކެވެ. މިފަދަ ނުބައިބަސްތަކަކާއި ޢަމަލުތަކެއް އެޢިލްމުގައި އެކުލެވިފައިވާއިރު، އެޢިލްމުއުގެނުމާއި، އެކަމާބެހޭފޮތްތައް ކިޔުމަކީ ކޮންކަހަލަކަމެއްތޯ ބަލާލުމަކީ މުހިއްމުކަމެކެވެ.
ފުރަތަމަ މަސްއަލަ: ސިޙުރުހެދުމަށްޓަކައި ސިޙުރުފޮތްތައް ކިޔުން:
މިގޮތުން، ސިޙުރުހެދުމަށްޓަކައި މިޢިލްމު އުގެނުމަކީ ބޮޑުވެގެންވާ ޙަރާމްކަމެކެވެ. ﷲއަށް ވެވޭ ކުފުރުވެރިވުމެކެވެ. އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ސިޙުރުއުގެނުމާއި އުގަންނައި ދިނުމަކީ ޙަރާމްކަމެކެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އޮތްކަމެއް ތިމަންމެންނަކަށް އެނގިފައެއްނެތެވެ. ތިމަންމެންގެ އަޞްޙާބުން (އެބަހީ، ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން) ވިދާޅުވެފައިވެއެވެ. ސިޙުރުވެރިޔާ ކާފަރުވަނީ އެއުގެނުމާއި އެއަށް ޢަމަލުކުރުމުގެ ސަބަބުންނެވެ. އެމީހަކު އެކަންކުރީ ޙަރާމް ނުވަތަ މުބާޙުކަމެއްގޮތުގައި ދެކިގެންކަމުގައި ވީނަމަވެސްމެއެވެ. އެއީ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيَاطِينَ كَفَرُوا)) މިއާޔަތުގެ ((وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولا إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) ނިޔަލަށެވެ. ((وَمَا كَفَرَ سُلَيْمَانُ)) އެބަހީ، ސުލައިމާނުގެފާނަކީ ސިޙުރުގެ ސަބަބުން ކާފަރުވި ބޭކަލެއްކަމުގައި ނުވެއެވެ. އަދި އެދެބޭކަލުން (އެބަހީ ހާރުތާއި މާރޫތު) ވިދާޅުވިއެވެ. ((إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) އެބަހީ، ސިޙުރު ނޫގެނޭށެވެ. އެކަމުގެ ސަބަބުން ކާފަރުވާހުއްޓެވެ.” (المغني: 10/106، صارم البتار: ص. 50.)
އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ((إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) މިބަސްފުޅުން އިޝާރާތްކުރާގޮތުގައި ސިޙުރު އުގެނުމަކީ ކާފަރުކަމެކެވެ.” (فتح الباري: 10/225، صارم البتار: ص. 50.)
ދެވަނަ މަސްއަލަ: ސިޙުރުވެރިންގެ ކަންތައްތައް ދެނެގަތުމަށްޓަކައި ސިޙުރުފޮތްތައް ކިޔުން:
މިބޭނުމަށްޓަކައި ސިޙުރުގެ ފޮތްތައް ކިޔުމާމެދު ޢިލްމުވެރިންގެ ދެބަސްފުޅެއް ވެއެވެ.
(1) ޢިލްމުވެރިންނާއި، ޤާޟީންނާއި، އަމަންއަމާންކަން ބަލަހައްޓާމީހުން އެފޮތްތަކުގައާއި ސިޙުރުވެރިންގެ ނުބައިކަން ދެނެގަތުމަށްޓަކައި އެފަދަފޮތްތައް ކިޔުން ހުއްދަކަމަށްވާ ބަސްފުޅެވެ. އެއީ ޢިލްމުވެރިން އެހެންދީންތަކާއި ފިރުޤާތަކުގެ ޢިލްމުދެނެގަނެ އެބައިމީހުންގެ ބަސްތަކަށް ރައްދުދީ، އެބައިމީހުންގެ ބާޠިލުކަންދެނެގަތުމުގެގޮތުން، އެދީންތަކުގެ ނުވަތަ ފިރުޤާތަކުގެ މީހުންގެ ފޮތްތައް ބަލާދިރާސާކުރާ ފަދައިންނެވެ. ނަމަވެސް ޝަރުޠަކީ ކަމުގެ ތަފްޞީލަށާއި ސިޙުރުގެ މާއެތެރެއަށް ވަނުމެއްނެތިއެވެ. އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ބައެއް ޢިލްމުވެރިން ދެކަމުންކުރެކަމަކަށް ސިޙުރުގެ ޢިލްމު އުގެނުން ހުއްދަކުރައްވައެވެ. އެއީ އޭގައިވާ ކުފުރާއި އެނޫން އެއްޗެހި ވަކިކުރުމަށެވެ. ނޫނީ އެކަމުގެ ބަލިޖެހިފައިވާ މީހުންގެ ކިބައިން އެކަން ނައްތާލުމަށެވެ. ފަހެ، ފުރަތަމަކަން ދަންނައެވެ. އިޢްތިޤާދުކުރާގޮތެއްގެ މައްޗަށް މެނުވީ އެކަމުގައި މަނަލެއްނެތެވެ. އިޢްތިޤާދު ސަލާމަތުންވާޙާލު، ހަމައެކަނި އެކަން ދެނެގަތުމަކީ މަނާކުރުން ލާޒިމުކުރާކަމެއްނޫނެވެ. ބުދަށް އަޅުކަންކުރާމީހުން ބުދަށް އަޅުކަންކުރާގޮތް ދެނެގަންނަ ފަދައިންނެވެ… އަދި ދެވަނަކަން ދަންނައެވެ. (ބަލިޖެހިފައިވާ މީހާގެ ކިބައިން އެކަން ފިލުވާލުމަށްޓަކައި) ކޮންމެހެން އެކަމަށް ބޭނުންވެ، ބައެއްމީހުން ދަޢުވާކުރާގޮތުގައި ކޮންމެވެސް ކުފުރެއް ނުވަތަ ފާސިޤުކަމެއް ނުކޮށް އެކަމުން ސަލާމަތްނުވާނެކަމަށް (ޤަބޫލުކޮށްގެން އެޢިލްމު އުގެނުން) އަޞްލުގައިވެސް ހުއްދަވެގެންނުވެއެވެ. މިނޫންކަމަކު ކުރިންނަންގަނެވުނު ކަމުގައި ހުއްދަވެގެންވެއެވެ.” (فتح الباري 10/276: كتاب الطب، باب السحر)
އެހެންކަމުން، މިކަމުގައި ދެޝަރުޠެއްވެއެވެ. އެއީ އެކަންކުރާމީހަކީ ޢިލްމުވެރިއަކަށްވުމެވެ. އަދި ކަމުގެ ތަފްޞީލަށާއި ކަމުގެ މާއެތެރެއަށް ނުވަނުމެވެ.
(2) އެއްވެސްކަމަކަށް ސިޙުރުގެ ފޮތްތައް ކިޔުމެއްނުވާކަމަށް އައިސްފައިވާ ބަސްފުޅެކެވެ. އައްޝެއިޚް އިބްނު ބާޒު ރަޙިމަހުﷲއަށް ސުވާލުކުރެވުނެވެ. “ސިޙުރުގެ ފޮތްތަކާއި، ތަރިތަކުން ފާލުބެލުމާބެހޭ ފޮތްތައް ކިޔައި، އެފޮތްތައް ބޭނުންކުރުމަކީ ޙަރާމްކަމެއްކަން ބަޔާންކޮށްދެއްވުމަށް (ޝެއިޚުގެ) އަރިހުން އެދެމެވެ. އެހެނީ، އެފޮތްތައް ވަރަށްގިނައިން (އަތުޖެހޭ ފަށުގައި) އެބަހުއްޓެވެ. އަދި ތިމަންގެ ބައެއް ރައްޓެހިން އެފޮތްތައް ގަތުމަށް ބޭނުންވެއެވެ. އެރައްޓެހިން ބުނާގޮތުގައި، އެފޮތްތައް ނުބައިކަމަކަށް ބޭނުންނުކުރާކަމުގައިވާނަމަ އެކަން ޙަރާމެއްނޫނެވެ؟” ޝެއިޚް ޖަވާބު ދެއްވިއެވެ. “بسم الله الرحمن الرحيم، الحمد لله والصلاة والسلام على رسول الله وعلى آله وأصحابه ومن اهتدى بهداه أما بعـد: ސުވާލުކުރިފަރާތުން އެބުނެފައިވަނީ ޙައްޤެވެ. ފަހެ، މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ސިޙުރާއި ތަރިތަކަށް ބަލައިގެން ފާލުބަލާ ފޮތްތަކުން ރައްކާވެ ތިބުމެވެ. އަދި އެފަދަފޮތެއް ފެނިއްޖެމީހެއްގެ މައްޗަށް ވަނީ އެފޮތް ނައްތާލުމެވެ. އެހެނީ، އެފޮތަކީ (އެފޮތުގެ ސަބަބުން) މުސްލިމުން ގެއްލުންވެ، ޝިރުކުގެ ތެރަށް ވައްދާލާ އެއްޗެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((مَنِ اقْتَبَسَ شُعْبَةً مِنَ النُّجُومِ، فَقَدْ اقْتَبَسَ شُعْبَةً مِنَ السِّحْرِ زَادَ مَا زَادَ)) މާނައީ: “ތަރިތަކަށް ބަލައިގެން ފާލުބަލާ ޢިލްމުން ބައެއް އުނގެނެފިމީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން ސިޙުރުން ބައެއް އުނގެނެފިއެވެ. އިތުރަށް އުނގެނުނު ވަރަކަށް ސިޙުރުން އުނގެނެވޭ ވަރުވެސް އިތުރުވާނެއެވެ.”(1)ދެމަލާއިކަތުންނާ ބެހޭގޮތުން ﷲ އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައިވެއެވެ. ((وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولا إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) މާނައީ: “ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ ވިދާޅުވެ (ނަސޭޙަތްދެއްވުމަށްފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެބޭކަލުން އުނގަންނަވައެއް ނުދެއްވައެވެ.” (މިއާޔަތުން) ދަލީލުކުރަނީ ސިޙުރުއުގެނުމާއި އެއަށް ޢަމަލުކުރުމަކީ ކުފުރެއްކަމެވެ. ފަހެ، އިސްލާމްކަމުގެ އަހުލުވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ ސިޙުރާއި ތަރިތަކަށް ބަލައިގެން ފާލުބަލާ ޢިލްމާބެހޭ ފޮތްތަކާ ދެކޮޅަށް ހަނގުރާމަކުރުމެވެ. އެފޮތްތައް ވީތާކުން (ހޯދައި) ނެތިކޮށްލުމެވެ. ވާޖިބުވެގެންވާ ގޮތަކީ މިއީއެވެ. (ދީނީ) ޢިލްމު އުގެނޭ މީހެއްވިޔަސް އަދި އެނޫންމީހެއްވިޔަސް އެފޮތްތައްކިޔައި، އެފޮތްތަކުގައިވާ ތަކެތިން ޢިލްމު އުގެނުމަކީ ހުއްދަވެގެންވާކަމެއްނޫނެވެ. ޢިލްމު އުގެނޭ މީހަކަށް ނުވާމީހުންވެސް އެފަދައިން، އެފޮތްތައް ކިޔައި، އެފޮތްތަކުގައިވާ ތަކެތިން ޢިލްމު އުގެނުމެއް އެމީހާއަކަށް ނުވެއެވެ. އަދި އެފޮތްތައް ކިޔައިގެންވެސް ނުވާނެއެވެ. އެހެނީ، އެކަމަކީ ﷲއަށް ކުފުރުވުމަށް މަގުދައްކާކަމެކެވެ. ފަހެ، ވާޖިބުވެގެންވަނީ އެފޮތްތައް ވީތާކުން (ހޯދައި) ނައްތާލުމެވެ. މިފަދައިން ސިޙުރާއި ތަރިތަކަށް ބަލައިގެން ފާލުބެލުމާބެހޭ ކޮންމެ ފޮތްތަކެއް ނައްތާލުމަކީ ވާޖިބުކަމެކެވެ.”(2) (ޝެއިޚް އިބްނު ބާޒުގެ ފަތުވާ މިހިސާބަށް ނިމުނީއެވެ.)
ކޮންމެއަކަސް މިދިޔައީ ސިޙުރުވެރިންގެ ކަންތައްތައް ދެނެގަތުމަށްޓަކައި، ސިޙުރުފޮތްތައް ކިޔުމާބެހޭގޮތުން ޢިލްމުވެރިންގެ ދެބަސްފުޅެވެ. އަޅުގަނޑުމެން މިމަސްއަލައަށް ފުންކޮށް ނަޒަރު ހިންގާލައިފިކަމުގައިވާނަމަ، ޝެއިޚް އިބްނު ބާޒުގެ ބަސްފުޅަށް ބާރުލިބޭ އެއްދަލީލަކީ، ޞަޙާބީންނާއި، ތާބިޢީންފަދަ ސަލަފު ބޭކަލުން، ސިޙުރުފޮތްތައް ދިރާސާކުރެއްވިކަމެއް އަޅުގަނޑު ދިރާސާކުރިކުރުމުގައި އެނގޭކަށް ނެތެވެ. ހަމަގައިމުވެސް އެނގޭ އެއްކަމަކީ އެބޭކަލުންގެ ޒަމާނުގައިވެސް ސިޙުރަކީ ޢާއްމު ކަމެއްކަމެވެ. ޔަހޫދީންނާއި މުޝްރިކުންގެ ތެރޭގައިވެސް ސިޙުރުވެއެވެ. އަދި އިބްނު ޙަޖަރު ރަޙިމަހުﷲގެ ބަސްފުޅުގައި އެގެންނަވާފައިވަނީ ބައެއް ޢިލްމުވެރިންގެ ރައުޔެވެ. އެކަލޭގެފާނު އެވާހަކަ އެވަނީ ނަޤުލުކުރައްވާފައެވެ.
ހަމައެފަދައިން، އެހެންދީންތަކުގެ މީހުންގެ ޝުބުހަތައް ފިލުވައި، އެމީހުންނަށް ރައްދުދިނުމަށްޓަކައި އެބައިމީހުންގެ ފޮތްތައް ދިރާސާކުރުމާ، ސިޙުރުފޮތްތައް ދިރާސާކުރުމުގައި ފަރަޤުތަކެއް އުޅެއެވެ. އެހެނީ، ދީންތަކަށް ނުވަތަ ފިރުޤާތަކަށް މީހުން އުޅެނީ، އެބައިމީހުންގެ ހިތުގައިވާ ޝައްކުތަކާއި ޝުބުހަތަކެއްގެ ސަބަބުންނެވެ. ނުވަތަ ކާބަފައިންގެ ގޮތުގައި ހިފެހެއްޓުމަށެވެ. އެފަދަކަންކަމަކީ، އެބައިމީހުންގެ ދީނުގައިވާ ދެކޮޅުނުޖެހޭ، ބާޠިލުކަން ބަޔާންކުރުމުން އެބައިމީހުން ޙައްޤަށް ރުޖޫޢަވާނޭކަމެކެވެ. މިއާއިޚިލާފަށް، ސިޙުރަކީ އޭގެޒާތުގައިވެސް ކުފުރާއި އަނިޔާވެރިކަމެކެވެ. ސިޙުރުހަދާމީހުން އެކަންކުރަނީ ކޮންމެހެން އެކަން ރަނގަޅުވެގެން، އެއީ ޙައްޤުކަމުގައި ދެކިގެންނެއްނޫނެވެ. އެކަންކުރަނީ އެހެންމީހުން ތިމާގެ ބާރުގެ ދަށަށް ގެނެއުމަށާއި، ބާޠިލުގޮތުގައި މީހުންގެ މުދާކެއުމަށާއި، ފިތުނަ ފަސާދައުފެއްދުން ފަދަ އަމިއްލަ ބޭނުންތަކެއް ޙާޞިލުކުރުމަށެވެ.
ސިޙުރުފޮތްތަކަކީ އެފޮތްތަކެއްގައި ﷲއަށް ކުފުރާއި، ޝިރުކާއި، ޝައިޠާނުން ރުހޭ ވާހަކަތަކުން ފުރިފައިވާ ފޮތްތަކެކެވެ. އެހެނީ، އެކަމުގެ އަޞްލަކީ ﷲއަށް ކުފުރުވެރިވެ، ޝައިޠާނުން ރުއްސެމެވެ. އެހެންކަމުން، މިފަދަ ފޮތްތައް ކިޔާއުޅުމަކީ މީހާ ޝައްކާއި ޝުބުހަތަކަށް މަގުފަހިކުރުވާނެކަމެކެވެ. ޝިރުކަކީ އަބަދުވެސް އަޅުގަނޑުމެން އެކަމަށް ބިރުވެތިވެ، އެކަމަށް މަގުފަހިކުރުވަފާނެ އެންމެހާ މަގުތަކަށް ހުޝިޔާރުވެ ހުންނަންޖެހޭ ކަމެކެވެ. ނުރައްކާތެރި ބިރުހުރިކަމެކެވެ. ހިތުގައި އުފެދޭ ކުޑަ ޝައްކެއް ނުވަތަ ޝުބުހައެއްގެ ސަބަބުން އެއަނދަވަޅަކަށް ފަސޭހަކަމާއެކު ވެއްޓިގެންދާނޭ ކަމަކެވެ. މިކަމުގެ ނުރައްކާތެރިކަން ދޭހަކޮށްދޭ ދަލީލަކީ ﷲގެ ޚަލީލު އިބްރާހީމްގެފާނު ކުރެއްވި ދުޢާފުޅެވެ. ((رَبِّ اجْعَلْ هَذَا الْبَلَدَ آمِناً وَاجْنُبْنِي وَبَنِيَّ أَنْ نَعْبُدَ الأَصْنَامَ (35) رَبِّ إِنَّهُنَّ أَضْلَلْنَ كَثِيراً مِنْ النَّاسِ)) إبراهيم: 35-36 މާނައީ: “އަޅުގެ ވެރިރަސްކަލާކޮ! މި ރަށަކީ، އަމާންވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ! އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެ ބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ.” ސުބުޙާނަﷲ! އިބްރާހީމް ޢަލައިހިއްސަލާމް އެކަމަށް ބިރުވެތިވެވަޑައިގެންނެވި ވަރު އަޅުގަނޑުމެން ވިސްނަވާލައްވާށެވެ! ކަމަކީ ނުރައްކާތެރިކަމެކެވެ. އެކަމަށް މަގުފަހިކުރުވަފާނެ އެންމެހާ ކަމަކުން ދުރުހެލިވުމަކީ އެންމެ އިސް އެއްވާޖިބުވެ.
މިފަދަ ބޮޑުފޮތުނައެއްގެ ތެރެއަށް އަޅުގަނޑުމެން ހުށަހެޅިގަތުމަކީ ނުރައްކާތެރިކަމެކެވެ. ޢަޤީދާއާއި ދީނީ އެހެން ޝަރުޢީ ޢިލްމުތަކުގައި އަޅުގަނޑުމެންގެ ނުކުޅެދުންތެރިކަމާއެކުމެއެވެ. ފަލްސަފާގެ ޢިލްމާއި، މަންޠިޤާއި، ޚުދު ޢަރަބިބަހުގެ ތެރެއަށް މާބޮޑަށް ވަތް ކިތައްބޭކަލުން މަސްއަލަތަކުގައި ޙައްޤުމަގުން އެއްކިބާވެވިފައިވޭތޯއެވެ؟ އެހެންދީންތަކާއި، ފިރުޤާތަކުގެ ޝުބުހަތަކަށް ހުށަހެޅުމުގެ ސަބަބުން ޙައްޤުމަގުން މަސްއަލަތަކުގައި އަހުލުއްސުންނަތުގެ އަޤީދާއާ އެއްފަރާތްވެވުނުތޯއެވެ؟ ވީއިރު، އަޅުގަނޑުމެންފަދަ ޝަރުޢީ ޢިލްމުގައި ނުފިރުކެވޭވަރު މީހުން އެފަދަކަމަކަށް ވަނުމަކީ ނުރައްކާތެރިކަމެކެވެ. އަޅުގަނޑުމެން ސިޙުރުވެރިންގެ ޢަމަލުތަކާބެހޭގޮތުން ސިޙުރުފޮތްތައް ކިޔުމުގެ ބަދަލުގައި ޢިލްމުވެރިން ސިޙުރުވެރިންގެ ޢަމަލުތަކާއި، ސިޙުރާބެހޭގޮތުން ލިޔުއްވާފައިވާ ފޮތްތަކަށް ރުޖޫޢަވުމަކީ ސަލާމަތްކަންބޮޑުކަމެކެވެ. އަޅުގަނޑުމެންގެ އަމިއްލަނަފްސުތައް އެބޮޑު ފިތުނައިން ސަލާމަތްވުމަށެވެ. ޙައްޤާއި ބާޠިލަކީ ކޮބައިކަން ދެނެގަތުމަށެވެ.
ޚުލާޞާ:
މަތީގައި ބަޔާންވެދިޔަ ވާހަކަތަކުގެ ޚުލާޞާއަކީ ސިޙުރުފޮތްތަކަކީ ޝިރުކުގެ އެތައްކަމަކުން ފުރިފައިވާފޮތްތަކެކެވެ. އެހެނީ، ސިޙުރުގެ އަޞްލުބިނާވެފައިވަނީ ﷲއަށް ކުފުރުވުމުގެ މައްޗަށެވެ. ސިޙުރުގެފޮތްތައް ކިޔައި ހެދުމަކީ އެކަމުގެ އަސަރު ކުރުވާނެކަމެކެވެ. ޝައްކާއި ޝުބުހަތަކަށް މީހާ ވައްދާނެކަމެކެވެ. ޚާއްޞަކޮށް އަޅުގަނޑުމެނަށް ލިބިފައިވާ ޢަޤީދާގައާއި ޝަރުޢީ އެހެން ޢިލްމުތަކުގެ މަދުކަމާއެކުގައެވެ. އެފަދަފޮތްތައް ކިޔުއްވިކަމެއް ސަލަފުންގެ ކިބައިން ވާރިދުވެފައި ނުވާ އިރުއެވެ. ހަމަކަށަވަރުން ޙައްޤުގައި ތިއްބެވި ބޭކަލުންނަކީ އެބޭކަލުންނެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ އެބޭކަލުންގެ ގޮތްތަކަށް ތަބާވުމެވެ. ކޮންމެ ޢިލްމަކީ ފައިދާކުރާނެ ޢިލްމެއްނޫނެވެ. އިބްނު ރަޖަބު ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް “ފަޟްލު ޢިލްމުއްސަލަފި ޢަލާ ޢިލްމިލްޚަލަފި” މިފޮތުގައި ޢިލްމުތަކުގެ ތެރޭގައި ގެއްލުންދޭނެ ޢިލްމުވެސް ވާކަން ބަޔާންކުރައްވާފައިވެއެވެ. އަދި ބައެއް ޢިލްމަކީ އެނގުމަށްވުރެ ނޭނގުން ހެޔޮ ޢިލްމުތަކެއްކަމުގައިވެސް ބަޔާންކުރައްވާފައިވެއެވެ. އޭގެތެރޭގައި ސިޙުރާބެހޭ ޢިލްމުގެންނަވާފައިވެއެވެ.(3)
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ހިދާޔަތު ދައްކަވައި، އެހިދާޔަތުގައި ސާބިތުކުރެއްވުމެވެ. އަދި އެހިދާޔަތުން އެއްކިބާކޮށްފަނިވި ޝައްކުތަކާއި ޝުބުހަތަކުން އަޅުގަނޑުމެން ރައްކާތެރިކުރެއްވުމެވެ. އާމީން. والله أعلم.
__________________________________
(1) أبوداود: (3905)، وابن ماجه: (3726)، وحسّنه شيخ الألباني في الصحيحة: (793).
(2) فتاوى نور على الدرب الجزء الأول: http://www.binbaz.org.sa/mat/4795
(3) انظر: فضل علم السلف على علم الخلف لابن رجب الحنبلي: 51.