މުސްތަޤުބަލަކީ ﷲ ތަޢާލާ ފިޔަވައި އެއްވެސް ފަރާތަކަށް އެނގޭނޭ އެއްޗެއްނޫނެވެ. މުސްތަޤުބަލު އެނގޭ ކަމަށް ދަޢުވާ ކުރާމީހަކީ ބޮޑު ދޮގުވެރިއެއްކަން ކަށަވަރެވެ. ނަބީބޭކަލުންނަށާއި މަލާއިކަތުންނަށްވެސް ﷲ ތަޢާލާ އަންގަވައިދެއްވި މިންވަރަކަށް މެނުވީ ޣައިބާއި ބެހޭގޮތުން އެނގިގެން ނުވެއެވެ. އެހެންކަމަށްވާއިރު އާދައިގެ އިންސާނަކަށް ޣައިބު އެނގޭކަމަށް ދަޢުވާކުރެވޭނީ ކިހިނަކުންތޯއެވެ؟ އެފަދަ މީހަކު އެދަޢުވާ ކުރަނީ ﷲ ތަޢާލާ އަށް ޚާއްސަވެގެންވާ ސިފައެއް އޭނަގެ ކިބައިގައިވާކަމަށެވެ. އެ ދަޢުވާކުރެވެނީ އިލާހުވަންތަކަމަށެވެ. އެފަދަ ދަޢުވާއެއް ކުރުމަކީ ދީނުންބޭރުވެގެންދާ ބޮޑުޝިރުކެކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ” سورة الأنعام59 މާނަ: ” އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ހަޟްރަތުގައެވެ. އެކަލާނގެ ފިޔަވައި އެއްވެސް ފަރާތަކަށް އެކަންތައްތައް އެނގިގެން ނުވެއެވެ. “
މަލާއިކަތުންނަށްވެސް ޣައިބުގެ ޢިލްމުގެ ތެރެއިން ﷲ ތަޢާލާ އަންގަވައިދެއްވި މިންވަރެއް ފިޔަވައި އެނގިގެން ނުވާކަން އަންނަނިވި އާޔަތުން ހާމަވެގެންދެއެވެ. ” وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ فَقَالَ أَنبِئُونِي بِأَسْمَاءِ هَـٰؤُلَاءِ إِن كُنتُمْ صَادِقِينَ ﴿٣١﴾ قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ ﴿٣٢﴾ ” سورة البقرة މާނަ : ” އަދި އާދަމުގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެއިލާހު އުނގަންނަވައިދެއްވިއެވެ. ދެން އެއިލާހު އެތަކެތި މަލާއިކަތުންނަށް ހުށަހަޅުއްވައި ވަޙީކުރެއްވިއެވެ. ތިޔަބައިމީހުންގެ ތިޔަ ދަޢުވާގައި ތެދުވެރިކަމުގައި ވާނަމަ ، މިތަކެތީގެ ނަންތަކުން ތިޔަބައިމީހުން ނިކަން ތިމަން އިލާހަށް ޚަބަރު ދީބަލާށެވެ. (31) އެ މަލާއިކަތުން ދެންނެވިއެވެ. އިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. އިބަ އިލާހު އަޅަމެންނަށް އުނގަންނަވައި ދެއްވި އެއްޗެއް މެނުވީ އަޅަމެންނަށް އެނގިގެން ނުވެއެވެ. އިބަ އިލާހުއީ މޮޅަށް ދެނެވޮޑިގެންވާ ޙިކުމަތް ވަންތަ އިލާހެވެ. (32) “
ނަބީބޭކަލުންނަށްވެސް ﷲ ތަޢާލާ ބަޔާންކޮށްދެއްވި އެއްޗެއް މެނުވީ ޣައިބުގެ ޢިލްމުން އެނގިގެން ނުވެއެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” قُل لَّا أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ ۚ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ ﴿٥٠﴾ ” سورة الأنعام މާނަ : ” ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ގާތުގައި ﷲ ގެ ޚަޒާނާތައް ވާކަމަކަށް، ނުވަތަ ތިމަންކަލޭގެފާނަށް ޣައިބު އެނގޭކަމަކަށް ތިޔަބައިމީހުންގެ ގާތަކު ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނީ މަލާއިކަތެކޭވެސް ތިޔަބައިމީހުންގެ ގާތަކު ވިދާޅެއްނުވަމެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވަވާގޮތަށް މެނުވީ ތިމަންކަލޭގެފާނު ތަބަޢުވެވަޑައެއް ނުގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަނުމީހަކާ، ލޮލަށްފެންނަ މީހަކާ ހަމަހަމަވާނޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ފިކުރުނުކުރަނީހެއްޔެވެ؟ “
ޖިންނީންނަށްވެސް ޣައިބު އެނގިގެން ނުވާކަން ކީރިތިޤުރުއާންގައި ﷲ ތަޢާލާ ވަނީ ބަޔާންކޮށްދެއްވާފައެވެ. ޖިންނީން، ސުލައިމާނު ޢަލައިހިއްސަލާމްގެ އަމުރުފުޅަށް މަސައްކަތުގައި އުޅުއްވަނިކޮށް ﷲ ތަޢާލާ ސުލައިމާން ޢަލައިހިއްސަލާމްގެ ފުރާނަ ހިއްޕެވިއެވެ. ” فَلَمَّا قَضَيْنَا عَلَيْهِ الْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِ إِلَّا دَابَّةُ الْأَرْضِ تَأْكُلُ مِنسَأَتَهُ ۖ فَلَمَّا خَرَّ تَبَيَّنَتِ الْجِنُّ أَن لَّوْ كَانُوا يَعْلَمُونَ الْغَيْبَ مَا لَبِثُوا فِي الْعَذَابِ الْمُهِينِ ﴿١٤﴾ ” މާނަ : ” ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވިހިނދު، ކަތުރުފަނި ނޫންއެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. ދެންފަހެ، އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖައޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް ޣައިބު އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި ޢަޒާބުގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ. “
އެހެން ކަމުން އަތްބަލައި، މުސްތަޤުބަލު އެނގޭމީހެއްކަމަށް މީހަކު ދަޢުވާކުރާނަމަ އެމީހަކީ ދޮގުވެރިއެއްކަމަށް ޔަޤީންކުރާށެެވެ. އެފަދަ މީހުން އެވަނީ މިއްލަތުން ބޭރުވެ ކުފުރުވެފައެވެ. އެބައިމީހުން އެދަޢުވާ ކުރަނީ ، ކުރިންވެސް ބަޔާންކުރި ފަދައިން ، ﷲ ތަޢާލާއަށް ޚާއްސަވެގެންވާ ސިފައެއް އެބައިމީހުންގެ ކިބައިގައި ވާކަމަށެވެ. އަދި އެފަދަ މީހެއްގެ ކައިރިއަށް ގޮސް ޣައިބުގެ ކަމަކާއި ބެހޭގޮތުން ސުވާލުކޮށް ހެދުން އެއީ ބޮޑުވެގެންވާ ފާފައެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައި ވެއެވެ. ” مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَىْءٍ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ لَيْلَةً ” رواه مسلم މާނަ : ” މުސްތަޤްބަލު ކިޔައިދޭ މީހެއްގެ (ކާހިނެއް ނުވަތަ އަތްބަލާމީހެއްގެ) ކައިރިއަށްގޮސް މުސްތަޤުބަލާއި ނުވަތަ ޣައިބާއި ބެހޭގޮތުން ސުވާލުކޮށްފި މީހެއްގެ ނަމާދު ސާޅީސް ރޭ ވަންދެން ޤަބޫލުނުކުރެވޭނެތެވެ. “
އަދި އެފަދަ މީހެއްގެ ބަސް ޤަބޫލުކޮށްފި މީހާ އާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައި ވެއެވެ. ” من أتى كاهناً، فصدَّقه بما يقول؛ فقد كفر بما أنزل على محمد ” رواه أبوداود މާނަ : ” އަތްބަލާމީހެއް ކައިރިއަށް ގޮސް އޭނަ ބުނާ އެއްޗެއް ތެދުކޮށްފީހާ މުޙައްމަދު ގެފާނުގެ މައްޗަށް ބާވައިލެއްވުނު އެއްޗެއްސަށް ކާފަރުވެއްޖެއެވެ.”
މިކަމުގެ ނުރައްކާތެރިކަން އިސްވެ ބަޔާންވި ދެ ޙަދީޘުން ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެއެވެ. މާދަމާ ކަން ހިނގާނެ ގޮތެއް ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނޭންގޭނެއެވެ. އެއީ ކިތައްމެ ތަޤުވާވެރި އަޅުވެރިއެއް ކަމުގައި ވިޔަސް މެއެވެ. އެއީ ކިތައްމެ މާތް މީހެއް ކަމުގައި ވިޔަސް މެއެވެ. ނަސީބު ހުރިގޮތް ބަލަން ބޭނުންކުރާ ވަސީލަތްތަކާއި ރާހި ބެލުމާއި މިފަދަ އެންމެހައި ކަންކަމީ ﷲ ތަޢާލާއަށް އީމާންވާ މުސްލިމަކު ކޮންމެހެން ދުރުވާންޖެހޭނޭ ކަންކަމެވެ.
ކުރިއަށް އޮތް ހަފްތާގައި މިވެނި މީހަކަށް ދީމާވާނީ އުފާވެރި ކަމެއްތޯ ނުވަތަ ހިތާމަވެރި ކަމެއްތޯ ، މިވެނި ތާރީޚެއްގައި އުފަންވި މީހެއްގެ ނަސީބު ކުރިއަށް އޮތް ހަފްތާގައި ހުރީ މިިވެނި ގޮތަކަށޭ ބުނެ ، އިންޓަނެޓާއި އަދިވެސް ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ، ބަޔަކު ފަތުރަމުންގެންދާ ޝިރުކުގެ ޢަމަލުތަކުގައި ޖެހިފައިވާ މީސްތަކުން މުސްލިމުންގެ ތެރޭގައިވެސް މަދެއްނޫނެވެ. މިއީ އިސްލާމް ދީނާއިމެދު މުސްލިމުން ޖާހިލުވެފައިވާކަން ހާމަވެގެންދާ ކަމެކެވެ. އެއްވެސް މުސްލިމަކު ގަޞްތުގައި ﷲ އަށް ޝިރުކުކޮށް ނަރަކާގައި ދާއިމީގޮތެއްގައި އޮންނަން ޖެހޭ މީހަކަށް ވާކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ނޭންގިތިބެ މިފަދަ ޝިރުކުގެ ޢަމަލުތަކަށް އަރައިގަނެވެނީއެވެ. އެހެން ކަމުން ހައްޤު އެނގުމަށްފަހު ހައްޤަށް ރުޖޫޢަވުމަށް އެންމެހައި އަޚުންނަށްވެސް ވަޞިއްޔަތް ކުރަމެވެ.
މުސްލިމުންގެ އަޤީދާ އަކީ މިއީ އެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ. ” إِنَّ اللَّـهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ ﴿٣٤﴾ ” سورة لقمان މާނަ : ” ހަމަކަށަވަރުން، ޤިޔާމަތް ވުމުގެ ވަގުތު ދެނެވޮޑިގެން ވަނީ، ﷲ ތަޢާލާއެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް ނަފްސަކަށްއަކަށް، އެ އެނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން،ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ. “