[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް އައްދުކްތޫރު ޣާލިބު ބުން ޢަލީ ޢަވާޖީ – رحمه الله

الحمد لله رب العالمين ، وصلى الله على نبينا محمد وعلى آله وصحبه أجمعين وبعد :

ނަންފުޅު: غالب بن علي بن غالب عواجي . (ޣާލިބު ބުން ޢަލީ ބުން ޣާލިބު ޢަވާޖީ)

އުފަންވުން:  އުފަންވީ ހިޖުރައިން 1367 ވަނަ އަހަރު ސުޢޫދީ ޢަރަބިއްޔާގެ ޖާޒާންގެ އަލްޙަރްޘް އޭ ކިޔުނު ރަށުގައެވެ.

ބޮޑުފުޅުވުން: ޝައިޚު ބޮޑުފުޅުވީ ޔަތީމު ޙާލުކޮޅުގައެވެ. ޝައިޚު ކުޑައިރު ބައްޕާފުޅު ނިޔާވިއެވެ. އެއާއެކު މާ ދުވަސްތަކެއް ނުވެއް މަންމާފުޅުވެސް ނިޔާވިއެވެ.

އަޚްލާޤާއި ޞިފަތައް: ޝައިޚަކީ ރިވެތި އަޚްލާޤުގެވެރި ބޭކަލެކެވެ. ޙިލްމުވެރި ތަވާޟުޢުވެރި ބޭކަލެކެވެ. މިކަމަށް ޝައިޚު ދަންނަ ކޮންމެ މީހަކު އަދި ޝައިޚުގެ ދަރިވަރުން ހެކިވެއެވެ.

 

ޢިލްމީ ޙަޔާތްޕުޅު:

_ ޞާމިޠާ އޭ ކިޔުނު ރަށުގެ ޢިލްމީ މަޢުހަދާ ޝައިޚު ގުޅިވަޑައިގެންނެވިއެވެ. އަދި ހިޖުރައިން 1387/1386 ވަނަ އަހަރު އެ މަޢުހަދުން ދަސްވެނިވިއެވެ. އަދި ޝައިޚު އެ މަޢުހަދުގައި ކިޔަވާ ވިދާޅުވި އިރު އެ މަޢުހަދައި ނަތީޖާގެ ގޮތުން ދެވަނަ ހޯއްދެވިއެވެ.

– އެއަށްފަހު މަދީނަތުލްމުނައްވަރާއަށް ޝައިޚު ދަތުރުކުރެއްވިއެވެ. އަދި މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ މަޢްހަދުއްޘާނަވީއާ ގުޅިވަޑައިގެންނެވިއެވެ. އަދި ހިޖުރައިން 1391ވަނަ އަހަރު އެ މަޢުހަދުން ދަސްވެނިވިއެވެ.

_ އެއަށްފަހު މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ ޝަރީޢާ ކުއްލިއްޔާއާ ޝައިޚް ގުޅިވަޑައިގެންނެވިއެވެ. މި ކުއްލިއްޔާއިން 1394/1395ވަނަ އަހަރު މުމްތާޒް ދަރަޖައިގައި ދަސްވެނިވިއެވެ.

– 1395ވަނަ އަހަރު މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރާ އެއްގޮތުގައި ޢައްޔަނުކުރެވުނެވެ. އަދި މަލިކު ޢަބްދިލްޢަޒީޒް ޔުނިވަރސިޓީގެ މައްކާގައި ހުންނަ ގޮފީގެ ކުއްލިއްޔަތުއްޝަރީޢާ ވައްދިރާސާތިލް އިސްލާމިއްޔާގައި މާސްޓަރސް ފުރިހަމަ ކުރެއްވުމަށް މައްކާއަށް ދަތުރު ކުރެއްވިއެވެ. މާސްޓަރސް ހެއްދެވީ ބުނެވުނު ކުއްލިއްޔާގެ ޢަޤީދާ ޤިސްމުގައެވެ. ދަސްވެނިވީ ހިޖުރައިން 1399ވަނަ އަހަރެވެ. ޝައިޚްގެ ތީސީސްގެ މައުޟޫޢަކީ: “ޚަވާރިޖުން: އެ މީހުންގެ ތާރީޚާއި، އެ މީހުންގެ ޢަޤީދާގެ ރައުޔުތަކާއި، ދީން އެ މީހުންނާ މެދު ދެކޭ ގޮތް” މިއެވެ. މާސްޓަރސްގެ ޕުރޮގުރާމުގެ ތެރޭގައި ހިޖުރައިން 1397ވަނަ އަހަރު ޝައިޚު ދެ މަސްދުވަހުގެ މުއްދަތުގެ ޢިލްމީ ދަތުރުތަކެއް މިޞްރަށާއި ޢުމާނަށް ކުރެއްވިއެވެ. އެއީ އެ ދެ ޤައުމުގައި ހުރި ބައެއް ޗާޕު ނުކުރެވޭ އަތުން ލިޔެވިފައި ވާ ފިރުޤަތަކާ ގުޅޭ އިހުގެ ބައެއް ފޮތްތަކެއް ބައްލަވައި އެ މުރާޖަޢާ ކުރެއްވުމަށެވެ.

މާސްޓަރސްއަށް ފަހު ޝައިޚު މަދީނަތުލްމުނައްވަރާއަށް އެނބުރިވަޑައިގަތެވެ. އެއީ މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ ޢަޤީދާގެ ދާއިރާއިން ޕީ.އެޗް.ޑީއަށް ކިޔަވާ ވިދާޅުވުމަށްޓަކައެވެ. މި މަރުޙަލާގެ ތީސީސްގެ މައުޟޫޢެއް ކަމުގައި ވީ: “އާޚިރަތުގެ ޙަޔާތް؛ މަޙްޝަރު ކުރެއްވުމާއި ސުވަރުގެއަށް ނުވަތަ ނަރަކައަށް ވެއްދެވުމާ ދެމެދު” މިއެވެ. ދަސްވެނިވީ ހިޖުރައިން 1405ވަނަ އަހަރެވެ.

ހިޖުރައިން 1405ވަނަ އަހަރު ދަސްވެނިވުމާއެކު މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ދަޢުވާ އަދި އުޞޫލުއްދީންގައި އެސިސްޓެންޓް ޕުރޮފެސަރެއްގެ ގޮތުގައި ޢައްޔަނު ކުރެވުނެވެ. އެއަށްފަހު 1415ވަނަ އަހަރު އެސޯސިއޭޓު ޕުރޮފެސަރެއްގެ މަޤާމަށް ޢަޔަން ކުރެވުނެވެ. ޝައިޚު ނިޔާވުމާ ހަމައަށް މި މަޤާމުގައި ދެމި ހުންނެވިއެވެ.

 

ޝައިޚު ބައިވެރިވެލެއްވި މަސައްކަތްތަކާއި ދާއިރާތައް:

މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ މަތީ މަރުޙަލާގެ އެކިއެކި ޕުރޮގުރާމުތަކަށް ކިޔަވައި ދެއްވުމުގައި ގާތްގަނޑަކަށް ސާޅީސް އަހަރު ޝައިޚު ހޭދަ ކުރެއްވިއެވެ.

– އެތަކެއް މަސައްކަތު ބައްދަލުވުންތަކެއްގައި، މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އިންޑިއާ، ސެނެގާލް، އިންޑޮނީޝިއާ އަދި މެލޭޝިއާގައި ގިނަ އަހަރުތަކެއްވާންދެން ކިޔަވައި ދެއްވިއެވެ.

މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ ބައެއް ދިރާސީ މަންހަޖުތައް އެކުލަވައިލެއްވުމުގައި ޝައިޚު ބައިވެރިވެލެއްވިއެވެ. އަދި މަތީ މަރުޙަލާގެ ކުދީންގެ އެތަކެއް ދިރާސީ ބަޙުޘްތަކެއް ބައްލަވައި ނަތީޖާ ދެއްވިއެވެ. އަދި ބައެއް ޢިލްމީ ދަރުސްތަކުގައި ބައިވެރިވެލެއްވިއެވެ. ހަމައެހެންމެ ގިނަ ޢަދަދެއްގެ ކުދީންގެ މާސްޓަރސް އަދި ޕީ.އެޗް.ޑީގެ ތީސީސްތަކުގައި މުނާޤިޝެއްގެ ގޮތުގައި އަދި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި މަތީ މަރުޙަލާގެ ޕުރޮގުރާމުތަކާ ބެހޭ މަޖިލީހުގައި ކުއްލިއްޔަތުއްދަޢުވާ ތަމްސީލު ކުރެއްވިއެވެ.

މަދީނަތުލްމުނައްވަރާގެ ބައެއް މިސްކިތްތަކުގައި އިމާމެއްގެ ގޮތުގައި ޝައިޚު މަސައްކަތްޕުޅު ކުރެއްވިއެވެ. މި ގޮތުން ފުރަތަމަ މިކަމާ ޙަވާލުވެވަޑައިގަތީ މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާގައި ކިޔަވާ ވިދާޅުވަމުން ގެންދެވި އިރު، -ޔުނިވަރސިޓީގެ އޭރުގެ ރައީސް- އައްޝައިޚު ޢަބްދުލްޢަޒީޒު އިބްނު ބާޒް އެކަމަށް ޝައިޚަށް ވަޞިއްޔަތް ކުރެއްވުމުންނެވެ. މި ކަމުންވެސް އެނގިގެންދަނީ ޝައިޚަކީ ޚުލުޤު ހެޔޮ އަދި ޢިލްމީ ގޮތުންވެސް އެންމެ ހެޔޮ ދަރިވަރުންގެ ތެރެއިން ދަރިވަރެއް ކަމެވެ.

 ޝައިޚު މައްކާގައި ކިޔެވުމަށް ފުރާވަޑައިގަތުމާ ވިދިގެން މެދުކެނދިފައި އޮތުމަށް ފަހު، މަދީނާއަށް އެނބުރި ރުޖޫޢަވުމަށް ފަހު އިމާމުކަމާ އަލުން ޙަވާލުވެވަޑައިގެންނެވިއެވެ. ޝައިޚު މަދީނާގެ މިސްކިތެއްގައި ގާތްގަނޑަކަށް ތިރީސް އަހަރު އިމާމެއްގެ ގޮތުގައި އުޅުއްވިއެވެ. އެއީ ޝައިޚު ނިޔާވުމުގެ ދުވަސްކޮޅެއް ކުރިއާ ހަމައަށެވެ.

 

ޝައިޚުގެ ޢިލްމީ ތަރިކަ:

ޝައިޚް ޣާލިބު ބައެއް ޢިލްމީ ފޮތްތަކާއި ލިޔުންތައް ދޫ ކުރެއްވިއެވެ. އޭގެ ތެރެއިން ބައެއް މަސަައްކަތްތަކަކީ މީސްތަކުންގެ ތެރޭގައި ބަލައިގަނެވި ﷲގެ އިރާދަފުޅާއެކު ފެތުރިފައިވަ މަސައްކަތްތަކެކެވެ. އަދި އޭގެ ތެރެއިން ގިނަ މަސައްކަތްްތައް އެއީ ޝަރުޢީ ކުއްލިޔާތަކުގައި މުޤައްރަރުގެ ތެރެއިން ކިޔަވައި ދެވޭ ފޮތްތައްކަމުގައި ވިއެވެ.  ޝައިޚުގެ ބައެއް ލިޔުއްވުންތަކުގެ ތެރޭގައި:

 

ފުރަތަމަ: ޗާޕު ކުރެވިފައި ވާ ފޮތްތައް:

  1. ޚަވާރިޖުން: އެ މީހުންގެ ތާރީޚާއި، އެ މީހުންގެ ޢަޤީދާގެ ރައުޔުތަކާއި، އިސްލާމު ދީން އެ މީހުންނާ މެދު ދެކޭ ގޮތް. (މި ފޮތް އެކުލެވިގެންވަނީ އެއް މުޖައްލަދު (ވޮލިޔުމް)ގެ މައްޗަށެވެ.)
  2. އާޚިރަތުގެ ޙަޔާތް: މަޙްޝަރު ކުރެއްވެވުމާއި ސުވަރުގެއަށް ނުވަތަ ނަރަކައަށް ވެއްދެވުމާ ދެމެދު. (މި ފޮތް އެކުލެވިގެންވަނީ ތިން މުޖައްލަދު (ވޮލިޔުމް)ގެ މައްޗަށެވެ.)
  3. މި ޒަމާނުގައި އިސްލާމު ދީނަށް ނިސްބަތް ކުރެވޭ ބައެއް ފިރަޤުތަކާއި ދީން އެ ފިރަޤުތަކާ މެދު ދެކޭ ގޮތް. (މި ފޮތް އެކުލެވިގެންވަނީ ތިން މުޖައްލަދު (ވޮލިޔުމް)ގެ މައްޗަށެވެ.)
  4. ޒަމާނީ ފިކުރީ މަޒުހަބުތަކާއި މުޖުތަމަޢުގައި އެ މަޒުހަބުތަކުގެ ދައުރާއި މުސްލިމު މީހާ އެ މަޒުހަބުތަކާ މެދު ދެކޭން ޖެހޭ ގޮތް. (މި ފޮތް އެކުލެވިގެންވަނީ ދެ މުޖައްލަދުގެ މައްޗަށެވެ.)
  5. ނަބީކަމަށް ދަޢުވާ ކުރި މީހުން: މުޖުތަމަޢަށާއި ފިކުރަށް އެ މީހުންގެ ސަބަބުން ހުރި ނުރައްކާ. (މި ފޮތުގައިވަނީ އެއް މުޖައްލަދެވެ.)

 

ދެވަނައަށް: މިހާރު ޗާޕު ކުރުމުގެ ތެރޭގައި ވާ ފޮތްތައް:

  1. ބެރެލެވީން: އެ މީހުންގެ ފޮތްތަކުން
  2. އަޙްބާޝުން: އެ މީހުންގެ ފޮތްތަކުން

 

ތިންވަނައަށް: ޗާޕު ނުކުރެވި ވާ ފޮތްތައް:

  1. މިހާރު ހުރި ވަޟުޢީ ދީންތަކާއި ޞައްޙަ ދީން ޞަރީޙަކޮށް ބަޔާންކުރުން.
  2. ހެޔޮކަމުގެ މަގުތައް.
  3. އެ ކަންތައް ތިބާއަށް ހެޔޮވެގެންވާ ކަމުގައި ވެ ދާނެތެވެ.

ޝައިޚު އަތްޕުޅުން ލިޔުއްވައިފައި ވާ ބައެއް ރިސާލާތަކާއިޅެންތައް ވެއެވެ. (މި ތަކެތި ޗާޕު ވެ ނުކުތުން އެދި ދުޢާ ކުރަމެވެ!)

 

ނިޔާވުން:

ޢިލްމީ އަދި ޢަމަލީ ޙަޔާތްޕުޅަކަށް ފަހު ޝައިޚުގެ ޙަޔާތްޕުޅުގެ ފަހުކޮޅު ޝައިޚަށް އާލާސްކަމެއް ޖެހިވަޑައިގަތެވެ. ހަސްފަތާލުގައި ދުވަސްކޮޅަކަށް އެނދުމަތި ކުރެވުނެވެ. އެއަށްފަހު ހިޖުރައިން 1438ވަނަ 1 ޛުލްޤަޢިދާވީ ހޯމަ ދުވަހުގެ ޢިޝާ ނަމާދަށް ފަހު ޝައިޚު ނިޔާވީއެވެ. އެއީ މީލާދީ ގޮތުން 24 އޮގަސްޓް 2017 އެވެ.

ޝައިޚަށް ޖެހުނު އާލާސްކަމަކީ ޝައިޚަށް ހުރި ކައްފާރާއެއް ކަމުގައްޔާއި ދަރަޖަ އުފުލެނިވި ކަމެއްގެ ގޮތުގައި ލައްވައި، އަޅަމެން އެންމެން އެއިލާހުގެ ސުވަރުގޭގައި ދެމިގެންވާ ނިޢުމަތުގައި ﷲ ތަޢާލާ ލައްވާނދޭވެ! އާމީން!

________________________

މަޞްދަރު