الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މައްސަލައިގެ ތަޞައްވަރު:
މީހަކު ރަށެއްގައި ރޯދަ ހިފަން ފަށާފައި ރޯދަމަސް ނިމުމުގެ ކުރިން އެހެން ރަށަކަށް ދެއެވެ. އެރަށުގެ މީހުން ރޯދަ ހިފަން ފަށާފައިވަނީ ފުރަތަމަ ރަށަށް ވުރެ ފަހުންނެވެ. އޭނާ އެބައިމީހުންނަށް ތަބާވާނަމަ 30 ދުވަހަށް ވުރެ ގިނައިން ރޯދަހިފުމަށް ލާޒިމު އެބަވެއެވެ. ނުވަތަ މިކަން އިދިކޮޅަށްވެސް ހިނގާފާނެއެވެ. އޭނާ ކުރިން ހުރި ރަށަށް ވުރެ އަވަހަށް ރޯދަ ހިފަން ފަށާފައިވާ ރަށަކަށް ދިޔުމުން، އޭނާއަށް 28 ރޯދަ ނުވަތަ 29 ރޯދަ ހިފޭ ގޮތްވެސް އެބަވެއެވެ. މިކަމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
މިކަމުގައި ޢިލްމުވެރިންގެ ބަސްފުޅުތައް:
މިކަމުގައި ޢިލްމުވެރިންގެ ދެ ބަސްފުޅެއް ވެއެވެ.
ފުރަތަމަ ބަސްފުޅު:
އެ ދާ ރަށެއްގެ ބަޔަކާ އެކު ރޯދަ ފުރިހަމަކޮށް ޢީދުކުރުމެވެ. މިކަމުގައި ޝާފިޢީ މަޛްހަބުގައި ޞައްޙަ ބަސްފުޅަކީ 30 ދުވަހަށް ވުރެ އިތުރުވިޔަސް އެ ދާ ރަށުގެ އަހުލުވެރިންނާއެކު ރޯދަ ހިފާފައި ދެން ޢީދުކުރުމެވެ. [1]
ތަފްޞީލު: “އޭނާ އެބައިމީހުން ރޯދަ ވީއްލަންދެން އެބައިމީހުންނާ އެކުގައިވާނީއެވެ. އެއީ އެއްދުވަސް ނުވަތަ ދެދުވަސް އިތުރަށް ނުވަތަ އެއްދުވަސް ނުވަތަ ދެދުވަސް މަދުން ރޯދަ ހިފަން ޖެހުނަސްމެއެވެ. (މިއީ ޝާފިޢީންގެ ބަސްފުޅެވެ.)
މީހަކު އިސްލާމުންގެ ރަށަކުން އެހެން އިސްލާމީ ރަށަކަށް ބަދަލުވެއްޖެނަމަ އަދި އޭނާ އެ ބަދަލުވިތަނުގައި ރޯދަވީއްލުން (އެބަހީ: ރޯދަމަސް ނިންމުން) ލަސްވެއްޖެނަމަ، ފަހެ އެބައިމީހުން ރޯދަވީއްލަންދެން އޭނާ އެބައިމީހުންނާ އެކުގައި ވާނީއެވެ. (އެބަހީ: އެބައިމީހުންނާއެކު ރޯދަހިފާނީއެވެ.) އެހެނީ ރޯދަ ހިފަން ޖެހެނީ މީސްތަކުން ރޯދަ ހިފާދުވަސްވަރުގައެވެ. އަދި ރޯދަ ނިންމުން އޮންނަނީވެސް މީސްތަކުން ރޯދަ ނިންމާ ދުވަހެވެ. އަދި އަޟްޙާގެ ދުވަހަކީ މީސްތަކުން އެކުގައި އުޟްޙިޔާ ކަތިލާ ދުވަހެވެ. [2]
މިއީ އެއްދުވަސް ނުވަތަ އެއަށްވުރެ އިތުރަށް އޭނާ ރޯދަހިފަން ޖެހުނު ނަމަވެސްއެވެ.
އެހެނީ އޭނާ ދެވަނަ ރަށަށް ބަދަލުވިއިރު އެތަނުގައި ހަނދު ފެނިފައި ނުވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަމުރުކުއްވާފައިވަނީ ހަނދު ނުފެންނަނީސް ރޯދަތައް ހިފަން ނުފެށުމަށެވެ. އަދި ހަނދު ނުފެންނަނީސް ރޯދަހިފުން ދޫކޮށްވެސް ނުލުމަށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((صُوْمُوا لِرُؤْيَتِهِ، وَأَفْطِرُوا لِرُؤْيَتِهِ)) [رواه البخاري (1909)]
މާނައީ: “އެ ފެނުމުން (އެބަހީ: ހަނދު ފެނުމުން) ރޯދަހިފާށެވެ. އަދި އެ ފެނުމުން (އެބަހީ: ހަނދު ފެނުމުން) ރޯދަ ދޫކޮށްލާށެވެ.”
އޭގެ މިޘާލަކީ ލަހުން އިރުއޮއްސޭ ރަށަކަށް ދަތުރުކުރި މީހެއްގެ މިޘާލެވެ. ހަމަކަށަވަރުން އެތަނަށް އިރުއޮއްސެންދެން އޭނާ ރޯދައަށް ހުންނަންވާނެއެވެ. އެއީ ޢާންމު ދުވަހަކަށް ވުރެ ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރު ނުވަތަ އެއަށް ވުރެ އިތުރުވި ނަމަވެސްމެއެވެ.
މިއާ އިދިކޮޅަށް ކަންދިމާވެއްޖެނަމަ ދަންނައެވެ. އެއީ ރޯދަމަސް ޘާބިތުވުން ފަސްވެފައިވާ ރަށަކުން، ރޯދަމަސް ކުރިން ޘާބިތުވެފައި ރަށަކަށް ބަދަލުވުމެވެ. ފަހެ ހަމަކަށަވަރުން އޭނާ އެބައިމީހުންނާއެކު ޢީދު ކުރާނީއެވެ. އަދި ރަމަޟާންމަހުން ފާއިތުވީ މިންވަރު އޭނާ ޤަޟާ ކުރާނީއެވެ.
އޭނާއަށް އެއްދުވަސް ފާއިތުވިނަމަ އެއްދުވަސް ޤަޟާކުރާނީއެވެ. އަދި ދެ ދުވަސް ފާއިތުވިނަމަ ދެ ދުވަސް ޤަޟާކުރާނީއެވެ. ފަހެ އަށާވީސްދުވަހު ރޯދަ ހިފުމަށް ފަހު ރޯދަ ދޫކޮށްލައިފިނަމަ، ދެ ރަށުގައިވެސް ރޯދަމަސް ފުރިހަމަވިނަމަ (އެބަހީ: ދެރަށުގެ މީހުންވެސް ތިރީސް ރޯދަހިފިނަމަ) ދެ ދުވަސް ޤަޟާކުރާނީއެވެ. ނަމަވެސް އެ ދެރަށުގައި ނުވަތަ އެއް ރަށުގައިވެސް މަދުން ރޯދަހިފިނަމަ (އެބަހީ: ނަވާވީސް ދުވަސް ރޯދަހިފިނަމަ)، އޭނާ ޤަޟާކުރާނީ އެއް ދުވަހެވެ.” [3]
އަދި ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ، ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله އާ ސުވާލު ދެންނެވުނެވެ.
“ސުޢޫދީ ޢަރަބިއްޔާގައި ރަމަޟާންމަހުގެ އެންމެ ފުރަތަމަ ދުވަހު ރޯދަހިފާފައި، ސުޢޫދީ ޢަރަބިއްޔާއަށް ވުރެ ފަހުން ރޯދަ ހިފަން ފެށި ޤައުމަކަށް ދެވިއްޖެނަމަ އެ ޤައުމުގައި ހުންނަ އިރު 31 ރޯދަ ހިފާނީ ހެއްޔެވެ؟
ޖަވާބު: ދުވަސްތަކުގެ ޢަދަދު ގިނަވިޔަސް އެބައިމީހުންނާ އެކު ރޯދަ ހިފާ އެބައިމީހުންނާ އެކު ޢީދު ކުރާނީއެވެ. އެއީ އިސްވެ ބަޔާންވެ ދިޔަ ޙަދީޘްގައިވާ ގޮތަށެވެ.
((الصَّوْمُ يَوْمَ تَصُومُونَ، وَالْفِطْرُ يَوْمَ تُفْطِرُونَ)) [رواه الترمذي (٦٩٧) وحسنه الألباني في إرواء الغليل (٩۰٥)]
މާނައީ: “ރޯދަހިފުންވަނީ ތިޔަބައިމީހުން (އެންމެން) ރޯދަ ހިފާ ދުވަހެވެ. އަދި ރޯދަ ނިންމުންވަނީ ތިޔަބައިމީހުން (އެންމެން) ރޯދަ ނިންމާ ދުވަހެވެ.” ” [4]
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީއަށް ސުވާލު ދެންނެވުނެވެ.
ސުވާލު: ރަމަޟާންމަހުގައި 30 ދުވަސް ވާއިރު، ސުޢޫދީ ޢަރަބިއްޔާގައި ރޯދަ ހިފަން ފަށާފައި އިންޑިއާއަށް ގޮސްފައިވެސް އެ ގޮތަށް ހިފަންވީ ހެއްޔެވެ؟ ސުޢޫދީ ޢަރަބިއްޔާގައި ޝައްވާލުމަހުގެ ހަނދުފެނުން ވަނީ ތަފާތުވެފައެވެ. އިންޑިއާގެ މުސްލިމުންނާއެކު އަޅުގަނޑު ރޯދަ ހިފާނަމަ 31 ދުވަސް ނުވަތަ 32 ދުވަސް އެބަ ހިފެއެވެ.
ޖަވާބު: ރޯދަ ފެށުމުގައި ބަލާނީ އޭނާ ރޯދަމަސް ފެށި އިރު ހުރި ޤައުމަށެވެ. އަދި ނިންމުމުގައި ބަލާނީ އޭނާ އެ ދިޔަ ޤައުމަށެވެ. އޭނާއަށް ހިފުނު ރޯދައިގެ ޢަދަދަކީ 28 ކަމުގައި ވާނަމަ 1 ދުވަސް ޤަޟާކުރާނީއެވެ. އެހެނީ ހަނދުމަހެއް 29 ދުވަހަށް ވުރެ މަދެއް ނުވާނެއެވެ.
އޭނާ 30 ރޯދަ ހިފާފައި އެ ޤައުމަށް ދިޔަނަމަ އަދި އެ ޤައުމުގެ މީހުން އަދި 1 ދުވަހު ރޯދަ ހިފަން އޮތްނަމަ، އޭނާގެ މައްޗަށް ލާޒިމުވެގެންވަނީ އެމީހުންނާއެކު ރޯދަ ހިފުމެވެ. އަދި އެމީހުން ޢީދު ކުރުމުން އެމީހުންނާއެކު ޢީދުކުރުމެވެ.
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم. [5]
ދެވަނަ ބަސްފުޅު:
މިކަމުގައި ޙަންބަލީ މަޛްހަބުގެ ބަސްފުޅަކީ ތިރީސް ދުވަހަށް ވުރެ އިތުރުވަންޏާ އެ ރަށެއްގައި ހުންނަ އިރު އިތުރުވާ ދުވަހުގައި ރޯދަ ނުހިފާ، ސިއްރުން ރޯދަ ވީއްލުމެވެ. [6]
ތަފްޞީލު: މި މައްސަލައިގައި އެބޭކަލުންގެ ދަލީލަކީ ޝަރުޢީ ގޮތުން ހިޖުރީ މަހެއްގައި ވާނީ 29 ނުވަތަ 30 ދުވަހެވެ. އެއަށް ވުރެ އިތުރެއް ނުވާނެއެވެ. ޙަދީޘްގައި އައިސްފައިވެއެވެ.
«الشَّهْرُ هَكَذَا وَهَكَذَا» يَعْنِي مَرَّةً تِسْعَةً وَعِشْرِينَ، وَمَرَّةً ثَلاَثِينَ [رواه البخاري (1913)]
މާނައީ: “(އެކަލޭގެފާނުގެ އިނގިލިފުޅުތަކުން އިޝާރާތްކުރައްވާފައި ޙަދީޘްކުރެއްވިއެވެ.) މަހެއްގައި ވަނީ ބައެއް ފަހަރު މި ފަދައިންނެއެވެ. އަދި އަނެއްބައި ފަހަރު މި ފަދައިންނެވެ.” އެބަހީ: ބައެއް ފަހަރު ނަވާވީހެވެ. އަދި އަނެއްބައި ފަހަރު ތިރީހެވެ.
މި މައްސަލައިގައި ޝައިޚް ނާޞިރުއްދީން އަލްއަލްބާނީ رحمه الله އާ ސުވާލުދެންނެވުނެވެ.
“މިސާލަކަށް ސުޢޫދީ ޢަރަބިއްޔާގައި ރޯދަ ހިފަންފަށާ މީހަކު ޖަޒާއިރަށް ގޮސްފައި ރޯދަތައް ފުރިހަމަ ކުރާއިރު ފަހަރުގައި 31 ރޯދަ ހިފަން ޖެހިދާނެއެވެ.
ޖަވާބު: އެފަދަ މީހަކު 29 ދުވަސް ނުވަތަ 30 ދުވަސް ރޯދަ ހިފާށެވެ. 28 ދުވަހާ 31 ދުވަސް ރޯދަ ހިފުމެއް ނުވެއެވެ.” [7]
އެހެންކަމުން 28 ރޯދަ ހިފުނު މީހަކު އެބަޔަކާއެކު ޢީދުކޮށްފައި މަދުވާ ރޯދަ ޤަޟާ ކުރަން ޖެހޭނެއެވެ.
ނިންމުން:
މި ދެ ބަސްފުޅަށް ނަޒަރު ހިންގާލުމުން ފާހަގަވާ މުހިންމު ނުކުތާތަކެއް ވެއެވެ.
- މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވާ މައްސަލައެކެވެ.
- 31 ރޯދަ ހިފަން ވިދާޅުވާ ޢިލްމުވެރިންގެ އަރިހުގައި 31 ވަނަ ރޯދައަކީ ސުންނަތް ރޯދައެކެވެ. އެއީ ދަތުރުމަތީގައި ފަރުޟު ނަމާދެއް ކޮށްގެން ރަށަށް އަންނައިރު، ޖަމާޢަތެއްގެ ބަޔަކު އެ ނަމާދުކުރަނިކޮށް އާދެވިއްޖެއްޔާ، އެ ޖަމާޢަތުގައި ބައިވެރިވުމަށް ބާރު އަޅުއްވާފައިވާ ފަދައިންނެވެ. (ބައްލަވާ: صحيح أبي داود (590)) މި ޙަދީޘްގައި ޖަމާޢަތުގައި ބައިވެރި ނުވެ ތިބި ދެ ބޭކަލުންނާ މުޚާޠަބުކުރައްވާ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިމަން ބޭކަލުންނާއެކު ނަމާދު ނުކުރެއްވީ ކީއްވެ ހެއްޔެވެ؟” ދެން އެކަލޭގެފާނު ބަޔާންކުރެއްވީ ރަށުގައި ޤާއިމުވެ ތިބި ބޭކަލުންނާއެކު ޖަމާޢަތުގައި ކުރެވޭ ދެވަނަ ނަމާދުވާނީ އެބޭކަލުންނަށް ސުންނަތް ނަމާދެއް ކަމުގައެވެ.
- ދެވަނަ ބަސްފުޅުގެ ޢިލްމުވެރިން އެ ވިދާޅުވާ ގޮތަށް މެދުވެރިވާނީ އިތުރަށް ހިފާ ރޯދައަކީ ފަރުޟު ރޯދައެއްކަމުގައި ދެކޭ ނަމައެވެ. ސުންނަތް ރޯދައެއްކަމުގައި ބަލާނަމަ އެ މައްސަލަ ދިމައެއް ނުވާނެއެވެ.
ރަމަޟާންމަސް ފެށުމުގެ އެއް ދުވަސް ނުވަތަ ދެދުވަސް ކުރިން ރޯދަ ހިފުން ނަހީކުރައްވާފައިވާ ޙަދީޘްގައިވެސް ވަނީ އާދަކޮށް ސުންނަތް ރޯދަ ހިފަމުން އަންނަ މީހަކަށް އެ ދުވަސްތަކުގައި ރޯދަ ހިފުމަށް ހުއްދަ ދެއްވާފައެވެ. އެއީ ރަމަޟާންމަހުގެ ރޯދައަށް އިތުރުކުރުމުގެ ޢިއްލަތު އެ ހިސާބުން ކެނޑިގެން ދާނެތީއެވެ. އެ ގޮތުން އެއް ރަށެއްގައި މުޅި ރަމަޟާންމަހު ޤާއިމުވެ ހުރި މީހަކު 31 ރޯދަ ހިފާނަމަ އެކަން ހުއްދައެއް ނުވާނެއެވެ. ދެ ރަށެއްގައި ރަމަޟާން މަހުގެ ކުރީ ކޮޅާ ފަހު ކޮޅު ހޭދަކުރާ މީހަކު މިކަމުގައި ތަފާތެވެ.
- ސިއްރުން ރޯދަ ވީއްލުމުން، ފުރަތަމަ ބަސްފުޅުގެ ޢިލްމުވެރިން ގެންނަވާފައި ޙަދީޘްގައި މީސްތަކުން އެންމެން އެއްކޮށް ރޯދަ ހިފައި ޢީދުކުރަން އޮތް އަމުރުފުޅަށް ޢަމަލު ނުކުރެވޭނެއެވެ. އެހެނަސް ދަތުރުވެރިޔަކު ނުވަތަ ބަލިމީހަކު އެފަދަ ދުވަހެއްގައި ރޯދަ ދޫކޮށްލުމަށް އެދޭނަމަ އެކަމުގެ ލުއިކަން އެމީހަކަށް އޮންނާނެއެވެ.
* އެހެންކަމުން މި ދެ ބަސްފުޅުގެ ތެރެއިން ދަލީލުގެ ގޮތުން ރާޖިޙު، އިޢުތިރާޟު ކުޑަ އަދި ޝަރުޢީ އުޞޫލާ ބޮޑަށް ގާތް ބަހެއްކަމުގައި ބެލެވެނީ ފުރަތަމަ ބަސްފުޅެވެ. އެއީ މީސްތަކުންނާ އެކު ރޯދަ ހިފާ މީސްތަކުންނާ އެކު ޢީދުކުރުމަށް ބުނާ ބަސްފުޅެވެ. والله أعلم.
[1] ބައްލަވާ: مغني المحتاج للخطيب الشربيني (2/ 145).
[2] ރޯދަމަސްފެށުމާއި ރޯދަމަސް ނިންމުމުގައާ އަދި ޢީދުކުރުމުގައި ޚިލާފު ނުވެ އެއްބައިވަންތަވުމަށް ރަސޫލާ صلى الله عليه وسلم ބާރުއަޅުއްވާފައިވާ ޙަދީޘެއް ވެއެވެ. އެ ޙަދީޘްގައިވަނީ:
((الصَّوْمُ يَوْمَ تَصُومُونَ، وَالْفِطْرُ يَوْمَ تُفْطِرُونَ، وَالأَضْحَى يَوْمَ تُضَحُّونَ.)) [رواه الترمذي (٦٩٧) وحسنه الألباني في إرواء الغليل (٩۰٥)]
މާނައީ: “ރޯދަހިފުންވަނީ ތިޔަބައިމީހުން (އެންމެން) ރޯދަ ހިފާ ދުވަހެވެ. އަދި ރޯދަ ނިންމުންވަނީ ތިޔަބައިމީހުން (އެންމެން) ރޯދަ ނިންމާ ދުވަހެވެ. އަދި އަޟްޙާގެ ދުވަހަކީ ތިޔަބައިމީހުން (އެންމެން) އުޟްޙިޔާ ކަތިލާ ދުވަހެވެ.” އަދި މީސްތަކުންނާ އެކުގައި ރޯދަ ހިފައި މީސްތަކުންނާ އެކުގައި ޢީދުކުރުމަށް ޢާއިޝާ رضي الله عنها ވަނީ މި ޙަދީޘްގެ އަލީގައި ބާރުއަޅުއްވާފައެވެ. އެގޮތުން މަސްރޫޤު ކިޔާ ބޭކަލަކު ޢަރަފާތްދުވަހުގައި ރޯދަ ހިއްޕެވުމުން މަނާވެގަތެވެ. އެކަލޭގެފާނު އެކަން ކުރެއްވީ މަސް ފެށުމުގައި އޮޅުމެއް އަރާފައިވުމުގެ ބިރަށްޓަކައި، އެ ދުވަހަކީ ޙަޤީޤަތުގައި ޢީދު ދުވަހަށް ވެދާނެތީ އެކަމަށް ރައްކާތެރިވުމުގެ ގޮތުންނެވެ. އެކަމަނާގެ އަރިހަށް އެކަލޭގެފާނު ވަޑައިގަތުމުން އެއީ ޢީދުދުވަހަށް ވެދާނެތީ ޢަރަފާތް ދުވަހު ރޯދައަށް ނުހުންނެވީމާ އެކަމާ އިންކާރުކުރެއްވުމުގެ ގޮތުން އެކަމަނާ ވިދާޅުވިއެވެ. “މަސްރޫޤަށް ސަވީގު ތަށްޓެއް އަޅާށެވެ. (ސަވީޤަކީ: އެޒަމާނުގައި ބޭނުންކޮށް އުޅުނު ކާ އެއްޗެކެވެ.) އަދި އޭގެ ފޮނި ގަދަކުރާށެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ތިމަންކަލޭގެފާނު ރޯދަ ނުހިއްޕެވީ މިޢަދު ނަހުރުގެ ދުވަހަށް (ޢީދު ދުވަހަށް ވެދާނެތީއެވެ.) ފަހެ ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. “ނަހުރުގެ ދުވަހަކީ މީސްތަކުން އެކުގައި ނަޢަމް ސޫފި ކަތިލާ ދުވަހެވެ. އަދި ފިޠުރު ޢީދު ދުވަހަކީ މީސްތަކުން އެކުގައި ޢީދުކުރާ ދުވަހެވެ.” [رواه البيهقي في السنن الكبري (8209) وجود إسناده الألباني (السلسلة الصحيحة (224)].
[3] مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (١٩ / رقم السؤال: ٢٤).
[4] من برنامج (نور على الدرب)، (مجموع فتاوى ومقالات الشيخ ابن باز 15/ 155).
[5] فتاوى اللجنة الدائمة (10 / 129).
[6] ބައްލަވާ: الشرح الممتع للعثيمين (6 / 318).
[7] ބައްލަވާ: فتاوى عبر الهاتف والسيارة (139).