[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ ފުރިހަމަ މަޚްލޫޤް، މުޙައްމަދު صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުން

ރަސޫލާ صلى الله عليه وسلم އުފަންވީ ސީދާ ތާރީޚާއި ބެހޭގޮތުން ތާރީޚާއި ސީރަތުގެ ޢިލްމުވެރިންގެ މެދުގައި ވަނީ އިޚްތިލާފްތަކެއް އުފެދިފައެވެ. އެހެން ނަމަވެސް، އެކަލޭގެފާނު އުފަންވީ ޢާމުލް ފީލްގެ އަހަރުގައި ކަމާއި، އެ ދުވަހަކީ ހޯމަ ދުވަހެއްކަމުގައި ޢިލްމުވެރިން ވަނީ އިއްތިފާޤު ވެލައްވާފައެވެ.

އިބްނު ޤައްޔިމް رحمه الله ވިދާޅުވިއެވެ. “ރަސޫލާ صلى الله عليه وسلم އުފަންވީ މައްކާގެ މެދުގައިކަމާ އަދި، އެއީ ޢާމުލް ފީލްގެ އަހަރު ކަމަށް ބުނެވޭ ބަސްފުޅާއި މެދު އެއްވެސް އެއްވެސް ޢިލްމުވެރިއަކު އިޚްތިލާފް ވެފައެއް ނުވެއެވެ.”

އިބްނު ޢައްބާސް رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. “ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ޢާމުލް ފީލްގެ އަހަރުގައެވެ.”

މިއީ އެއްވެސް ޢިލްމުވެރިއަކު އެ ބަސްފުޅަކާމެދު އިޚްތިލާފެއް އުފެދިފައި ނުވާ ތެދު ބަސްފުޅެކެވެ. ޚަލީފާ އިބްނު ޚައްޔާތާއި، އިބްނުލް ޖައްޒާރު، އިބްނު ދިހިއްޔާ އަދި އިބްނުލް ޖައުޒީ رحمهم الله ވިދާޅުވެލައްވާފައިވާ ގޮތުގައި، މި ބަސްފުޅާ މެދު އެންމެހާ ޢިލްމުވެރިންވެސް ވަނީ އިޖުމާޢުވެލައްވާފައެވެ.

އެކަލޭގެފާނު އުފަންވީ ހޯމަ ދުވަހެއްގައެވެ.

އަބޫ ޤަޠާދާ އަލްއަންޞާރީ رضي الله عنه ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ހޯމަ ދުވަހު ރޯދަ ހިފުމާއި ބެހޭގޮތުން ރަސޫލާ صلى الله عليه وسلم އާއި ސުވާލުދެންނެވުނެވެ. އެ ހިނދު ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އެއީ ތިމަންކަލޭގެފާނު އުފަންވެވަޑައިގެންނެވި ދުވަހެވެ. އަދި އެއީ ތިމަންކަލޭގެފާނަށް ރަސޫލުކަމާއިގެން ފޮނުއްވުނު ދުވަހެވެ. ނުވަތަ ތިމަންކަލޭގެފާނަށް ފުރަތަމަ ވަޙީ ބާވައިލެއްވުނު ދުވަހެވެ.”

އިބްނު ކަޘީރް رحمه الله ވިދާޅުވިއެވެ. “ރަސޫލާ صلى الله عليه وسلم އުފަންވީ ރަބީޢުލް އައްވަލް މަހުގެ 17 ވީ ހުކުރު ދުވަހުގައި ކަމުގައި ބުނާ މީހުން އެބުނަނީ ކުށް ބަހެކެވެ. (އެބަހީ: އެއީ ތެދު ބަސްފުޅެއް ނޫނެވެ.)

ޢިލްމުވެރިން އިޚްތިލާފު އުފެދިފައިވަނީ ރަސޫލާ صلى الله عليه وسلم އުފަންވީ ސީދާ ކޮން މަހެއްގައި ކަމާއި ކޮން ދުވަހެއްގައި ކަމާއި މެދުގައެވެ.

އިބްނު އިސްޙާޤް رضي الله عنه ރިވާކުރައްވާފައި ވެއެވެ. “އަޞްޙާބުބޭކަލުންގެ ތެރެއިން ބޭކަލުންތަކެއް ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވިއެވެ.

އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނާ ބެހޭގޮތުން ތިމަންމެންނަށް ޚަބަރުދެއްވާށެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ތިމަން ކަލޭގެފާނަކީ، ތިމަންކަލޭގެފާނުގެ ބައްޕާފުޅު، އިބްރާހީމް عليه السلام ގެ ދުޢާފުޅެވެ. އަދި ޢީސާ عليه السلام  ގެ ފަރާތުން އައި ހެޔޮ ކަމެވެ. ތިމަންކަލޭގެފާނުގެ މަންމާފުޅު ތިމަންކަލޭގެފާނު ވިހޭހިނދު، އެކަމަނާގެ ހަށިގަނޑުން އައްޔެއް ނުކުންނަތަން، އެކަމަނާއަށް ފެނިވަޑައިގެންނެވިއެވެ. އަދި އެ އަލިން، ޝާމްކަރައިގެ ގަނޑުވަރުތައް އަލިކުރުވިއެވެ.”

އަލް އަލްބާނީ رحمه الله ވިދާޅުވިއެވެ. “މި ޙަދިޘް ބަސްފުޅުގެ ސަނަދަކީ ވަރަށް ވަރުގަދަ، ރަނގަޅު ސަނަދެކެވެ.”

ރަސޫލާ صلى الله عليه وسلم އުފަންވެފައިވަނީ އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވުމަށް ފަހުގައެވެ. އެހެންކަމުން، އެކަލޭގެފާނު ބޮޑުފުޅުވެފައިވަނީ ޔަތީމެއްގެ ގޮތުގައެވެ. މީގެ އިތުރުން، އެކަލޭގެފާނު އުފަންވީ އަބޫ ޠާލިބުގެ ގެކޮޅުގައި، ބަނީ ހާޝިމް ވަންހައިގައެވެ.


މަޞްދަރު