[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 2

މަލާއިކަތުންގެ ތަޢާރަފް

 

މަލާއިކަތުންގެ ބަހުގެ މާނަ:

އުންމަތުގެ ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި ’الملائكة‘ މި ނަން ނެގިފައިވަނީ الألوك (އަލްއަލޫކް) އަދި الألوكة (އަލްއަލޫކާ) އިންނެވެ. މީގެ މާނައަކީ ރިސާލަތެވެ. މިއީ ޢަރަބިބަހުގެ ޢިލްމުވެރިޔާ ސީބަވައިހި رحمه الله އަދި އުންމަތުގެ ޖުމްހޫރު ޢިލްމުވެރިންގެ ބަހެވެ.

އިބްނު ޖަރީރު رحمه الله ވިދާޅުވެފައިވާ ގޮތުގައި މަލާއިކަތުންނަށް މިފަދައިން ކިޔެނީ އެބޭކަލުންނަކީ ﷲ ތަޢާލާއާއި އެއިލާހުގެ ނަބިއްޔުންނާއި ދެމެދުގައިވާ މެދުވެރިއަށް (ރަސޫލުން ތަކަކަށް) ވާތީއެވެ. [1]

އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި ’الملائكة‘ މި ނަން ނެގިފައިވަނީ مُلْكُ (މުލްކު) އިންނެވެ. އެއީ އެބޭކަލުންގެ ގަދަފަދަކަމުންނެވެ.

މި ދެ ބަސްވެސް މަލާއިކަތުންގެ ނަމުގެ ތެރެއަށް ވަދެގެން ދެއެވެ. އެހެނީ އެބޭކަލުންނަކީ ﷲ ތަޢާލާއާއި ނަބީބޭކަލުންނާ ދެމެދުގައިވާ ރަސޫލުންތަކެވެ. އަދި އެބޭކަލުންނަކީ ނުހަނު ގަދަފަދަވެގެންވާ ބޭކަލުންތަކެވެ.

އެހެނަސް ފުރަތަމަ ބަޔާންކުރެވުނު ބަސް ރާޖިހުވެގެންވެއެވެ. ސަބަބަކީ ﷲ ތަޢާލާ، އެއިލާހުގެ ކަލާމްފުޅުގެ އެތައް ތަނެއްގައި މަލާއިކަތުންނަކީ އެއިލާހުގެ ރިސާލަތު ފޯރުކޮށްދެއްވާ ބައެއްގެ ގޮތުގައި ޞިފަކުރައްވާފައި ވެއެވެ.

އެގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ؛ ‎﴿الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا﴾ فاطر: ١  މާނައަކީ [ޙަމްދުހުރީ ﷲއަށެވެ. އެއިލާހުއީ، އިސްވެދިޔަ މިސާލަކާ ނުލާ އުޑުތަކާއި ބިން އުފެއްދެވި އިލާހެވެ. (އަދި) އެއީ މަލާއިކަތުން، އެކިއެކި ކަންކަމާއިގެން ފޮނުއްވާ ރަސޫލުންތަކެއް ކަމުގައި ލެއްވި އިލާހެވެ.] އެހެން އާޔަތެއްގައިވަނީ: ﴿اللَّهُ يَصْطَفِي مِنَ الْمَلَائِكَةِ رُسُلًا وَمِنَ النَّاسِ﴾ الحج: ٧٥  މާނައަކީ  ﷲ، މަލާއިކަތުންގެ ތެރެއިންނާއި މީސްތަކުންގެ ތެރެއިން ރަސޫލުން ޚިޔާރުކުރައްވަތެވެ.]

މަރު ހިތްޕަވާ ބޭކަލުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا﴾ الأنعام: ٦١  މާނައަކީ [ތިޔަބައިމީހުންގެ ތެރެއިން މީހަކުގެ ގާތަށް މަރު އަތުވެއްޖެނަމަ، އެހިނދު ތިމަންއިލާހުގެ ރަސޫލުން (މަލާއިކަތުން) އެމީހާގެ ފުރާނަ ހިއްޕަވައެވެ.]

އިންސާނުންގެ ތެރޭގައިވާ ރަސޫލުންނާއި ނަބީބޭކަލުންގެ ގާތަށް ދުނިޔެއަށް ފޮނުއްވާ މަލާއިކަތުންނަކީ ރަސޫލުންގެ ގޮތުގައި ޞިފަކުރައްވާފައިވެއެވެ. ﴿وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ﴾ هود: ٦٩  މާނައަކީ [އަދި ހަމަކަށަވަރުން، އުފާވެރިކަމުގެ ޚަބަރާއިގެން، ތިމަންއިލާހު ފޮނުއްވި ރަސޫލުން (އެބަހީ: މަލާއިކަތުން) އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަތެވެ.]

 

މަލާއިކަތުންގެ އިޞްޠިލާޙީ ތަޢުރީފު:

މަލާއިކަތުންގެ އިޞްޠިލާޙީ ތަޢުރީފު، ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ކުރައްވާފައިވެއެވެ. އެގޮތުން ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ތަޢުރީފުތަކުގެ ތެރެއިން އަންނަނިވި ތަޢުރީފަކީ އެންމެ ފުރިހަމަ އެއް ތަޢުރީފެވެ.

“މަލާއިކަތުންނަކީ ﷲ ތަޢާލާގެ އަމުރުފުޅާ އެއްގޮތަށް ކައުނުގައިވާ ކަންކަން ހިންގަވާ، އެއިލާހަށް އަޅުކަން ކުރެއްވުމުގައި ޤާއިމުވެ ތިއްބަވާ، އެއިލާހުގެ އިޛްނަފުޅާއެކު ޞިފަ ބަދަލުކުރުމުގެ ކުޅަދާނަކަށް ލިބިގެންވާ، ﷲ ތަޢާލާ ފިޔަވާ އެހެން ފަރާތަކަށް އެބޭކަލުންގެ ޢަދަދު ނޭނގޭހާ ގިނަ، ނޫރުން އުފައްދަވާފައިވާ، ﷲ ތަޢާލާގެ މަޚްލޫޤުންތަކެކެވެ.”


[1] ތަފްސީރުއް ޠަބަރީ

 

މިލިޔުމުގެ އެހެން ބައިތައް