بسم الله الرحمن الرحيم
މުޤައްދިމާ
إن الحمد لله نحمده، ونستعينه، ونستغفره، ونعوذ بالله من شرور أنفسنا وسيئات أعمالنا، من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدا عبده ورسوله، صلى الله عليه وآله وسلم تسليما كثيرا. أما بعد:
ﷲ ތަޢާލާއަށް އީމާންވެ ހުރި ކޮންމެ މީހެއްގެ މައްޗަށް އެ އިލާހަށް އީމާންވުމުގެ އިތުރަށް، ހިތުން ތެދުކޮށް ޤަބޫލުކުރަން ޖެހޭ އެތައް ކަމެއް ވެއެވެ. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ލޯމައްޗަށް ފެންނަށް ހުރި ބައެއް ކަންކަމާއި އަޅުގަނޑުމެންގެ ލޯމައްޗަށް ނުފެންނަ ނުވަތަ ޣައިބުގައިވާ ބައެއް ކަންކަން ހުރެއެވެ. އެކަންކަމަކީ އެއިން އެއްވެސް ކަމަކަށް އިންކާރު ކޮށްފިނަމަ ނުވަތަ އީމާން ނުވެއްޖެނަމަ، މީހާ މުއުމިނަކަށް ނުވާނެ ކަންކަމެވެ. އެހެންކަމުން އެކަންކަމަށް [އީމާންކަމުގެ ރުކުންތައް] މި ނަން ދެވިފައިވެއެވެ.
އީމާންކަމުގެ ރުކުންތައް ހައެކެވެ. އެއީ؛
- ﷲ ތަޢާލާއަށް އީމާންވުން
- މަލާއިކަތުންނަށް އީމާންވުން
- ރަސޫލުބޭކަލުންނަށް އީމާންވުން
- ބާވައިލެއްވުނު ފޮތްތަކަށް އީމާންވުން
- އާޚިރަތް ދުވަހަށް އީމާންވުން
- ޤަޟާ ޤަދަރަށް (ހެޔޮ މިންވަރާއި ނުބައި މިންވަރަށް) އީމާންވުން
ޙަދީޘުލް ޖިބްރީލްގެ ނަމުން މަޝްހޫރުވެފައިވާ، ކީރިތި ރަސޫލާ صلى الله عليه وسلمގެ ޙަދީޘްފުޅުގައި ވަނީ އިސްލާމްކަމާއި އީމާންކަމާއި އިޙްސާންކަމުގެ ވާހަކަ ބަޔާންވެފައެވެ. އިސްލާމް ދީން ދަސްކޮށް ދެއްވުމަށްޓަކާ، އިންސާނެއްގެ ޞޫރައިގައި ޖިބްރީލް عليه السلام، ކީރިތި ރަސޫލާ صلى الله عليه وسلمގެ އަރިހަށް ވަޑައިގެން އެކަލޭގެފާނާ މުޚާޠަބު ކުރައްވާ އިސްލާމްކަމާއި ބެހޭގޮތުން ޚަބަރު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم އިސްލާމްކަމުގެ ރުކުންތައް ވިދާޅުވުމުން “ކަލޭގެފާނު ތެދު ހައްދަވައިފީމު”އޭ ވިދާޅުވެ، އީމާންކަމާއި ބެހޭގޮތުން ޚަބަރު ދެއްވަން އެދިވަޑައިގެންނެވިއެވެ. އެވަގުތު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ؛ « أَنْ تُؤْمِنَ بِاللهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ » މާނައަކީ: [(އީމާންކަމަކީ) ﷲއަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު ބާވައިލެއްވި ފޮތްތަކަށާއި އެއިލާހު ފޮނުއްވި އެންމެހާ ރަސޫލުބޭކަލުންނަށާއި އާޚިރަތް ދުވަހަށް އީމާންވުމެވެ. އަދި ހެޔޮ މިންވަރަށާއި ނުބައި މިންވަރަށް އީމާންވުމެވެ.]
މި ކަންކަމަކީ ހަމައެކަނި އަޅުގަނޑުމެންގެ ބުއްދިން ވިސްނައިގެން ދެނެގަނެވޭނެ ކަންކަމެއް ނޫނެވެ. އަދި ކިއެއް މިކަންކަމުގެ ތަފްޞީލަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން މެނުވީ އަޅުގަނޑުމެންނަށް އެނގޭނެ ކަންކަމެއް ނޫނެވެ.
މި ސިލްސިލާ ފޮތްތަކުގައި އިމާންކަމުގެ ރުކުންތަކުގެ ތަފްޞީލު، ކޮންމެ މުސްލިމަކަށް އެނގެން ޖެހޭ މިންވަރަށް، ޤުރްއާނާއި ސުންނަތާއި ސަލަފުންގެ ބަސްފުޅުތަކުގެ އަލީގައި ބަޔާންކުރެވޭތޯ އަޅުގަނޑު ބަލާފައިވާނެއެވެ. އެގޮތުން މި ސިލްސިލާ ޚާއްޞަކުރެވިފައި މިވަނީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ދެވަނަ ރުކުނަށެވެ.
އީމާންވުމުގެ ވާހަކަ ދައްކާއިރު، އީމާންކަމަކީ ކޮބައިތޯ ބަލައިލުމަކީ މުހިއްމު ކަމެކެވެ.
ބަހުގެ ގޮތުން އީމާންކަމަށް ބަލާއިރު، ‘الإيمان’ މި ބަސް ނެގިފައިވަނީ ނުވަތަ އުފެދިފައިވަނީ ޢަރަބި ބަހުގެ ‘أَمْن’ މި ކަލިމައިންނެވެ. މާނައަކީ އަމާންކަމެވެ. الإيمانގެ މާނައަކީ التَّصْدِيقއެވެ. މާނައަކީ ތެދުކުރުމެވެ. އެހެން ނަމަވެސް ޢަރަބި ބަހުގައިވެސް التَّصْدِيقއާއި الإيمان ބޭނުންކުރެވެނީ ތަފާތު ދެ ޙާލަތެއްގައެވެ. އެގޮތުން الإيمان ބޭނުންކޮށް އުޅެނީ ހަމައެކަނި ޣައިބުގައިވާ ކަމެއް ތެދުކުރުމަށެވެ.
އިޞްޠިލާޙީ ގޮތުން އީމާންކަމަކީ ދުލުން ތެދުކުރުމާއި ހިތުން އިޢުތިޤާދު ކުރުމާއި ޢަމަލުން އެކަމެއް ކުރުމެވެ. އަދި އީމާންކަމަކީ ރަޙްމާންވަންތަ އިލާހު ރުހިވޮޑިގަންނަވާ ޢަމަލެއް (ހެޔޮ ޢަމަލެއް) ކުރުމުން އިތުރުވާ، ޝައިޠާނާ ރުހޭ ކަމެއް (ފާފައެއް) ކުރުމުން ދަށްވާ ކަމެކެވެ.
މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން އެކަމަކަށް އީމާންވުމަށް އަޅުގަނޑުމެންނަށް އަންގަވާފައިވާ ދެވަނަ ރުކުނެވެ. އަދި މިއީ އެހާމެ މުހިއްމުވެސް ރުކުނެކެވެ. އެހެނީ މަލާއިކަތުންނަކީ އަޅުގަނޑުމެންނަށް ނުފެންނަ ބަޔަކަށްވާ ހިނދު، އެބޭކަލުންނަކީ ވުޖޫދުގައިވާ ބައެއްކަން އަޅުގަނޑުމެންނަށް އެނގޭނެ ހަމައެކަނި ގޮތަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ މަތިވެރި ބަސްފުޅުތަކެވެ.
އެގޮތުން މަލާއިކަތުންގެ ވާހަކަތައް ވަނީ ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި ބަޔާންކުރައްވާފައެވެ. އަދި ކީރިތި ރަސޫލާ صلى الله عليه وسلمވެސް ވަނީ އެބޭކަލުންނާއި ބެހޭގޮތުން އެކި އެކި މަޢުލޫމާތުތައް އުންމަތަށް ބަޔާންކޮށްދެއްވާފައެވެ.
މަލާއިކަތުންނަށް އީމާންވުމަށް ފަހު، އެބޭކަލުންގެ މަޢުލޫމާތު ކިޔާހެދުމަކީ އޭގެ ސަބަބުން ނުހަނު ގިނަގުނަ ފައިދާތަކެއްވެސް ލިބިގެންދާނެ ކަމެކެވެ. އޭގެ ތެރޭގައި؛
- ﷲ ތަޢާލާގެ ދީނުގައި ޘާބިތުކަންމަތީ ހުރުމަށް ހިތްވަރު ލިބިއެވެ.
- މި ކާއިނާތުގެ ވެރި އިލާހުގެ މަތިވެރިކަމާއި ހައިބަވަންތަކަން ހިތަށް ގެނެވެއެވެ.
- ހެޔޮ ޢަމަލުތައް އިތުރުކޮށް، އެކަމުގެ މަތީގައި ދެމިހުރުމަށް ލޯބި ޖެހެއެވެ.
- އަޅުގަނޑުމެންނަށް ލިބިފައިވާ ޢިލްމުގެ މަދުކަން އިޙްސާސްކުރެވި، ބޮޑާވެރިކަމުން ދުރުވެގެން ދެއެވެ.
މި ފޮތް އެކުލަވާލުމުގައި، ކިޔުންތެރިންނަށް ވީހާވެސް ފަސޭހައިން ދޭހަވާނެ ގޮތަށް ލިޔެވޭތޯ އަޅުގަނޑު މަސައްކަތް ކޮށްފައިވާނެއެވެ. އަދި މިއީ އަޅުގަނޑުމެންގެ ޢަޤީދާއާ ގުޅުންހުރި ވަރަށް ޙައްސާސް ކަމަކަށްވާތީ އިތުބާރު ހުރި ވަރަށް ގިނަ ފޮތްތަކުން މަޢުލޫމާތު ނަގާފައިވާނެއެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި މުޅި ފޮތް އެކުލަވާލެވިފައިވާނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ދަޢުވާގައި ތައުޙީދު 6 ކިޔަވައިދެއްވި އުސްތާޛު ‘ د. محمد باكريم باعبدالله ‘ ގެންގުޅުއްވި މުޛައްކިރާ އަޞްލަކަށް ބަލައިގެންނެވެ. މާތް ﷲ އުސްތާޛަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން.
ދުޢާއަކީ މި ފޮތުގެ ޒަރީޢާއިން ފައިދާހުރި ގިނަގުނަ ފައިދާތަކެއް، އަޅުގަނޑަށާއި ފޮތް ވިދާޅުވާ ކޮންމެ ބޭފުޅަކަށް ލިބިގެން ދިއުމެވެ.
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.