[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝިޔަޢީންގެ ޙަޤީޤަތް (1)

ޝިޔަޢީންނަކީ އިސްލާމްދީނަށް ނިސްބަތްކުރެވޭ ޖަމާޢަތެކެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ އާލު ބައިތުންނަށް ލޯބިކުރާކަމުގެ ދަޢުވާއަކީ މިޖަމާޢަތުގެ އެންމެ މުހިންމު އަސާސެވެ. މިޖަމާޢަތް ވުޖޫދަށްއައުމުގެ ފެށުމަކީ މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާންގެފާނު ޝަހީދުވެގެންދިޔަ ޙާދިޘާއަށްފަހު އިސްލާމީ އުންމަތުގެ ތެރޭގައި އުފެދުނު ފިތުނަތަކެވެ. މިބޮޑު ފިތުނައިގެ ތެރޭގައި ހަތަރުވަނަ ޚަލީފާ ޢަލީގެފާނު ޝަހީދުވެ، އޭގެ ފަހުގައި އުފެދުނު ފިތުނަތަކުގެ ތެރޭގައި ޙުސައިންގެފާނު ޝަހީދުވެގެންދިއުމުގެ  ތެރޭގައި، މުސްލިމުންގެ ޖަޒްބާތާއި ޢާތިފިއްޔަތުގެ ނިވާފަތްގަނޑުގައި ރަސޫލާ صلى الله عليه وسلم ގެ އާލުބައިތުންނަށް ލޯބިކުރާބައެއްކަމުގެ ދަޢުވާގައި މިބައިމީހުން ފާޅުވިއެވެ.

މިޖަމާޢަތަކީ ޢަބްދު ﷲ ބުން ސަބާއޭ ކިޔުނު ޔަހޫދީއެއް އިސްލާމްކަން ފާޅުކޮށް، އޭނާ ގެނައި ޔަހޫދީ ފިކުރުތަކެއްގެ މައްޗަށް އުފެދިގެންދިޔަ ބައެކެވެ. އެހެންކަމުން އެއީ ޔަހޫދީ ފިކުރުތަކެއްގެ މޫތަކަކުން ފެޅި ނުބައިކަންބޮޑު ގަހެކެވެ.

ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ އާލު ބައިތުންނަށް ލޯބިކުރާ އަދި ނަސްރުދޭ ބައެއްކަމުގެ ދަޢުވާގައި ފާޅުވެގަތް މިބައިގަޑަކީ އަހުލުއްސުންނާ ވަލް ޖަމާޢަތުގެ ޢަޤީދާތަކާއި ޚިލާފު އެތައް ބާތިލު ޢަޤީދާތަކެއް ޤަބޫލުކުރާ ފިރުޤާއެކެވެ. އަދި ޝިޔަޢީންގެ ތެރެއިން ބައެއް މީހުންގެ ޢަޤީދާތަކަކީ ފާޅުކަންބޮޑު ކުފުރުގެ އަޤީދާތަކެކެވެ.

ޝިޔަޢީންގެ ޙަޤީގަތާއި އެބައިމީހުންގެ ޢަޤީދާތައް ގިނަބަޔަކަށް ނޭގެއެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ޝިޔަޢީންނާއި އަހްލުއްސުންނާ ވަލްޖަމާޢަތުގެ މުސްލިމުންނާއި ދެމެދުގައިވާ  ފަރަޤަކީ ފިޤްހީ މަޛްހަބުތަކުގެ މެދުގައި ހުންނަ ފަދަ ފިޤްހީ ފަރަޤުތަކެއްކަމުގައެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ޝިޔަޢީންނާއި ސުންނީ ޖަމާޢަތުގެ މުސްލިމުންނާއި ދެމެދުވާ ފަރަޤުތަކަކީ އާދައިގެ ފިޤްހީ މައްސަލަތަކެއްނޫނެވެ. ޢަޤީދާގެ ބޮޑެތި ޚުތޫރަތްތެރި މައްސަލަތަކުގައި އެބައިމީހުންވަނީ އިސްލާމްދީނުގެ ސައްޙަ ޢަޤީދާއިން އެއްކިބާވެފައެވެ.

   ޝިޔަޢީންގެ ޙަޤީގަތް ނޭނގި ތިބެ ޝިޔަޢީން ވެރިކަން ހިނގާ ޤައުމުތަކުގެ ޕޮރޮޕަގެންޑާ ޙަރަކާތްތަކަށް ބައެއް މުސްލިމުން ތާއީދުކުރާތަންފެނެއެވެ. އޭގެ މިޘާލެއްގެ ގޮތުން ޝިޔަޢީންގެ އެންމެ ވަރުގަދަ ބާރަކަށް އޮތް އީރާނުގެ ދައުލަތަށް ބައެއް ސުންނީ މުސްލިމުން ތާއީދުކުރާތަން ފެނުންހިމެނެއެވެ. މިގޮތުން އީރާނުގެ ނިއުކްލިޔަރ ހަތިޔާރު މަޝްރޫޢަށާއި، ޔަހޫދީންނަށް އިންޒާރުދީ އެބައިމީހުން ފާޅުކުރާ ޕޮރޮޕަގެންޑާ ޝުޢޫރުތަކަށް ބައެއް ސުންނީން ޙަޤީގަތް ނޭގިތިބެ ތާއީދުކުރެއެވެ. ނަމަވެސް ފާޅުކަންބޮޑު ގޮތެއްގައި ފެންނަން އޮތް ޙަޤީގަތަކީ ޝިޔަޢީންގެ ފަރާތުން (ޚާއްސަކޮށް އީރާނުގެ ދައުލަތުގެ ފަރާތުން) އިސްލާމްދީނަށާއި މުސްލިމުންނަށް މިހާތަނަށް އެއްވެސް ނަސްރެއް މަދަދެއް ލިބިފައިނުވާކަމެވެ. އޭގެ ބަދަލުގައި ތާރީޚުންވެސް އަދި އަދުގެ ދުނިޔޭގެ މަސްރަހުންވެސް ފެންނަނީ ޝިޔަޢީން އިސްލާމީ އުންމަތަށް ޣައްދާރުވަމުންދާ މަންޒަރެވެ. އީރާނުގެ ޝިޔަޢީ ދައުލަތުން ފާޅުގައި ވާގިވެރިވާ ނިރުބަވެރި ޙިޒްބު ﷲ ޖަމާޢަތާއި، ޙޫޘީ ޖަމާޢަތަކީ ސުންނީ މުސްލިމުންގެ މައްޗަށް މިފަހުގެ ތާރީޚެއްގައި އެންމެ ބޮޑެތި އަނިޔާތަކާއި ޤަތުލު ޢާންމުތައް ހިންގާ ދެޖަމާޢަތެވެ. އީރާނުގެ ޝިޔަޢީ ދައުލަތުގެ ބަދެވިފައިވާ ފިޔަތައް ނިއުޅުވާލެވިއްޖެނަމަ އެބައިމީހުންގެ އަނިޔާވެރިކަމާއި ނުބައިކަމުގެ ހިތިރަހަ އެންމެ ފުރަތަމަވެސް ދެކެންޖެހޭނެ ބަޔަކީ ސުންނީ މުސްލިމުންނެވެ. އީރާނުގެ ޝިޔަޢީ ދައުލަތުން ވާގިވެރިވާ ހޫޘީ ނިރުބަވެރި ޖަމާޢަތުން ސަޢޫދީޢަރަބިޔާއަށް އަމާޒުކޮށް ފޮނުވަމުންދާ މިސައިލް ހަމަލާތަކަކީ މީގެ ހެއްކެކެވެ. ނަމަވެސް ދުނިޔޭގެ ޚަރީޠާއިން (މެޕުން) ފޮހެލާނެ ކަމަށް އީރާނުން ބުނެ ޕޮރޮފަގެންޑާ ޝުޢޫރު ފާޅުކުރާ ޔަހޫދީ ދައުލަތާއި ދެކޮޅަށް މިފަދަ ހަމަލާ ފޮނުވާލާ މަންޒަރެއް ނުފެނެއެވެ. އަދި އީރާނާއި އެނޫންވެސް ޝިޔަޢީންގެ ބާރު ހިނގާ ޤަޢުމުތަކާއި ސަރަހައްދުތަކުގައި ސުންނީ މުސްލިމުން ނިކަމެތިކޮށް ދަތިކޮށްފައިވާވުމަކީވެސް ޝިޔަޢީންގެ ހިތުގައި ސުންނީންގެ މައްޗަށްވާ ޢަދާވާތްތެރިކަން ބަޔާންކޮށްދޭކަމެކެވެ. ޝިޔަޢީންނަކީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ މުސްލިމުންގެ މައްޗަށް ޢަދާވާތްތެރިކަން ބޮޑު ބައެކެވެ. ޔަހޫދީންނާއި ނަސާރާއިންނާއި ދީނުގެ އެހެނިހެން ޢަދުއްވުންނަށްވުރެ ބޮޑަށް ޝިޔަޢީން ސުންނަތް ޖަމާޢަތުގެ އަހުލުވެރިންދެކެ ނަފްރަތުކުރެއެވެ.

 

-ނުނިމޭ-