[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުރުއާނުގެ ބަގީޗާ: سورة المجادلة

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު

– ﷲ ތަޢާލާގެ ޢިލްމުގެ މަތިވެރިކަން ބަޔާންކޮށްދިނުން

 

ސޫރަތުގެ މުހިއްމު ނުކުތާތައް

  • الظهار ގެ ޙުކުމް ބަޔާންކޮށްދިނުން (1 ވަނަ އާޔަތުން 4 ވަނަ އާޔަތަށް)
  • ނުބައި ކަންކަން ކުރުމަށާއި މީސްތަކުންނަށް އުނދަގޫވާ ކަންކަންކުރުމަށް ރޭވުމަށް ސިއްރު ބައްދަލުވުންތައް ބޭއްވުން ނަހީކުރެއްވުމާއެކު ހެޔޮ ކަންކަން ކުރުމަށް ސިއްރު މަޝްވަރާތައް ބޭއްވުމަށް އެންގެވުން (8 ވަނަ އާޔަތުން 10 ވަނަ އާޔަތަށް)
  • ޢިލްމުވެރިންގެ މަތިވެރިކަމާއި ޢިލްމުގެ މަޖްލިސްތަކުގެ މާތްކަން (11 ވަނަ އާޔަތް)
  • ހަރުއަޑުން ރަސޫލާ صلى الله عليه وسلم އާ މުޚާތަބުކުރުމުގެ ނުބައިކަން (12 ވަނަ އާޔަތުން 13 ވަނަ އާޔަތަށް)
  • الولاء و البراء: ރަސޫލާއަށް ކިޔަމަންވެ، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރާ އެއްވެސް މީހަކަށް ﷲއާއި އެއިލާހުގެ ރަސޫލާއާ އިދިކޮޅުވާ އެއްވެސް މީހަކާ ގާތްކަން ބެހެއްޓުން ހުއްދަވެގެން ނުވާކަން އެންގެވުން (14 ވަނަ އާޔަތުން 22 ވަނަ އާޔަތަށް)

 

މި ސޫރަތުން ލިބިދޭ ބައެއް ފައިދާތައް

– އެ ސޫރަތެއްގެ ހުރިހާ އާޔަތެއްގައި ލަފުޒުލް ޖަލާލާ އައިސްފައިވަނީ މުޖާދަލާ ސޫރަތުގައި އެކަނި.

– ﷲ ތަޢާލާގެ ޝާމިލުވެގެންވާ ޢިލްމުފުޅު ހާމަކުރެއްވުން. އެއީ އެއިލާހު ބައްލަވާވޮޑިގެންވާކަމަށް ނަފްސު ތަރުބިއްޔަތުކުރުމަށާއި އެއިލާހާ ދެކޮޅުވެރިވުމާމެދު އިންޛާރުދެއްވުމަށެވެ.

– الإمام ابن القيم رحمه الله ވިދާޅުވެފައިވެއެވެ.

“ޢިލްމުގެ ސަބަބުން ޢިލްމުވެރިޔާގެ ދަރަޖަ ދުނިޔެއާއި އާޚިރަތުގައި މަތިވެރިވެގެންވެއެވެ. އެއީ މީހަކަށް ލިބިފައިވާ ވެރިކަމެއް ނުވަތަ މުއްސަނދިކަމެއް ނުވަތަ އެނޫން ކަމެއްގެ ސަބަބުން އެމީހެއްގެ ދަރަޖަ މަތިވެރިވެގެން ނުދާ މިންވަރަށެވެ. ފަހެ، ޢިލްމުގެ ސަބަބުން ޝަރަފުވެރިމީހާގެ ޝަރަފު އިތުރުވެގެންދެއެވެ. އަދި ޢިލްމުގެ ސަބަބުން އަޅުމީހާ ރަސްރަސްކަލުންނާ ހަމައަށް އުފުލިގެންދެއެވެ. އެއީ އޭނާ ރަސްރަސްކަލުންގެ މަޖިލިސްތަކުގައި އިށީނދެއްޖައުމަށްދާންދެނެވެ.” [مفتاح دار السعادة]

﴿قَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّتِی تُجَـٰدِلُكَ فِی زَوۡجِهَا وَتَشۡتَكِیۤ إِلَى ٱللَّهِ﴾ މިއާޔަތް ބާވައިލެއްވުނީ خولة بنت ثعلبة رضي الله عنها އާ އެކަމަނާގެ ފިރިކަލުން أوس بن الصامت އާ ބެހޭ ގޮތުންނެވެ. ތަފްސީރު އަލްޤުރްޠުބީ ގައިވެއެވެ.

ޢުމަރުގެފާނުގެ ޚިލާފަތުގައި، އެއް ދުވަހަކު އެކަލޭގެފާނު މީސްތަކުންނާއެކު ވަޑައިގަންނަވަނިކޮށް އެކަމަނާއާ ބައްދަލުވިއެވެ. ފަހެ، އެކަމަނާ ވަރަށް ގިނައިރު ވަންދެން އެކަލޭގެފާނު ހުއްޓުވައިގެން ވާހަކަދެއްކެވިއެވެ. އަދި  ޢުމަރުގެފާނަށް ވިދާޅުވިއެވެ. “އޭ ޢުމަރުގެފާނެވެ. ކަލޭގެފާނަށް (ތުއްޕުޅުއިރު) ޢުމައިރޭ ކިޔުނެވެ. ދެން އެއަށްފަހު، ޢުމަރޭ ކިޔުނެވެ. ދެން އެއަށްފަހު ކަލޭގެފާނަށް ޢަމީރުލް މުއުމިނީންއޭ ކިޔުނެވެ. އޭ ޢުމަރުގެފާނެވެ. ކަލޭގެފާނު ﷲ އަށް ބިރުވެތިވާށެވެ. ފަހެ، ހަމަކަށަވަރުން މަރާމެދު ޔަޤީންކުރާ މީހާ، ފުރުޞަތު ފާއިތުވެގެން ހިނގައިދާނެތީ ބިރުގަންނާނެއެވެ. އަދި ޙިސާބު ބައްލަވާނެކަން ޔަޤީންކުރާމީހާ ޢަޛާބަށް ބިރުގަންނާނެއެވެ.” އެކަލޭގެފާނު ހުއްޓިވަޑައިގެން އެކަމަނާގެ ވާހަކަ އަޑުއައްސަވަން ހުންނެވިއެވެ. ފަހެ، މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. “އޭ އަމީރުލް މުއުނިމީންއެވެ. ހުއްޓިވަޑައިގެން ތިޔަ ހުންނަވަނީ މިހިރަ މުސްކުޅި އަންހެނާއަށްޓަކައި ހެއްޔެވެ؟” ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ދުވާލުގެ ކުރީކޮޅުން ފެށިގެން (ދުވަސް) ނިމެންދެން މިތަނުގައި ހުންނަވަން ޖެހުނުކަމުގައިވީ ނަމަވެސް، ފަރުޟު ނަމާދަށް ފިޔަވާ މިތަނުން ނުދާނަމެވެ. މި މުސްކުޅި އަންހެނަކީ ކާކުކަން އެނގޭ ހެއްޔެވެ؟ މިއީ ޚައުލާ ބިންތު ޘަޢުލަބާއެވެ. ﷲ، ހަތް އުޑުގެ މަތިން އެކަމަނާގެ ބަސް އެއްސެވިއެވެ. ޢާލަމްތަކުގެ ވެރި ރައްބު އެކަމަނާގެ ބަސް އެއްސެވިއިރު، ޢުމަރުގެފާނު އެކަމަނާގެ އަޑު ނާހާންވީ ހެއްޔެެވެ؟”

__________________________
މަޞްދަރު: أول مرة أتدبر القرآن

 

ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް