[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް)-5

މޭފުޅު ފެޅުއްވުމުގެ ޙާދިޘާ

ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޙަލީމަތުގެފާނާއި އެކު ބަނީސަޢުދު ޤަބީލާއަށް އެނބުރި ވަޑައިގެންނެވީއެވެ. އެކަލޭގެފާނުގެ މޭފުޅު ފެޅުއްވުމުގެ ޙާދިޘާ ހިނގާފައިވަނީ އެކަލޭގެފާނުގެ އުމުރުފުޅުން ހަތަރުވަނަ އަހަރުގައެވެ. މިކަން ހިނގައިދިޔަ ގޮތަކީ، އެއްދުވަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނާއި އެއް އުމުރުފުރައި ކުދިންތަކަކާއި އެކުގައި، ބަނީސަޢުދު ޤަބީލާގައި ކުޅުއްވަން ހުންނަވަނިކޮށް، އެކަލޭގެފާނުގެ އަރިހަށް ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެންނެވީއެވެ. ދެން ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެން އެކަލޭގެފާނުގެ ގައިކޮޅުގައި ހިއްޕެވުމަށްފަހުގައި ބިންމަތީގައި ބޭއްވެވިއެވެ. އަދި އެކަލޭގެފާނުގެ ހިތާއި ދިމާއިން މޭފުޅު ފެޅުއްވުމަށްފަހު، ހިތް ބޭރަށް ނެރުއްވިއެވެ. އަދި ހިތްޕުޅުގެ ތެރެއިން ގަނޑުލޭކޮޅެއް ނެންގެވުމަށްފަހުގައި ވިދާޅުވިއެވެ. މިއީ ޝައިޠާނާގެ ވަސްވާސްތެރިކަން ކަލޭގެފާނަށް ވާސިލުވާން މެދުވެރިވާ، ކަލޭގެފާނުގެ ހިތްޕުޅުގައިވާ، ލޭކޮޅެކެވެ. އެއަށްފަހު، ރަނުގެ ކަންވާރަކަށް ހިތްޕުޅު ލެއްވުމަށްފަހުގައި، ޒަމްޒަމް ފެނުން، އެކަލޭގެފާނުގެ ހިތްޕުޅު ދޮންނެވިއެވެ. އަދި ކުރިން އޮތް ފަދައިން، ހިތްޕުޅު، މޭފުޅުގެ ތެރެއަށް އިޢާދަކުރައްވައިފިއެވެ.

މި މަންޒަރު ފެނިފައި، އެކަލޭގެފާނާއި އެކުގައި ކުޅެން އުޅުނު ކުދިންތައް، ދުވެފައި ޙަލީމަތުގެފާނުގެ އަރިހަށް ގޮސް، އެކަމަނާގެ ގާތުގައި ބުނެފިއެވެ. ހަމަކަށަވަރުން މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޤަތުލުކުރެވިއްޖެއެވެ. އެކުދިން އެފަދައިން ބުނީ، އެކަލޭގެފާނު ޤަތުލުކުރެވެނީ ކަމަށް އެކުދިންނަށް ހީވުމުންނެވެ. ދެން ޙަލީމަތުގެފާނު އެކަލޭގެފާނުގެ އަރިހަށް ދިޔައިއިރު، އެކަލޭގެފާނުގެ ހަށިކޮޅުގެ ކުލަވަރު ވަނީ މުޅީން ބަދަލުވެފައެވެ. އަދި އެކަލޭގެފާނަށް ކުރިމަތިވެދިޔަ ކަންތަކުގެ ވާހަކަ ޙަލީމަތުގެފާނަށް ކިޔައިދެއްވިއެވެ. ދެން ޙަލީމަތުގެފާނު އެކަލޭގެފާނަށް ނުރައްކަލެއް ކުރިމަތިވެދާނޭ ކަމާއިމެދު ބިރުފުޅުވަޑައިގެން، އެކަލޭގެފާނުގެ މަންމާފުޅު އާމިނަތުގެފާނާއި އެކަލޭގެފާނު ޙަވާލުކުރެއްވީއެވެ.

ލޮބުވެތި މަންމާފުޅާއި ކާފާފުޅު އަވަހާރަވުން

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުމުރުފުޅުން ހަ އަހަރު ފުރުމުން، އެކަލޭގެފާނުގެ މަންމާފުޅު، އާމިނަތުގެފާނު ބޭނުންފުޅުވީ މަދީނާގައިވާ އެކަމަނާގެ ފިރިކަލުން އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައްޕާފުޅުގެ ޤަބުރަށް ޒިޔާރަތްކުރުމަށެވެ. ދެން، މައްކާއިން ނުކުމެވަޑައިގެން، މި ދަތުރުގައި އެކަމަނާ ގާތްގަނޑަކަށް ފަސްސަތޭކަ ކިލޯމީޓަރު ކަޑައްތުކުރެއްވިއެވެ. އެކަމަނާއާއި އެކު މިދަތުރުގައި، އެކަމާނާގެ ޔަތީމު ދަރިކަލުން މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އާއި ޚާދިމާ ކަމުގައިވާ އުއްމުއައިމަން އާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މަދީނާގައި އެއްމަސްދުވަސް ހޭދަކުރުމަށްފަހުގައި އެނބުރި މައްކާއަށް އައުމަށް ދަތުރުފެށިއެވެ.

އެނބުރި މައްކާއަށް ދިޔުމުގެ ދަތުރުގެ ކުރީކޮޅުގައި އާމިނަތުގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އަދި ދަތުރުގައި ގިނަ ވަގުތު ހޭދަވީވަރަކަށް އެކަމަނާގެ އާލާސްކަންފުޅު ދިޔައީ އިތުރަށް ބޮޑުވަމުންނެވެ. އަދި އަލްއަބްވާއު އޭކިޔުނު ހިސާބަށް ދެވުނުތަނާ އެކަމަނާ އަވަހާރަވިއެވެ. އަލްއަބްވާއު އަކީ މައްކާއާއި މަދީނާއާއި ދެމެދުގައި އޮންނަ ސަރަހައްދަކަށް ކިޔާ ނަމެކެވެ. އަދި އެތަނުގައި އެކަމަނާގެ ހަށިކޮޅު ފަސްދާނުލެވުނެވެ. އަދި ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުމުރުފުޅުން އެންމެ ހަ އަހަރުފުޅުގައި، ބައްޕާފުޅާއި އަދި މަންމާފުޅާއި ނުލައި ދިރިއުޅުއްވުން ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއެވެ.

 އެއަށްފަހު، ޢަބްދުލްމުއްޠަލިބު، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގޮވައިގެން މައްކާއަށް އެނބުރި ދިޔައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފަންވެ ވަޑައިގެންނެވުމުގެ ކުރިން ބައްޕާފުޅު ވަނީ އަވަހާރަވެފައެވެ. އަދި އުމުރުފުޅުން އެންމެ ހަ އަހަރުގައި މަންމާފުޅު ވަކިވެދިޔުމުގެ ސަބަބުން، އެކަލޭގެފާނަށް މި ކުރިމަތިވެ ވަޑައިގެންނެވީ އިތުރު ހިތާމަފުޅެކެވެ. އެހެންކަމުން ކާފާފުޅު ޢަބްދުލްމުއްޠަލިބުގެ ހިއްޕުޅުގައި އެކަލޭގެފާނުގެ ކާފަދަރިކަލުންނާއިމެދު، އޯގާވެރިކަމާއި ރަޙުމާއި އަޅައިލުމުގެ ޝުޢޫރުތައް އިތުރުވެގެން ދިޔައެވެ.

އަދި އެހެން އެއްވެސް ދަރިކަލެއްގެ ކަންކަމަށް ނުދެއްވާ ޚާއްސަކަމެއް އެ ލޮބުވެތި ދަރިކަލުންގެ  ކަންކަމަށް ދެއްވަވައެވެ. އެދަރިކަލުންގެ ކަންކަން ބެލެހެއްޓެވުމަށްޓަކައި ވަގުތު ހުސްކުރައްވައެވެ. އަދި އެދަރިކަލުން އެކަނި އެކަހެރިވުމަކަށް ދޫކޮށެއް ނުލައްވައެވެ. އެހެން ދަރިދަރިކަލުންގެ މައްޗަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބަދުވެސް އިސްކުރައްވައެވެ.

ޢަބްދުލްމުއްޠަލިބު ކަޢުބާގެ ކައިރިއަށް ނުމެވަޑައިގެންނަވާ ވަގުތަށް، ޢަބްދުލްމުއްޠަލިބައްޓަކައި ކަޢުބާގެ ކައިރީގައި ދާންކޮޅެއް ފަތުރުއްވެވޭ ކަމުގައި ވެއެވެ. އަދި އެކަލޭގެފާނު ވަޑައިގަންނަވަންދެން އެދާންކޮޅުގެ ވަށައިގެން، އެކަލޭގެފާނުގެ ދަރުދަރިކަލުން އިންތިޒާރުގައި ތިއްބަވައެވެ. ޢަބްދުލްމުއްޠަލިބަށް މާތްކޮށް ހިތްތެވުމުގެ ގޮތުން އެއިން އެއްވެސް ދަރިކަލަކު އެދާންކޮޅުގައި އިށީންދެވަޑައެއް ނުގަންނަވައެވެ. ނަމަވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އޭރު ކުޑަކުއްޖަކަށްވެފައި، އެކަލޭގެފާނުގެ ބޮޑުބޭބެއިން އެދާންކޮޅުގެ ކައިރީގައި ތިއްބަވަނިކޮށްވެސް، އެކަލޭގެފާނު ވަޑައިގެން އެ އެދާންކޮޅުގައި އިށީންދެވަޑައިގަންނަވައެވެ. އެހެންކަމުން، އެކަލޭގެފާނުގެ ބޮޑުބޭބެއިން އެކަލޭގެފާނު ހިފަހައްޓަވަން މަސައްކަތްކުރައްވައެވެ. އެއީ ޢަބްދުލްމުއްޠަލިބަށްވުރެ ކުރިން އެދާންކޮޅުގައި އެކަލޭގެފާނު އިށީންދެ ވަޑައިގެންނެވުމުގެ ފުރުޞަތު ނުދެއްވުމަށެވެ. އެކަލޭގެފާނުގެ ބޮޑުބޭބެއިން މިފަދައިން ކަންތައް ކުރައްވާ މަންޒަރު ޢަބްދުލްމުއްޠަލިބަށް ފެނިވަޑައިގެންނެވިހިނދު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މި ދަރިކަލުން ދޫކޮށްލައްވާށެވެ. ﷲ ގަންދީ ބުނަމެވެ. މި ދަރިކަލުންގެ ކިބައިގައި އާދަޔާޚިލާފު ޚާއްސަކަމެއް ނުވަތަ މަތިވެރިކަމެއް ވެއެވެ.  ދެން އެދަރިކަލުންނާއި އެކު އެދާންކޮޅުގައި އިށީންދެވަޑައިގެން އެދަރިކަލުންގެ ބުރަކަށިފުޅުގައި ފިރުމައިލެއްވެވިއެވެ. އަދި އެދަރިކަލުންގެ ކިބައިން ފެނިވަޑައިގަންނަވަމުންދާ ކަންކަމާއިމެދު އުފާފުޅުކުރެއްވިއެވެ.

ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުމުރުފުޅުން އަށް އަހަރާއި ދެމަހާއި ދިހަ ދުވަހުގައި، އެކަލޭގެފާނަށް އަޅާލުމާއި އޯގާތެރިކަން ދެމުންއައި، އެކަލޭގެފާނުގެ ލޮބުވެތި ކާފާފުޅު ޢަބްދުލްމުއްޠަލިބު މައްކާގައި އަވަހާރަވެއްޖެއެވެ. ޢަބްދުލްމުއްޠަލިބު އަވަހާރަވުމުގެ ކުރިން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބެލެހެއްޓެވުމާއި ހަވާލުކުރެއްވީ، ޢަބްދުލްމުއްޠަލިބުގެ ދަރިކަލުން އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބޮޑުބޭބޭފުޅު އަބޫޠާލިބު އާއެވެ.

-ނުނިމޭ-

މަޞްދަރު: “السيرة النبوية للأطفال والناشئة” لمسعد حسين محمد