[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ عليه الصلاة والسلام ގެ ޙައްޤުތައް 4

ހަތަރުވަނަ ޙައްޤު

 

އެކަލޭގެފާނަށް ތަބާވުން

 

ކޮންމެ ޙާލެއްގައިވެސް ކީރިތި ރަސޫލާ صلى الله عليه وسلمއަށް ތަބާވުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.

އެކަލޭގެފާނަށް ތަބާވުމުގައި އެކުލެވިގެންވާ ކަންކަމަކީ؛

1) އެކަލޭގެފާނުގެ ސުންނަތަށް ޢަމަލުކުރުމާއި އެ ސުންނަތަށް ލޯބިކުރުމާއި މަތިވެރިކުރުން. އެއީ އެކަލޭގެފާނު ދެކެ ލޯބިވާކަމާއި އެކަލޭގެފާނަށް އީމާންވާކަމުގެ ހެއްކެކެވެ.

2) އެކަލޭގެފާނުގެ ސުންނަތަކީ އެންމެ ފުރިހަމަ ގޮތްކަމަށް އިޢުތިޤާދުކުރުން. އަދި ސުންނަތަށް ތަބާވުމަކީ އެންމެ މަތިވެރި ހިދާޔަތުކަމާއި އެނޫން ގޮތްތަކަކީ ބާޠިލު ނުވަތަ ހަވާނަފްސަށް ހެއްލިފައިވާ ގޮތްތަކެއްކަމަށް ދެކުން. ﷲ تعالى ވަޙީކުރައްވާފައިވެއެވެ. (( فَإِن لَّمْ يَسْتَجِيبُوا لَكَ فَاعْلَمْ أَنَّمَا يَتَّبِعُونَ أَهْوَاءَهُمْ )) القصص: ٥٠ މާނައަކީ: [ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ (އެބަހީ: ކަލޭގެފާނު އެއުރެންގެ ކިބައިން އެދިވަޑައިގެންނެވި ކަންތައް، އެއުރެންނަށް ނުކުރެވިއްޖެނަމަ) ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން އެއުރެން އެ ތަބާވަނީ ހަމައެކަނި އެއުރެންގެ (ނުބައި) އެދުންތަކަށެވެ].

އަޅުގަނޑުމެންނަށް ހުރިހާވެސް ކާމިޔާބީއެއް ލިބެންއޮތީ އެކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓައގެންނެވެ. އޭގައި ހިފަހައްޓައިފި މީހަކު މަގު އޮޅިގެން ނުދާނެކަން ކަށަވަރެވެ. ސުންނަތުގައި ހިފުމަށް ބާރުއަޅުއްވާ، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގައި ވެއެވެ. « فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ، تَمَسَّكُوا بِهَا، وَعَضُّوا عَلَيْهَا بِالنَّوَاجِذِ »([1]) މާނައަކީ: [ފަހެ، ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި، ހިދާޔަތު ލިބިގެންވި ޚުލަފާއުއް ރާޝިދީންގެ ގޮތުގައި ހިފެހެއްޓުމެވެ. އަދި އެގޮތުގައި ކޮލުދަތްތަކުން ހިފަހައްޓާށެވެ. (އެބަހީ ބާރަށް ހިފަހައްޓާށެވެ.)].

އަޅުގަނޑުމެންނަށް އޮތީ ދެ ގޮތުންކުރެ ގޮތެއް ޚިޔާރުކުރުމެވެ. ހަވާނަފްސަށް ތަބާވުން ނުވަތަ އެއެއްޗެއްގައި އުނިކަމެއް ނުވާ އެންމެ ފުރިހަމަ ސުންނަތުގައި ހިފުމެވެ.

އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައި ވެއެވެ. [ކީރިތި ރަސޫލާ صلى الله عليه وسلمއަށް ދެ ޙައުޟުކޮޅެއް (ފެންކޯރެއް) ލިބިފައިވެއެވެ. އެއް ޙައުޟުކޮޅަކީ ދުނިޔެމަތީގައިވާ ޙައުޟުކޮޅެކެވެ. އެއީ އެކަލޭގެފާނުގެ ސުންނަތާއި އެކަލޭގެފާނު ގެނެސްދެއްވި ކޮންމެ އެއްޗެކެވެ. ދެވަނަ ޙައުޟުކޮޅުވަނީ އާޚިރަތުގައެވެ. އެ ޙައުޟުކޮޅުން ފެންބޯނީ ދުނިޔެމަތީގައިވާ ޙައުޟުކޮޅުން ފެންބުއި މީހުންނެވެ].([2])

 

ކީރިތި ރަސޫލާ صلى الله عليه وسلمއަށް ތަބާވުމުގެ އެތައް ފައިދާއެއް ޢިލްމުވެރިން ޖަމާކުރައްވާފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ މުހިއްމު ކަންކަން ތިރީގައި މިވަނީއެވެ.

  • އެކަލޭގެފާނަށް ތަބާވާ މީހުން ވާހުށީ ކާމިޔާބު ލިބިގެންވާ މީހުންގެ ތެރެއިންނެވެ. ﷲ تعالىގެ މި ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. (( وَمَن يُطِعِ اللَّـهَ وَرَسُولَهُ وَيَخْشَ اللَّـهَ وَيَتَّقْهِ فَأُولَـٰئِكَ هُمُ الْفَائِزُونَ )) النور: ٥٢ މާނައަކީ: [އަދި ﷲ އާއި، އެއިލާހުގެ ރަސޫލާއަށް ކިޔަމަންވެ، އަދި ﷲ އަށް ބިރުވެތިވެ، އެފަރާތަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ކާމިޔާބު ލިބިގެންވާ މީހުންނެވެ].
  • ﷲ تعالىގެ ރަޙުމަތް ލިބުމަކީ އަޅަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. އެ ނިޢުމަތް ލިބޭނެ ހަމައެކަނި މަގަކީ ނަބިއްޔާ صلى الله عليه وسلمއަށް ތަބާވެ، ކިޔަމަންތެރިވުމެވެ. ﷲ تعالى ވަޙީކުރައްވާފައިވެއެވެ. (( وَأَطِيعُوا اللَّـهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ )) آل عمران: ١٣٢ މާނައަކީ: [އަދި ﷲ އަށާއި ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ].

 

  • ހިދާޔަތު ލިބުމުގެ މަގަކީ އެކަލޭގެފާނުގެ މަގެވެ. އެހެންކަމުން އެކަލޭގެފާނަށް ފުރިހަމައަށް ތަބާވާ މީހަކު އެހުރީ ހެޔޮވެގެންވާ ހިދާޔަތުގެ މަތީގައެވެ. ﷲ تعالى ވަޙީކުރައްވާފައިވެއެވެ. (( وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ )) الأعراف: ١٥٨ މާނައަކީ: [އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ތަބާވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ].
  • ސުވަރުގެ އެދޭމިހާއަށް އެކަން ޙާޞިލުކުރެވޭނެ ގޮތަކީވެސް ރަސޫލާ صلى الله عليه وسلمއަށް ތަބާވުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. « كُلُّ أُمَّتِي يَدْخُلُونَ الجَنَّةَ إِلّا مَن أَبَى » މާނައަކީ: [ތިމަންކަލޭގެފާނުގެ އުންމަތުގެ އެންމެން ސުވަރުގެ ވަންނާނެއެވެ. އެތަނަށް ވަނުމަށް ދެކޮޅު ހަދައިފި މީހަކު މެނުވީއެވެ]. އެހިނދު ސުވަރުގެ ވަނުމަށް ދެކޮޅުހަދާނީ ކާކުތޯ އެކަލޭގެފާނުގެ ޞަހާބީން އެއްސެވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ. « مَنْ أَطَاعَنِي دَخَلَ الجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى »([3]) މާނައަކީ: [ތިމަންކަލޭގެފާނަށް ތަބާވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެ މީހާ ފަހެ ހަމަކަށަވަރުން އެތަނަށް ވަނުމަށް ދެކޮޅުހަދައިފިއެވެ].
  • އިންސާނާއަކީ ފާފަތައް ކުރެވޭ ބަޔަކަށްވީ ހިނދު އެ ފާފަތައް ފުއްސަވާނެ ހަމައެކަނި ފަރާތަކީ އެއްކައުވަންތަ ﷲ تعالىއެވެ. އެހެންކަމުން އެއިލާހުގެ މަޣުފިރަތު ބޭނުންނަމަ އަޅުގަނޑުމެންނަށް އޮތީ ނަބިއްޔާ صلى الله عليه وسلمއަށް ތަބާވުމެވެ. (( قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ )) آل عمران: ٣١ މާނައަކީ: [ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައިވާނަމަ ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން ﷲ، ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ].
  • ﷲ تعالىގެ ލޯބިވެވޮޑިގަތުން ހޯދަން ބޭނުން ކަމަށްކަމަށްވާނަމަ އޮތީ ނަބިއްޔާ صلى الله عليه وسلمއަށް ފުރިހަމައަށް ތަބާވުމެވެ. އިސްވެދިޔަ އާޔަތުން އެކަމަށް ދަލީލުކުރެއެވެ.

އެކަލޭގެފާނަށް ތަބާވުމުގައި ވިސްނަން ޖެހޭ ވަރަށް މުހިއްމު ނުކުތާއެއް ވެއެވެ. އެއީ އެކަލޭގެފާނުގެ ސުންނަތްކަމަށް ބުނެ މީސްތަކުން އުފައްދާފައިވާ ބިދުޢަތަކާމެދު ސަމާލުވުމެވެ. ބިދުޢައަކީ ސުންނަތުގެ އިދިކޮޅެވެ. އެއީ ދީނުގައި ނެތްކަމެއް، ދީނުގެ ކަމެއްގެ ގޮތުގައި އިތުރުކޮށްފައިވާ ކޮންމެ ކަމެކެވެ. އެފަދަ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެކެވެ. އެކަމުގެ ނުރައްކާތެރިކަން ބަޔާންކުރައްވާ އެތައް ޙަދީޘްފުޅުތަކެއް ސުންނަތުގައި ވާރިދުވެގެން ވެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިވެނިކަމެއް އެއީ ބިދުޢައެކޭ ޢިލްމުވެރިން ވިދާޅުވުމުން އެކަމާ ދެކޮޅުހަދާ މީހަކަށް އެ ބުނެވެނީ ﷲ تعالىގެ ރަސޫލާ صلى الله عليه وسلم ވަނީ އެކަލޭގެފާނުގެ ރިސާލަތަށް ޚިޔާނާތްތެރިވެފައި ކަމަށެވެ! މިއީ ކޮންފަދަ ނުބައި ބަހެއް ހެއްޔެވެ! އެހެނީ ﷲ تعالى، ޙައްޖަތުލް ވަދާޢުގެ ދުވަހުގައި ވަޙީކުރައްވާފައިވެއެވެ. (( الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا )) المائدة: ٣ މާނައަކީ: [މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަން އިލާހު ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ]. ވީއިރު އެކަލޭގެފާނު ނުކުރައްވާކަމެއް އަދި އެކަލޭގެފާނުގެ ޞަޙާބީންވެސް ނުކުރައްވާކަމެއް އަދި ހެޔޮ ޤަރުނުގެ އެއްވެސް ބޭކަލަކުވެސް ނުކުރައްވާ ކަމެއް، އެއީ ދީނުގެ ކަމެއްކަމުގައި ބުނާނީ އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވުނު ދީނުގެ އެއްބައި އެކަލޭގެފާނުގެ ޞަޙާބީންނަށް ވިދާޅުވެނުދެއްވާ ކަމަށް ޤަބޫލުކުރާ މީހަކު ނޫންތޯއެވެ؟

= ނުނިމޭ =

——————————-

އެހެނިހެން ބައިތައް

 

([1]) سنن أبي داود 4607.

([2]) اجتماع الجيوش الإسلامية، ص 72.

([3]) صحيح البخاري 7280.