ތިންވަނަ ޙައްޤު
އެކަލޭގެފާނަށް މާތްކޮށްހިތުމާއި، މަތިވެރިކުރުމާއި، ނަޞްރުދިނުން
ކީރިތި ރަސޫލާ صلى الله عليه وسلمއަށް މާތްކޮށް ހިތުމަކީ އެކަލޭގެފާނާ އެކަށީގެންވާ ގޮތަށް، އެންމެ ރިވެތި ގޮތުގައި މުޢާމަލާތުކުރުމާއި، އިޙްތިރާމްކުރުމެވެ. ދަރިން މައިންބަފައިންނަށް، އަޅުން ސައްޔިދުންނަށް، މަސައްކަތު މީހުން ވެރިންނަށް އަދި ދަރިވަރުން މުދައްރިސުންނަށް މާތްކޮށްހިތާ ވަރަށް ވުރެ ބޮޑަށް ނަބިއްޔާ صلى الله عليه وسلمއަށް މާތްކޮށް ހިތަންޖެހެއެވެ. އެއީ އެކަލޭގެފާނުގެ ރިސާލަތުގެ ސަބަބުން އުންމަތަށް ލާޒިމްވެގެންވާ ޙައްޤެކެވެ.
މިކަން ބަޔާންކުރައްވާ ﷲ تعالى ވަޙީކުރައްވާފައިވެއެވެ. (( لِّتُؤْمِنُوا بِاللَّـهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا )) الفتح: ٩ މާނައަކީ: [(އެއީ) ތިޔަބައިމީހުން ﷲއަށާއި، އެއިލާހުގެ ރަސޫލާއަށް އީމާންވުމަށްޓަކައެވެ. އަދި އެއިލާހަށް ނަޞްރުވެރިވުމަށާއި، އެއިލާހަށް މާތްކޮށް ހިތުމަށްޓަކައެވެ. އަދި އެއިލާހަށް ހެނދުނާއި ހަވީރު، ތިޔަބައިމީހުން ތަސްބީޙަ ދެންނެވުމަށްޓަކައެވެ].
އެކަލޭގެފާނަށް މާތްކޮށް ހިތުމުގައި މުސްލިމުން ގެންގުޅެންވީ އަދަބުތަކެއް ﷲ تعالى، އެއިލާހުގެ ކަލާމްފުޅުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ.
- ފުރަތަމަ އަދަބު:
ﷲ تعالى ވަޙީކުރައްވާފައިވެއެވެ. (( لَّا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُم بَعْضًا )) النور: ٦٣ މާނައަކީ: [ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ގޮވާ އުޅޭ ފަދައިން ތިޔަބައިމީހުންގެ މެދުގައި ރަސޫލާއަށް ގޮވާނޫޅޭށެވެ!].
- ދެވަނަ އަދަބު:
ﷲ تعالى ވަޙީކުރައްވާފައިވެއެވެ. (( يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّـهِ وَرَسُولِهِ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ سَمِيعٌ عَلِيمٌ )) الحجرات: ١ މާނައަކީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ ޙަޟްރަތުގައި އަދި އެއިލާހުގެ ރަސޫލާގެ އަރިހުގައި ތިޔަބައިމީހުން (އެއްވެސް ކަމެއްގައި) އިސްވެ ނުގަންނާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ].
- ތިންވަނަ އަދަބު:
ﷲ تعالى ވަޙީކުރައްވާފައިވެއެވެ. (( يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُونَ )) الحجرات: ٢ މާނައަކީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނުއުފުލާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ގަދައަޑުން ވާހަކަދައްކާ ފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސް ނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގި ތިއްބާ، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުވެދާނެތީއެވެ].
ނަބިއްޔާ صلى الله عليه وسلمއަށް މާތްކޮށް ހިތުމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނިގެންވެއެވެ.
– އެކަލޭގެފާނުގެ ސުންނަތަށް މާތްކޮށް ހިތުން.
– ޢަދުއްވުންގެ ކިބައިން އެކަލޭގެފާނު ދިފާޢުކުރުން.
– އެކަލޭގެފާނުގެ ސުންނަތް މީސްތަކުންނަށް ފޯރުކޮށްދިނުން.
އަޅުގަނޑުމެންނަށް އަމުރުވެވިގެން ވަނީ އެކަލޭގެފާނު މަތިވެރިކުރުމުގައި އެކަލޭގެފާނާއި އެކަށީގެންވާ ގޮތަށް، އެކަށީގެންވާ މިންވަރަށް މަތިވެރިކުރުމަށެވެ. އެހެނީ އެކަލޭގެފާނަކީވެސް ﷲ تعالىގެ އަޅެކެވެ. އިންސާނެކެވެ. އެހެންކަމުން ޚުރާފާތުގެ އަހުލުވެރިން ފަދައިން އެކަލޭގެފާނަށް އެކަށީގެން ނުވާ ދަރަޖަ ދިނުމަކީ އެކަލޭގެފާނުގެ ޙައްޤަށް އަރައިގަތުމަށް ނޫނީ ނުވާނެއެވެ. އޭގެ ތެރޭގައި ﷲ تعالىއަށް ޚާއްޞަވެފައިވާ ކަންކަމުގައި އެކަލޭގެފާނު ހަމަހަމަކުރުމާއި އެކަލޭގެފާނު އަވަހާރަވުމަށް ފަހުގައިވެސް އަޅުގަނޑުމެންގެ ގާތަށް އެނބުރި އަންނާނެކަމަށް ބުނުމާއި މިފަދަ އެންމެހާ ކަންކަން ހިމެނެއެވެ.
ކޮންމެ ނަމާދެއްގެ تشهّد (އައްތަޙިއްޔާތު) ގައި އަޅުގަނޑުމެން ހެކިވަނީ އެކަމަށެވެ. “أشهد أن لا إله إلا الله وأشهد أنّ محمدا عبده ورسوله” [ﷲ تعالى ފިޔަވާ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން ފަރާތެއް ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނަކީ ﷲގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ]. މި ޢިބާރާތުގައި، މުޙައްމަދު صلى الله عليه وسلمއަކީ ﷲ تعالىގެ އަޅެއްކަމަށް ހެކިވުމަށްފަހު، ދެން، އަޅަކަށް އެކަށީގެންނުވާ ދަރަޖައެއް ދިނުމަކީ ހަމަކަށަވަރުންވެސް ބޮޑުވެގެންވާ ފާފައެކެވެ. އަދިކިއެއް ހެއްޔެވެ. އެއީ ޝިރުކުކުރުމެވެ.
ހަމައެއާ އެކު އެކަލޭގެފާނަށް ނަޞްރުދިނުމަކީވެސް އެކަލޭގެފާނުގެ ޙައްޤުތަކުގެ ތެރެއިން ނުހަނު މުހިއްމު ޙައްޤެކެވެ. ނަބިއްޔާ صلى الله عليه وسلمއަށް ނަޞްރުދިނުމަކީ މުއުމިނުންގެ ތެރެއިން ވަކިބައެއްގެ މަސްއޫލިއްޔަތެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ﷲ تعالىއަށާއި ރަސޫލާ صلى الله عليه وسلمއަށް އީމާންވެ ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނެވިއިރު އެކަލޭގެފާނުގެ ޞަޙާބީން رضي الله عنهم، އެކަލޭގެފާނަށް ނަޞްރުދެއްވި ފަދައިން، އެކަލޭގެފާނު އަވަހާރަވުމަށް ފަހުގައިވެސް އެކަލޭގެފާނަށް ނަޞްރުދިނުމުގައި މުސްލިމުން ދެމިތިބުން ލާޒިމުވެގެންވެއެވެ. އެކަލޭގެފާނަށް ނަޞްރުދިނުމުގައި އަޅުގަނޑުމެން ނަމޫނާއަކަށް ބަލަންވީ ބޭކަލުންނަކީ އެކަލޭގެފާނުގެ މަތިވެރި ޞަޙާބީ ބޭކަލުންނެވެ.
ﷲ تعالى ވަޙީކުރައްވާފައިވެއެވެ. (( فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ ۙ أُولَـٰئِكَ هُمُ الْمُفْلِحُونَ )) الأعراف: ١٥٧ މާނައަކީ: [ފަހެ، އެކަލޭގެފާނަށް ވާގިވެރިވެ އަދި އެކަލޭގެފާނަށް ނަޞްރުވެރިވެ، އެކަލޭގެފާނާއިއެކު ބާވައިލެއްވުނު ނޫރަށް ތަބާވިމީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ ހަމަ އެއެރެންނެވެ].
= ނުނިމޭ =
——————————-