[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ ޙަޔާތުން އުފާވެރިކަން ޙާޞިލުކުރައްވާ – 1

ފެށުން

 

   އެންމެހާ ޙަމްދާއި ޘަނާ ޙައްޤުވެގެން ވަނީ ﷲ ތަޢާލާ އަށެވެ. އަދި އެބޭކަލެއްގެ ފަހުން ނަބިއްޔެއް ނާންނާނެ ބޭކަލަށް ޞަލަވާތާއި ސަލާމް ހުއްޓެވެ.

   އަހަރެންގެ ޢުމުރުން 16 އަހަރުގައި ޑޭލް ކާރނެޖީ ލިޔުއްވާފައިވާ “ހައު ޓު ވިން ފްރެންޑްސް އެންޑް އިންފްލުއެންސް ޕީޕަލް” (ރައްޓެހިން ހޯދާ، މީހުންނަށް ނުފޫޒު ފޯރުވާނެ ގޮތް) މި ފޮތް އަހަރެންނަށް ލިބޭ ގޮތް ވެއްޖެއެވެ. އެ ފޮތަކީ ވަރަށް ރީތި ފޮތެކެވެ. އަހަރެން އެ ފޮތް އެތައް ފަހަރެއްގެ މަތިން ކިޔާލީމެވެ. ފޮތުގެ މުއައްލިފް ކޮންމެ މަހަކު އެއްފަހަރު އެ ފޮތް ކިޔުމަށް ވިދާޅުވެފައި ވުމުން އަހަރެން އެގޮތަށް ކަންތައް ކުރީމެވެ. އެ ފޮތުގައިވާ ގޮތަށް އަހަރެން މީހުންނާ މުޢާމަލާތް ކުރުމުގައި ޢަމަލުތައް ބެހެއްޓުމުން ވަރަށް ވެސް ފުރިހަމަ ނަތީޖާތަކެއް ފެނުނެވެ. އެ ފޮތުގައި ކާރނެޖީ ފުރަތަމަ، އުޞޫލްތައް ބަޔާން ކުރުމަށް ފަހު ފްރޭންކްލިން ރޫސްވެލްޓް އާއި އަބްރަހަމް ލިންކޮން ފަދަ ފާހަގަކޮށްލެވޭ ބޭފުޅުންގެ ޙަޔާތްޕުޅުން މިސާލު ޖައްސަވާފައި ވެއެވެ.

      އެ ފޮތާމެދު ފުންކޮށް ވިސްނާލުމުން އަހަރެންނަށް ފަހުމްވީ މި ބޭފުޅާ އެ ފޮތް ލިޔުއްވާފައި ވަނީ ހަމައެކަނި ދުނިޔަވީ އުފަލަކަށްޓަކައެވެ. އޭނާ އިސްލާމް ދީނާއި އެ ދީނުގެ ރިވެތި ގޮތްތައް ދަނެހުރެ އޭގެ އަލީގައި ދެދުނިޔެ ބާއްޖަވެރި ކުރުމަށްޓަކައި މަސައްކަތް ކުރިނަމަ ކިހިނެތް ވީސް ހެއްޔެވެ؟ އޭނާގެ ކިބައިގައި ހުރި މީހުންނާ މުޢާމަލާތްކުރުމުގެ އެ ހުނަރު، އޭނާ ހެއްދެވި ފަރާތާ ގާތްކަމެއް ހޯދުމަށްޓަކައި އަޅުކަމަކަށް ހެދި ނަމަ ކިހިނެތް ވީސް ހެއްޔެވެ؟

  އިސްލާމީ ތާރީޚް ދިރާސާ ކުރުމަށްފަހު ރަސޫލާ (صل الله عليه وسلم) އާއި އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން އަދި އަހަރެމެންގެ އުންމަތުގައި ފާހަގަ ކޮށްލެވޭ ބޭކަލުންގެ ސީރަތްތައް އަހަރެމެންނަށް ނަމޫނާއަކަށް ފުދޭނެކަން އަހަރެންނަށް ދެނެގަނެވުނެވެ. އެހެންކަމުން، އޭގެ ފަހުން އަހަރެން މީހުންނާ މެދު ޢަމަލުތައް ބަހައްޓާނެ ގޮތާ ބެހޭ ގޮތުން މި ފޮތް ލިޔަން ފެއްޓީމެވެ.

   ތިބާގެ އަތުގައިވާ މި ފޮތަކީ އެންމެ މަހެއް ނުވަތަ އަހަރެއްގެ މަސައްކަތެއްގެ ނަތީޖާއެއް ނޫނެވެ. މިއީ ވިހި އަހަރު ދުވަސް ތެރޭގައި އަހަރެން ދިރާސާ ކޮށްފައިވާ ކަންތަކާއި ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުގެ ނަތީޖާއެވެ. މިއަދާ ހަމަޔަށް ﷲ (سبحانه وتعالى) ވަނީ ވިއްސަކަށް ފޮތް ލިޔުމުގެ މަތިވެރި ޝަރަފު އަހަރެންނަށް ދެއްވާފައެވެ. އަދި އެފޮތްތަކުގެ ދެ މިލިއަނަށް ވުރެ ގިނަ ކޮޕީތައް ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ދައުރުވެފައެވެ. ކަން މިހެން ހުރުމާއެކުވެސް، މި ފޮތަކީ އަހަރެން ދެކޭ ގޮތުގައި އަހަރެންނަށް އެންމެ ކަމުދާ، އަހަރެންގެ ހިތުގައި މަތިވެރި ދަރަޖައެއް ދެވިފައިވާ އަދި ޢަމަލީ ގޮތުން އެންމެ ފައިދާ ކުރުވަނިވި ފޮތެވެ. މި ފޮތުގެ ލަފްޒުތައް ލިޔެވިފައިވަނީ އަހަރެންގެ ލެޔާއި އެކުވެފައިވާ ދެލިންނެވެ. މި ފޮތުގެ ޖުމްލަތަކަކީ އަހަރެންގެ ރޫޙާއި ހަނދާންތަކުން އަމުނާފައިވާ ޖުމްލަތަކެކެވެ. އެހެން ކަމުން މި ފޮތަކީ ހިތާއި ހިތުން ލިޔެވިފައިވާ ފޮތަކަށް ވާނެއެވެ. މި ލަފަޒުތަކަކީ އަހަރެންގެ ހިތުން ތިޔަ ފަރާތުގެ ހިތުގައި ބިންވަޅު ނެގުމުގެ ދަހިވެތިކަމުގައި ބޭރުކުރާ ލަފްޒުތަކެއްކަމުގައި އަހަރެން ހުވާ ކުރަމެވެ؛ މި ލަފްޒުތަކަށް ރަޙުމް ބަހައްޓާށެވެ.

   މި ފޮތުގެ ޞަފްޙާތައް ކިޔާ މީހާ އޭގައި ބަޔާންވެފައިވާ އުޞޫލްތައް އޭނާގެ ޢާންމު ދިރިއުޅުމުގައި އަށަގަންނަވައިފި ނަމަ އަހަރެންނަށް އިޙްސާސް ކުރެވޭނެ އުފާވެރިކަމުގެ ބޮޑު ކަމާއެވެ! ތިޔަބޭފުޅުންގެ ތެރެއިން ބޭފުޅަކަށް މި އުޞޫލުތައް އަށަގަނެވިއްޖެ ނަމަ ނުވަތަ ތިޔަ ބޭފުޅުންގެ ފަރާތުން އެހެން މީހަކަށް މި އުޞޫލުތައް އޭނާގެ ދިރިއުޅުމުގައި އަށަގަންނަވައި ދެވިއްޖެ ނަމަ އަދި، އެކަމުގެ ސަބަބުން ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ޙަޔާތުން އުފާވެރިކަން ޙާސިލު ކުރެވިއްޖެ ނަމަ އަހަރެންނަށް އެކަން އަންގަން ފަސް ނުޖެހޭށެވެ. ތިޔަބޭފުޅުންގެ ޚިޔާލުތަކާއި ފާޑުކިޔުންތައް އަދި ތިޔަބޭފުޅުންގެ އިޙްސާސްތައް ބަޔާންކުރުމަށް އަހަރެންގެ ދޮރުތައް ވާނީ ހުޅުވާލެވިފައެވެ. މި ފޮތް ޗާޕްކުރި ފަރާތާ ހަވާލާދީ، މި ފޮޅުވަތްތައް ލިޔުނު މީހާއަށް މެއިލް އެއްގެ ޒަރިއްޔާއިން އެކަން އަންގާލާށެވެ. އޭނާ އެކަމަށް ޝުކުރުވެރިވެ ކިޔުންތެރިންނަށް އެބައިމީހުންގެ ޣައިބުގައި ދުޢާކޮށްދިނުމަށްޓަކައެވެ.

   މި ފޮތުގެ ޞަފްޙާތަކުން އަހަރެމެންނަށް ފައިދާތަކެއް ޙާޞިލުވެ އެ ޞަފްޙާތަކަކީ ﷲއަށްޓަކައި ލިޔެވިފައިވާ ޞަފްޙާތަކަކަށް ހައްދަވައި ދެއްވުން އެދި ﷲގެ ހަޟްރަތުގައި އަހަރެން ދަންނަވަމެވެ.

ތިބާއަށްޓަކައި ހެޔޮ އެދޭ:

ޑރ. މުޙައްމަދު ޢަބްދުލް ރަޙްމާން އަލް ޢަރީފީ

 

ފަށައިގަތުމަށް
މަޤްސަދަކީ ހަމައެކަނި ފޮތެއް ކިޔާލުމެއް ނޫނެވެ.
އެހެނެއްކަމަކު، އެ ފޮތުން ފައިދާ ޙާސިލު ކުރުމެވެ.

އެމީހުންނަށް ފައިދާއެއް ނުކުރާނެ

    އަހަރެންގެ ފޯނަށް މެސެޖެއް އައިސްފައިވާތީ ހަނދާންވެއެވެ. އެ މެސެޖުގައި ވެއެވެ.

 “އޭ ޝެއިޚެވެ. ތިމާ އަމިއްލަޔަށް ތިމާގެ ފުރާނަ ނަގާލުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟”
އަހަރެން މި ސުވާލު ކުރި ފަރާތަށް ގުޅާލީމެވެ. ފޯނު ނެގީ ޒުވާން ފިރިހެނެކެވެ. އަހަރެން ބުނީމެވެ. “މާފްކުރައްވާށެވެ! ނަމަވެސް އަހަރެންނަކަށް ތިބާގެ ސުވާލު ފަހުމެއް ނުވިއެވެ.

އަދި އެއްފަހަރު އެ ސުވާލު ތަކުރާރުކޮށް ދެވިދާނެ ތޯއެވެ؟”

  އެ ޒުވާނާ ނުރުހުންވެފައި ޖަވާބު ދިނެވެ. “ސުވާލު ނުހަނު ސާފެވެ.

ތިމާގެ އަމިއްލަ ފުރާނަ ނަގާލުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟”

އަހަރެން ބޭނުންވީ އެ ޒުވާނާ އުއްމީދު ނުކުރާނެފަދަ ޖަވާބަކުން އޭނާ ސިއްސުވާލުމަށެވެ. އެހެންކަމުން

އަހަރެން ހިނިތުންވެލަމުން ބުނީމެވެ. “އެދެވިގެންވާ ކަމެކެވެ.” އޭނާ ޙައިރާންވެފައި އެއްސެވެ. ”ކީކޭތޯއެވެ؟”.

އަހަރެން ބުނީމެވެ. “އަހަރެމެން ދެމީހުން ތިބާގެ ފުރާނަ ނަގާލާނެ ގޮތަކާމެދު މަޝްވަރާ ކުރުމާއި މެދު ތިބާ ދެކެނީ ކިހިނަކުން ހެއްޔެވެ؟”. ވަގުތުން އެ ޒުވާނަ ހަމަ ހިމޭންވިއެވެ.

   އަހަރެން ބުނީމެވެ. “ތިބާގެ އަމިއްލަ ފުރާނަ ނަގާލުމަށް ތިބާ ބޭނުންވަނީ ކީއްވެގެންކަން ނިކަން ބުނެބަލާށެވެ.”
އެ ޒުވާނާ ކިޔައިދޭން ފެށިއެވެ. “އަހަރެންނަކަށް ވަޒީފާއެއް ނުލިބުނެވެ. އެހެން މީހުންނަކަށް އަހަރެން

ކަމަކު ނުދެއެވެ. އެންމެ ފުރަތަވެސް އަހަރެންނަކީ ނާކާމިޔާބު މީހަކީމެވެ.

މިހެން ގޮސް މި ޒުވާނާ އޭނާގެ ނަފްސު ތަރައްޤީ ކުރުމުގައި އޭނާ ނާކާމިޔާބު ވެފައިވާ ގޮތާއި އޭނާއަށް ލިބިފައިވާ ހުނަރުތަކުގެ ފައިދާ ލިބިގަތުމުގެ އެއްވެސް ޝަޢުޤުވެރިކަމެއް ނެތްކަމުގެ ވާހަކަތައް އަހަރެންނަށް ކިޔައިދިނެވެ.

   އަހަރެމެންގެ ތެރެއިން ބައެއް މީހުން އެބައިމީހުންނަކީ އެހެން މީހުންނަށްވުރެ ދަށް ބައެއްގެ ގޮތުގައި ދެކެނީ ކީއްވެ ބާވައެވެ؟

 އަހަރެމެންނަށް ފަރުބަދައިގެ އެންމެ އުހުގައި ތިބޭ މީހުން ފެނުމުން އަހަރެމެންނަށް އެ ހިސާބަށް ވާޞިލުވުމީ ނާދިރުކަމެއްގެ ގޮތުގައި ދެކެވެނީ ކީއްވެ ހެއްޔެވެ؟

ޅެންވެރިއަކު ވިދާޅުވެފައިވާ ބަހެއްގެ މާނާގައި ވެއެވެ.

“ފަރުބަދަ ތަކަށް އަރަން ބިރުގަންނަ މީހުން އަބަދުވެސް ދެމި ތިބޭނީ ވަޅުގަނޑުތަކުގެ ތެރޭގައެވެ.”

(ކަންކަމާ ކުރިމަތިލާން ބިރުގަނެ، ޖެހިލުންވާ މީހުންނަށް ދުވަހަކުވެސް ކުރިއަކަށް ނުދެވޭނެއެވެ).

  މި ފޮތުން ނުވަތަ މިފަދަ އެހެން ފޮތަކުންވިޔަސް ފައިދާއެއް ނުކުރާނެ މީހުން ތިބާ އަށް އެނގޭ ހެއްޔެވެ؟ އެބައިމީހުންނަކީ އެބައިމީހުންގެ ކުށްތަކަށް އަމާންދީ އަދި އެ މީހުންގެ ހުނަރެއް ނެތްކަން ޤަބޫލުކޮށް، “މިއީ އަހަރެން އުޅެބޮޑުވި ގޮތޭ، ތިމަންނަ މިކަންތައްތަކަށް ހޭނިއްޖެޔޭ، އަދި ތިމަންނަޔަށް ތިމަންނަގެ ގޮތްތަކެއް ބަދަލެއް ނުކުރެވޭނެޔޭ، ތިމަންނަޔަށް ޚާލިދުގެ ބަލާޣާތްތެރިކަން ނުވަތަ އަޙުމަދުގެ އުފާވެރި މިޒާޖު ނުވަތަ އެހެން މީހުންގެ މެދުގައިވާ ޒިޔާދުގެ މަޤްބޫލުކަންފަދަ ކަންތައް ހޯދައިގަތުމަކީ ނުވާނެ ކަމެކޭ’ ބުނެ އުޅޭ މީހުންނެވެ.  އެއްދުވަހަކު އަހަރެން ޢުމުރުން ދުވަސްވެފައިވާ މީހުންގެ އާދައިގެ ޙަލަޤާއެއްގައި އިށީނީމެވެ. އޭގެ ތެރެއިން އެކަކު ހުރީ އޭނާ ޖެހިގެން ހުރި މީހާއާއި ވާހަކަ ދެއްކުމުގައި މަޝްޣޫލުވެގެންނެވެ. އޭނާއަށް އޭނާގެ ޢުމުރު ފިޔަވާ އެތަނުގައިވާ އެހެން މީހުންނަށް ވުރެ މަތިވެރިވާނޭ ކަމެއް ލިބިގެނެއް ނުވެއެވެ.

 އެ ޙަލަޤާގައި އަހަރެން ކުޑަ ދަރުހެއް ދިނުމަށް ފަހު ޝެއިޚް ޢަބްދުލް ޢަޒީޒް އިބްން ބާޒް رحمه الله ގެ ފަތުވާއެއް އެބައިމީހުންނާ ހިއްސާ ކޮށްލީމެވެ. އަހަރެން ވާހަކަ ދައްކާ ނިމުނުތަނާހެން މި މީހާ ފަޚުރުވެރި ވެފައި ބުނެލިއެވެ. “ޝެއިޚް އިބްން ބާޒް އަކީ އަހަރެންނާ އެއް ކްލާހެއްގައި ކިޔެވި މީހެކެވެ. މީގެ ސާޅީސް އަހަރު ކުރިން އަހަރުމެން މިސްކިތުގައި ޝެއިޚް މުޙައްމަދު އިބްރާހީމްގެ އަރިހުން ކިޔަވައި ވިދާޅުވީމެވެ”.

އަހަރެން މި މީހާއަށް ބަލައިލި އިރު މި މީހާ އުފަލުން ފޮޅިފައިވިތަން ދެކުނީމެވެ. އެމީހާގެ ޙަޔާތުން އެންމެ ދުވަހެއް ކާމިޔާބު މީހަކާ އެކީގައި ވޭތުކުރެވުނު ކަމަށްޓަކައި އެމީހާ އުފަލުން ފޮޅެނީއެވެ. އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސަށް ބުނެވުން ނޫން ކަމެއް ނުކުރެވުނެވެ؛ އޭ ނިކަމެތި ނަފްސެވެ. އިބްން ބާޒް ފަދައިން ތިބާއަށްވެސް ކާމިޔާބު މީހަކަށް ނުވެވުނީ ކީއްވެ ހެއްޔެވެ؟ އިބްން ބާޒް އަވަހާރަވުމުން ދަރިވަރުންނާއި އަޅުކަމުގެ ޖަމާޢަތްތަކާއި ކުތުބުޚާނާތައް އެކަމާމެދު ރޮއެ ހިތާމަ ކުރަނީ ކީއްވެ ހެއްޔެވެ؟ ކޮންމެވެސް ދުވަހަކުން ތިބާ ދުނިޔެ ދޫކޮށްދާ ހިނދު ފަހަރުގައި ސަޤާފަތަށް އިޙްތިރާމް ކުރުމުގެ ގޮތުން މެނުވީ ބަޔަކު މީހުން ނުރޯނެތެވެ.

   އަހަރުމެން އެންމެންވެސް ކޮންމެވެސް ދުވަހަކު ތިމަންމެން އެވެނި މިވެނި މީހަކު ދަންނަމޭ، މިވެނި މީހަކާ އެކީގައި ކިޔެވީމޭ ނުވަތަ އެވެނި މީހަކާ އެއް މަޖްލީހެއްގައި އިށީނީމޭ ބުނެފާނެތެވެ. އެކަމުގެ އެއްވެސް ޚާއްސަ ކަމެއް ނެތެވެ؛ ޚާއްސަވަނީ އެމީހުން އެމީހުންގެ ކާމިޔާބީ އާއި އެކުގައި އެންމެ އުހުގައި ވިދާ ބަބުޅާ ގޮތެވެ.

 އެހެންކަމުން ތިބާ ކާމިޔާބު މީހަކަށްވެ ތިބާއަށް ލިބިފައިވާ ހުނަރުތަކުން ތިބާއަށް ފައިދާ ވާނޭކަން ޔަޤީންކަމާއި އެކީ ތިބާގެ ނަފްސަށް ޘާބިތު ކޮށްދޭށެވެ. ތިބާ ކާމިޔާބު ވާށެވެ! ތިބާގެ ނުރުހުންވުން ހިނިތުންވުމަކަށް ހަދާލާށެވެ. ތިބާގެ ހިތާމަވެރި މިޒާޖު އުފާވެރިކަމަށް ބަދަލުކޮށްލާށެވެ. ތިބާގެ ދަހިވެތިކަން ދީލަތިކަމަށް ބަދަލުކޮށްލާށެވެ. އަދި ތިބާގެ ރުޅިވެރިކަން ކެތްތެރިކަމަށް ބަދަލުކޮށްލާށެވެ. ތިބާއަށް ކުރިމަތިވާ މުޞީބާތްތައް އުފާވެރި ހަފްލާތަކަކަށް އަދި ތިބާގެ އީމާންތެރިކަން ހަތިޔާރަކަށް ހަދާށެވެ.

   ތިބާގެ ޙަޔާތުން ތިބާ އުފާވެރިކަން ލިބިގަންނާށެވެ! ޙަޔާތަކީ ކުރު އެއްޗެކެވެ. މި ކުރު ޙަޔާތުގައި މާޔޫސްކަމަށް ވަގުތެއް ނެތެވެ. މިކަން މިގޮތަށް ކުރާނީ ކިހިނެތް ހެއްޔެވެ؟ މިއީ އަހަރެން މި ފޮތް ލިޔުނު ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ތިބާ އަހަރެމެންނާ އެކީ ވާށެވެ. އޭރުން ﷲގެ އިރާދަފުޅުން އަހަރެމެންގެ މަޤްސަދު ޙާސިލު ވާނެއެވެ.

 

ދެން އަހަރުމެންގެ މައްޗަށް އޮތީ

ހުރިހާ ގޮތަކުން އެންމެ މޮޅު، އެންމެ ކާމިޔާބު މީހާ (ޗެމްޕިއަން) އަކީ އޭނާގެ ހުނަރުތައް ތަރައްޤީ ކުރުމުގައި ވަރުގަދަ ޢަޒުމަކާއި އެކީ ޘާބިތުވެ، އޭނާއަށް ޤާބިލުކަން ލިބިފައިވާ ކަންތަކުން ފައިދާ ލިބިގަންނަ މީހާއެވެ.

 

______________________________

ތަރުޖަމާކުރީ:

އީނާޝް އިބްރާހީމް

ބިންތު އަޙްމަދު

އުންމު މުޙްސިނު

 

މިއީ ޑރ. މުޙައްމަދު ޢަބްދުލް ރަޙްމާން އަލް ޢަރީފީ ލިޔުއްވާފައިވާ استمتع بحياتك ގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެންބައިތައް