ސުޢޫދީ ޢަރަބިއްޔާގެ هيئة كبار العلماء އިން 16 ރަޖަބު 1441 ގައި ނެރެފައިވާ ޤަރާރު (ނަމްބަރު: 246) ގައި ވެއެވެ.
الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه أجمعين، أما بعد:
ވަބާއެއް ފެތުރޭ ޙާލަތުގައި ނުވަތަ ވަބާއެއް ފެތުރިދާނެކަމުގެ ބިރުއޮތް ޙާލަތެއްގައި ހުކުރު ނަމާދާއި ޖަމާޢަތުގެ ނަމާދުތަކުގައި ބައިވެރި ނުވުމުގެ ރުޚްޞާ ލިބިގެންވޭތޯ ބެލުމަށް هيئة كبار العلماء އަށް ހުށަހެޅިފައިވާ ހުށަހެޅުމާމެދު، 16 ރަޖަބު 1441 ވީ ބުދަ ދުވަހު ރިޔާޟުގައި ބޭއްވުނު 24ވަނަ މަޖްލިސްގައި މިމައްސަލައިގައި އައިސްފައިވާ ޝަރުޢީ ނައްޞުތަކާއި އެކަންކަމުގެ މަޤްޞަދުތަކާއި ޤަވާޢިދުތަކާ އަދި ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބެލުމަށްފަހު، هيئة كبار العلماء އިން އަންނަނިވި ކަންކަން ބަޔާންކުރަމެވެ.
ފުރަތަމައީ: މިފަދަ ބައްޔެއް ޖެހިފައިވާ މީހާ ހުކުރު ނަމާދާއި ޖަމާޢަތުގެ ނަމާދުތަކުގައި ބައިވެރިވުން ހުއްދަވެގެން ނުވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.
«لَا يُورِدُ مُمْرِضٌ عَلَى مُصِحٍّ» [متفق عليه]
މާނައީ: “ބަލިވެފައިވާ ޖަމަލެއް، ޞިއްޙަތު ރަނގަޅު ޖަމަލަކާއެކު ފެން ބުއިމަށް ދޫކޮށް ނުލާށެވެ.” [1]
އަދި އަންނަނިވި ޙަދީޘްގައިވެސްވާ ފަދައިންނެވެ.
«إِذَا سَمِعْتُمْ بِالطَّاعُونِ بِأَرْضٍ فَلاَ تَدْخُلُوهَا، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلاَ تَخْرُجُوا مِنْهَا» [متفق عليه]
މާނައީ: “ރަށެއްގައި ޠާޢޫނު ބަލި ފެތުރޭކަމުގެ ޚަބަރު ތިޔަބައިމީހުންނަށް ލިބިއްޖެނަމަ އެރަށަކަށް ތިޔަބައިމީހުން ނުވަންނާށެވެ. އަދި ތިޔަބައިމީހުން ތިބި ރަށެއްގައި އެބަލި ފެތުރިއްޖެނަމަ ތިޔަބައިމީހުން އެރަށުން ނުނިކުންނާށެވެ.”
ދެވަނައީ: ކަމާބެހޭ ފަރާތްތަކުން އެކަހެރި ކުރަން ޖެހޭކަމަށް ބުނެފައިވާ މީހަކާމެދު ދަންނައެވެ. ފަހެ، އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އެފަދައިން ކަންތައް ކުރުމަށެވެ. އަދި ހުކުރު ނަމާދާއި ޖަމާޢަތުގެ ނަމާދުތަކަށް ނުގޮސް، އޭނާގެ ގޭގައި ނުވަތަ އޭނާ އެކަހެރިކޮށްފައި އެހުރި ތަނެއްފައި ނަމާދުކުރާނީއެވެ. ޝަރީދު ބުން ސުވައިދު އައްޘަޤަފީ رضي الله عنه ވިދާޅުވިއެވެ.
كَانَ فِي وَفْدِ ثَقِيفٍ رَجُلٌ مَجْذُومٌ، فَأَرْسَلَ إِلَيْهِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ «إِنَّا قَدْ بَايَعْنَاكَ فَارْجِعْ» [أخرجه مسلم]
މާނައީ: ޘަޤީފުގެ ވަފުދުގައި ޖުޛާމު ބަލި ޖެހިފައި ހުރި މީހަކު ހުއްޓެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم އެމީހާގެ ގާތަށް މީހަކު ފޮނުއްވާފައި ޙަދީޘްކުރެއްވިއެވެ. “އަހަރެމެން ތިބާއަށް ބައިޢަތު މިހިފީއެވެ. (އެބަހީ: އަތާ އަތް ޖޯޑުކުރުމަކާ ނުލައެވެ. [2]) ފަހެ، ދެން އެނބުރި ދާށެވެ.”
ތިންވަނައީ: އޭނާގެ އަމިއްލަ ނަފްސަށް ނުވަތަ އޭނާގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ވެދާނެކަމަށް ބިރުގަންނަ މީހާއަށް، ހުކުރު ނަމާދާއި ޖަމާޢަތުގެ ނަމާދުތަކަށް ނުދިއުމުގެ ލުއިކަން ލިބިގެންވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.
«لَا ضَرَرَ وَلَا ضِرَارَ» [رواه ابن ماجه]
މާނައީ: “ގެއްލުން ލިބުމެއްވެސް އަދި (ޙައްޤަކާ ނުލާ) ގެއްލުން ދިނުމެއްވެސް ނުވެއެވެ.”
މިއިން ކޮންމެ ޙާލަތެއްގައިވެސް ހުކުރު ނަމާދަށް ނުދާމީހާ ކުރާނީ މެންދުރު ނަމާދުގެ ހަތަރު ރަކުޢަތެވެ.
هيئة كبار العلماء އިން އެންމެހާ ފަރާތްތަކަށް ވަޞިއްޔަތް ކުރަނީ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ތަބާވުމަށެވެ. އަދި ހަމައެފަދައިން އެންމެހާ ފަރާތްތަކަށް ވަޞިއްޔަތް ކުރަނީ ﷲ عز وجل އަށް ތަޤުވާވެރިވެ، އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވެ، މި މުޞީބާތް ފިއްލަވައިދެއްވުން އެދި މަޑުމޮޅިކަމާއެކު އެއިލާހަށް ދުޢާކުރުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ﴾ [سورة يوسف 107]
މާނައީ: “އަދި ﷲ ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެއިލާހު މެނުވީ، އެކަން ފިއްލަވާނޭ އެހެން ފަރާތެއް ނުވެއެވެ. އަދި އެއިލާހު ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެއިލާހުގެ ފަޟުލުވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެއެވެ. އެ ފަޟުލުވަންތަކަން އެއިލާހު ދެއްވަނީ އެއިލާހުގެ އަޅުންގެ ތެރެއިން، އެއިލާހު އިރާދަކުރެއްވި މީހަކަށެވެ. އަދި އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ.”
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ﴾ [سورة غافر 60]
މާނައީ: “އަދި ތިޔަބައިމީހުންގެ ރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ.”
– ޤަރާރު ނިމުނީ –
=ނިމުނީ=
_____________________________
[1] ބައްލަވާ: النهاية لابن الأثير (4/319).
[2] ބައްލަވާ: مرقاة المفاتيح شرح مشكاة المصابيح (8 / 347)