ގާތުންދިނުން ނަންގަތް ބާބު
﴿وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ الرَّضَاعَةَ ۚ وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَارَّ وَالِدَةٌ بِوَلَدِهَا وَلَا مَوْلُودٌ لَّهُ بِوَلَدِهِ ۚ وَعَلَى الْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوا أَوْلَادَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّا آتَيْتُم بِالْمَعْرُوفِ ۗ وَاتَّقُوا اللَّـهَ وَاعْلَمُوا أَنَّ اللَّـهَ بِمَا تَعْمَلُونَ بَصِيرٌ﴾ [سورة البقرة 233]
މާނައީ: “މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ މުއްދަތަށެވެ. އެއީ ކިރުދިނުން ފުރިހަމަކުރުމަށް ޤަޞްދުކޮށްފި މީހަކަށެވެ. އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއްވެސް ނަފްސަކަށް، އެ އެނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ، ތަކުލީފެއް ނުޖައްސަވައެވެ. މައިމީހާއަށް އެކަނބުލޭގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެއެވެ. އަދި ބަފަޔަކަށްވެސް އޭނާގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެއެވެ. އަދި (ކުއްޖާގެ ބަފާގެ މައްޗަށް ލާޒިމުވީ ކަންތައް) ވާރުތަވެރިޔާގެ މައްޗަށްވެސް އެފަދައިން ލާޒިމުވެގެންވެއެވެ. ފަހެ، އެ ދެމީހުންގެ ރުހުމާއި، މަޝްވަރާއާއެކު (ދެއަހަރު ހަމަވުމުގެ ކުރީގައި) ކިރުދިނުން ހުއްޓާލަން ޤަޞްދުކޮށްފިނަމަ، (އެކަމުގައި) އެ ދެމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުންގެ ދަރިންނަށް އެހެން މީހަކު ލައްވާ ކިރުދިނުމަށް ޤަޞްދުކޮށްފިނަމަ، ހެޔޮގޮތުގައި އެކަނބަލުންނަށް ދޭންޖެހޭ އުޖޫރައެއް ތިޔަބައިމީހުން އެކަނބަލުންނަށް ދެނީނަމަ، (އެކަމުގައި) ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ހަމަކަށަވަރުން ﷲ އީ ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ!”
﴿حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ﴾ [سورة لقمان 14]
މާނައީ: “އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ ދެއަހަރުގައެވެ.”
﴿وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا﴾ [سورة الأحقاف 15]
މާނައީ: “އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ.”
﴿حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالَاتُكُمْ وَبَنَاتُ الْأَخِ وَبَنَاتُ الْأُخْتِ وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُم مِّنَ الرَّضَاعَةِ﴾ [سورة النساء 23]
މާނައީ: “ތިޔަބައިމީހުންގެ މައިންނާއި، އަންހެން ދަރިންނާއި، އުޚްތުންނާއި، ބަފައިފުށުގެ ބޮޑުދައިތައިންނާއި، މައިފުށުގެ ބޮޑުދައިތައިންނާއި، އަޚުގެ އަންހެން ދަރިންނާއި، އުޚްތުގެ އަންހެން ދަރިންނާއި، ތިޔަބައިމީހުންނަށް ކިރުދިން މައިންނާއި، ކިރުބުއިމުގެ ގޮތުން ތިޔަބައިމީހުންގެ އުޚްތުންނާއި، (މިމީސްމީހުންނާ) ކައިވެނިކުރުން ޙަރާމްކުރެއްވިއެވެ.”
_______________________________