الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މުޤައްދިމާ
އީމާންކަމުގެ ނިޢުމަތަކީ އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ މަތިވެރި ނިޢުމަތެވެ. އެ ނިޢުމަތަށް ހުރަސް އެޅޭ އެންމެހާ ކަންކަމުން އަދި އެންމެހާ ޝުބުހަތަކާ ޝަހުވަތުގެ ކަނޑުތަކުން ދުރުހެލިވުމަށް އިސްލާމްދީންވަނީ ބާރު އަޅުއްވާފައެވެ. މިކަން އަންގައިދޭ ވަރަށް ގިނަ އާޔަތްތަކާއި ޙަދީޘްތަކާ އަދި ޙާދިޘާތައް ނަބިއްޔާ صلى الله عليه وسلم ގެ ސިޔަރަތުގައްޔާއި އިސްލާމީ ތާރީޚުގައި ފެންނަން އެބަ ހުއްޓެވެ.
ޖާބިރު ބުން ޢަބްދުﷲ رضي الله عنه ރިވާކުރެއްވިއެވެ. ޢުމަރު ބުން އަލްޚައްޠާބު رضي الله عنه އަށް އަހުލުކިތާބީންގެ ފޮތެއް ލިބުމުން، ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަށް އެފޮތުގައިވާ އެއްޗެއް ކިޔާދެއްވަން ފެއްޓެވުމުން އެކަލޭގެފާނު އެކަމާ ކޯފާ އިސްކުރައްވައި ޙަދީޘްކުރެއްވިއެވެ.
((أَمُتَهَوِّكُونَ فِيهَا يَا ابْنَ الْخَطَّابِ … وَالَّذِي نَفْسِي بِيَدِهِ لَوْ أَنَّ مُوسَى كَانَ حَيًّا، مَا وَسِعَهُ إِلَّا أَنْ يَتَّبِعَنِي)) [رواه أحمد وحسنه الألباني]
މާނައީ: “އޭ ޚައްޠާބުގެ ދަރިޔާއެވެ! ވިސްނާލުމެއް ނެތި ތިޔަކަމުގެ ތެރެއަށް ވެދެވަޑައިގެންނެވީ ހެއްޔެވެ؟ … ތިމަންކަލޭގެފާނުގެ ނަފްސު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން މޫސާގެފާނު ދިރި ހުންނެވިނަމަ، އެކަލޭގެފާނުވެސް ތިމަންކަލޭގެފާނަށް ތަބަޢަވެވަޑައިގެންނެވީހެވެ.”
މިޙާދިޘާއިން އެނގިގެން ދަނީ އިސްލާމްކަމާއި އީމާންކަމުގެ ނިޢުމަތަށް ރައްކާތެރިވުމަށް ރަސޫލާ صلى الله عليه وسلم ބާރުއެޅުއްވި މިންވަރެވެ. އަދި ޢުމަރުގެފާނުފަދަ އީމާންކަމުގައި ހަރުދަނާ ބޭކަލުންނަށްވެސް އެބޭކަލުންގެ އީމާންކަމާއި ޢަޤީދާއާ ފުށުއަރާ ކަންކަމުން ރައްކާތެރިވުމަށް އެކަލޭގެފާނު ބާރުއެޅުއްވި މިންވަރެވެ.
އީމާންކަމުގެ ތަޢާރުފު
– ބަހުގެ ގޮތުން އީމާންކަމުގެ މާނައިގެ ތެރޭގައި: އަމާންކަމާއި، ތެދުކޮށް ކަށަވަރުކުރުމާއި، ނިކަމެތިކަން ފާޅުކުރުމާއި ހަމަޖެހުން ހިމެނެއެވެ. [1]
– ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ އަރިހުގައި އީމާންކަމުގެ ޝަރުޢީ މާނައަކީ: ހިތުން އިޤުރާރުވެ ތެދުކުރުމާއި ދުލުން އިޤުރާރުވުމާއި ގުނަވަންތަކުން ޢަމަލުކުރުމެވެ. އަދި އެއީ ކިޔަމަންގަތުމުން އިތުރުވާ އަދި ފާފަކުރުމުން އުނިވާ އެއްޗެކެވެ. [2]
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّـهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ﴾ [سورة الأنفال ٢]
މާނައީ: “މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެއިލާހުގެ އާޔަތްތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ރައްބަށް ވަކީލުކުރާ މީހުން ކަމުގައެވެ.”
އިތުރުވާ ކޮންމެ އެއްޗަކީ އުނިވެސްވާނޭ އެއްޗެކެވެ. [3] އީމާންކަމަކީ އުނިވާ އެއްޗެއްކަން ސުންނަތުގެ ދަލީލުތަކުން އެނގިގެން ދެއެވެ. އީމާންކަމަކީ އަބަދު އެއްހަމައެއްގައި ހުންނަ އެއްޗެއް ނޫންކަން އަންނަނިވި ޙާދިޘާއިން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.
ޙަންޡަލާ އަލްއުސައްޔިދީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނާއި އަބޫބަކުރުގެފާނު ބައްދަލުވެވަޑައިގެން ވިދާޅުވިއެވެ. އޭ ހަންޡަލާއެވެ. ކަލޭގެފާނުގެ ޙާލަކީ ކޮބައިތޯއެވެ! އެކަލޭގެފާނު ދެންނެވިއެވެ. ޙަންޡަލާ މުނާފިޤުވެއްޖެއެވެ. އަބޫބަކުރުގެފާނު ދެންނެވިއެވެ. سُبْحَانَ الله! ތިޔަ ވިދާޅުވީ ކީކޭތޯއެވެ؟ ދެންނެވިއެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ތިބޭއިރު، ތިމަންމެންނަށް ނަރަކައާއި ސުވަރުގެ ހަނދާންކޮށްދެވޭ ހިނދު އެތަންތަން ލޮލުކުރިމަތީގައި ފެންނަ ކަހަލައެވެ. ފަހެ، ތިމަންމެން އެކަލޭގެފާނުގެ އަރިހުން ނިކުމެވަޑައިގެން އަނބިދަރިންނާއެކު ދުނިޔަވީ ކަންކަމުގައި މަޝްޣޫލްވުމުގެ ސަބަބުން އޭގެ ތެރެއިން ގިނަ ވާހަކަތައް ހަނދާން ނެތެއެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށްވެސް ތިޔަ ގޮތަށް ވަރަށް ގިނައިން ކަންތައް ދިމާވެއެވެ. އެހިނދު ތިމަންކަލޭގެފާނާއި އަބޫބަކުރުގެފާނު، ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ޙާޟިރުވީމެވެ. އަދި ދަންނަވައިފީމެވެ.
އޭ ﷲގެ ރަސޫލާއެވެ! ޙަންޡަލާ މުނާފިޤުވެއްޖެއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم ދެންނެވިއެވެ. ތިބާއަށް ކިހިނެތްވީތޯއެވެ؟ ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ތިބޭއިރު ތިމަންމެންނަށް ނަރަކައާއި ސުވަރުގެ ހަނދާންކޮށްދެވޭ ހިނދު އެތަންތަން ލޮލުކުރިމަތީގައި ފެންނަ ކަހަލައެވެ. ފަހެ، ތިމަންމެން ކަލޭގެފާނުގެ އަރިހުން ނިކުމެވަޑައިގެން އަނބިދަރިންނާއެކު ދުނިޔަވީ ކަންކަމުގައި މަޝްޣޫލްވުމުގެ ސަބަބުން އޭގެ ތެރެއިން ގިނަ ވާހަކަތައް ހަނދާން ނެތެއެވެ.
އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ޙަދީޘްކުރައްވަމެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި ތިޔަބައިމީހުން ތިބޭ ޙާލުގައި އެގޮތުގައި ތިޔަބައިމީހުން ދެމިތިބޭ ކަމުގައިވަނީނަމަ އަދި ޛިކުރުގެ މަތީގައި ދެމިތިބޭނަމަ ހަމަކަށަވަރުން މަލާއިކަތުން ތިޔަބައިމީހުންގެ ތަންމަތިތަކާއި ހިނގާއުޅޭ މަގުތަކުން ތިޔަބައިމީހުންނާއި ސަލާމްކުރައްވާނެއެވެ. އޭ ޙަންޡަލާއެވެ! އެހެނެއްކަމަކު ވަގުތަކަށްފަހު ވަގުތެކެވެ. (އެބަހީ: ހީވާގިކަމުގެ ވަގުތުތަކާއި އެނޫން ވަގުތުތަކެވެ.)” އެފަދައިން ތިންފަހަރު ތަކުރާރު ކުރެއްވިއެވެ. [رواه مسلم في صحيحه برقم: 12 – (2750)]
= ނުނިމޭ =
[1] ބައްލަވާ: تهذيب اللغة للأزهري (15/515) والصحاح للجوهري (5/2071) ولسان العرب لابن منظور (13/23) والكليات للكفوي (ص: 212).
[2] ބައްލަވާ: شرح السنة للبربهاري (ص: 52) والشريعة للآجري (2/611) والصارم المسلول لشيخ الإسلام ابن تيمية (ص: 519).
[3] ބައްލަވާ: زيادة الإيمان ونقصانه لعبد الرزاق بن عبد المحسن البدر (ص: 51).