ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ –رحمه الله- އާ ސުވާލު ދެންނެވުނެވެ. ހުރިހާ ޚަލްޤުތަކުންނާއި މަލާއިކަތުންވެސް މަރާއި ބައްދަލުކުރަން ޖެހޭނެ ހެއްޔެވެ؟ އޭގެ ޖަވާބުގައި ވިދާޅުވިއެވެ.
” ގިނަ ބޭކަލުން ދެކެލައްވާ ގޮތުގައި ހުރިހާ ޚަލްޤުތަކުންނަކީ ނެތިވެގެންދާނެ އެއްޗިއްސެވެ. މަލާއިކަތުންވެސް މެއެވެ. މަލަކުލް މައުތުވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެއީ މަރްފޫޢު ޙަދީޘްއެކެވެ. މުސްލިމުންނާއި ޔަހޫދީންނާއި ނަޞާރާއިންވެސް، ﷲ ތަޢާލާ މިކަމަށް ކުޅަދުންވެވޮޑިގެންވާކަން ޤަބޫލުކުރެއެވެ. މިކަމާއި ޚިލާފުވަނީ ފަލްސަފާވެރިކަމަށް ތަބާވެ، އެބައިމީހުންނާ ވައްތަރުވެގަންނަ މީހުންނެވެ. އަދި އިސްލާމް ދީނަށާއި، ޔަހޫދީ ދީނަށާއި، ނަޞާރާދީނަށް ނިސްބަތްވާ އެބައިމީހުންނާ ތަބާވާ ބައެކެވެ. އަދި ރަސާއިލުއްޞަފާ ލިޔުނު މީހުންނާ އެމީހުންނާއި ވައްތަރުވެގަތް މީހުންނެވެ. އެމީހުން ދަޢުވާކުރަނީ މަލާއިކަތުންނަކީ ބުއްދިއާއި ނަފްސުކަމަށެވެ. އަދި އެ މަރުވުމެއް ނުވެއެވެ. އެހެނެއްކަމުން އެމީހުންގެ ނަޒަރުގައި އެއީ އިލާހުންތަކެކެވެ. އަދި މި ދުނިޔެއަށްޓަކައިވާ ރައްބުންތަކެކެވެ.
ޤުރްއާނާއި އެހެނިހެން ފޮތްތަކުން އެނގެން އޮތް ގޮތުގައި، މަލާއިކަތުންނަކީ، އެއްވެސް ކަހަލަ އުރެދުމެއްނުވާ ﷲގެ އަޅުންތަކެކެވެ. ޤުރްއާނުގައި އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
﴿لَنْ يَسْتَنْكِفَ الْمَسِيحُ أَنْ يَكُونَ عَبْداً لِلَّهِ وَلا الْمَلائِكَةُ الْمُقَرَّبُونَ وَمَنْ يَسْتَنْكِفْ عَنْ عِبَادَتِهِ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعاً﴾ [سورة النساء 172]
މާނައީ:”ﷲ ގެ އަޅަކަށް ވުމާމެދު ޢީސާގެފާނު ބޮޑާވެވަޑައެއް ނުގަނެއެވެ. ކުއްތަންކުރައްވާފައިވާ މަލާއިކަތުންވެސް ﷲގެ އަޅުންނަށް ވުމާމެދު ބޮޑާވެވަޑައެއްނުގަނެއެވެ. އެއިލާހަށް އަޅުކަން ކުރުމުން މަނާވެގަނެ، ކިބުރުވެރިވާ އެންމެން އެކުގައި، އެއިލާހުގެ ޙަޟްރަތަށް ޤިޔާމަތްދުވަހުން އެއްކުރައްވާނެތެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
﴿وَقَالُوا اتَّخَذَ الرَّحْمَنُ وَلَداً سُبْحَانَهُ بَلْ عِبَادٌ مُكْرَمُونَ * لا يَسْبِقُونَهُ بِالْقَوْلِ وَهُمْ بِأَمْرِهِ يَعْمَلُونَ * يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلا يَشْفَعُونَ إِلَّا لِمَنِ ارْتَضَى﴾ [سورة الأنبياء 26-28]
މާނައީ: “އެބައިމީހުން ބުންޏެވެ. ރަޙްމާންވަންތަ އިލާހު ދަރިކަލަކު ހިއްޕެވިއެވެ. އެއިލާހުގެ ހުސްޠަހިރުވަންތަކަމާއެވެ! އަދި ކިއެއް ހެއްޔެވެ! (ﷲ ގެ ދަރިކަނބަލުންތަކެކޭ އެއުރެން ބުނާ މަލާއިކަތުންނަކީ) މާތްކުރައްވާފައިވާ، އެއިލާހުގެ އަޅުންތަކެކެވެ. އެބޭކަލުން އެއިލާހުގެ ޙަޟްރަތަށް އިސްވެ ބަހެއް ނުދަންނަވާނެއެވެ. އަދި އެބޭކަލުން ޢަމަލު ކުރައްވާނީ، އެއިލާހުގެ އަމުރުފުޅުތަކާ އެއްގޮތަށެވެ. އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި ،އެއުރެންގެ ފަހަތުގައިވާ ކަންތައް އެއިލާހުގެ ދެނެވޮޑިގެންވެއެވެ. އަދި އެއިލާހު ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެބޭކަލުން ޝަފާޢަތްތެރިއެއް ނުވާނެއެވެ.”
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
﴿وَكَمْ مِنْ مَلَكٍ فِي السَّمَاوَاتِ لا تُغْنِي شَفَاعَتُهُمْ شَيْئاً إِلَّا مِنْ بَعْدِ أَنْ يَأْذَنَ اللَّهُ لِمَنْ يَشَاءُ وَيَرْضَى﴾ [سورة النجم 26]
މާނައީ: “އަދި ﷲ އިރާދަކުރައްވާ މީހަކަށް އެއިލާހު އިޛްނަ ދެއްވައި ރުހިވޮޑިގަތުމަށް ފަހުގައި މެނުވީ، އެއުރެންގެ ޝަފާޢަތުން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައް ކިތައް މަލާއިކަތުން އުޑުތަކުގައި ވޭހެއްޔެވެ؟”
ﷲ ސުބުޙާނަހޫ ވަތަޢާލާ، އެމަލާއިކަތުން މަރުހިއްޕެވުމަށްފަހު، އަލުން ދިރުއްވުމަށްވެސް ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. އިންސީންނާއި ޖިންނީންގެ މަރުހިއްޕެވުމަށްފަހު، އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވާފަދައިންނެވެ. ހަމަކަށަވަރުން އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
﴿وَهُوَ الَّذِي يَبْدأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ﴾ [سورة الروم 27]
މާނައީ: “އަދި އެއިލާހީ (ނެތުމުގެ ތެރެއިން) ޚަލްޤުތަކުން އަލަށް އުފައްދަވައި ދެން އަލުން އެ އިޢާދަކުރައްވާ އިލާހެވެ.”
އެއް އިސްނާދަށްވުރެ ގިނަ އިސްނާދުންނާއި، އެކަކަށްވުރެ ގިނަ ޞަޙާބީންގެ އަރިހުން ރިވާވެގެންވާ ޙަދީޘްއެއްގައިވެއެވެ.
“ހަމަކަށަވަރުން ﷲ ވަޙީ ބާވައިލައްވާހިނދު، މަލާއިކަތުން (ބިރުން ފިތްކެނޑިގެންގޮސް) ހޭނެތެއެވެ.”
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
“މަލާއިކަތުން، ﷲ ތަޢާލާގެ ކަލާމްފުޅު އަޑުއިވޭހިނދު ބިރުން ހޭނެތިގެންދެއެވެ.”
އަދިވެސް އެހެން ރިވާޔަތެއްގައިވެއެވެ.
“ސިލްސިލާކޮށް އަޑުއިވިގެންދާ ގުގުރީގެ އަޑުފަދައިން މަލާއިކަތުންނަށް ﷲގެ ކަލާމްފުޅު އަޑުއިވިިގެންދެއެވެ. ފަހެ އޭގެ ސަބަބުން އެބޭކަލުން ހޭނެތިގެން ވެއްޓިދެއެވެ. ދެން އެބޭކަލުންގެ ހިތްޕުޅަށް ހަމަޖެހުން ލިބުމުން ވިދާޅުވެއެވެ.”
“އެބޭކަލުން ދަންނަވައެވެ. ތިޔަބައިމީހުންގެ ވެރި ރައްބު ވަޙީކުރެއްވީ ކީކޭތޯއެވެ؟ އެތަނުން ބަޔަކު ބުނާނެއެވެ. ޙައްޤެއެވެ! (އެކަލާނގެ ވަޙީކުރެއްވީ ޙައްޤެއެވެ.) ދެންފަހެ ހުރިހާބޭކަލުންވެސް ޙައްޤު ޙައްޤުއޭ ކިޔާ މުނާދާ އިއްވާނެއެވެ.” [رواه البخاري (7481)، وأبو داود (4738)]
ފަހެ މި ޞައްޙަ ޙަދީޘްތަކުން އެނގޭގޮތުގައި މަލާއިކަތުން ބިރުން ހޭނެތިގެންދެއެވެ. ބިރުން ހޭނެތޭނަމަ ބިރުން މަރުވުންވެސް ޖާއިޒެވެ…
އިސްތިޘްނާކުރެވިފައިވާ މީހުންނަކީ، (އެބަހީ: ﷲ ގެ ވަޙީ ބަސްފުޅުގައިވާ ﴿إِلَّا مَنْ شَاءَ اللَّهُ﴾ [ﷲ އިރާދަކުރައްވައިފިމީހަކު މެނުވީއެވެ.]) ސުވަރުގެއަށް ވަންނަ ޙޫރުލް ޢީނުންނާއި، އަދި އެހެނިހެން ފަރާތްތައްވެސް ޝާމިލުވާ ގޮތަށެވެ. ފަހެ ސުވަރުގެއަކީ މަރުވުމެއް ނުވާ ތަނެކެވެ. އަދި އެ ސުވަރުގެއަށް ވަންނަ އެހެން މީހުންވެސް ޝާމިލުވެގެންވެއެވެ. އަދި ﷲ އިސްތިޘްނާކުރެއްވި ހުރިހާ މީހުން ޔަގީންކޮށް ބުނެވޭކަށް ނެތެވެ. ފަހެ އެކަން ﷲ ވަނީ އެކަލާނގެ ފޮތުގައި ބަޔާންކުރައްވާފައެވެ. އަދި ސަޙީޙުގައި އަސްފައިވާ ޙަދީޘްއެއްގައިވެއެވެ.
ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
((إنَّ النَّاسَ يُصْعَقُونَ يَوْمَ الْقِيَامَةِ فَأَكُونُ أَوَّلَ مَنْ يُفِيقُ فَأَجِدُ مُوسَى آخِذًا بِسَاقِ الْعَرْشِ فَلَا أَدْرِي هَلْ أَفَاقَ قَبْلِي أَمْ كَانَ مِمَّنْ اسْتَثْنَاهُ اللَّهُ؟)) [رواه البخاري (2411)، ومسلم 160 – (2373)]
މާނައީ: “ހަމަކަށަވަރުން ޤިޔާމަތްދުވަހުން ހުރިހާ އެންމެން މަރުވެގެންދާނެއެވެ. ފަހެ އެންމެ ފުރަތަމަ ހޭފުޅުލެވޭ ( ނުވަތަ:އަލުން ދިރުއްވޭނޭ) މީހަކީ ތިމަން ކަލޭގެފާނެއެވެ. އެހާރުން މޫސާގެފާނު ޢަރްޝީގައި ހިއްޕަވައިގެން ހުންނަވާތީ ދެކެވަޑައިގަންނަވާނަމެވެ. ފަހެ މޫސާގެފާނު ތިމަންކަލޭގެފާނަށްވުރެ އަވަހަށް ދިރުއްވެވުމުންކަމެއް ނުވަތަ އެއީ ﷲ އިސްތިޘްނާ ކުރައްވާފައިވާ ބޭކަލެއްކަމެއް ތިމަންކަލޭގެފާނަކަށް އެނގިވަޑައި ނުގަންނަވައެވެ.” …
ﷲ އިސްތިޘްނާކުރައްވާފައިވާ ހުރިހާ މީހުން ނަބިއްޔާ صلى الله عليه وسلم އަށްވެސް ޚަބަރުދެއްވާފައިނުވާ އިރު، އަހަރެމެންނަށް ﷲ އިސްތިޘްނާކުރައްވާފައިވާ ހުރިހާ މީހުން ޔަޤީންކަމާއެކު ބުނަން އެނގެނީ ކޮންގޮތަކުން ހެއްޔެވެ. މިފަދަ ޢިލްމުތައް (އެބަހީ:ޤިޔާމަތްވާނެ ދުވަހާއި، ހުރިހާ ނަބީބޭކަލުންނާއި) އަޅުގަނޑުމެންނަށް އެނގޭނީ އެފަދަ ޚަބަރެއް ނުވަތަ ދަލީލެއް އަސްފައިވާނަމައެވެ. والله أعلم.” [مجموع الفتاوى 4/259]
= ނުނިމޭ =
_______________________