[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޣައިބަށް ކަށުނަމާދު ކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ޙަބަޝާގެ ރަސްގެފާނު، ނަޖާޝީ އަވަހާރަވި ދުވަހު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުންނާއެކު ނުކުމެ ވަޑައިގަންނަވާ، ނަޖާޝީ އަވަހާރަވި ޚަބަރު އެބޭކަލުންނަށް ދެއްވުމަށްފަހު، ޞަފު ހައްދަވައިގެން ނަޖާޝީގެ މައްޗަށް އެބޭކަލުން ކަށުނަމާދު ކުރެއްވިކަން ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުގައި ޘާބިތުވެފައިވެއެވެ. [ބައްލަވާ: صحيح البخاري (1327)، (1328) و صحيح مسلم (63 – (951))]

ފަހެ، ޣައިބަށް ކަށުނަމާދުކުރުމަކީ ޝަރުޢުވެގެންވާކަމެއް ކަން މިޙަދީޘުން ދަލީލުކޮށްދެއެވެ.

* އެހެނަސް ޙަނަފީ މަޛްހަބާއި މާލިކީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވަނީ މިކަމަކީ ރަސޫލުﷲ صلى الله عليه وسلم އަށް ޚާއްޞަވެގެންވާ ކަމެއް ކަމަށާ އަދި އެހެން މީހުން ޣައިބަށް ކަށުނަމާދު ކުރުން ޝަރުޢުވެގެން ނުވާކަމަށެވެ.

* ނަމަވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ ދަލީލަކުން މެނުވީ ޚާއްޞަކަން ޘާބިތު ނުކުރެވޭނެކަމަށެވެ. އަދި އަޞްލަކީ އުންމަތަށް އަމުރުވެވިގެންވަނީ ނަބިއްޔާ صلى الله عليه وسلم އަށް ތަބާވުމަށެވެ. މިބޭފުޅުންގެ އަރިހުގައި ޣައިބަށް ކަށުނަމާދު ކުރުން ޝަރުޢުވެގެން ވެއެވެ.

 

މަރުވާ ކޮންމެ މީހެއްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން ޝަރުޢުވެގެންވޭތޯ ނުވަތަ ނޫންތޯ، މިއީ ޣައިބަށް ކަށުނަމާދުކުރުމަކީ ޝަރުޢުވެގެންވާ ކަމެއްކަމުގައި ވިދާޅުވާ ބޭކަލުންގެ މެދުގައި ޚިލާފުވެފައިވާ ކަމެކެވެ. އެކަމުގައި ދެ ގޮތަށް ވިދާޅުވާ ބޭކަލުންވެސް ދަލީލު ނަންގަވަނީ ނަބިއްޔާ صلى الله عليه وسلم ނަޖާޝީގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެއްވިކަމަށް ވާރިދުވެފައިވާ ޙަދީޘުންނެވެ.

 

އެގޮތުން ޣައިބަށް ކަށުނަމާދުކުރެވޭކަމަށް ވިދާޅުވާ ޢިލްމުވެރިންގެ މެދުގައި، އެކަން ކުރާނެ ގޮތާ މެދު ތިން ބަސްފުޅެއްވެއެވެ.

ފުރަތަމައީ: މީހަކު މަރުވި ތަނުގައި އޭނާގެ މައްޗަށް ކަށުނަމާދު ކުރިކަމުގައިވިޔަސް، އެމީހެއްގެ ރަށް ނޫން ރަށެއްގައި މަރުވި ކޮންމެ މީހެއްގެ މައްޗަށްވެސް ޣައިބަށް ކަށުނަމާދުކުރުން ޝަރުޢުވެގެންވެއެވެ. މިއީ ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންގެ ޤައުލެވެ.

އެހެނަސް މިކަމާ ބެހޭގޮތުން އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“އެހެން ތަނެއްގައި މަރުވާ ކޮންމެ މުސްލިމެއްގެ މައްޗަށް ކަށުނަމާދުކުރުމީ ނަބިއްޔާ صلى الله عليه وسلم ގެ ހިދާޔަތެއް އަދި ސުންނަތެއް ނޫނެވެ. އެހެން ތަންތަނުގައި އުޅުއްވަނިކޮށް ވަރަށް ގިނަ މުސްލިމުންވަނީ މަރުވެފައެވެ. އެހެނަސް އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ކަށުނަމާދުނުކުރައްވައެވެ.” [زاد المعاد 1/144]

 

ދެވަނައީ: ޢިލްމުވެރިންނާއި، މުޖާހިދުންނާއި، އެމީހެއްގެ މުދަލުން މީސްތަކުންނަށް މަންފާ ލިބިފައިވާ މުއްސަނދިންފަދަ، އެމީހެއްގެ ފަރާތުން މުސްލިމުންނަށް ފައިދާކޮށްފައިފާ މީހުންގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން ޝަރުޢުވެގެންވެއެވެ. މިއީ އިމާމު އަޙްމަދުގެ އަރިހުން ރިވާކުރައްވާފައިވާ ޤައުލެކެވެ. އަދި އައްޝައިޚް އައްސަޢުދީ މިޤައުލު އިޚްތިޔާރު ކުރައްވާފައިވެއެވެ. އަދި ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީން ފަތުވާ ދެއްވާފައިވަނީވެސް މިފަދައިންނެވެ.

ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީއާ ސުވާލު ކުރެވުނެވެ. [8/418]

ނަބިއްޔާ صلى الله عليه وسلم ނަޖާޝީގެ މައްޗަށް ކަށުނަމާދު ކުރެއްވިފަދައިން އަޅުގަނޑުމެންނަށްވެސް މައްޔިތާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެވިދާނެ ހެއްޔެވެ؟ ނުވަތަ އެއީ އެކަލޭގެފާނަށް ޚާއްޞަ ކަމެއް ހެއްޔެވެ؟

ފަހެ، ޖަވާބުގައި ވިދާޅުވިއެވެ.

“ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅުގެ މައްޗަށް ބިނާކޮށް މައްޔިތާގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން ހުއްދަވެގެންވެއެވެ. އަދި އެއީ އެކަލޭގެފާނަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. ފަހެ، އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم ވެސް އެކަލޭގެފާނުގެ ފަހަތްޕުޅުގައި އެކަލޭގެފާނާއެކު ނަޖާޝީގެ މައްޗަށް ކަށުނަމާދު ކުރެއްވިއެވެ. އެހެންކަމުން އަޞްލަކީ (އެކަން އެކަލޭގެފާނަށް އެކަނި) ޚާއްޞަވެގެންނުވުމެވެ. ނަމަވެސް އެކަން ކުރަންވާނީ އިސްލާމްދީނަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. އެއީ ކޮންމެ މީހެއްގެ މައްޗަށް އޮތް ކަމެއް ނޫނެވެ.”

 

ތިންވަނައީ: އެމީހަކު މަރުވި ތަނުގައި އޭނާގެ މައްޗަށް ކަށުނަމާދު ކޮށްފައިނުވާނަމަ އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން ޝަރުޢުވެގެންވެއެވެ. ފަހެ، އޭނާގެ މައްޗަށް ކަށުނަމާދުކޮށްފައިވާނަމަ ޣައިބަށް ކަށުނަމާދުކުރުން ޝަރުޢުވެގެންނުވެއެވެ. މިއީ އިމާމް އަޙްމަދުގެ އަރިހުން ރިވާކުއްވާފައިވާ އެހެން ރިވާޔަތެކެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާއާއި އެކަލޭގެފާނުގެ ދަރިވަރު އިބްނުލް ޤައްޔިމް އިޚްތިޔާރުކުއްވާފައިވަނީ މިޤައުލެވެ. އަދި ފަހުން ވަޑައިގެންނެވި ޢިލްމުވެރިންގެ ތެރެއިން އައްޝައިޚް އިބްނު ޢުޘައިމީންވެސް މިޤައުލަށް ބުރަވެވަޑައިގަންނަވައެވެ.

އައްޝައިޚް އިބްނު ޢުޘައިމީން رحمه الله އާ ސުވާލުކުރެވުނެވެ.

ރަސޫލުﷲ صلى الله عليه وسلم ނަޖާޝީގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރެއްވިކަން ޘާބިތުވެއެވެ. އޭގެ ސަބަބަކި އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދުކުރާނެ މުސްލިމުން އެތަނުގައި ނެތުމެވެ. މިހާރު މުސްލިމުން ޖަމާޢަތް ޖަމާޢަތަށް އެބަ މަރުވެއެވެ. އަދި އެމީހުންގެ މައްޗަށް ކަށުނަމާދު ނުކުރާކަން ޔަޤީނެވެ. އެއީ މިހާރު ކަންތައް ހިނގާ ފަދައިންނެވެ. އަދި އެމީހުންގެ މައްޗަށް ކަށުނަމާދު ނުކުރާކަމުގެ ޔަޤީންކަން އެބައޮތެވެ.

ފަހެ، ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ.

“އެބައިމީހުންގެ މައްޗަށް ކަށުނަމާދު ނުކުރާކަން ތިބާއަށް ޔަޤީންވަންޏާ އެބައިމީހުންގެ މައްޗަށް ކަށުނަމާދު ކުރާށެވެ. ކަށުނަމާދަކީ ކިފާޔަތުގެ ފަރުޟެކެވެ. ނަމަވެސް އޭނާގެ ޢާއިލާގެ މީހުން އޭނާގެ މައްޗަށް ކަށުނަމާދު ކޮށްފާނެއެވެ. އެހެނީ މައްޔިތާގެ މައްޗަށް އެންމެ މީހަކަށްވެސް ކަށުނަމާދު ކުރެވިދާނެއެވެ. ކޮންމެ ގޮތަށް ކަންތައްވީކަމުގައިވިޔަސް، އޭނާގެ މައްޗަށް އެއްވެސް މީހަކު ކަށުނަމާދު ނުކުރާކަން ތިބާއަށް ޔަޤީންވާނަމަ، ތިބާ އޭނާގެ މައްޗަށް ކަށުނަމާދުކުރުން ހުއްޓެވެ. އެހެނީ އެކަންކުރުމަކީ ކިފާޔަތުގެ ފަރުޟެކެވެ.” [مجموع فتاوى الشيخ ابن عثيمين (149/7)]

 

ޚުލާޞާއަކީ: ޣައިބަށް ކަށުނަމާދުކުރުމަކީ ޝަރުޢުވެގެންވާ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުން ނަޖާޝީގެ މައްޗަށް ކަށުނަމާދު ކުރެއްވިއެވެ. އަދި އެއީ ނަބިއްޔާ صلى الله عليه وسلم އަށް ޚާއްޞަވެގެންވާ ކަމެއްކަމުގެ ދަލީލެއް ނެތެވެ.

ޣައިބަށް ކަށުނަމާދުކުރުމާ މެދުގައި އިޚްތިޔާރުކުރެވޭ ދެބަސްފުޅެއް ވެއެވެ. އެއީ:

1. އެމީހެއްގެ މައްޗަށް ކަށުނަމާދު ކުރެވިފައިނުވާ މީހެއްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމެވެ.

2. އެމީހެއްގެ ފަރާތުން މުސްލިމުންނަށް ފައިދާ ލިބިފައިވާ މީހުންގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުމެވެ. އެއީ އެމީހެއްގެ ޢިލްމުން މީސްތަކުންނަށް ފައިދާ ކޮށްފައިވާ ޢިލްމުވެރިންނާއި، އެމީހެއްގެ މުދަލުން މީސްތަކުންނަށް ފައިދާކޮށްފައިވާ މުއްސަނދިންނާއި، އެމީހެއްގެ ޖިހާދުން މީސްތަކުންނަށް ފައިދާކޮށްފައިވާ މުޖާހިދުންފަދަ މީހުންނަށެވެ.

 

والله أعلم .

 

*****************

 

މަޞްދަރު