542 ވަނަ ޙަދީޘް:
542- وَعَنْ أَبِي هُرَيْرَةَ رَضِيَ اَللَّهُ عَنْه قَالَ: قَالَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ (( مَنْ ذَرَعَهُ اَلْقَيْءُ فَلَا قَضَاءَ عَلَيْهِ, وَمَنْ اسْتَقَاءَ فَعَلَيْهِ اَلْقَضَاءُ )) رَوَاهُ اَلْخَمْسَةُ .
وَأَعَلَّهُ أَحْمَدُ .
وَقَوَّاهُ اَلدَّارَقُطْنِيُّ .
أَبو هُرَيْرَةَ رَضِيَ اَللَّهُ عَنْه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. { މީހަކު ހޮޑުލަވައިގަނެ (ގަސްތަކާއި ނުލައި) ހޮޑުލައިފިނަމަ އެ ރޯދަ ޤަޟާކުރުމެއް ނުވެއެވެ. ގަސްތުގައި ހޮޑުލައިފި މީހެއްގެމައްޗަށް ޤަޟާކުރުން ވެއެވެ.}
ރިވާކުރެއްވީ ފަސްބޭފުޅުންނެވެ. މިޙަދީޘްގައި ބަލިކަމެއްވާކަމަށް الإِمَامُ أَحْمَدُ ވިދާޅުވެފައި ވެއެވެ. އަދި މިޙަދީޘް ވަރުގަދަ ކަމުގައި الإِمَامُ اَلدَّارَقُطْنِيُّ ވިދާޅުވެއެވެ.
543 ވަނަ ޙަދީޘް:
543- وَعَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اَللَّهُ عَنْهُمَا; (( أَنَّ رَسُولَ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ خَرَجَ عَامَ اَلْفَتْحِ إِلَى مَكَّةَ فِي رَمَضَانَ، فَصَامَ حَتَّى بَلَغَ كُرَاعَ الْغَمِيمِ، فَصَامَ اَلنَّاسُ، ثُمَّ دَعَا بِقَدَحٍ مِنْ مَاءٍ فَرَفَعَهُ، حَتَّى نَظَرَ اَلنَّاسُ إِلَيْهِ، ثُمَّ شَرِبَ، فَقِيلَ لَهُ بَعْدَ ذَلِكَ: إِنَّ بَعْضَ اَلنَّاسِ قَدْ صَامَ. قَالَ: “أُولَئِكَ اَلْعُصَاةُ، أُولَئِكَ اَلْعُصَاةُ” )) .
وَفِي لَفْظٍ: (( فَقِيلَ لَهُ: إِنَّ اَلنَّاسَ قَدْ شَقَّ عَلَيْهِمُ اَلصِّيَامُ, وَإِنَّمَا يَنْظُرُونَ فِيمَا فَعَلْتَ، فَدَعَا بِقَدَحٍ مِنْ مَاءٍ بَعْدَ اَلْعَصْرِ، فَشَرِبَ )) رَوَاهُ مُسْلِمٌ .
جَابِرِ بْنِ عَبْدِ اَللَّهِ رَضِيَ اَللَّهُ عَنْهُمَا ގެ ކިބައިން ރިވާވެގެންވެއެވެ. { މައްކާ ފަތަޙަ ކުރެވުނު އަހަރުގައި މައްކާއަށް ވަޑައިގަތުމަށްޓަކައި ރަމަޟާން މަހު ރަސޫލާ صَلَى اللَّهُ عَلَيْه وَسَلَّمَ ނިކުމެވަޑައިގަތެވެ. كُرَاعَ الْغَمِيمِ އޭ ކިޔުނު ސަރަޙައްދާ އަރާހަމަވަންދެން އެކަލޭގެފާނާއި މީސްތަކުން ރޯދައަށް ތިއްބެވިއެވެ. އަދި ފެން ކަންވާރެއް ގެނައުމަށް އެންގެވިއެވެ. ގެނައުމާއިއެކު މީސްތަކުންނަށް ދައްކާލުމަށްޓަކައި މައްޗަށް ނެންގެވިއެވެ. ދެން އޭގެން ހިއްޕެވިއެވެ. ފަހުން އެކަލޭގެފާނަށް ޚަބަރުދެވުނެވެ. ”ބައެއް ބޭކަލުން ރޯދައަށް ތިއްބެވިއެވެ.” ހަދީޘްކުރެއްވިއެވެ. ”އެއީ އުރެދުނު މީހުންނެވެ. އެއީ އުރެދުނު މީހުންނެވެ.”}
އެހެން ލަފްޒަކުން އައިސްފައި ވެއެވެ. { އެކަލޭގެފާނަށް ޚަބަރުދެވުނެވެ. ”މީސްތަކުންނަށް ރޯދައަށް ތިބުމަށް އުނދަގޫ ވެއްޖެއެވެ. އެބައިމީހުން ބަލަންތިއްބެވީ ކަލޭގެފާނު ހައްދަވާ ގޮތަކަށެވެ.” ދެންފަހެ އަސުރު ނަމާދު ފަހުން ފެން ކަންވާރެއް ގެނައުމަށް އެންގެވިއެވެ. އަދި އޭގެން ހިއްޕެވިއެވެ.}
ރިވާކުރެއްވީ الإِمَامُ مُسْلِم އެވެ.
-ނުނިމޭ-