* ޢައުރަ ނިވާކުރުމުގައި ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާގޮތާ ޚިލާފުވުން
މިއަދު މީސްތަކުން މިވަނީ ޢައުރަ ނިވާކުރުމުގައި ﷲ ތަޢާލާގެ ޝަރީޢަތާ ޚިލާފުވެފައެވެ. ގޮނޑުދޮށްތަކާއި މަގުތަކުގައިވަނީ ﷲ ތަޢާލާގެ އަމުރުފުޅާ ޚިލާފުވެ ޢައުރަތައް ކަޝްފުކޮށްފައެވެ. ބިކިނީތަކާއި ކުރު ހެދުން ތަކުން ގޮނޑުދޮށްތަކާއި ޕޫލްތަކުގައިވަނީ ޢައުރަ ކަޝްފުކޮށްފައެވެ. އަދި އަންހެނުން ބަރަހަނާވެ ނުވަތަ ނިވާކުރަން އަމުރުކުރައްވާފައިވާ މިންގަނޑަށް ނިވާނުވެ ތިބޭ ފިލްމުތައް އުފައްދާ އޭގެން ދަނީ ވިޔަފާރި ކުރަމުންނެވެ. އަދި ވިޔަފާރި މުދާ އިޝްތިހާރު ކުރުމަށް ޢައުރަ ކަޝްފުކޮށްގެން ތިބޭ އަންހެނުންގެ ފޮޓޯތައްވަނީ ޢާންމުކޮށްފައެވެ. އެއީ އަންހެނުންނާ ގުޅުމެއް ނެތް އެއްޗެއްކަމުގައި ވިޔަސްމެއެވެ. މިފަދަ ކަންކަމުން މީސްތަކުން މިވަނީ ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާ ގޮތާ ޚިލާފުވެފައެވެ.
މަޖައްލާތަކުގެ ބޭރުގަނޑުގައި ނވާކަންކުޑަ އަންހެނުންގެ ފޮޓޯ ޖަހައިގެން ޗާޕުކޮށްފައިވާ މަޖައްލާތައްވަނީ ޢާންމުވެފައެވެ. ޒީނަތްތެރިކޮށް މޭކަޕްކޮށްދޭމީހުން އަންހެންކުދިން ޒީނަތްތެރިކުރުވުމަށްފަހު އެވަނީ ފާޙިޝް، މުންކަރާތްތަކުގެ ތެރެއަށް ނެރެފައެވެ. އަދި ކިއެއް ހެއްޔެވެ. ފިރިހެނުންވެސް މިވަނީ ޢައުރަ ނިވާކުރުން ދޫކޮށްލާފައެވެ. އެބައިމީހުންވަނީ ކުޅިވަރުކަމަށް ދަޢުވާކޮށް އެކުޅޭ ކުޅިވަރުތަކުގައި ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާ ގޮތާ ޚިލާފުވެފައެވެ. އެބައިމީހުންގެ ޢައުރަކަމުގައިވާ ފަލަމަސްގަނޑާ އެނޫންތައްތައް އެވަނީ ކަޝްފުކޮށްފައެވެ. ހެޔޮލަފާ ރަނގަޅު މުސްލިމުން ލަދުގަންނަވާލައިފިއެވެ. ގޭތެރޭގައި ހިލޭ އަންހެނުންނާއި ފިރިހެނުން އެކުވެ ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާގޮތާ ޚިލާފުވެއްޖެއެވެ. ބާލިޣުވުމާ ގާތްވެފައިވާ އަންހެންކުދިންނާއި ފިރިހެންކުދިން ކުރު ހެދުމުގައި މެހެމާނުންނާއި ހިލޭ މީހުންގެ ތެރެއަށް ނެރެ އެއިލާހުގެ އަމުރުފުޅާ ޚިލާފުވެއްޖެއެވެ. އަދި ކިއެއް ހެއްޔެވެ. މަޙްރަމުން ކުރިމަތީގައި ވެސް ކަޝްފުކުރަން ހުއްދަ ނުވާ މިންވަރަށް އެކުދިން ކަޝްފުކުރުވައިފިއެވެ.
މިއަދު މިވަނީ އެތަކެއް ބަހަނާތަކެއް ދައްކާ ﷲ ތަޢާލާ ޝަރުޢުކުރެއްވި ކަންކަމާ ޚިލާފުވެފައެވެ. އަދި އެދަނީ އެތަކެއް ފަހަރު ތަކުރާރުކޮށް ޚިލާފުވަމުންނެވެ. ޢައުރަ ނިވާކުރުމަށްވާ ދަލީލުތައް އެވަނީ ވަރަށް ސާފުކޮށް ފެންނާށެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިވާ ކޮންމެ ނުބައިކަމެއް ފެތުރިފައި މިވަނީ ﷲ ތަޢާލާގެ ޝަރީޢަތާ ޚިލާފުވުމުންނެވެ. ޢައުރަ ނިވާކުރުން ފަދަ ކަންކަމުގައި އިންތިހާއަށް ފަރުވާކުޑަ ކުރުމުންނެވެ. އެއިލާހުގެ އެންގެވުންތަކާ ޚިލާފުވެފައިވާ މިންވަރުން އަޅުގަނޑުމެންގެ ތެރެއަށް އެއިލާހުގެ ޢުޤޫބާތް ޙައްޤުވެދާނެ ކަމުގެ ބިރުހީވެއެވެ.
﴿ إِنَّ عَذَابَ رَبِّكَ لَوَاقِعٌ * مَّا لَهُ مِن دَافِعٍ ﴾[ سورة الطور ٧، ٨]
މާނައީ: “ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރައްބުގެ ޢަޛާބަކީ އަންނާނެ އެއްޗެއްކަން ކަށަވަރެވެ. * އެ ޢަޛާބު (އެއުރެންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެތެވެ.”
=ނިމުނީ=
________________________________
މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.