ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ.
﴿تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ﴾ [١]
މާނައީ: “އަބޫލަހަބުގެ ދެއަތް ގެއްލި ހަލާކުވެ ދާށިއެވެ! އަދި އޭނާވެސް ގެއްލި ހަލާކުވެއްޖެއެވެ!”
މިއީ ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ، އެބައިމީހުން އެއްކުރައްވާ އެބައިމީހުންނަށް ﷲގެ މަގަށް ދަޢުވަތުދެއްވި ހިނދުގައި، ﷲތަޢާލާ އަބޫލަހަބަށް ދެއްވި ރައްދެކެވެ. ފަހެ އެކަލޭގެފާނު އުފާވެރިކަމުގެ ޚަބަރުދެއްވާ އިންޛާރުކުރެއްވިއެވެ.
އެހިނދު އަބޫލަހަބު ބުންޏެވެ.
“تَبًّا لَكَ أَلِهَذَا جَمَعْتَنَا”[1]
މާނައީ:”ކަލެއަށް ހަލާކު ހުށްޓެވެ! ކަލޭ އަހަރެމެން ތިޔަޖަމަޢަކުރީ މިކަމަށްޓަކައި ހެއްޔެވެ؟”
“ކަލެއަށް ހަލާކުހުއްޓެވެ! ކަލޭ އަހަރެމެން ތިޔަޖަމަޢަކުރީ މިކަމަށްޓަކައިހެއްޔެވެ؟” އޭނާގެ މިބަހަކީ، ނިކަމެތިކޮށްލުމުގެ ގޮތުން ބުނެފައިވާ ބަހެކެވެ. އެބަހީ ތިޔަ އަމުރަކީ އެއްވެސް ބުރަދަނެއްނެތް އަމުރެކެވެ. އަދި މިކަމަށްޓަކައި ޤުރައިޝުންގެ ވެރިން ޖަމާކުރެއްވުމުމަކަށް އެކަލޭގެފާނުގެ މައްޗަށް ބޭނުންޖެހިގެން ނުވެއެވެ. މިއީ ހަމަ އޭނާ ބުނެފައިވާ ފަދަ ބަހެކެވެ.
(أَهَـٰذَا الَّذِي يَذْكُرُ آلِهَتَكُمْ) ﴿الأنبياء: ٣٦﴾
މާނައީ: “އަހަރެމެންގެ އިލާހުންތަކަށް ހުތުރު އެއްޗެހި ކިޔާ މީހަކީ މިއީ ހެއްޔެވެ؟”
އަދި އެކަލޭގެފާނު ނިކަމެތިކޮށްލުމުގެ މާނައަކީ، އެކަލޭގެފާނުވަނީ އެއްވެސް ގޮތެއްގައި ނޫންކަމުގައި ދެކި، އެކަލޭގެފާނަށް އެއްވެސް އަހައްމިއްޔަތުކަމެއް ނުދިނުމެވެ.
އެބައިމީހުން ބުނިފަދައިންނެވެ.
﴿وَقَالُوا لَوْلَا نُزِّلَ هَـٰذَا الْقُرْآنُ عَلَىٰ رَجُلٍ مِّنَ الْقَرْيَتَيْنِ عَظِيمٍ﴾ [الزخرف: ٣١]
މާނައީ: “އަދި އެބައިމީހުން ބުންޏެވެ. މި ޤުރުއާން ދެރަށުގައިތިބި ބޮޑު ދެމީހުންގެ މައްޗަށް ބާވާލެއްވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ.” (އެބަހީ: މައްކާއިން ވަލީދު ބުން މުޣީރާއާއި ޠޯއިފުން ޢުރުވަތު ބުން މަސްޢޫދާއި ދެމީހުންކުރެ މީހަކު ނަމައެވެ.)
“ކަލެއަށް ހަލާކުހުއްޓެވެ! ކަލޭ އަހަރެމެން ތިޔަޖަމަޢަކުރީ މިކަމަށްޓަކައި ހެއްޔެވެ؟” މިހެން އަބޫ ލަހަބު ބުނިހިނދު ﷲތަޢާލާ މިސޫރަތް ބާވާލައްވާ އޭނާއަށް ރައްދުދެއްވިއެވެ.
﴿تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ﴾ [١]
“އަބޫލަހަބުގެ ދެއަތް ގެއްލި ހަލާކުވެ ދާށިއެވެ! އަދި އޭނާވެސް ގެއްލި ހަލާކުވެއްޖެއެވެ!”
التبابއަކީ الخسارއެވެ. (އެބަހީ ގެއްލުމާ ހަލާކެވެ.) ﷲތަޢާލާގެ ވަޙީ ބަސްފުޅުގައި ވާފަދައިންނެވެ.
﴿وَمَا كَيْدُ فِرْعَوْنَ إِلَّا فِي تَبَابٍ﴾ [غافر: ٣٧]
މާނައީ: “އަދި ފިރުޢައުނުގެ މަކަރުވެރި ރޭވުން ގެއްލުމާއި ހަލާކެއްކަމުގައި މެނުވީ ނުވެއެވެ.” (މިއާޔަތުގައި މިވާ تَبَاب އަކީ) خسارއެވެ. (ގެއްލުމާއި ހަލާކެވެ.)
އަދި އޭނާގެ މުޅިޛާތުން ފެއްޓެވުމުގެ ކުރިން ފައްޓަވާފައި އެވަނީ އޭނާގެ އަތުންނެވެ. އެހެނީ ދެއަތަކީ މަސައްކަތްކޮށް ހަރަކާތްކޮށްއުޅޭ ދެއެއްޗެވެ. އެއްޗެހީގައި ހިފާ އަދި އެއްޗެހި ދީހަދާ އަދި މިފަދަ އެހެންކަންކަމަށް ބޭނުންކުރާ ގުނަވަނެކެވެ.
އަދި އޭނާގެ ލަޤަބުކަމުގައިވާ “އަބޫ ލަހަބު” (ހުޅުގަނޑުގެ ވެރިޔާ) މިލަޤަބަކީ، އޭނާ ހުރިޙާލާއި އޭނާގެ ނިމި ދިޔުމާއި އޭނާއާ ކުރިމަތިވާންހުރި ކަންކަމަށް ބަލާއިރު ފުރިހަމައަށް މުނާސަބުވެގެންވާ ލަޤަބެކެވެ. އެހެނީ ހަމަކަށަވަރުން އޭނާ ވާހުށީ ގަދަޔަށް އަނދަ އަނދާ ހުންނަ ނަރަކައިގައެވެ. ބޮޑުވެގެންވާ ހުޅުގަނޑެއްގައި އޭނާ އަނދައިގެން ދިޔުމީ އޭނާ ހުރި ހާލަތާއި އޭނާގެ ނިމިދިޔުމާއި މުނާސަބު ކަމެކެވެ.
ޝާޢިރު ވިދާޅުވިއެވެ.
قل إن أبصرت عيناك ذا لقب إلا ومعناه إن فكرت في لقبه
ޅެމުގެ ޖުމްލަމާނަ: “ތިބާ ބުނާށެވެ. ތިބާގެ ދެލޮލުން ލަޤަބެއްގެ ވެރިޔަކަށްބަލައި، ވިސްނާފިކުރުކޮށްފިނަމަ އެލަޤަބެއްގައިވާ މާނައާއި ސިފަ އެމީހެއްގެ ގައިގާ ވާމީހަކު މެނުވީ ތިބާ ނުދެކޭނެއެވެ.”
ހުދައިބިއްޔާގެ ހަނގުރާމައިގައި سُهَيْلُ بْنُ عَمْرٍوގެ ވާހަކައަށްބަލާއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((هَذَا سُهَيْلُ بْنُ عَمْرٍو, وَماَ أَرَاهُ إلاَ سَهُلَ لَكُمْ مِنْ أَمْرِكُمْ))[2]
މާނައީ:”މިހުރީ ސުހައިލު ބުން ޢަމްރުއެވެ. ތިޔަބައިމީހުންގެ ކަންކަމުގައި ތިޔަބައިމީހުންނަށްވާ ފަސޭހައެއްކަމުގައި މެނުވީ ތިމަންކަލޭގެފާނު އެކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ.”
އެހެނީ ޢަމަލު ނަމާއި ދިމާވެއެވެ. (سُهَيْلُ އަކީ سَهُلُގެ اسم تصغير އެވެ. سَهُلُގެ މާނައަކީ ފަސޭހައެވެ.)
-ނުނިމޭ-
___________________________________________
[1] أخرجه البخاري, كتاب التفسير, باب قوله: (سَيَصْلَىٰ نَارًا ذَاتَ لَهَبٍ) (4973)
[2] أخرجه البخاري, كتاب الشروط, باب الشروط في الجهاد (4973)