﴿الَّذِينَ هُمْ يُرَاؤُونَ﴾
މާނައީ: “އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.”
ހަމަ އެފަދައިން މީސްތަކުންގެ މަޤުބޫލުކަން ހޯދުމަށްޓަކައި އަދި މުޖުތަމަޢުތެރޭގައި ބަސްވިކޭ މީހަކަށްވުމަށްޓަކައި އަޅުކަމެއްކޮށްފިނަމަ އަދި އެ އަޅުކަމުގެ މަޤުޞަދަކީ ﷲ އަށް ކުއްތަންވުން ކަމުގައި ނުވެއްޖެނަމަ، އަދި މީސްތަކުން “ހާދަ ހެޔޮ މީހެކޭ” ބުނުމަށްޓަކައި ދެއްކުންތެރިކަމާއި އެކު ޞަދަޤާތްކޮށްފިނަމަ، އަދި މީސްތަކުން “ހާދަ ރަނގަޅަށް ނަމާދުކުރާ މީހެކޭ” ބުނުމަށްޓަކައި ނަމާދު ރިވެތި ކުރާމީހާ ނުވަތަ މިފަދަ ކަންކަންކުރާ މީހުންނަކީ ދެއްކުންތެރިންނެވެ. އެހެނެއްކަމަކު މިއެންމެންވެސް ޙަޤީޤަތުގައި އަޅުކަން ކުރަނީ ﷲ އަށެވެ. އެހެނެއްކަމަކު އެޔާއިއެކު މީސްތަކުން އެކަންކަމަށް އޭނާއަށް ތައުރީފުކުރަން ބޭނުންވަނީއެވެ. އަދި ﷲ އަށް ކުއްތަންވުމުން މީސްތަކުންނާއިވެސް ގާތްވާން ބޭނުންވަނީއެވެ. މިބައިމީހުންނަކީ ދެއްކުންތެރީންނެވެ.
ނަމަވެސް މީސްތަކުންނަށް އަޅުކަންކުރާމީހާ، މިސާލަކަށް ރަސްކަލެއްގެ ކުރިމަތީހުރެގެން ނުވަތަ އެހެންމީހެއްގެ ކުރިމަތީ ހުރެގެންވިޔަސް، އެފަދަމީހަކަށް ރުކޫކޮށް ސަޖިދަޖަހާމީހާއަކީ ކާފަރު މުޝްރިކެކެވެ. އެފަދަ މީހަކަށް ﷲ ތަޢާލާ ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހެއްގެ ނިމުންވަނީ ނަރަކައިގައެވެ. އެހެނެއްކަމަކު އިސްވެ މިދެންނެވުނު މީހާ ނަމާދުކުރަނީ ﷲ އަށެވެ. އަދި އެއާއެކު މީސްތަކުން އޭނާއަށް މަދަހަ ކިޔާތޯ ދެއްކުންތެރިކަމާއިވެސް އެކުގައެވެ. އެހެނަސް އޭނާ އަޅުކަންކުރަނީ ﷲ އަށެވެ. މިކަން ވަރަށް ގިނައިން މުނާފިޤުންގެ ފަރާތުން ފެންނާނެއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާ ފަދައިންނެވެ.
﴿وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَى يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا﴾ [النساء: 142]
މާނައީ: “އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން ﷲ ހަނދުމައެއް ނުކުރެތެވެ.”
މިސިފައަށް ބައްލަވާލައްވާށެވެ. އެބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ ތެދުވަނީ ކަންނެތްކަމާއިއެކުއެވެ. އެހެންކަމުން އެބައިމީހުންވަނީ ނަމާދާއިމެދު ޣާފިލުވެގެންނެވެ. މިތާ ﷲ عز وجل ވަޙީކުރައްވަނީ:
﴿الَّذِينَ هُمْ يُرَاؤُونَ﴾
މާނައީ: “އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.”
ސުވާލު: އަޑުރިވެތިކުރާމީހުން ވަނީ އެބައިމީހުންގެ ތެރެއިން ހެއްޔެވެ؟ މާނައަކީ ޤުރުއާން ކިޔަވާމީހަކު، މީސްތަކުން ހާދަ ރީތިކޮށް ޤުރުއާން ކިޔަވާމީހެކޭ ބުނުވުމަށްޓަކައި އަޑުހަރުކޮށް އަދި ރީތިކޮށް، އަދި ފުރިހަމަކޮށް ކިޔަވާމީހާ، ދެއްކުންތެރިކަމާއިއެކު އަޅުކަންކުރާ މީހުން ފަދައިންވާނެ ހެއްޔެވެ؟ ޖަވާބަކީ: އާދޭހެވެ! އެއީ ޙަދީޘް ބަސްފުޅުގައި އައިސްފައިވާ ގޮތުގެމަތީންނެވެ.
((مَنْ سَمَّعَ سَمَّعَ اللَّهُ بِهِ وَمَنْ رَاءَى رَاءَى اللَّهُ بِهِ)) [صحيح مسلم 2986]
މާނައީ: “މީސްތަކުންނަށް (އެމީހެއްގެ ޢަމަލުތަކުގެ ވާހަކަ) އިއްވުމަށް އުޅޭ މީހާ(ދަންނައެވެ.)، އެމީހެއްގެ ޢަމަލުތައް މީސްތަކުންނަށް އެނގުމަށް ﷲ މެދުވެރިކުރައްވައެވެ. (އަދި އެކަމުގެ ޘަވާބުން އޭނާ މަޙުރޫމުކުރައްވާނެއެވެ.) މީސްތަކުންނަށް (އެމީހެއްގެ ޢަމަލުތައް) ދެއްކުމަށް އުޅޭ މީހާ(ދަންނައެވެ.)، އެމީހެއްގެ ޢަމަލުތައް މީސްތަކުންނަށް ފެނުމަށް ﷲ މެދުވެރިކުރައްވައެވެ. (އަދި އެކަމުގެ ޘަވާބުން އޭނާ މަޙުރޫމުކުރައްވާނެއެވެ.) ”
އަދި މީސްތަކުންނަށް އޭނާއަކީ އިޚްލާޞްތެރިއެއް ނޫންކަން ބަޔާންކުރައްވާނެއެވެ. އެހެނެއްކަމަކު އެމީހަކު ބޭނުންވަނީ އެމީހެއްގެ ޢަމަލުތަކުގެ ވާހަކަ މީސްތަކުންނަށް އެނގި އޭނާގެ އަޅުކަންތަކަށް މީސްތަކުން ޘަނާކިޔުމެވެ. ހަމައެފަދައިން ދެއްކުންތެރިކަމާއެކު ޢަމަލުކޮށްފިމީހާ، ﷲ ތަޢާލާ އެމީހަކު ފަޟީހަތްކުރައްވާނެއެވެ. އެހެންކަމުން މީސްތަކުންނަށް ދެއްކުމަށް ނޫނީ މީސްތަކުންނަށް އޭނާގެ ޢަމަލުތަކުގެ ވާހަކަ އިއްވަން ބޭނުންވާ މީހަކު، ﷲ ތަޢާލާ އެމީހަކު ފަޟީހަތްކުރައްވާނެއެވެ. އަދި އޭނާގެ ހާލަތު މީސްތަކުންނަށް ވަރަށް އަވަހަށް ނުވަތަ ފަހުން ބަޔާންކޮށްދެއްވާނެއެވެ.
=ނުނިމޭ=
________________________________________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة الماعونގެ ތަފްސީރުގެ ތަރުޖަމާއެވެ.