ހަތަރުވަނަ ޞިފައަކީ: (وَتَوَاصَوْا بِالصَّبْرِ ) ލަފުޒީ މާނައީ: “އަދި އެބައިމީހުން ކެތްތެރިވުމަށް ވަޞިއްޔަތްކުޅައެވެ.” އެބަހުގެ މުރާދަކީ: އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކުޅައެވެ. ކެތްތެރިވުމަކީ އެމީހެއްގެ ނަފުސު ކުރަން އެކަށީގެންނުވާ ކަންކަމުން އަރައިގަތަނުދީ ހިފެހެއްޓުމެވެ. އަދި ޢިލްމުގެ އަހުލުވެރިން “ކެތްތެރިކަން” ތިންބަޔަކަށް ބައްސަވައެވެ.
ފުރަތަމަ ބަޔަކީ: ﷲއަށް ކިޔަމަންތެރިކަން އަދާކުރުމަށްޓަކައި ކެތްތެރިވާ ކެތްތެރިވުމެވެ.
ދެވަނަބަޔަކީ: ﷲ ޙަރާމްކުރެއްވި ކަންކަން ނުކުރުމަށް ކެތްތެރިވާ ކެތްތެރިވުމެވެ.
ތިންވަނަބަޔަކީ: ﷲގެ މިންވަރުފުޅަށް (ޤަދަރުފުޅަށް) ކެތްތެރިވުމާ ކެތްތެރިވުމެވެ.
ހެޔޮޢަމަލުތައް ކުރުމަށް ކެތްތެރިވާ ކެތްތެރިވުން ދަންނާށެވެ. ވަރަށް ގިނަމީހުން ޖަމާޢަތުގައި ނަމާދުކުރުމަށް ކަންނެތްވެއެވެ. މިސާލަކަށް މިސްކިތަށް ނުގޮސް އެބައިމީހުން ބުނެއެވެ. ތިމަންނަ ނަމާދުކުރާނީ ގޭގައެވެ. އަދި ވާޖިބު އަދާކުރާނީ ގޭގައެވެ. (މިފަދައިން ބުނެ) ކަންނެތްވެއެވެ. އަދި އޭނާއަށް ބުނާށެވެ. އޭ އަޚާއެވެ. ތިބާގެ ނަފުސުގެ މައްޗަށް ކެތްތެރިކަން އަދާކުރާށެވެ. ނަފުސުހިފަހައްޓައި އަދި ޖަމާޢަތުގައި ނަމާދުކުރުމަށް ޒިންމާއަދާކުރާށެވެ. އަދި ވަރަށް ގިނަމީހުން އެމީހުންގެ މުދަލުން ނެރެންޖެހޭ ޒަކާތުގެ ބައިފެނިއްޖެނަމަ ދަހިވެ ބަޚީލުވެ އެބައިމީހުން ފަސްޖެހޭގޮތްވާތަން އާދެއެވެ. މިހާގިނަ މުދާތައް ނެރެންވީހެއްޔެވެ؟ ނުވަތަ މިމުދާތައް ބަހައްޓަންވީހެއްޔެވެ؟ މިފަދަ ގޮތަކަށް އެބައިމީހުން ފަސްޖެހޭގޮތްވެއެވެ. ފަހެ އޭނާއަށް ބުނާށެވެ. އޭ އަޚާއެވެ. ޒަކާތް އަދާކުރުމަށް ތިބާގެ ނަފުސުގެ މައްޗަށް ކެތްތެރިވާށެވެ. އަދި ހުރިހާ އަޅުކަންތަކަކަށްވެސް (ވަޞިއްޔަތްކުރާނީ) މިފަދައިންނެވެ. ފަހެ ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ނަމާދާއި ބެހޭގޮތުން ވަހީކުރައްވާފައިވާ ފަދައިން އަޅުކަންތަކަކީ މިފަދަ ކަމެކެވެ. (وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ ) البقرة: 45 މާނައީ: “އަދި ހަމަކަށަވަރުން އެއީ (ނަމާދަކީ) ބިރުވެތިވާމީހުން ފިޔަވައި (އެހެންމީސްތަކުންނަށް) ބޮޑުވެގެންވާ ކަމެކެވެ.”
ﷲ ތަޢާލާގެ ގިނައަޅުތަކުންނަށް އަޅުކަންތަކަކީ ބޮޑުވެގެންވާ ބުރަކަމެއްގެ ގޮތުގައި ފެނެއެވެ. ފަހެ އެބައިމީހުންނަށް ހެޔޮކަންކަން ކުރުމަށް ކެތްތެރިވުމަށް ވަޞިއްޔަތްކުރުން ހުއްޓެވެ. ހަމައެފަދައިން ފާފަތަކަށް ކެތްތެރިވުމަށްވެސް މެއެވެ. ބައެއް މީހުން އެބައިމީހުންގެ ނަފުސުތައް ޙަރާމްކަންކަން ކަމަށްވާ ރިބާއާއި މަކަރުހެދުމާއި އޮޅުވާލުން ފަދަ އެނޫން ޙަރާމް ކަންކަމަށް އަރިގަތުމުގައި ހޭދަކުރެއެވެ. ފަހެ އޭނާއަށް ބުނާހުށިކަމެވެ. އޭ އަޚާއެވެ. ތިބާގެ ނަފުސުގެ މައްޗަށް ކެތްތެރިވާށެވެ. ފަހެ ޙަރާމްގޮތުގައި ކަންކަން ނުކުރާށެވެ. އަދި ބައެއްމީހުން އަންހެނުންނަށް ބަލާހަދައެވެ. އެބައިމީހުން ވިޔަފާރިކުރާ ތަންތަނުގައި އަންހެނުންނަށް ބަލާހަދަމުން ހިނގާތަން ފެންނާނެއެވެ. އެބައިމީހުންނަށް ބުނާށެވެ. އޭ އަޚާއެވެ. ތިފަދަ ކަންކަމުން (ދުރުވުމުގެ މައްޗަށް) ތިބާގެ ނަފުސުގެ މައްޗަށް ކެތްތެރިވާށެވެ.
އަދި އެބައިމީހުން ﷲގެ ސުބުޙާނަހޫ ވަތަޢާލާގެ ޤަދަރުފުޅުގެ (މިންވަރުފުޅުގެ) މައްޗަށް ވަޞިއްޔަތްކުރާ ކުރުން ދަންނާށެވެ. އިންސާނާގެ ހަށިގަނޑަށް ބައްޔެއް ޖެހެއެވެ. އަދި އިންސާނާގެ މުދަލުން ބައެއް ގެއްލިދެއެވެ. އަދި އިންސާނާއަށް އޭނާ ލޯބިވާ މީސްތަކުން ގެއްލިދެއެވެ. އަދި އެކަމާ ދެރަވެ ހިތްހަމަނުޖެހި އަދި އެކަމާ ވޭންއަޅައެވެ. ފަހެ އެކަންކަމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކޮށް ހަދަންޖެހެއެވެ. އޭ އަޚާއެވެ. ކެތްތެރިވާށެވެ. ތިއީ (ޤަދަރުގައި) މިންވަރުގައިވާ ކަމެކެވެ. ދެރަވުމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. އަދި ދެރަވެފައި ހުންނަ ހުރުން ހުއްޓާނުލާ ހުރިކަމުގައިވިޔަސް އެކަމުން ލިބުނު ދެރަފިލައިގެން ނުދެއެވެ.
އެމީހެއްގެ ދަރިފުޅު މަރުވެފައިވާ މީހާއަށް އަހަރެމެން ބުނާނީ މިފަދައިންނެވެ. އޭ އަޚާއެވެ. ކެތްތެރިވާށެވެ. އެއީ އެޔަށްފަހު އުފަންނުވާ ކުއްޖެއްކަމުގައި ވިސްނާށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އެއް އަންހެން ދަރިކަނބަލަކަށް ޙަދީޘްކުރެއްވި ފަދައިންނެވެ. (إِنَّ للهِ مَا أَخَذَ، وَلَهُ مَا أَعْطَى، وَكُلًّ شَيْءٍ عِنْدَهُ بِأَجَلٍ مُسَمّى، فَمُرْهَا فَلْتَصْبِر وَلْتَحْتِسبْ) (1) މާނައީ: “ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ނެންގެވި އެއްޗެއް ވަނީ އެއިލާހަށެވެ. އަދި އެއިލާހު ދެއްވިއެއްޗެއްވެސް ވަނީ އެއިލާހަށެވެ. ﷲ ގެ ޙަޟްރަތުގައި ކޮންމެ އެއްޗެއްވެސް ވަނީ އެއެއްޗެއްގެ ވަޤުތުކަނޑައެޅިފައެވެ. ފަހެ ކެތްތެރިވުމަށާއި (ޘަވާބަށް) އުއްމީދުކުރުމަށް އެކަމަނާއަށް އަމުރުކުރާށެވެ.”
ހުރިހާކަމެއްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. ފަހެ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ މިލްކުގެ ދަށުގައިވާ އެއްޗެއް ނެންގެވުމުން އެކަމަށް ޝަކުވާކުރާނީ ކޮންފަދައަކުން ހެއްޔެވެ؟އަދި އެކަމަށް ރުޅި އަންނާނީ ކޮންފަދަ އަކުން ހެއްޔެވެ؟
ކެތްތެރިވުމުގެ ވައްތަރުތަކުގެ ތެރެއިން ނަފުސުތަކުގެ މައްޗަށް އެންމެ ދަތިއުނދަގޫ ވެގެންވާ ކެތްތެރިވުމަކީ ކޮބައިހެއްޔޭ ބުނެވިއްޖެނަމަ ޖަވާބަކީ މިއެވެ.
އެކަން ތަފާތުވެގެންވެއެވެ. ބައެއްމީހުންނަށް އެންމެ އުނދަގޫ ވެގެންވަނީ ހެޔޮކަންކަމުގެ މަތީގައި ދެމިހުރުމެވެ. އަދި އެކަން ވަރަށްބޮޑު ބުރައަކަށް އެމީހުންނަށް ވެއެވެ. ބައެއްމީހުންގެ އޭގެ އިދިކޮޅެވެ. އެބައިމީހުންނަށް ހެޔޮކަންކަން ކުރުން ފަސޭހަވެގެންވެއެވެ. ނަމަވެސް ފާފަތައް ދޫކޮށްލަން އެބައިމީހުންނަށް އުނދަގޫވެގެންވެއެވެ. އަދި ބޮޑުވެގެންވާ އުނދަގޫ ވުމަކުން އުނދަގޫވެގެންވެއެވެ. އަދި ބައެއްމީހުން ހެޔޮކަންކަން ކުރުމަށް ކެތްތެރިވުން ފަސޭހަވެގެންވެއެވެ. އަދި ފާފަތަކުން ދުރުވެ ހުރުމުގެ މައްޗަށް ކެތްތެރިވުން ފަސޭހަވެގެންވެއެވެ. ނަމަވެސް މުޞީބާތެއް ޖެހުމުން އެބައިމީހުންނަށް ކެތްތެރިކަން ތަޙައްމަލެއްނުކުރެވެއެވެ. އަދި އެކަމަށް އެބައިމީހުން ނުކުޅަދާނަވެގެންވެއެވެ. ބައެއްމީހުން އެކަމުގައި ގޮސް މުރުތައްދުވާ ހާލަށް ދެއެވެ. – ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން ރައްކާތެރިކަމަށް އެދެމެވެ. – އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
(وَمِنَ النَّاسِ مَن يَعْبُدُ اللَّـهَ عَلَىٰ حَرْفٍ، فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ، خَسِرَ الدُّنْيَا وَالْآخِرَةَ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ ) الحج: 11.
މާނައީ: “މީސްތަކުންގެ ތެރޭގައި ޝައްކެއްގެ މަތީގައިހުރެ ﷲއަށް އަޅުކަން ކުރާ މީސްތަކުންވެއެވެ. ފަހެ އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ އޭނާއަށް އެކަމުން ހަމަޖެހުން ލިބިގަނެއެވެ. އަދި (އެމީހަކު އިމްތިޙާނުކުރަނިވި) މުޞީބާތެއްޖެހިއްޖެނަމަ އޭނާގެ މޫނު އެނބުރިދެއެވެ. (އެއީ އިސްލާމްކަމުން ކުފުރުގެ މައްޗަށް އެނބުރިދެއެވެ.) އެމީހެއްގެ ދުނިޔެއާއި އާޚިރަތް އެމީހަކަށް ގެއްލިއްޖެއެވެ. ފާޅުވެގެންވާ ގެއްލުމަކީ(ހަލާކަކީ) އެއީއެވެ.”
އެހެންކަމުން މި ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ހުވާގެ ބަސްފުޅުން ވަޙީކުރައްވައި އެބަސްފުޅު އިތުރަށް ޔަޤީންކުރުމަށް (إنَّ) އާއި (اللام) އިން ހުރިހާ އާދަމުގެ ދަރިންވަނީ ގެއްލުމުގައި (ހަލާކާއި ފަސާދައިގައި) ކަން ބަޔާންކުރައްވައެވެ. އަދި އެފަސާދަ ހަލާކު ގެއްލުންވަނީ އެބައިމީހުންގެ ހުރިހާ ދިމާއަކުން ވަށައިލައިފައެވެ. އެއީ މިބަޔާންކުރަނިވި ހަތަރު ޞިފަ ލިބުނު މީހުން ފިޔަވައެވެ. އީމާންކަމާއި އަދި ހެޔޮޢަމަލުކުރުމާއި އަދި ޙައްޤަށް ވަޞިއްޔަތްކުރުމާއި އަދި ކެތްތެރިވުމަށް ވަޞިއްޔަތްކުރުމެވެ.
އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (لَوْ لَمْ يَنْزِلْ الله عَلَى عِبَادِهِ حُجَّةٌ إِلاَّ هَذِهِ السُّوْرَةُ لَكَفَتْهُمْ) މާނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާޙުގެ އަޅުތަކުންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރުމަށްޓަކައި އެއްވެސް ސޫރަތެއް ބާވާނުލައްވައި ހަމައެކަނި މިސޫރަތް( ޢަޞްރު ސޫރަތް) ބާވާލެއްވިނަމަވެސް ޙުއްޖަތަކަށް ފުދުނީހެވެ.” އެބަހީ އެބައިމީހުންގެ މައްޗަށްވާ ނަޞީޙަތެއްކަމުގައި އަދި އެބައިމީހުން އީމާންވުމާއި އަދި ހެޔޮ ޢަމަލުކުރުމާއި އަދި ﷲގެ މަގަށް ދަޢުވަތު ދިނުމާއި އަދި އެކަމުގެ މައްޗަށް ކެތްތެރިވުމުގެ މައްޗަށް ބާރުއަޅާކަމެއްކަމުގައި ފުދުނީއެވެ. އެއްވެސް ހާލެއްގައި މިއީ ޙަލްޤުތަކުންގެ މައްޗަށް ޝަރީޢަތުގެ ހުރިހާކަމެއްގައި ފުދިގެންވާ ސޫރަތެއްކަމުގައި، އެކަލޭގެފާނުގެ މުރާދެއްކަމުގައި ނުވެއެވެ. ނަމަވެސް ނަޞީޙަތެއްކަމުގައި އެބައިމީހުންގެ މައްޗަށް ފުދުނީހެވެ. ބުއްދި ހުރި ކޮންމެ އިންސާނަކު އޭނާ ވަނީ ގެއްލުމާއި (ހަލާކާއި ފަސާދައިގައި)ކަން އެނގިއްޖެނަމަ އަދި އެކަމުން ސަލާމަތްވުން އޮތީ މިޞިފަތައް ލިބިގެންކަން އެނގިއްޖެނަމަ، އެމީހަކު އެހަތަރު ޞިފަ އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ލިބުމަށް ގަދައަޅައި މަސައްކަތްކުރާނެއެވެ. އެއީ އޭނާގެ ނަފުސު ހަލާކާއި(ގެއްލުމާއި ފަސާދައިން) ސަލާމަތްވެއްޖައުމަށް ކުރަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން އަޅުގަނޑުމެންނަކީ (ސަލާމާތްވެގެންވާ) ކާމިޔާބު ލިބިގެންވާ ތައުފީޤު ލިބިގެންވާ ބަޔެއްކަމުގައި ލެއްވުން އެދި ދުޢާ ދަންނަވަމެވެ. އެއިލާހަކީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ.” ޢައްލާމާ ފަޤީހު މުޙައްމަދު ބިން ޞާލިހު އަލްޢުޘައިމީން ރަޙިމަހުﷲ މި ސޫރަތުގައި ކުރައްވާފައިވާ ތަފުސީރު ނިމުނީ.
الحمد لله الذي بنعمته تتم الصالحات.
_____________
(1) أخرجه البخاري، كتاب الجنائز. باب قول النبي صلى الله عليه وسلم: يعذب الميت ببعض بكاء أهله عليه. (1284) و مسلم، كتاب الجنائز. باب البكاء على الميت. (923) (11)