[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الهمزة ގެ ތަފްޞީރު – 1

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ﴿١﴾ الَّذِي جَمَعَ مَالًا وَعَدَّدَهُ ﴿٢﴾ يَحْسَبُ أَنَّ مَالَهُ أَخْلَدَهُ ﴿٣﴾ كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ ﴿٤﴾ وَمَا أَدْرَ‌اكَ مَا الْحُطَمَةُ ﴿٥﴾ نَارُ‌ اللَّـهِ الْمُوقَدَةُ ﴿٦﴾ الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ ﴿٧﴾ إِنَّهَا عَلَيْهِم مُّؤْصَدَةٌ ﴿٨﴾ فِي عَمَدٍ مُّمَدَّدَةٍ ﴿٩﴾

( وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ )

މާނައީ: “غيبة ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ.”

މި ސޫރަތް ﷲ ތަޢާލާ ފައްޓަވާފައި މިވަނީ (وَيْلٌ ) މި ކަލިމަ އިންނެވެ. މިއީ ވަޢީދުގެ ނުވަތަ ޢަޒާބުގެ ކަލިމައެކެވެ. އެހެނީ ފަހަތުން މި ބަޔާންކުރެވޭ (هُمَزَةٍ لُّمَزَةٍ )إلى آخره. މި ޞިފަތަކުން ޞިފަލިބިގެންފި މީހަކަށް ޢަޒާބު ހުރިކަމަށް މިކަލިމައިން ދަލީލުކޮށްދެއެވެ.އަދި ބުނެވެއެވެ. (وَيْلٌ ) އަކީ ނަރަކައިގެ ވާދީތަކުގެ ތެރެއިން ވާދީ އަކަށް ކިޔޭ ނަމެކެވެ. ނަމަވެސް އެންމެ ރަނގަޅު ޞައްޙަ ގޮތަކީ އެންމެ ފުރަތަމަ ބަޔާން މިކުރެވުނު މާނައެވެ.

(لِّكُلِّ هُمَزَةٍ لُّمَزَةٍ )  هُمَزَة  އަދި لُّمَزَة މިއީ އެއްފަރާތެއް ޞިފަކުރުމަށް ބޭނުންކުރެވިފައިވާ ދެ ޞިފައެކެވެ. ފަހެ މި ދެ ލަފްޟުގައިވަނީ އެއްމާނައެއް ހެއްޔެވެ؟ ނުވަތަ ކޮންމެ ލަފްޒަކުންވެސް ދޭހަވަނީ ވަކި މާނައެއް ހެއްޔެވެ؟ ބައެއް ޢިލްމުވެރިންގެ ދެކިވަޑައިގަންނަވާގޮތުގައި މިއީ އެއް މާނައެއް ދޭހެވާ ދެ ލަފްޒެވެ. އެބަހީ هُمَزَةٍ އެއީ ހަމަ لُّمَزَةٍ އެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވެއެވެ. އެހެނަކުން ނޫނެވެ. މިއިން ކޮންމެ ލަފްޒަކުންވެސް ދޭހަވަނީ ވަކި މާނައެކެވެ.

މި ދެ ރަޢުޔުގެ ތެރެއިން އެންމެ ޞައްޙަ ގޮތަކީ (لِّكُلِّ هُمَزَةٍ لُّمَزَةٍ ) މި އާޔަތުގައި އައިސްފައި މިވާ ދެ ލަފްޒަ ކަމުގައިވާ الهمزةއަދި اللمزةގައި ތަފާތެއް ވެއެވެ. هُمَزَةٍ އަކީ ފިޢުލުން( ޢަމަލުން) ކުރެވޭ ފުރައްސާރައެވެ. لُّمَزَةٍ އަކީ ދުލުން ކުރެވޭ ފުރައްސާރައެވެ. އަންނަނިވި އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

(وَمِنْهُم مَّن يَلْمِزُكَ فِي الصَّدَقَاتِ فَإِنْ أُعْطُوا مِنْهَا رَ‌ضُوا وَإِن لَّمْ يُعْطَوْا مِنْهَا إِذَا هُمْ يَسْخَطُونَ ﴿٥٨﴾ )سورة التوبة

މާނަ: ” ޞަދަޤާތްބެއްސެވުމާމެދު، ކަލޭގެފާނަށް ކުޑައިމީސްބަސް ބުނާ މީހުން އެއުރެންގެތެރެއިންވެއެވެ. ފަހެ، އެއިން، އެއުރެންނަށް ދެއްވައިފިނަމަ، އެއުރެންރުހެތެވެ. އެއިން އެއުރެންނަށް ނުދެއްވައިފިނަމަ، އެހާރުން އެއުރެން ރުޅިއަރަތެވެ. “

މީހާގެ ފިޢުލުން( ޢަމަލުން) ފުރައްސާރަކުރުމަކީ، މިޘާލަކަށް މީސްތަކުންނަށް މޫނު ކުނިކޮށް ނުވަތަ މޫނުމަތިން ޖައްސާ ވައްތަރަކުން ނުވަތަ މީސްތަކުންގެ ޢައިބުތައް ދައްކައި ފުރައްސާރަ ކުރުމުގެ ގޮތުން އިޝާރާތުން ކުރެވޭ ކަންކަމާއި މިފަދަ ކަންކަމެވެ. ފަހެ އެހެންކަމުން الهمزة އަކީ ޢަމަލުން ކުރެވޭ ފުރައްސާރައެވެ. އަދި اللمزة އަކީ ދުލުން ކުރެވޭ ފުރައްސާރައެވެ.

ބައެއް މީހުންނަކީ އެބައިމީހުންގެ ޢަމަލުން ނުވަތަ ޤައުލުން(ދުލުން) އެހެންމީހުންގެ ޢައިބުކިޔައި ފުރައްސާރަކުރުމުގައި ތާއަބަދު ހޭދަކުރާ މީހުންނެވެ. (އެފަދަ މީހުންގެ ތެރެއިން ﷲ ތަޢާލާ އަޅަމެން ނުލައްވާށިއެވެ. ) ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. 

(وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ ﴿١٠﴾ هَمَّازٍ مَّشَّاءٍ بِنَمِيمٍ ﴿١١﴾ ) سورة القلم

މާނަ: ” އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ!އެއީ ޣީބަބުނެހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ. “

(الَّذِي جَمَعَ مَالًا وَعَدَّدَهُ )

މާނައީ: “އެމީހާއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ.”

މި އާޔަތުގައި މިވަނީ އެފަދަ މީހުންގެ ހުތުރު ޞިފަތަކެކެވެ. މުދަލާއި ފައިސާ ޖަމަޢުކޮށް އެތަކެތި ހިފަހައްޓައި ﷲ ތަޢާލާގެ މަގުގައި ހޭދަނުކުރާ ބަޚީލު ދަހި މީހާގެ ވާހަކައެވެ. އަދި އެ މުދަލާއި ފައިސާ ޢަދަދުކުރާ ވާހަކައެވެ. ބުނެވެއެވެ. (عَدَّدَهُ ) ގެ މާނައަކީ ގުނައި ޢަދަދުކުރުމެވެ. އޭނާ އެ މުދަލަށް އޮންނަ ވަރުގަދަ ލޯތްބާއި ދަހިވެތިކަމެއްގެ ސަބަބުން އެ މުދާތަކާއި ފައިސާތައް ރައްކާކުރެވިފައިވާ ތަނަށް ދެވޭ ކޮންމެ ފަހަރަކު އެތަކެތި ގުނައި ޢަދަދުކޮށް ހަދައެވެ. ހެނދުނު މުދާތައް ގުނައި ޢަދަދުކުރެއެވެ. ނަމަވެސް މުދަލާއި ފައިސާއަށް ހުންނަ ދަހިވެތި ކަމެއްގެ ސަބަބުން އޭނާ އެ މުދަލުގެ ތެރެއިން އެއްޗެއް ނުނެގި ކަމުގައި ވިޔަސް އަދި އެއަށް އެއްޗެއް އިތުރު ނުކުރިކަމުގައި ވިޔަސް ، ހަވީރުވެސް އެތަކެތި ތަކުރާރުކޮށް ގުނައި ޢަދަދުކޮށް އެއާއިމެދު ފަޚުރުވެރި ވެއެވެ. އެހެންކަމުން މި އާޔަތުގައި ﷲ ތަޢާލާ އެވަނީ މުބާލަޣާގެ ޞީޣާ ގެންނަވާފައެވެ. (وَعَدَّدَهُ ) އެބަހީ މުދަލާއި ފައިސާއަށް އޮންނަ ވަރުގަދަ ލޯތްބަކާއި ދަހިވެތިކަމެއްގެ ސަބަބުން ގިނަގިނައިން އެތަކެތި ގުނައި ޢަދަދުކޮށް ހަދައެވެ. އެއީ އެމުދަލުން މިންވަރެއް މަދުވެދާނެކަމަށް ނުވަތަ މުދަލުގެ ގިނަކަމުގެ މައްޗަށް އެމުދާ ގުނައި އެކަމުން ހިތްހަމަ ޖެހުން ލިބިގަތުމުގެ ގޮތުންނެވެ.

ބުނެވެއެވެ. (وَعَدَّدَهُ ) ގެ މާނައަކީ އޭނާގެ ދިފާއުގައި ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި މުދާ ހެދުމެވެ. އެބަހީ މުސްތަޤްބަލުގައި އޭނާއަށް ދިމާވެދާނެ ބޮޑު ޙާދިޘާއަކަށްޓަކައި އެ މުދާ ފަހަށް ރައްކާކޮށްފައި ބެހެއްޓުމެވެ. މި ބަޔާންކުރެވުނު މާނަ އެލަފްޒުން ނެގެވުނު ކަމުގައި ވިޔަސް، އެއީ ވަރަށް ދުރު މާނައެކެވެ. އެހެނީ މުދަލުން އަދާކުރަންޖެހޭ ޒަކާތުގެ ވާޖިބާއި އެހެނިހެން ހައްޤުތައް އަދާކުރުމާއި އެކު، ފަހުން ކުރިމަތިވެދާނޭ ކަމަކަށްޓަކައި މުދަލާއި ފައިސާ އެއްކުރުމަކީ އެމީހަކަށް ގޯސް ނިސްބަތްކުރެވޭ ނުވަތަ މަލާމާތް ލިބޭނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ގޯސްވަނީ އެމީހާގެ އެންމެ ބޮޑު އެދުމަކީ މުދާކަމުގައި ހަދާ، އެ ގުނާ ޢަދަދުކޮށް އެއިން އެއްޗެއް މަދުވޭތޯ ނުވަތަ އެއްޗެއް އިތުރުވޭތޯ ބަލާ، އެއާމެދު ފަޚުރުވެރިވެ އެއިން ސަލާމަތްނުވާ ހިސާބަށް ދިޔުމުންނެވެ. އެހެންކަމުން (وَعَدَّدَهُ ) ގެ މުރާދަކީ މުދާ މުސްތަޤްބަލަށްޓަކައި ޖަމަޢުކުރުމޭ ބުނެވޭ ބަހަކީ ޟަޢީފް ރަޢުޔެކެވެ.

– ނުނިމޭ –

މަސްދަރު : –  ފަޟީލަތުއްޝައިޚު އަލް ޢައްލާމާ މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ ގެ  ތަފްޞީރު –

އެހެންބައިތައް ކިޔުއްވުމަށް