(بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾)
ސޫރަތުގެ މާނަ: “އަދި ޒަމާން ގަންދެއްވަމެވެ. (1) ހަމަކަށަވަރުން އިންސާނާ ވަނީ ގެއްލުމާއި (ހަލާކާއި ފަސާދައިގައި) ކަން ކަށަވަރެވެ. (2) އީމާންވެ ޞާލިޙު ޢަމަލުތައްކޮށް އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް (ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން މަނާކޮށް) އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކުރި މީހުން މެނުވީއެވެ. (3)”
އަލްޢައްލާމާ އަލްފަޤީހު އިބުނު ޢުޘައިމީން ރަޙިމަހުﷲ މަތީގައި ބަޔާންވެފައިވާ ސޫރަތުގެ ތަފުސީރުގައި ބަޔާންކުރައްވައެވެ. “ބިސްމީގެ ތަފުސީރު އިސްވެ ހިނގައްޖެއެވެ.
ﷲ ޢައްޒަ ވަޖައްލަ ވަޙީކުރައްވައެވެ. (وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾) ޢަޞްރު ގަންދެއްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ހުވާގެ ބަސްފުޅުވަޙީކުރައްވައެވެ. އަދި “ޢަޞްރު” އާއި ބެހޭގޮތުން ބުނެވެއެވެ. އެބަހުގެ މުރާދަކީ ދުވާލުގެ ފަހުވަޤުތެވެ. ސަބަބަކީ ދުވާލުގެ ފަހުވަޤުތަކީ ދުވާލުގެ އެންމެ މަތިވެރި ބައެވެ. އަދި ޢަޞްރު ނަމާދު އެއީ “މެދު ނަމާދުގެ” ނަމުން ނަންދެވިފައިވާ ނަމާދެކެވެ. އެބަހީ އެންމެމަތިވެރިވެގެންވާ (ނަމާދެވެ.) އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރައްވާފައިވާ ފަދައިންނެވެ. (1)
އަދި ބުނެވެއެވެ. ހަމަކަށަވަރުން “އަލް ޢަޞްރަކީ” ޒަމާނެވެ. އަދި އެންމެ ޞައްޙަވެގެންވާ މާނައަކީ މިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ހުވާގެ ބަސްފުޅު ވަޙީކުރައްވާފައި މިވަނީ ޒަމާންގެ ތަފާތުވެގެންވާ އިރުތަކަށާއި، އަދި ކަންކަން ބަދަލުވާ ބަދަލުވުމާއި، އަދި މީސްތަކުންގެ މެދުގައި ދުވަސްތައް ދައުރުވާ ދައުރުވުމާއި އަދި އެނޫންވެސް މީސްތަކުންގެ ކިބައިން އެވަގުތުގައި ފެންނަން ހުރި ކަންކަމާއި ބެހޭގޮތުންނެވެ. އަދި ޒަމާނާއި ބެހޭގޮތުން ޣާއިބުގައިވާ ކަންކަމާއި ބެހޭގޮތުން ބަސްފުޅު ވަހީކުރައްވައެވެ.
އަދި ޢަޞްރަކީ ޙަލްޤުތަކުން އެޒަމާނެއްގައި ދިރިއުޅޭ ޒަމާނެވެ. (ދުވަސްތަކެވެ.) އަދި ވަޤުތުތައް ތަފާތުވެގެންވެއެވެ. ފަސޭހަވަޤުތުތަކާއި އަދި ދަތި އުނދަގޫ ވަޤުތުތައް ވެއެވެ. އަދި ހަނގުރާމާޔާއި ޞުލްޙައިގެ ވަޤުތުތައް ވެއެވެ. އަދި ޞިއްޙަތު ލިބިގެންވާ ވަޤުތާއި ބަލިވެގެންވާ ވަޤުތުވެއެވެ. އަދި ހެޔޮ ޢަމަލުތައް ކުރެވޭ ވަޤުތުތަކާއި އަދި ނުބައި ޢަމަލުތައް ކުރެވޭ ވަޤުތުތަކާއި އެނޫންވެސް ކަންކަން ކުރެވޭ ވަޤުތުތައް ހުރިހާ އެންމެންނަށް އެނގޭނެ ފަދައިން ވެއެވެ. ﷲ ސުބުޙަނޫ ވަތަޢާލާ ހުވާގެ ބަސްފުޅު ވަޙީކުރައްވާފައިވަނީ އަންނަނިވި ބަސްފުޅުގެ މައްޗަށެވެ. (إِنَّ الْإِنسَانَ لَفِي خُسْرٍ ). އިންސާނާ މިތަނުގައި ވަނީ ޢާންމު މާނައިގައެވެ. ސަބަބަކީ އޭގެ މުރާދަކީ މުޅި (އިންސާނީ) ޖިންސެވެ (ނަޞްލެވެ). އަދި އިންސާނާގެ މުޅި ނަޞްލު ޢާންމުކަން އަންގައިދޭ ޢަލަމާތަކީ އިންސާނާގެ ކުރިޔަށް އައިސްފައިވާ (އަލިފު ލާމު) މި ދެ އަކުރެވެ. އެދެއަކުރު އައިސްފައިވަނީ “ހުރިހާ” މި ލަފުޒުގެ ބަދަލުގައި އެމާނައިގައެވެ. މިއާޔަތުގެ މާނައިގައި މިހެން ބުނެވިއްޖެނަމަ : “ހުރިހާ އިންސާނުން ވަނީ ގެއްލުމާއި ހަލާކުގައެވެ.” މިއާޔަތުގެ (މުރާދަކީ) މާނައަކީ މިއެވެ.
މި މަތިވެރިވެގެންވާ އާޔަތުގެ މާނައަކީ ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޙުވާގެ ބަސްފުޅުން ހުވާކުރައްވައި ވަޙީކުރައްވަނީ ހުރިހާ އިންސާނުންގެ ހާލަތުވަނީ ހަލާކުގައި ކަމެވެ. އެބަހީ އިންސާނާވަނީ ހުރިހާ ޙާލަތްތަކެއްގައި ގެއްލުމާއި ހަލާކާއި އުނިކަމުގައެވެ. ދުނިޔެއާއި އާޚިރަތުގައެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިސްތިޘްނާ ކުރެއްވެވި ފަރާތްތައް މެނުވީއެވެ. މި އާޔަތުގައި ﷲ ސުބުޙާނަހޫ ތިންކަމަކުން އެކަން ޔަޤީންކަން ވަރުގަދަ ކުރައްވާފައިވެއެވެ. ފުރަތަމަ: ހުވާގެ ބަސްފުޅުންނެވެ. ދެވަނައީ (إن) މިލަފުޒުންނެވެ. ތިންވަނައީ(اللام) އިންނެވެ. (2) އަދި މިފަދައިން ވަޙީކުރެއްވުމުގެ ބަދަލުގައިلخاسرއެއިލާހު ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ (لَفِي خُسْرٍ ) މިބަސްފުޅެވެ. މިބަސްފުޅު އިސްވެދިޔަ ބަހަށްވުރެ ބަލާޣާތްތެރިވެގެންވެއެވެ. ސަބަބަކީ في މިބަސް ބޭނުންކުރަނީ (ޢަރަބި ބަހުގެ ޤަވާޢިދުގައި) “ޟަރްފެއްގެ (އެއްޗެއްގެ ތެރޭގައި ވުން: ވާތަން، ވާހާލާތު، ވާވަޤުތު މިފަދަ މާނައެއް)” ގޮތުގައެވެ. އެބަހުގެ މުރާދެއްކަމުގައި ފެންނަނީ ހުރިހާ އިންސާނުން ވަނީ ގެއްލުމާއި ހަލާކަށް ފަސާދައިގެ ތެރެއަށް ވެއްޓިފައިކަމެވެ. ފަސާދަ (ގެއްލުން، ހަލާކު) ވަނީ ހުރިހާ ދިމާއަކުން ވަށާލައިފައެވެ.
(إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾))
އަދި ﷲ ސުބުޙާނަހޫ ވަތަޢަލާ ވަނީ އެގެއްލުމާއި ހަލާކުން އިސްތިޘްނާ ވެގެންވަނީ (ސަލާމަތް ވެގެންވަނީ( މިޞިފަތަކުން ސިފަލިބިގެންވާ ހަތަރުބަޔެއްކަމުގައި ބަޔާންކުރައްވާފައެވެ.
ނުނިމޭ.
___________
ނޯޓު:
(1) ބުޚާރީ (2931) އަދި މުސްލިމު (206، 628) ރިވާކުރައްވާފައިވާ ޙަދީޘްގައި.
(2) މިއީ ޢަރަބި ބަހުގައި ޔަޤީންކަން ވަރުގަދަކުރުމަށް ތައުކީދު ކުރުމަށް ބޭނުންކުރާ އަކުރުތަކެވެ.