[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިލާވަތުގެ ސަޖިދައިގެ ޙުކުމްތައް 3

291103777292267287-1
14- ކީރިތި ޤުރުއާނުގެ ތަރުޖަމާއިން ކިޔަވާއިރު ސަޖިދައިގެ އާޔަތަކާ ދިމާވުމުން ތިލާވަތުގެ ސަޖިދަ ކުރަންޖެހޭނެތޯއެވެ؟
ޖ- ތަރުޖަމާކުރެވިފައިވާ މުޞްޙަފަކީ ޤުރުއާނުގެ ގޮތުގައި ބެލެވޭ އެއްޗެއް ނޫނެވެ. އެ ބެލެވެނީ ކީރިތި ޤުރުއާނުގެ ތަފްސީރެއް ކަމުގައެވެ. ކީރިތި ޤުރުއާނަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޢަރަބި ބަހުން ބާވައިލެއްވުނު ﷲ ގެ ކަލާމްފުޅެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ. ( إِنَّا أَنْزَلْنَاهُ قُرْآنًا عَرَبِيًّا لَعَلَّكُمْ تَعْقِلُونَ ) [يوسف 2 ] މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު އެ ފޮތް ބާވައިލެއްވީ، ޢަރަބި ބަހުންއޮތް ޤުރުއާނެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ބުއްދިކުރުމަށްޓަކައެވެ.”
شيخ منصور البهوتي رحمه الله ވިދާޅުވިއެވެ. “ކީރިތި ޤުރުއާނުގެ ތަރުޖަމާއީ، : ކީރިތި ޤުރުއާން ފާރިސީބަހުން ނުވަތަ އެހެންވެސް ބަހަކުން އޮވެއްޖެނަމަ އެއީ ޤުރުއާނެކޭ ނުކިޔާނެއެވެ. އަދި ޖުނުބުވެރިޔާގެ މައްޗަށްވެސް އެ ޙަރާމްވެގެންނުވެއެވެ. އެ ތަރުޖަމާ ވާހުށީ ކީރިތި ޤުރުއާނުގެ މާނަ ކަމުގައެވެ. އަދި އެބަހަކުން އޮތް ކީރިތި ޤުރުއާނުގެ ތަފްސީރެއް ކަމުގައެވެ. އޭގައި ކީރިތި ޤުރުއާނުގައިވާ ލުޣަވީ އިޢުޖާޒުގެ ބައިވެސް ނުހުންނާނެއެވެ. ” كشاف القناع ” (1/341) .
އެހެންކަމުން އެފަދަ މުޞްޙަކުން ކިޔަވާނަމަ ސަޖިދަކުރުން ޝަރުޢުވެގެން ނުވެއެވެ. އެހެނީ އެ ކިޔެވެނީ ކީރިތި ޤުރުއާނުގެ ޙުކުމުގައިވާ އެއްޗެއް ނޫނެވެ. ވަﷲ އަޢުލަމު.
[محمد صالح المنجد – موقع الإسلام سؤال وجواب- سؤال رقم 218512: هل يسجد للتلاوة من قرأ بالمصحف المترجم ؟]

15- ބަހެއްގައި ނުވަތަ މަތިންދާބޯޓެއްގައި ދަތުރުކުރަމުންދާ މީހަކު ކީރިތި ޤުރުއާން ކިޔަވާހިނދު ސަޖިދައިގެ އާޔަތަކާ ދިމާވެއްޖެނަމަ ސަޖިދަކުރާނީ ކިހިނެއްތޯއެވެ؟
ޖ- ބަހެއްގައި ނުވަތަ ކާރެއްގައި ނުވަތަ މަތިންދާބޯޓެއްގައި ނުވަތަ ދާއްބައެއްގައި ދަތުރުކުރަމުންދާ މީހަކު ކީރިތި ޤުރުއާން ކިޔަވާހިނދު ސަޖިދައިގެ އާޔަތަކާ ދިމާވެއްޖެނަމަ ބިންމައްޗަށް ތިރިވެ ސަޖިދަކުރުމުގެ ބަދަލުގައި އެ އިންތާ އިނެ ބޯ ތިރިކޮށްލައި ސަޖިދަކުރާނީ އެވެ. ގޮނޑީގައި ނަމާދުކުރާ މީހުން ސަޖިދަކުރާ ފަދައިންނެވެ. ކީރިތި ޤުރުއާން ކިޔަވަމުން ހިނގައިފާދަނަ ސަޖިދައިގެ އާޔަތަކާ ދިމާވުމުން، ބިންމައްޗަށް ތިރިވެ ސަޖިދަކުރާނީއެވެ.
[ބައްލަވާ المجموع شرح المهذب للنووي]
[ބައްލަވާ المغني لابن قدامة]

16- ތިލާވަތުގެ ސަޖިދައިގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖ- ތިލާވަތުގެ ސަޖިދައަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. ނަމާދުގައިވިޔަސް އަދި ނަމާދުން ބޭރުގައިވިޔަސްމެއެވެ. އެހެނީ ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހުގެ ކިބައިންނާއި ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން މިކަމުގެ ޙުކުމަށް ދަލާލަތުކުރާ ކަންކަން ޘާބިތުވެފައިވެއެވެ.
[مجموع فتاوى ومقالات سماحة الشيخ ابن باز 11 / 406]

17- ނަމާދުގައި ސޫރަތެއްގެ ނިމޭތަނަށް ތިލާވަތުގެ ސަޖިދައެއް ދިމާވެއްޖެނަމަ، ތިލާވަތުގެ ސަޖިދައިން ތެދުވެ ކޮންމެވެސް މިންވަރެއް ކިޔަވަންޖެހޭނެތޯއެވެ ނުވަތަ ތިލާވަތުގެ ސަޖިދައިން ތެދުވެ ސީދާ ރުކޫޢަށް ދެވިދާނެތޯއެވެ؟
ޖ- ނަމާދުގައި ސަޖިދައިގެ އާޔަތެއް ސޫރަތެއްގެ ނިމޭތަނަށް ދިމާވެއްޖެނަމަ މިސާލަކަށް އަޢުރާފު ސޫރަތް، ނަޖުމު ސޫރަތް އަދި ޢަލަޤު ސޫރަތުގެ ސަޖިދައިގެ އާޔަތް ކިޔަވައިފިނަމަ ތިލާވަތުގެ ސަޖިދަކުރުމަށްފަހުގައި ތެދުވެ ރުކޫޢަށް ދިޔުމުގެ ކުރިން އެހެން ސޫރަތެއް ފަށާކަށް ނުޖެހޭނެއެވެ. ތިލާވަތުގެ ސަޖިދައިން ތެދުވެ މަޑުކޮށްލުމަށްފަހު ރުކޫޢަށް ދާނީއެވެ. އެކަމަކު ރުކޫޢަށް ދިޔުމުގެ ކުރިން ކިޔެވިކަމުގައި ވިޔަސް އެއީ މައްސަލައެއް ނޫނެވެ.
[اللجنة الدائمة للبحوث العلمية والإفتاء]

18- ކީރިތި ޤުރުއާން ކޮމްޕިއުޓަރ ނުވަތަ ފޯނުފަދަ އެއްޗަކުން (ރިކޯރޑްކޮށްފައިވާ) އަޑުއަހަމުން ދާއިރު ތިލާވަތުގެ ސަޖިދައިގެ އާޔަތަކާ ދިމާވެއްޖެނަމަ ތިލާވަތުގެ ސަޖިދަ ކުރަންޖެހޭނެތޯއެވެ؟
ޖ- ޖިހާޒަކުން (ޑިވައިސްއަކުން) އެގޮތަށް ކީރިތި ޤުރުއާން އަޑުއަހާނަމަ ސަޖިދައިގެ އާޔަތަކާ ދިމާވުމުން ސަޖިދަކުރުމަކީ މަޝްރޫޢުވެގެންވާ ކަމެއް ނޫނެވެ.
[“مجموع فتاوى ابن باز” (11/415) ونحوه في “الشرح الممتع” (4/133). ]

18- މިސްކިތުގައި ކީރިތި ޤުރުއާން ކިޔަވަން އިންދާ ތިލާވަތުގެ ސަޖިދައިގެ އާޔަތަކާ ދިމާވުމުން ތިލާވަތުގެ ސަޖިދަކުރުމަށްޓަކައި ކޮޅަށް ތެދުވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ޖ- އިށިއިނދި އިން މީހަކު ތިލާވަތުގެ ސަޖިދަކުރުމަށްޓަކައި އެގޮތަށް ކޮޅަށް ތެދުވަންޖެހޭނެކަމުގެ ދަލީލެއް އެނގޭކަށްނެތެވެ.
[اللجنة الدائمة للبحوث العلمية والإفتاء 7/265]

19- ތިލާވަތުގެ ސަޖިދައިގެ މާތްކަމަކީ ކޮބައިތޯއެވެ؟
ޖ- ތިލާވަތުގެ ސަޖިދަކުރުމުގެ މަތިވެރިކަމާއި މާތްކަމާ ބެހޭގޮތުން ރިވާވެގެން އައިސްފައިވެއެވެ. عَنْ أَبِي هُرَيْرَةَ رضي الله عنه قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :(( إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ : يَا وَيْلَهُ ! – وَفِي رِوَايَةِ أَبِي كُرَيْبٍ : يَا وَيْلِي – أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ ، وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِي النَّارُ)) [رواه مسلم (رقم/81)] މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އާދަމުގެ ދަރިޔާ ސަޖިދައިގެ އާޔަތެއް ކިޔަވައި ސަޖިދަކޮށްފިނަމަ ޝައިޠާނާ ރޮމުން އޭނާއާ އެކަހެރިވެ ދުރަށްދެއެވެ. އަދި ބުނެއެވެ. “ހަލާކުހުއްޓެވެ.” އަބޫ ކުރައިބުގެ ރިވާޔަތުގައި ވެއެވެ. – އަހުރެއްނަށް ހަލާކުހުއްޓެވެ.- “ސަޖިދަކުރުމަށް އާދަމުގެ ދަރިޔާއަށް އަމުރުކުރެވުމުން ސަޖިދަކުރިއެވެ. އެކަމުގެ ސަބަބުން އޭނާއަށް ވަނީ ސުވަރުގެއެވެ. ސަޖިދަކުރުމަށް އަހުރެންނަށް އަމުރުކުރެވުމުން އަހަރެން އެކަމާ ދެކޮޅުހެދީމެވެ. އަހުރެންނަށް ވަނީ ނަރަކައެވެ.”
އިމާމު އިބްނު ޚުޒައިމާ ރަޙިމަހުﷲ އެކަލޭގެފާނުގެ ޞަޙީޙުގައި “ސަޖިދައިގެ އާޔަތްތައް ކިޔަވާއިރު ތިލާވަތުގެ ސަޖިދަކުރުމުގެ މާތްކަމާއި، ޝައިޠާނާގެ ރުއިމާއި، ތިލާވަތުގެ ސަޖިދަކުރާއިރު، ޝައިޠާނާ އޭނާގެ ނަފްސަށް ހަލާކުގެ ދުޢާކުރާކަމުގެ ބާބު” މިފަދައިން ބާބެއް ބަންނަވާފައިވެއެވެ.
ޤުރުޠުބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މި ޙަދީޘުގައި ބަޔާންވެފައިމިވާ، އިބިލީހުގެ ރުއިމަކީ ފަހަރެއްގައިވެސް އޭނާގެ އުރެދުމަށް އޭނާ ހިތާމަކޮށްގެން ނޫނީ އެ އުރެދުމުން އޭނާ ރުޖޫޢަވާވެގެން ރޯ ރުއިމެއް ނޫނެވެ. އަދި ކިއެއްތަ އެއީ އާދަމުގެ ދަރީންކުރެ އެކަކުވެސް ސުވަރުގެއަށް ވަދެ ނަޖާވާތީ އޭނާގެ ޙަސަދަވެރިކަމާއި، ރުޅިވެރިކަމާއި އެކަމާހެދި ވާ ދެރައެއްގެ ބޮޑުކަމުން ރޯ ރުއިމެކެވެ. އެއީ ބަންގިއާއި ޤަމަތުގެ ވަޤުތުގަޔާއި ޢަރަފާތު ދުވަހުގައިވެސް ކަންތައްތައް ވާ ފަދައިންނެވެ.”
” المفهم ” (1/274)

20- ތިލާވަތުގެ ސަޖިދައިގެ މަޤާމުތަކުގައި ސަޖިދަކުރުމުގެ ބަދަލުގައި ތަޞްބީޙައެއް ކިޔާލުމުން ނުވަތަ سبحان الله والحمد لله ولا إله إلا الله ولا حول ولا قوة إلا بالله މި ޢިބާރާތް ނުވަތަ މިފަދަ ޢިބާރާތެއް ކިޔާލުމުން ފުދޭނެތޯއެވެ؟
ޖ- ތިލާވަތުގެ ސަޖިދައަކީ ސުންނަތްކަމެކެވެ. ވާޖިބުވެގެންވާ ކަމެއް ނޫނެވެ. ތިލާވަތުގެ ސަޖިދަ ކުރުން އުނދަގޫ ޙާލަތެއް ނަމަ އެ ސަޖިދަ ނުކޮށް ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ކިޔުމަށް ޝަރުޢުގައި ވާރިދުވެފައިނުވާ ކަލިމަތަކެއް ކިޔައިގެން ނުވާނެއެވެ. އެހެނީ އެކަން ވެގެންދާނީ ބިދުޢައިގެ ތެރޭގައެވެ. ތިލާވަތުގެ ސަޖިދައާ ކުރިމަތިވާ މީހާއަށް އޮތީ ސަޖިދަކުރުމެވެ. ނުވަތަ ސަޖިދަނުކޮށް ދޫކޮށްލުމެވެ. ސަޖިދައިގެ ބަދަލުގައި އެހެން ކަމެއް ނުވަތަ ބަހެއް ގެނެސްގަތުމެއް ނެތެވެ
[الفتاوى الفقهية الكبرى (1/194) . لابن حجر الهيتمي رحمه الله]
[فتاوى إسلامية (4/66) .]
(ނިމުނީ)

ތިލާވަތުގެ ސަޖިދައިގެ ޙުކުމްތައް 1

ތިލާވަތުގެ ސަޖިދައިގެ ޙުކުމްތައް 2