[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގޭގެއަށް ޒިޔާރަތްކުރުމުގެ އަދަބުތައް (2)

permission(2) އިޛުނައަށް އެދެންޖެހޭނީ ކިތައް ފަހަރު؟

ކުރީގައި ބަޔާންކުރެވިފައިވާ ފަދައިން ގެއަށް ވަނުމުގެ ކުރިން އިޛުނައަށް އެދުމުގެ ގޮތުން ޞަރީޙަބަހަކުން، ނުވަތަ ވަނުމަށްއެދޭކަން ދޭހަކޮށްދޭފަދަ ކޮންމެބަހަކުން ނުވަތަ ޢަމަލަކުން އެކަން ފުރިހަމަވާނެއެވެ. މިގޮތުން އިޛުނައަށް އެދުމުގެގޮތުން އެބުނާބަހެއް ނުވަތަ ޢަމަލެއް ކުރެވޭނީ ކިތައް ފަހަރުކަމެއް އާޔަތުގައި ސާފުކޮށް ބަޔާންވެ އަންގަވާފައެއް ނުވެއެވެ. އާޔަތުގެ ބޭރުފުށުން ދޭހަކޮށްދެނީ އިޛުނައަށް އެދެންޖެހޭނީ އެއްފަހަރުކަމެވެ. ވަނުމުގެ ހުއްދަލިބިއްޖެކަމުގައި ވާނަމަ، ވަންނާނީއެވެ. ނޫނީ އެނބުރި ދާނީއެވެ. މިއީ ހަމައެކަނި މިއާޔަތަށް ބަލައިފިނަމަ ދޭހަވާ ގޮތެވެ. އެހެންނަމަވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަކީ ކީރިތި ޤުރުއާނުގެ ތަފްސީރެވެ. ކީރިތި ޤުރުއާނުގައި އިޖުމާލީކޮށް އައިސްފައިވާ ކަންކަން ތަފްޞީލުކޮށްދޭ މަޞްދަރެވެ. އެކަލޭގެފާނުގެ ސުންނަތުގައި މިއާޔަތް ތަފްޞީލުކޮށް ދެއްވާފައިވެއެވެ.

މިގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުން ޘާބިތުވެފައިވަނީ އިޛުނަ ހޯދުން އޮތީ 3 ފަހަރުކަމެވެ. މިކަމަށް ދަލީލުކުރަނީ އަބޫ ސަޢީދު އަލްޚުދްރީ ރަޟިޔަﷲ ޢަންހު ކިބައިން އިމާމް މުސްލިމްއާއި އެނޫން ބޭކަލުން ރިވާކޮށްފައިވާ މި ޙަދީޘެވެ. ((أَبُو سَعِيدٍ الْخُدْرِىَّ يَقُولُ: كُنَّا فِى مَجْلِسٍ عِنْدَ أُبَىِّ بْنِ كَعْبٍ فَأَتَى أَبُو مُوسَى الأَشْعَرِىُّ مُغْضَبًا حَتَّى وَقَفَ فَقَالَ أَنْشُدُكُمُ اللَّهَ هَلْ سَمِعَ أَحَدٌ مِنْكُمْ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ: ((الاِسْتِئْذَانُ ثَلاَثٌ فَإِنْ أُذِنَ لَكَ وَإِلاَّ فَارْجِعْ)). قَالَ أُبَىٌّ: وَمَا ذَاكَ؟ قَالَ: اسْتَأْذَنْتُ عَلَى عُمَرَ بْنِ الْخَطَّابِ أَمْسِ ثَلاَثَ مَرَّاتٍ فَلَمْ يُؤْذَنْ لِي فَرَجَعْتُ، ثُمَّ جِئْتُهُ الْيَوْمَ فَدَخَلْتُ عَلَيْهِ فَأَخْبَرْتُهُ أَنِّى جِئْتُ أَمْسِ فَسَلَّمْتُ ثَلاَثًا ثُمَّ انْصَرَفْتُ، قَالَ: قَدْ سَمِعْنَاكَ وَنَحْنُ حِينَئِذٍ عَلَى شُغْلٍ فَلَوْ مَا اسْتَأْذَنْتَ حَتَّى يُؤْذَنَ لَكَ قَالَ: اسْتَأْذَنْتُ كَمَا سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم-، قَالَ: فَوَاللَّهِ لأُوجِعَنَّ ظَهْرَكَ وَبَطْنَكَ. أَوْ لَتَأْتِيَنَّ بِمَنْ يَشْهَدُ لَكَ عَلَى هَذَا. فَقَالَ أُبَىُّ بْنُ كَعْبٍ: فَوَاللَّهِ لاَ يَقُومُ مَعَكَ إِلاَّ أَحْدَثُنَا سِنًّا قُمْ يَا أَبَا سَعِيدٍ. فَقُمْتُ حَتَّى أَتَيْتُ عُمَرَ، فَقُلْتُ: قَدْ سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ هَذَا.)) (مسلم: رقم الحديث: 5753)

މާނައީ: އަބޫ ސަޢީދު އަލްޚުދްރީ ވިދާޅުވިއެވެ. “ތިމަންމެން އުބައްޔު ބުން ކަޢުބުގެ މަޖިލިސްގައި ތިއްބައި، އަބޫ މޫސާ އަލްއަޝްޢަރީ ރުޅިދުރުވެގެން ވަޑައިގެން ތިމަންމެންގެ ކައިރީ ހުއްޓިވަޑައިގެން ވިދާޅުވިއެވެ. ‘ﷲ ހެކިކޮށް ބުނަމެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ((الاِسْتِئْذَانُ ثَلاَثٌ فَإِنْ أُذِنَ لَكَ وَإِلاَّ فَارْجِعْ)) (މާނައީ: “އިޛުނައަށް އެދުން ވަނީ ތިންފަހަރުއެވެ. ފަހެ، (ވަނުން އޮތީ) ތިބާއަށް އިޛުނަ ދެވިއްޖެނަމައެވެ. އެހެންނޫނީ އެނބުރިދާށެވެ.”) މިފަދައިން ޙަދީޘްކުރައްވަނިކޮށް ތިޔައިގެ ތެރެއިން އެއްވެސް ބޭކަލަކު އަޑު އެއްސެވީމުތޯއެވެ؟ އުބައްޔު ދެންނެވިއެވެ. ވީ ކިހިނަކުންތޯއެވެ؟ އަބޫ މޫސާ ދެންނެވިއެވެ. ތިމަން އިއްޔެ ޢުމަރު ބުނުލް ޚައްޠާބުގެ އަރިހަށް ވަނުމަށް 3 ފަހަރު އިޛުނައަށް އެދުނީމެވެ. ފަހެ، ތިމަންނައަށް އިޛުނަ ނުލިބުމުން ތިމަން އެނބުރި ދިޔައީއެވެ. ދެން މިއަދު އަނެއްކާ ތިމަން އެކަލޭގެފާނުގެ އަރިހަށް ގޮސް ވަނީމެވެ. އަދި އިއްޔެ ތިމަން އައިސް ތިންފަހަރު ސަލާމްގޮވުމަށްފަހު (ޖަވާބު ނުލިބުމުން) ތިމަން އެނބުރި ދިޔަ ވާހަކަ ދެންނެވީމެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ތިމަންމެނަށް އަޑު އިވުނެވެ. އެވަގުތު ތިމަންމެން ތިބީ ކަމެއްގައި އަވަދި ނެތިއެވެ. އިޛުނަ ދެވެންދެން އިޛުނައަށް އެދުންނަމައެވެ. އަބޫ މޫސާ ދެންނެވިއެވެ. ތިމަން އިޛުނައަށް މި އެދުނީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަރިހުން ތިމަން އަހާފައިވާ ގޮތަށެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ތިމަން، ކަލޭގެފާނުގެ ބުރަކަށިފުޅުގައާއި ބަނޑުގައި ތަޅުއްވާނަމެވެ. ނޫނީ (ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ތިޔަ ފަދައިން ޙަދީޘް ކުރައްވާފައިވާކަމަށް) ހެކިވާނެ މީހަކު ގެންނާށެވެ!

އުބައްޔު ބުން ކަޢުބު (އަބޫ މޫސާއަށް) ވިދާޅުވިއެވެ. ﷲ ހެކިކޮށް ބުނަމެވެ. ކަލޭގެފާނާއެކު ތެދުވާނީ ޢުމުރުން ޅަ ބޭކަލެކެވެ. (އެބަހީ؛ ތިމަން ނާހަމެވެ! ދެން މިތިބީ ޢުމުރުން ޅަ ބޭކަލުންކޮޅެކެވެ. ދެން އަބޫ ސަޢީދު އެ ޙަދީޘް އަޑުއެއްސެވިކަމަށް ވިދާޅުވުމުން، އުބައްޔު ވިދާޅުވިއެވެ.) އޭ އަބޫ ސަޢީދެވެ! ތެދުވާށެވެ! (އަބޫ ސަޢީދު ވިދާޅުވިއެވެ.) ފަހެ، ތިމަން ތެދުވެގެން ޢުމަރުގެފާނުގެ އަރިހަށް އައިސް ތިމަން ދެންނެވީމެވެ. މިފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ.”

އަދި ބައެއް ރިވާޔަތްތަކުގައި ޢުމަރުގެފާނު އަބޫ މޫސާއަށް ދެންނެވިއެވެ. “ކަލޭގެފާނު (ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ދޮގެއް ހަދާފާނެކަމަށް) ތިމަން ތުހުމަތުކުރަނީކީނޫނެވެ. އެހެންނަމަވެސް، މީސްތަކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ދޮގުހަދާފާނެކަމަށް ބިރުގަންނަނީއެވެ. އެކަމާހުރެ، އިތުރަށް ޘާބިތުކުރަން ބޭނުންވީއެވެ.”

މި ޙަދީޘުން އޮޅުމެއްނެތި އެނގިގެންދަނީ އިޛުނަ ހޯދުމަށް އެދުން ވަނީ 3 ފަހަރުކަމެވެ. މިސާލަކަށް؛ ވަންނަންތޯ އަހާކަމުގައި ވާނަމަ، 3 ފަހަރު އެހުމެވެ. އަދި ޓަކި ޖަހާކަމުގައި ވާނަމަ 3 ފަހަރު ޓަކި ޖެހުމެވެ. ފުރަތަމަ ފަހަރު އިޛުނަ ހޯދުމުން އިޛުނަ ލިބިއްޖެނަމަ ވަންނަންވީއެވެ. އަދި ފުރަތަމަ ފަހަރުން އިޛުނަ ނުލިބިއްޖެނަމަ، ދެވަނަ އަދި ތިން ވަނަ ފަހަރަށް އިޛުނައަށް އެދޭނީއެވެ. ތިންވަނަ ފަހަރުވެސް ގޭގެ އަހުލުވެރިންގެ އިޛުނަ ނުލިބިއްޖެނަމަ، ޖެހޭނީ އެނބުރި އެގެއަކަށް ނުވަދެ، އެހެން ވަގުތަކު އައުމަށްޓަކައި އެނބުރިދާށެވެ.

3 ފަހަރަށް އިޛުނައަށް އެދުމަކީ އިޛުނައަށް އެދޭފަރާތުގެ (އެބަހީ؛ އެގެއަށް ޒިޔާރަތްކުރާމީހާގެ) ޙައްޤެކެވެ. އެއްފަހަރު ނުވަތަ ދެފަހަރު އިޛުނައަށް އެދިފައި، ތިންވަނަ ފަހަރު އިޛުނައަށް ނޭދިވެސް އެނބުރި ދެވިދާނެއެވެ. އަދި އެއްފަހަރު އިޛުނައަށް އެދި، އިޛުނަ ނުލިބިއްޖެނަމަވެސް އެނބުރި ދެވިދާނެއެވެ. އިޛުނަ ހޯދުން ވާޖިބުވެގެންވާ މިންވަރަކީ އެއްފަހަރުއެވެ. އެއީ އާޔަތުން ދަލީލުކޮށްދޭ ފަދައިންނެވެ.

3 ފަހަރަށްވުރެ އިތުރަށް އިޛުނައަށް އެދެވޭނެ ޙާލަތެއްކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ؛ އެގޭގެ އަހުލުވެރިން ގޭގެ އެތެރޭގައި އުޅުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އިޛުނައަށް އެދޭއަޑު ނުއިވިދާނެކަމަށް ޔަޤީންވާނަމައެވެ. މިފަދަ ޙާލަތެއްގައި މެނުވީ 3 ފަހަރަށްވުރެ އިޛުނައަށް އެދުން ގިނަކުރުމެއް ނުވެއެވެ.

(3) އިޛުނައަށް އެދުން ވާޖިބުވުމުގެ ޙިކުމަތަކީ ކޮބާ؟

ގޭގެއަށް ވަންނައިރު އިޛުނަ ހޯދަންޖެހުމުގެ ޙިކުމަތް އަޅުގަނޑުމެންނަށް ބަޔާންކޮށްދެނީ؛ ގޭގެއަށް ވަނުމުގެ އަދަބުތައް ބަޔާންކޮށްދެއްވާފައިވާ އާޔަތްތަކުގެ ތެރެއިން އަންނަނިވި ވަޙީ ބަސްފުޅުންނެވެ. ((لَّيْسَ عَلَيْكُمْ جُنَاحٌ أَن تَدْخُلُوا بُيُوتًا غَيْرَ‌ مَسْكُونَةٍ )) النور: 29 މާނައީ: “މީހުންނޫޅޭ (ފަޅު) ގެތަކަށް ތިޔަބައިމީހުން ވަނުމަކުން، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ.”

މި އާޔަތުން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ؛ އިޛުނަ ހޯދުމަކާނުލައި ވަންނަންނުޖެހެނީ މީހުން ދިރިއުޅޭ ގެތަކަށް ކަމެވެ. އެއީ އިޛުނައަކާނުލައި ވަނުމުގެ ސަބަބުން މީސްތަކުންގެ ޢައުރަތަކާއި، ސިއްރުތަކާއި، އެހެންމީހުންނަށް ފެންނަންނޭދޭ ތަންތަނާއި ކަންކަން ފެނިގެން ހިނގައިދާނެތީއެވެ. އެހެންކަމުން، އިޛުނަ ނުހޯދާ މީސްމީހުންގެ ގޭގެއަށް ވަނުމަކީ އިސްލާމްދީނުގައި އަންގަވާދެއްވާފައިވާ އިޖުތިމާޢީ އަދަބުތަކާ ޚިލާފުކަމެކެވެ.

(ނޯޓް: އެޕާޓްމަންޓްތައް ގޮތަށް ހަދާފައި ހުންނަ ގެތަކުގައި، އެކި އެޕާޓްމެންޓްތައް ބެލެވޭނީ ވަކި ބައެއްގެގޮތުގައެވެ. އެއިގެ އެއްބައި އަނެއްބަޔަށް ވަންނައިރު ވަކި ގޭގޭގެ ޙުކުމް ހިނގާނެއެވެ. އެހެނީ، އެ ކޮންމެ އެޕާޓްމެންޓަކީ ވަކި ޢާއިލާއެއް ދިރިއުޅޭ ވަކި ގެއެއްފަދަ ތަނެކެވެ.)

(ނުނިމޭ)

_______________________

މަރުޖިޢު:

(1) روائع البيان تفسير آيات الأحكام: محمد علي الصابوني.

_________________________

މި ލިޔުމުގެ އިތުރު ބައިތަށް ބެއްލެވުމަށް